26
ޕައުލް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމަތީގައި އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަދެއްކި
1 ދެން އަގިރިފާ ރަސްގެފާނު ޕައުލް އަށް ވިދާޅުވިއޭ. ”ކަލޭގެ އަމިއްލަ ދިފާއުގައި ކަލޭ ބުނަން ބޭނުން އެއްޗެއް އޮތިއްޔާ ބުނޭ.“ ދެން ޕައުލް އަތްމައްޗަށް ނަގާ މި ފަދައިން ވާހަކަ ދެއްކިއެވެ.
2 ”އަގިރިފާ ރަސްގެފާނު. އަޅުގަނޑާއި މެދު ބަނީއިސްރާއީލު މީހުން ކުރަމުންދާ ދަޢުވާގެ ދިފާއުގައި މަނިކުފާނުގެ ކުރިފުޅުމަތީ އަޅުގަނޑަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުނީތީ އަޅުގަނޑު ވަރަށް އުފާ ކުރަން.
3 ކެތްތެރިކަމާއިއެކު އަޅުގަނޑު މިބުނާ ވާހަކަކޮޅު އަޑު އައްސަވާލަދެއްވާ. އެހެނީ ތިޔަބޭފުޅާއަކީ ބަނީއިސްރާއީލު މީހުންގެ އާދަކާދަތަކާ އަދި އެމީހުންގެ މެދުގައި ދީނުގެ ގަވާއިދުތަކާ މެދު ކުރެވޭ ބަހުސް ތަކާ ހަމަނުޖެހުންތައް ރަނގަޅަށް ދެނެވަޑައިގެންވާ ބޭފުޅެއް.
4 ބަނީއިސްރާއީލުގެ އެންމެންނަށް ވެސް އެނގޭނެ ފަދައިން އަޅުގަނޑަކީ ދީނުގެ ކަންތަކާ ބެހޭ ފުރިހަމަ ތަމްރީނު ލިބިގެންވާ މީހަކީން. ފުރަތަމަ އަޅުގަނޑުގެ އަމިއްލަ ރަށުގައި އަދި އޭގެ ފަހުން ޖެރޫސަލަމުގައި ވެސް އަޅުގަނޑު ދީނުގެ ގަވާއިދުތަކާ ޤާނޫނުތައް ކިޔެވިން.
5 އަދި އަޅުގަނޑަކީ ބަނީއިސްރާއީލުގެ އެންމެ ދީނީ ގަވާއިދުތައް ބޮޑު ޖަމާޢަތް ކަމުގައި ވާ ފަރީސީނުގެ ޖަމާޢަތުގެ މީހެއްކަން އަޅުގަނޑު ކުށްވެރި އެކުރާ މީހުންނަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ.
6 މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ އެއީ އަޅުގަނޑުމެންގެ ކާބަފައިންނަށް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއް ފުރިހަމަ ވާނެ ކަމުގައި އުންމީދުކޮށް ގަބޫލު ކުރުމުން.
7 ބަނީއިސްރާއީލު މީހުންގެ ބާރަ ގަބީލާގެ ދަރިކޮޅުގެ މީހުން ރެއާއި ދުވާލު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ދަނީ ހަމަ މިބުނި ވަޢުދުފުޅު ފުރިހަމަވެ ނިމޭނެ ދުވަހެއްގެ އުންމީދުގަ. އިއްޒަތްތެރި އަގިރިފާ ރަސްގެފާނު، ނަމަވެސް މިއަދު އަޅުގަނޑު ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައި މި ވަނީ އަޅުގަނޑު ވެސް ހަމަ އެ ވަޢުދުފުޅު ފުރިހަމަ ވުމަށް އުންމީދުކޮށް ގަބޫލު ކުރާތީ.
8 މާތްރަސްކަލާނގެ މަރުވެފައިވާ މީހުން އަލުން ދިރުއްވާ ކަން ގަބޫލު ކުރުން އެއީ އެއްވެސް މީހަކަށް އެހާ އުނދަގޫކަމަކަށް ވާންވީ ކީއްވެ؟
9 އަޅުގަނޑަކީ ވެސް ނާޒަރަތުގެ އީސާގެފާނު ގަބޫލު ކުރާ މީހުންނާއި އިދިކޮޅަށް ކުރެވެން އޮތިއްޔާ އޮތް ކަމެއް ކުރަން ޖެހޭނެ ކަމުގައި ދުށް މީހެއް.
