18
ކޮރިންތުގައި
މިއަށް ފަހު ޕައުލް އަތެންސްއިން ފުރައިގެން ކޮރިންތުއަށް ދިޔައެވެ. އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ. ޕައުލް އެމީހުންނާއި އެކު އެގޭގައި ދިރި އުޅުނެވެ. އަދި އެމީހުންނާއި އެކު އާމްދަނީއެއް ހޯދުމަށްޓަކައި މަސައްކަތް ވެސް ކުރިއެވެ. އެއީ އަކީލާއާއި ޕްރިސިލާ އަކީ ވެސް ހަމަ ޕައުލް ފަދައިން ފޭލިގެ ހެދުމުގެ މަސައްކަތް ކުރާ ބަޔެކެވެ. އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ. ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.*
ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުމެއް ނުލިބުނީނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.“ ދެން ޕައުލް ދިޔައީ ތީތިޔުސް ޖުސްތުސްއޭ ކިޔުނު މީހެއްގެ ގެއަށެވެ. މީނާއަކީ ބަނީއިސްރާއީލު މީހެއް ނޫނެވެ. ނަމަވެސް މީނާއަކީ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާ މީހެކެވެ. އޭނާގެ ގެ ވަނީ ދީނީ މަރުކަޒާއި ޖެހިގެންނެވެ. މި ދީނީ މަރުކަޒުގެ ވެރިއަކަށް ހުރިމީހާގެ ނަމަކީ ކުރިސްޕުސް އެވެ. އޭނާ އާއި އޭނާގެ ގޭގެ އެންމެން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި މީގެ އިތުރުން ވެސް ކޮރިންތުގެ އެތައް ބަޔަކު މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަހާ ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ. 10 ތިމަންކަލޭގެފާނު މި ވަނީ ކަލެއާއި އެކުގަ. އެއްވެސް މީހަކަށް ކަލެއަކަށް ގެއްލުމެއް ނުދެވޭނެ. އެއީ ތިމަންކަލޭގެފާނުގެ މީހުން ކަމުގައިވާނެ އެތައް ބަޔަކު ވެސް މި ރަށުގައި ވޭ.“ 11 ދެން އެއަށް ފަހު ޕައުލް ދޮޅު އަހަރު ދުވަސް ވަންދެން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނުމަށް އެރަށުގައި ހުއްޓެވެ.
12 ދެން ގާލިއޯ އަކޭޔާގެ ގަވަރުނަރުކަމަށް އިސް ކުރެވުމުން، އެ ރަށުގައި އުޅުނު ބައެއް ބަނީއިސްރާއީލު މީހުން އެއްބައިވެ ޕައުލް އާއި ދެކޮޅުވެ އޭނާ ހައްޔަރުކޮށްގެން ގަވަރުނަރުގެ އަރިހަށް ގެނައެވެ. 13 އެމީހުން ބުންޏެވެ. ”މިމީހާ އަހަރެމެންގެ ގަވާއިދާއި ޤާނޫނާއި ޚިލާފު ގޮތްތަކަށް މީސްތަކުން ލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުވުމަށް މަސައްކަތް ކުރޭ.“ 14 ޕައުލް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހަމަ އަނގަހުޅުވާލި ހިނދު ގާލިއޯ ޕައުލް ކުށްވެރި ކުރަމުންދިޔަ މީހުންނާ ދިމާއަށް ބުންޏެވެ. ”އޭ ބަނީއިސްރާއީލު މީހުންނޭ، ކަލޭމެން ތިޔަ މީހާ ތިޔަ ގެނައީ އޭނާ ކުރި ކުށެއް ނުވަތަ އެނޫން ވެސް އެހެން ނުބައިކަމެއްގެ ސަބަބުން ނަމަ އަހަރެން ކަލޭމެން ބަނީއިސްރާއީލު މީހުންގެ ވާހަކަތައް ޖެހޭނީ އަހާ އެ ކަމާދޭތެރޭ ބަލަން. 15 ނަމަވެސް މި ކަމަކީ ހަމައެކަނި މީނާ ދައްކާ ވާހަކަޔަކާ އަދި އޭނާ ބުނާ ވަކި ބައެއްގެ ނަންތަކަކާ އަދި ކަލޭމެން ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޤާނޫނާ ބެހޭކަމެއް. ތިކަހަލަ ފާޑުފާޑުގެ ކަންތަކާ ދޭތެރޭ ކުރެވޭ ޝަރީޢަތްތައް ބަލާކަށް މަށަކަށް ނުޖެހޭނެ.“ 16 ދެން ގާލިއޯ އެމީހުންނަށް އެ ކޯޓުން ދިއުމަށް އެންގިއެވެ. 17 ދެން އެމީހުން ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި ސޮސްތީނު ހިފައި ހައްޔަރުކޮށް އެ ކޯޓުގެ ކުރިމަތީގައި އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. ނަމަވެސް ގާލިއޯ އޭގެން އެއްވެސް ކަމަކާ އަޅާ ވެސް ނުލިއެވެ.
