15
ޝާއުލްގެފާނަކީ ރަސްކަލެއް ކަމަށް މާތްރަސްކަލާނގެ ގަބޫލުފުޅު ނުކުރެއްވުން
އެއްދުވަހަކު ޞަމޫއީލްގެފާނު ޝާއުލްގެފާނު ގާތު ވިދާޅުވިއެވެ. ”އަހަރެން މީ ކަލޭގެފާނު އިސްރާއީލްގެ މައްޗަށް ވެރިކޮށް ރަސްކަން ދޭން މާތްރަސްކަލާނގެ ފޮނުއްވި މީހާ. މިހާރު ކަލޭގެފާނަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އެންގެވި އެންގެވުން އަޑުއަހާ. ކުޅަދުންވަންތަ މާތްރަސްކަލާނގެ އަންގަވަނީ، ތިމަން ކަލާނގެ މިޞްރުގެ ބިމުން އިސްރާއީލީން ސަލާމަތް ކުރެއްވި ހިނދު، ޢަމާލިޤީން އެމީހުންނަށް ހުރަސްއަޅައި ކަންޢާނަށް އެމީހުން ދިޔަ ނުދީ ހިފެހެއްޓިކަން ތިމަންކަލާނގެ ފަރުވާތެރިކަމާއެކު ފާހަގަ ކުރައްވަމޭ.15‏:2 ނެރުއްވުން 17‏:8‏-14 ދާށޭ، ގޮސް ޢަމާލިޤީން އެންމެން ނައްތާލާށޭ. އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ގެރި ބަކަރިއަކަސް ހިމާރަކަސް ޖަމަލަކަސް އެކައްޗެއް ވެސް ބަހައްޓައިގެން ނުވާނެއޭ.“
ޝާއުލްގެފާނު ހުރިހާ އަވަށަކަށް ޚަބަރު ފޮނުއްވައި ހުރިހާ ފިރިހެނުން ޠަލާއިމަށް އެއްކުރެއްވިއެވެ. ގުނިއިރު ދުއިސައްތަ ދިހަހާސް ބިންމަތީ ހަނގުރާމަވެރިން ތިއްބެވެ. އޭގެ ތެރޭން ދިހަ ހާސް މީހުންނަކީ ޔަހޫޛާގެ ގަބީލާއިން އައި މީހުންނެވެ. ޝާއުލްގެފާނު އެމީހުން ގޮވައިގެން ޢަމާލިޤުގެ ސަހަރަށް ވަޑައިގެން އެތަނުގެ ވާދީގައި ހަމަލަދޭން ތައްޔާރުވެ ފިލާ ތިބެއްޖެއެވެ. ދެން ޝާއުލްގެފާނު ޤައިނީންގެ މީހުންނަށް އެންގެވިއެވެ. ”ކަލޭމެން މިތަނުން ދޭ. ނޫނީ ޢަމާލިޤީން ނައްތާލާއިރު އަހަރެމެންގެ އަތުން ކަލޭމެންގެ މީހުންވެސް މަރުވެދާނެ. އެމީހުންނާ ދުރަށް މިތަން ދޫކޮށް ކަލޭމެން ދޭ. އެހެނީ ކަލޭމެން ވަނީ އިސްރާއީލީން މިޞްރުން ނުކުތުމުން އެމީހުންނަށް އެހީތެރިވެ ދީފައި.“ އެހެންވެ ކަންޢާނީން ޢަމާލިޤީންނާ ދުރަށް ހިނގައްޖެއެވެ.
ދެން ޝާއުލްގެފާނު ޢަމާލިޤީން ބަލި ކުރައްވައިފިއެވެ. އެމީހުންގެ ފަހަތުން އެކަލޭގެފާނު ޙަވީލާއިން ޝޫރުއާ ހަމަޔަށް ވަޑައިގަތެވެ. އެއީ މިޞްރުގެ އިރުމަތިން އިންވެގެން އޮންނަ ރަށެކެވެ. އެކަލޭގެފާނު ޢަމާލިޤީންގެ ރަސްގެފާނު އަޖާޖް ހައްޔަރު ކުރެއްވިއެވެ. އެހެނަސް އެރަށުގެ އެންމެން ގަތުލު ކުރެއްވިއެވެ. ޝާއުލްގެފާނާއި ސިފައިން އެރަށުގެ ރަސްގެފާނާއި ސިއްޙަތު ރަނގަޅު ގެރިބަކަރި ކަންބަޅިތަކެއް ނުމަރައެވެ. އެމީހުން ބަލިކަށި ހުރިހާ އެއްޗެއް ގަތުލު ކޮށްފިއެވެ. އެހެނަސް ބޭނުންހިފޭ އެއްވެސް އެއްޗެއް ނައްތައެއް ނުލައެވެ.
