21
ޕައުލް ޖެރޫސަލަމުގައި
އެފޭސުސްގެ ޖަމާޢަތުގެ ބޮޑުންނަށް އަލްވަދާޢު ކިޔުމަށް ފަހު ފުރައިގެން އަހަރެމެން ދިޔައީ ކުޝްއޭ ކިޔުނު ރަށަށެވެ. އަދި އަނެއް ދުވަހު އަހަރެމެން ދަތުރު ކުރަމުން ދިޔަ އޮޑި ރޮދާސް ރަށާއި ހަމައަށް ފޯރިއެވެ. ދެން އެ ރަށުން އަހަރެމެން ދިޔައީ ޕަތަރާއަށެވެ. އެ ރަށުން އަހަރެމެން ފުރީ ސޫރިޔާގެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ފެނީސިޔާއަށް ދިޔަ އޮޑިއެއްގައެވެ.
އަހަރެމެން ސައިޕުރަސްއާއި ވަރަށް ކައިރިން އެރަށް ފެންނަ ހިސާބުން ދަތުރުކޮށް ދިޔައީމެވެ. އެދިމާލުން އަހަރެމެން ދެކުނަށް މިޞްރާބު ޖަހާ ދަތުރުކޮށް ދިޔައީ ސޫރިޔާއަށެވެ. ދެން އެއޮޑި ގޮސް ލެފީ ސޫރިޔާގެ ރަށެއް ކަމުގައިވާ ޞޫރު އަށެވެ. އެއީ މި އޮޑިއަކީ އެ ރަށަށް މުދާ ހިފައިގެން ދިޔަ އޮޑިކެވެ. އަހަރެމެން އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހޯދާ އެމީހުންނާއި ބައްދަލު ކުރީމެވެ. އަދި އެމީހުންގެ ގާތު ހަފްތާއެއް ވަންދެން މަޑު ކުރީމެވެ. އެމީހުންނަށް މާތްރޫޙުފުޅު އެންގެވީ، ޕައުލް ޖެރޫސަލަމަށް ނުދިއުމަށް ބުނެ އެންގުމަށެވެ. ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ. އަދި އެންމެންނާ ސަލާންކޮށް އަލްވަދާޢު ކިޔުމަށް ފަހު، އަހަރެމެން އައި އޮޑިއަށް އެރުމަށް ދިޔައިމެވެ. ދެން އެ އެންމެން އެމީހުންގެ ގޭގެއަށް ދިޔައެވެ.
ޞޫރު އިން ފުރައިގެން އަހަރެމެން ދިޔައީ ފަތުލަމާއިސް އަށެވެ. އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތުގައި އަހަރެމެން އެއް ދުވަހު މަޑު ކުރީމެވެ. އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ. އޭނާގެ އަދި މީހަކާ ނީންނަ ބޮޑުވެފައިވާ ހަތަރު އަންހެންދަރިން ވިއެވެ. އެ ހަތަރު ކުދިން ވެސް މާތްރަސްކަލާނގެ އަންގަވަމުން ދިޔަ ވަޙީ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ.
10 އަހަރެމެން އެގޭގައި ތިބި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޖުދެއާކަރައިން އައި އަގާބުސް އޭ ކިޔުނު މީހަކު ވެސް އެގެއަށް އައެވެ. މީނާއަކީ ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް އަންގަވަން އެދިވޮޑިގެންވާ ޚާއްސަ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔަ ނަބީއެކެވެ. 11 މީނާ ޕައުލް އަޅައިގެން ހުރި ކަމަރު އަތުލާ އޭގެން އޭނާގެ އަމިއްލަ އަތާއި ފަޔާއި ބަނދެފައި އަހަރެމެންނަށް ބުންޏެވެ. ”މާތްރޫޙުފުޅު އަންގަވަނީ ޖެރޫސަލަމުގެ ބަނީއިސްރާއީލު މީހުންގެ ބައެއްވެރިން މި ކަމަރުގެ ވެރިމީހާ ބަނދެލާނެ ކަމުގައޭ. އަދި އެމީހުން އޭނާ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ބަޔަކާ ހަވާލު ކުރާނެ ކަމުގަ.“ 12 އަގާބުސް މިހެން ބުނާ އަޑުއަހާ އަހަރެމެންނާއި އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނާ ޕައުލް އަށް އާދޭސްކޮށް އެދުނީ ޖެރޫސަލަމަށް ނުދިއުމަށޭވެ. 13 ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.“
14 އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”މާތްރަސްކަލާނގެ އެދިވޮދިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.“ 15 ދެން އިރުކޮޅަކު އެ ރަށުގައި ތިބުމަށް ފަހު އަހަރެމެން ގެ އެއްޗިހިތައް އެއްކޮށް ތަންމަތިތައް ބަނދެގެން އަހަރެމެން އެ ރަށުން ފުރައިގެން ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށީމެވެ. 16 ކައިސަރިޔާގެ އީސާގެފާނަށް އީމާންވެގެން ތިބި ބައެއް މީހުން ވެސް އަހަރެމެންނާއި އެކު ޖެރޫސަލަމަށް ދިޔައެވެ. އެމީހުން އަހަރެމެން ގެންދިޔައީ މުނާސަންގެ ގެއަށެވެ. މި މުނާސަން އަކީ ސައިޕުރަސްގެ މީހެކެވެ. މީނާ ވެސް މިއީ އެންމެ ކުރިން ފެށިގެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މީހެކެވެ.