ޕައުލް އެނބުރި އަންތީޔޮކުއަށް ދިޔަ
18 އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.
19 އެމީހުން ދަތުރުކޮށް ދިޔަ އޮޑި އެފޭސުސްއަށް ލެފުމުން އެމީހުން އެރަށަށް ފޭބިއެވެ. ދެން ޕައުލް ދިޔައީ އެރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށެވެ. އެތަނަށް އަންނަ މީހުންނާއި ވާހަކަ ދެއްކުމަށެވެ. ދެން އަކީލާ އާއި ޕްރިސިލާ އެރަށުގައި މަޑުކުރިއެވެ. 20 އެރަށުގެ ބަނީއިސްރާއީލު މީހުން ޕައުލްގެ ކިބައިން ދުވަސްކޮޅަކު އެރަށުގައި މަޑު ކުރުމަށް އެދުނު ކަމުގައި ވިޔަސް ޕައުލް އެކަމާ އެއްބަހެއް ނުވިއެވެ. 21 ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ. 22 ދެން ޕައުލް ދަތުރުކޮށް ކައިސަރިޔާއަށް ގޮސް ޖެރޫސަލަމަށް ދިޔައެވެ. ދެން އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންނާ ބައްދަލު ކުރިއެވެ. އެއަށް ފަހު ޕައުލް ދަތުރުކޮށް ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ.
23 އެ ރަށުގައި ދުވަސްކޮޅަކު މަޑު ކުރުމަށް ފަހު ޕައުލް ގަލާތިޔާއާއި ފަރީޖިޔާގެ ސަރަހައްދުގެ ތެރެއިން ލާފައި ދަތުރުކޮށް އެ ސަރަހައްދުގެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ހިތްވަރު ދެމުން ގެންދިޔައެވެ.
އަޕޯލޮސް އެފޭސުސް އާއި ކޮރިންތުގައި
24 އެދުވަސްވަރު އަޕޯލޮސް އޭކިޔުނު ބަނީއިސްރާއީލު މީހަކު އެފޭސުސް އަށް އައެވެ. އޭނާ އުފަންވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. މީނާއަކީ ވާހަކަދެއްކުމުގެ ހުނަރަށް ކުޅަދާނަ އަދި މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ. 25 އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ. 26 އަކީލާއަށާއި ޕްރިސިލާއަށް އަޕޯލޮސް ދީނީ މަރުކަޒުގައި ކެރިގެން އީސާގެފާނާއި މެދު ވާހަކަދެއްކި އަޑު އިވުނެވެ. ދެން އެމީހުން އަޕޯލޮސް އެމީހުންގެ ގެއަށް ގެންގޮސް އީސާގެފާނު އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅާއި މެދު އޭނާއަށް އިތުރަށް އަންގައިދީ ކިޔަވާދިނެވެ.
27 ދެން އަޕޯލޮސް ގަސްތު ކުރީ އަކޭޔާއަށް ދިއުމަށެވެ. ދެން އީސާގެފާނުގެ ޖަމާޢަތުގެ މީހުން އޭނާއަށް އެ ރަށަށް ދިއުމަށް އެހީވެ އަދި އޭނާގެ އަތުގައި އެ ރަށުގެ އީމާންވެގެންވީ ޖަމާޢަތުގެ މީހުންނަށް އޭނާއަށް މަރުހަބާ ކިޔާ އޭނާގެ ވާހަކަ އެހުމަށް އެދި ސިޓީއެއްވެސް ފޮނުވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ސަބަބުން އީސާގެފާނު ގަބޫލު ކޮށްގެން ތިބި އެ ރަށުގައި ވީ އެންމެންނަށް، އަޕޯލޮސް އެ ރަށަށް އައުމުގެ ސަބަބުން ވަރަށް ބޮޑު އެހީއަކަށް ވިއެވެ. 28 އަޕޯލޮސް އެންމެންގެ ކުރިމަތީގައި އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުންނާ ބަހުސްކޮށް، މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައި އެކަލާނގެ ބަސްފުޅުތައް ބޭނުންކޮށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަން ހާމަ ކޮށްދިނެވެ.
* 18:5 ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އައި އިރު އެ ސަރަހައްދުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީހުން ޕައުލްއަށް ވަރަށް ބޮޑު ފައިސާގެ އެހީއެއް ފޮނުވިއެވެ. އެހެން ކަމުން ޕައުލް ކުރަމުން ދިޔަ މަސައްކަތް ކަމުގައިވާ ފޭލިގެ ހެދުން ވަގުތީގޮތުން ހުއްޓަލާ އޭނާގެ ހުރިހާ ވަގުތެއް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދިނުމުގައި ހޭދަކުރިއެވެ.