10 މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް އެންގެވިއެވެ. 11 ”ޝާއުލްގެފާނު ތިމަން ކަލާނގެ އަކަށް ކިޔަމަނެއް ނުވޭ. އޭނާ ރަސްކަމަށް އިސްކުރެވުނީތީ ދެރަވެއްޖައިން.“
ޝާއުލްގެފާނު ރަސްކަމުން ބޭލުއްވުން.
ޞަމޫއީލްގެފާނު ކޯފާވެއްޖެއެވެ. އެހެންވެ މުޅި ރޭގަނޑުގައި ދުޢާ ކުޅައުންމަތީ އެކަލޭގެފާނު އިންނެވިއެވެ. 12 އެދުވަހު ވަރަށް ހެނދުނާ ޞަމޫއީލްގެފާނު ތެދުވެ ވަޑައިގެން ޝާއުލްގެފާނާ ބައްދަލު ކުރައްވަން ވަޑައިގެންނެވިއެވެ. މީހުން ދެންނެވިއެވެ. ”ޝާއުލްގެފާނު ކަރްމަލް ކިޔާ ރަށެއްގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވާ ހަނދާނީ ބިނާއެއް ހައްދަވައި މިހާރު ވަޑައިގެންވީ ޖިލްޖާލުގައި.“
13 ޞަމޫއީލްގެފާނު އެކަލޭގެފާނު ހޯއްދަވައިފި އެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނަށް ބަރަކާތް ހުރި. އަޅުގަނޑު މާތްރަސްކަލާނގެ އެންގެވި ކަންތައް ކޮށް ނިންމައިފިން.“
14 ޞަމޫއީލްގެފާނު އެއްސެވިއެވެ. ”ތިހެންވީ އިރު އަހަރެންގެ ކަންފަތަށް މިއިވެނީ ކޮން ކަންބަޅިތަކާ ގެރިތަކެއް ހޭރޭ އަޑެއްތަ؟“
15 ”އެއީ ސިފައިން ޢަމާލިޤީނުން ގެނައި އެއްޗެހި ތަކެއް. އެމީހުން ސިއްޙަތު ރަނގަޅު އެއްޗެހި ނުމަރައި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް. އެހެން ހުރިހާ އެއްޗެއް އެމީހުން ނައްތާލައިފި.“
16 ”މަޑުކުރައްވާ!“ ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ ގާތު ރޭ މާތްރަސްކަލާނގެ އެންގެވި ވާހަކަތައް ކަލޭގެފާނުގެ ގާތު ދަންނަވަންދެން އިހަށް މަޑުކުރައްވާ.“
”ވިދާޅުވޭ.“ ޝާއުލްގެފާނު ވިދާޅުވިއެވެ.
17 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނަކީ އެހާ މުހިންމު މީހެއް ނޫންކަން ދެނެ ހުންނެވީމެއް ނު. ވިޔަކަސް ކަލޭގެފާނަށް ތިޔަވަނީ އިސްރާއީލުގެ ވެރިކަން ދެއްވާފައި. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލްގެ ރަސްކަން ދެއްވާފައި. 18 އަދި ކަލޭގެފާނާ ކަމެއް މަތި ކުރައްވާފައި ފޮނުއްވި. ’ގޮސް ނުބައިވެގެންވާ ޢަމާލިޤީންގެ އެންމެންނާ ހަނގުރާމަކޮށް ހުރިހާ އެންމެން ނައްތާލާށޭ‘ އެންގެވި. 19 ކަލޭގެފާނު މާތްރަސްކަލާނގެ އަށް ކިޔަމަން ނުވީ ކީއްވެ؟ ކަލޭގެފާނު ސިއްޙަތު ރަނގަޅު ޖަނަވާރުތައް މިތަނަށް ގެންނެވީ ކީއްވެ؟ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ ގޮތް ހެއްދެވީ ކީއްވެ؟“
20 ”އަޅުގަނޑު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތިން“ ޝާއުލްގެފާނު ދެންނެވިއެވެ. ”އެކަލާނގެ އަޅުގަނޑު ފޮނުއްވީ އެ ރަށް ނައްތާލުމަށް. އަޅުގަނޑު ރަސްގެފާނު އަޖާޖް ހައްޔަރު ކުރިން. އެރަށް އެއްކޮށް ނައްތާލިން. 21 އެ ހުރިހާ ޖަނަވާރުތަކެއް ވެސް ނައްތާލެވޭނެ މެ. އެންމެ މަސްފަލަ ޖަނަވާރުތައް ނުމަރައި އަހަރެންގެ މީހުން އެތަކެތި ޖިލްޖާލަށް މި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް.“
22 އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު. 23 މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.“