10 އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.
11 އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފުރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.“
ޕައުލް އޭނާގެ ހިތްބަދަލުވެ ދިންނެވުން ލިބުނުގޮތް ކިޔާދިން
12 ”އެ ގޮތުން އަޅުގަނޑު އެއްފަހަރަކު ދިމިޝްޤަށް ދިޔައިން. އެ ރަށަށް އަޅުގަނޑު ދިޔައީ އެ ރަށުގައި ވީ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކުރުމަށް ބޮޑު އިމާމުން ދެއްވި ހުއްދައިގެ ސިޓީ އެއްވެސް ހިފައިގެން.
13 އިއްޒަތްތެރި ރަސްގެފާނު. އެ ރަށަށް ދިޔަ މަގުމަތީ އެއްދުވަހަކު މެންދުރު ވަގުތު އުޑުން އައި ވަރަށް ގަދަ އައްޔެއް އަޅުގަނޑު ދުށިން. އެއަލި އިރުގެ އައްޔަށް ވުރެ ވެސް ގަދަވެގެންވި. އެއަލި އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑާއި އެކު ދަތުރު ކުރި އެހެން މީހުންގެ ވަށައިގެން ވެސް އެއަލި ވިދައިގެން ދިޔަ.
14 ވަގުތުން އަޅުގަނޑުމެން އެންމެން ބިންމައްޗަށް ވެއްޓުނު. ދެން ބަނީއިސްރާއީލު މީހުންގެ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން މި ފަދައިން ބުނެވުނު އަޑު އަޅުގަނޑު އެހީން. ’ޝާއުލް، ޝާއުލް! ކަލޭ ތިމަންކަލޭގެފާނަށް އަނިޔާ ތިޔަ ދެނީ ކީއްވެ ހޭ؟ ތިމަންކަލޭގެފާނާއި ދެކޮޅަށް ތިޔަ ކުރާ ހުރިހާ ކަމަކުން ދެރަޔާ ހިތާމަ ތިލިބެނީ ހަމަ ކަލެއަށް.‘
15 އެވަގުތު އަޅުގަނޑު އެހިން. ’ސާހިބާ ތިޔައީ ކޮން ބޭކަލެއް ތޯ އޭ؟‘ އޭގެ ޖަވާބުގައި މާތް ސާހިބު ވިދާޅުވި. ’ތިމަންކަލޭގެފާނީ ކަލޭ ތިޔަ އަނިޔާ ދޭ އީސާގެފާނޭ.
16 ތެދުވޭ! ތިމަންކަލޭގެފާނު މިއަދު ކަލޭގެ ކައިރިއަށް މިއައީ ކަލޭ ތިޔައީ ތިމަންކަލޭގެފާނުގެ މަސައްކަތު މީހެއްގެ ގޮތުގައާއި އަދި ތިމަންކަލޭގެފާނާއި މެދު އެހެން މީހުންނަށް އަންގައިދީ ހެކިދޭނެ މީހެއްގެ ގޮތުގައި ކަލޭ ހޮވުމަށޭ. ކަލޭ މީސްތަކުންނަށް ކަލެއަށް މިއަދު މި ފެނުނު ކަންތަކާ އަދި ތިމަންކަލޭގެފާނު ކަލެއަށް ދައްކަވާ އަންގަވާ ކަންތައްތައް މީސްތަކުންނަށް އަންގައި ދޭނޭ.
17 ތިމަންކަލޭގެފާނު ކަލޭ ބަނީއިސްރާއީލު މީހުންނާ އަދި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ކިބައިން ވެސް ސަލާމަތް ކުރައްވާނަމޭ. ތިމަންކަލޭގެފާނު ކަލޭ މި ފޮނުވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.