ޕައުލް އާއި ޔާމިޒުގެ ބައްދަލުވުން
17 އަހަރެމެންނަށް ޖެރޫސަލަމަށް އާދެވުމާއި އެކު މާތް ސާހިބާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެން އުފަލާއި އެކު އަހަރެމެންނަށް މަރުހަބާ ކިޔެވެ. 18 އަނެއް ދުވަހު ޕައުލް އަހަރެމެން ގޮވައިގެން ދިޔައީ ޔާމިޒުއާއި ބައްދަލުވުމަށެވެ. އެތަނުގައި އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ބޮޑުން ވެސް ވިއެވެ. 19 ޕައުލް އެމީހުންނާއި ބައްދަލުކޮށް، ސަލާންކޮށް ހަދާ، މާތްރަސްކަލާނގެ އޭނާ މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ ކުރެއްވި ހުރިހާ ކަންތައްތަކެއްގެ ވާހަކަތައް ފުރިހަމައަށް ކިޔާދީ، ތަފްސީލު ކޮށްދިނެވެ. 20 މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނު އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ. 21 ނަމަވެސް ތިޔަބޭފުޅާ އެހެން ޤައުމުތަކުގައި އުޅޭ ބަނީއިސްރާއީލު މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ޤާނޫނުތަކާ ގަވާއިދުތައް ދޫކޮށްލުމަށް އަންގާ އަދި އެމީހުންގެ ދަރިން ޚިތާނު ނުކުރުމަށާ ބަނީއިސްރާއީލުގެ އާދަކާދަތަކާއި ދުރުވުމަށް ވެސް އަންގަމުންދާ ވާހަކަ އެމީހުންނަށް ވަނީ އިވިފަ.
22 ހަމަ ޔަގީނުން ވެސް ތިޔަބޭފުޅާ މި ރަށަށް ވަޑައިގެންވި ކަން އެމީހުންނަށް އެނގޭނެ. އޭރުން ދެން އަޅުގަނޑުމެން ހަދާނީ ކިހިނެއް ހޭ؟ 23 އަޅުގަނޑުމެންނަށް ފެންނަ ގޮތަކީ މީ. އަޅުގަނޑުމެންގެ ތެރެއިން ހަތަރު މީހަކު ވަނީ ނަދުރެއް ބުނެފަ. 24 މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ. 25 މީގެ ތަންކޮޅެއް ކުރިން ބަނީއިސްރާއީލު މީހުން ނޫން ކަމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް އަޅުގަނޑުމެން ވާނީ ސިޓީއެއް ފޮނުވާ މި ފަދައިން އަންގާފަ. އަޅުގަނޑުމެން އެމީހުންނަށް އެންގީ އެއްވެސް އެހެން ކަލާނގެއަކަށް ހުށައަޅާ ޚާއްސަކޮށްފައިވާ ކާތަކެތި ނުކެއުމަށޭ. އަދި ކަތިލެވިފައިވާ ޖަނަވާރެއްގެ މަހުގައި ލޭ ހުއްޓާ އެ މަސް ނުކެއުމަށާއި އަދި ކަރު އަނބުރާލާ މަރާލެވިފައިވާ ޖަނަވާރެއްގެ މަސް ނުކެއުމަށޭ. އަދި އެއްވެސް ޖިންސީ ފާފައެއް ނުކުރުމަށޭ.“
26 ދެން ޕައުލް އެމީހުން ބުނި ގޮތާއި އެއްބަސްވެ، އެ ހަތަރު މީހުންނާއި އެކު އަނެއް ދުވަހު ބައިތުލް މަޤްދިސްއަށް ގޮސް، އެމީހުން ސާފުތާހިރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެމީހުންނާއި އެކު ބައިވެރިވިއެވެ. އަދި އެމީހުން މި ކަންތައްތައް ކޮށް ނިމޭދުވަހު އޭގެން ކޮންމެ މީހަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރާނެ ކަން ވެސް، ޕައުލް އެންމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އިޢުލާން ކުރިއެވެ.