24 ”އާދެ! އަޅުގަނޑު ފާފަ ކޮށްފިން. މާތްރަސްކަލާނގެ އަމުރުފުޅާއި އަދި ކަލޭގެފާނުގެ އެންގެވުމާ އަޅުގަނޑު ޚިލާފު ވެއްޖައިން. އަޅުގަނޑުގެ މީހުން ދެކެ ޖެހިލުންވެ އެމީހުންގެ ބަސް އަޑު އެހުނީ. 25 މިހާރު އަޅުގަނޑު އާދޭސް ދަންނަވަން. އަޅުގަނޑުގެ ފާފަ އަފޫކޮށްދެއްވައި އަޅުގަނޑާއެކު މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ވަޑައިގެން ދެއްވާ!“ 26 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑު ކަލޭގެފާނާ އެއްކަކު ނުދާނަން. ކަލޭގެފާނު ތިޔަވަނީ މާތްރަސްކަލާނގެ އެންގެވުމާ ޚިލާފުވެފަ. ކަލޭގެފާނަކީ ރަސްކަލެއް ކަމަކަށް މާތްރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާ.“
27 ދެން ޞަމޫއީލް ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ ޝާއުލްގެފާނު އެކަލޭގެފާނުގެ ރިދާ ކޮޅުގައި ހިފެހެއްޓެވުމުން އެ ރިދާކޮޅު ވީދިއްޖެއެވެ. 28 ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލްގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް. 29 އެކަލާނގެއީ އިސްރާއީލީންގެ ޖަލާލުވަންތަ ރަސްކަލާނގެ. އެއީ އިންސާނުން ފަދައިން އިތުރުފުޅު ހައްދަވައި، އިރާދަ ކުރައްވާން ރާއްވަވާފައިވާ ގޮތަކާ ޚިލާފުވެ ވޮޑިގަންނަވާ ކަލެއް ނޫން.“
30 ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ ފާފަވެރިޔަކީން. އެކަމަކު އަޅުގަނޑުގެ ބޮޑުންގެ ކުރިމަތީގައިއާއި އިސްރާއީލުގެ މީހުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގުވައްޓަވާ ނުލައްވާ. ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް އަޅުގަނޑާއެކު ވަޑައިގެން ދެއްވާ.“ 31 ދެން ޞަމޫއީލް އެކަލޭގެފާނާއެކު ވަޑައިގެން ޝާއުލްގެފާނާއެކު މާތްރަސްކަލާނގެއަށް އަޅުކަން ކޮށްފިއެވެ.
32 ދެން ޞަމޫއީލް ވިދާޅުވެއްޖެ އެވެ. ”އަހަރެންގެ ގާތަށް ޢަމާލިޤީންގެ ރަސްގެފާނު އަޖާޖު ގެނޭ.“
އަޖާޖް ހިތާހިތާ ބުންޏެވެ. ”ޔަޤީންވެސް އަހަރެން މަރާލާނެ ކަމުގެ ބިރުވެރިކަމުން ދެން މި ސަލާމަތްވީ.“
33 އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެ ކަނޑިން އަންހެނުންގެ އަތުން ދަރިން އަތުލައިގަނެ މަރާލި ފަދައިން ކަލޭގެ މަންމަގެ ވެސް ދެނެއް ދަރިޔަކު ނުހުންނާނެ.“ ދެން ޞަމޫއީލްގެފާނު ޖިލްޖާލުގެ ޤުރުބާނީ އަށީގެ ކުރިމަތީގައި އަޖާޖް ކުދިކޮށް ކޮށްޓަވައި ލެއްވިއެވެ.
34 ދެން ޞަމޫއީލްގެފާނު ރާމާއަށް އެނބުރި ވަޑައިގެންފިއެވެ. ޝާއުލްގެފާނު ޖިބްޢާގައި ހުންނަ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންފިއެވެ. 35 ޞަމޫއީލްގެފާނު އަވަހާރަވުމަށް ދާނދެން އެކަލޭގެފާނު ޝާއުލްގެފާނާ ބައްދަލު ކުރާކަށް ވަޑައެއް ނުގަންނަވައެވެ. އެހެނަސް ޝާއުލްގެފާނާ މެދު ޞަމޫއީލްގެފާނު ނުހަނު ދެރަފުޅު ވިއެވެ. އެކަލޭގެފާނު ރަސްކަލަކަށް ހެއްދެވުނީތީ މާތްރަސްކަލާނގެ ހިތާމަފުޅު ކުރެއްވިއެވެ.

15:2 15‏:2 ނެރުއްވުން 17‏:8‏-14