18 ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘ “
ޕައުލް އޭނާ ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށް ކިޔާދިން
19 ”އަގިރިފާ ރަސްގެފާނު. އަޅުގަނޑަށް ހޭލާހުއްޓާ ހުވަފެނެއް ފަދައިން މާތްރަސްކަލާނގެ ދައްކަވާ މި އެންގެވި ކަންތައްތަކަކަށް އަޅުގަނޑު ނުކިޔަމަންތެރިއެއް ނުވަން.
20 އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.
21 ބަނީއިސްރާއީލު މީހުން އަޅުގަނޑު ބައިތުލް މަޤްދިސްގައި ވަނިކޮށް ހައްޔަރުކޮށް މަރާލަން އުޅުނީ މި ކަންތައްތަކުގެ ސަބަބުން.
22 ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.
23 އެއީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙުއަށް އަނިޔާ ލިބިވަޑައިގެން މަރުވާނެ ކަން. އަދި މަރުވުމަށް ފަހު ފުރަތަމަ ދުނިޔެއަށް ވަޑައިގަންނަވާނެ ބޭކަލަކަށް އެކަލޭގެފާނު ވާނެކަން. އަދި މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރިވަޑައިގެން ދިންނެވުމުގެ އަލިކަން ބަނީއިސްރާއީލު މީހުންނަށާ އަދި ދުނިޔޭގެ އެންމެންނަށް ހާމަކުރައްވާނެ ކަންވެސްމެ.“
24 ދެން އެވަގުތު ގަވަރުނަރު ފެސްތުސް ޕައުލް ގެ ވާހަކަ މެދު ކަނޑާލާ ހަޅޭލަވައިގަތެވެ. އޭނާ ބުންޏެވެ. ”ޕައުލް ކަލޭ ތިހިރީ ބުއްދިގޯސްވެފަ. ކަލޭ ކިޔަވާ ކިޔަވާ ގޮސް ތިހިރީ ސިކުނޑި ހަލާކުވެފަ.“
25 ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”އިއްޒަތްތެރި ގަވަރުނަރު ފެސްތުސް. އަޅުގަނޑު މިހިރީ މޮޔަވެފައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ސާފު ސީދާ ތެދު.
26 އަޅުގަނޑު މި ވާހަކަދައްކަނީ މިނިވަން ކަމާއި އެކު ކެރިހުރެގެން. އެއީ މިހުރިހާ ކަމެއް ވެދިޔަ ކަން އަގިރިފާ ރަސްގެފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ. އެއީ މި ކަންތައްތައް ވެދިޔައީ ސިއްރުން އެއްކަނެއްގައި ފޮރުވިގެންވާ ފަދައަކުން ނޫން.
27 އަގިރިފާ ރަސްގެފާނު. ރަސޫލުންނާއި ނަބީބޭކަލުން ލިޔުއްވި ބަސްފުޅުތައް ތިޔަބޭފުޅާ ގަބޫލު ކުރަން ނޫންތޯ؟ މަނިކުފާނު އެކަން ގަބޫލު ކުރާ ކަން އަޅުގަނޑަށް އެނގޭ.“
28 އަގިރިފާ ރަސްގެފާނު ވިދާޅުވިއެވެ. ”ތިޔަހާ އަވަހަށް އަހަރެން މަސީޙީންގެ މީހަކަށް ހެދިދާނެ ކަމަށް ކަލޭ ހީކުރަންތަ؟“
29 ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.“
30 ދެން އަގިރިފާ ރަސްގެފާނާއި ގަވަރުނަރު ފެސްތުސް އާއި ރަސްގެފާނުގެ ކޮއްކޯފުޅު ބެރެނީޒު އާއި އަދި އެތާނގައިވާ އެންމެން އެތަނުން ދިއުމަށް ތެދުވިއެވެ.
31 އެމީހުން ދިއުމުގެ ކުރިން އެމީހުން އެންމެންމެ އެއްބަސްވެ އެކަކު އަނެކަކަށް ބުންޏެވެ. ”މިމީހާ އަކީ ޖަލަށް ލާންވި ނުވަތަ އޭނާއަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ އެއްވެސް ކުށެއް ކޮށްފައި ވާ މީހެއް ނޫން.“
32 އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.“