ބައިތުލް މަޤްދިސްގައި ޕައުލް ހައްޔަރު ކުރެވުނު
27 ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށް ވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އާސިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ. 28 ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުންދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“ 29 (އެމީހުން މިހެން ބުނިކަމަކީ އެފޭސުސްގެ މީހެއް ކަމުގައިވާ ތުރޯފިމުސް ޕައުލްއާއި އެކުގައި ރަށުތެރެއިން އެމީހުންނަށް ވަނީ ފެނިފައެވެ. އަދި އެމީހުން ހީކުރީ ޕައުލް ބައިތުލް މަޤްދިސްއަށް އައީ އޭނާ ގޮވައިގެން ކަމުގައެވެ.)
30 ރަށުގެ އެންމެންގެ މެދުގައި ރުޅިވެރިކާމާއި އޮޅުންބޮޅުންތައް ފެތުރުނެވެ. އަދި އެންމެން އެއް ފަހަރާ ގޮސް ޕައުލްގެ ގަޔަށް އަރާގަތެވެ. އަދި އޭނާ ހިފަހައްޓާ ހައްޔަރުކޮށްގެން ބައިތުލް މަޤްދިސްގެތެރެއިން ނެރުނެވެ. އަދި ހަމަވަގުތުން އެމީހުން ބައިތުލް މަޤްދިސްގެ ދޮރާށި ލައްޕާ ތަޅުލިއެވެ. 31 މި އެއްވި އެންމެން ވެގެން ޕައުލް މަރާލަން އުޅެނިކޮށް ޖެރޫސަލަމުގައި ބަޣާވަތެއް ހިނގައިގެން އުޅޭ ޚަބަރު ރޯމު ސިފައިންގެ ކޮމާންޑަރަށް ލިބުނެވެ. 32 ހަމަ ވަގުތުން އޭނާ އޮފިސަރުންނާއި ބައެއް ސިފައިން ގޮވައިގެން އެންމެންގަނޑު އެއްވެފައިވާ ތަނަށް އައެވެ. މީސްތަކުންނަށް ސިފައިންގެ ކޮމާންޑަރާއި ސިފައިން އެތަނަށް އަންނަތަން ފެނުމާއި އެކު ޕައުލް ގައިގައި ތެޅުން ހުއްޓާލިއެވެ. 33 ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ. 34 އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްބަޔަކު އެކައްޗެކޭ އަދި އަނެއްބަޔަކު އަނެކައްޗެކޭ ކިޔާ ހަޅޭލަވަންފެށިއެވެ. މީސްތަކުންގެ ހަޅޭކުގެ ސަބަބުން ސިފައިންގެ ކޮމާންޑަރަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލުމުން އޭނާ އެންގީ ޕައުލް ސިފައިން ގެއަށް ގެންދިއުމަށެވެ. 35 ޕައުލްއަށް އެތަނުގެ ސިޑިތަކާއި ހަމައަށް ދެވުމާއި އެކު ސިފައިންނަށް ޖެހުނީ ޕައުލް އުފުލާލައިގެން ގެންދާށެވެ. އެއީ އެއްވެފައިވާ މީސްތަކުންގެ ރުޅިގަދަވެ އަނިޔާވެރިކަން ބޮޑުވުމުންނެވެ. 36 ޕައުލްގެ ފަހަތުން އައި މީސްތަކުން ހަޅޭއްލަވަމުން ދިޔައެވެ. ”އޭނާ ނެތިކޮށްލާ، މަރާލާ!“
ޕައުލް އޭނާގެ ދިފާއުގައި ވާހަކަދެއްކި
37 ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟“ 38 ”އެހެންވީއިރު ދެން ކަލެއަކީ މީގެ ދުވަސްކޮޅެއް ކުރިން ބަޣާވަތެއް އުފައްދާ ހަތަރުހާސް ބާޣީން ހަނަފަސް ހިކިސަހަރާގެ ބިމަށް ގެންދިޔަ މިޞްރުގެ މީހާއެއް ނޫންތަ؟“ 39 ޕައުލް ޖަވާބުގައި ބުންޏެވެ. ”ނޫނޭ. އަޅުގަނޑަކީ ސިލީސިޔާގެ މުހިންމު ރަށް ކަމުގައި ވާ ތަރުސުސް އަށް އުފަންވެފައިވާ ބަނީއިސްރާއީލު މީހެއް. އަޅުގަނޑު މިމީހުންނާއި ވާހަކަދެއްކުމަށް ހުއްދަ ދެއްވާ.“
40 ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.