3
1 ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށްޓަކައި އަހަރެމެން ވަނީ ކެތްތެރިކަން ކޮޅުންލައިފައެވެ. އެއީ ތިޔަބައިމީހުންނާއިމެދުގައި އެއްވެސް ޚަބަރެއް ލިބިގެންނުވާތީއެވެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތެއް ކަމުގައި އަހަރެމެން ނިންމީ ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވައި އަދި އަތެންސްގައި އަހަރެންނާއި ސިލާހު މަޑުކުރުމެވެ. 2 އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ. 3 ވީއިރު، ތިޔަބައިމީހުންނާއި ކުރިމަތިވާ އަނިޔާވެރިކަމަކުން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިގައިވާ އީމާންތެރިކަމަށް ފުރަގަސް ނުދޭށެވެ. ތިޔަބައިމީހުންނާއި މެދުގައި ކުރިމަތިވާ އަނިޔާވެރިކަމަކީ އަހަރެމެން މަސީހީންގެ ތަޤުދީރުގައި މާތްރަސްކަލާނގެ ނިންމަވާފައިވާ ގޮތްކަން ތިޔަބައިމީހުން ދަންނާނެއެވެ. 4 އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން އެންމެން ވޭނާއި ކެކުޅުން އުފުލާން ޖެހޭނެ ކަމުގައި އަހަރެމެން ބުނީމެވެ. އަދި އަހަރެމެން ބުނެދިން ފަދައިން އެކަންތައްތައް ހިނގައިދިޔަކަން ތިޔަބައިމީހުން ދަންނާނެއެވެ. 5 ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ.
ތިމޮތީގެ ހިތްވަރު ދިނުމުގެ ޚަބަރު
6 ނަމަވެސް ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު، އަހަރެމެންގެ ކައިރިއަށް އެނބުރި އައިސް ތިޔަބައިމީހުންނާއި ބެހޭ ގޮތުން އުފާވެރި ޚަބަރުތައް ދިނެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމާއި ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި މެދު ޚަބަރު ދިނެވެ. ހަމަ އެހެންމެ، ތިޔަބައިމީހުން އަބަދުވެސް އަހަރެމެންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަ ކުރަމުން ގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އަހަރެމެން ތިޔަބައިމީހުން ދުށުމަށް އެދޭފަދައިން ތިޔަބައިމީހުން ވެސް އަހަރެމެން ދުށުމަށް އެދޭ ވާހަކަވެސް ބުނެދިނެވެ. 7 އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތަޙައްމަލު ކުރަމުން މިގެންދާ މުސީބާތްތަކާއި ވޭންތަކުގެ ތެރޭގައި އަހަރެމެންނަށް މަތިވެރި ހިތްވަރެއް ލިބިދިން ސަބަބަކީ ތިޔަ އަޚުންނާއި އުޚުތުންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމުގައި ދެމިތިބުން ވެސް މެއެވެ. 8 މާތް ސާހިބާ އާއި މެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމުން އަހަރެމެންގެ ދިރުން އާލާވެއްޖެއެވެ. 9 ތިޔަބައިމީހުން އަހަރެމެންނަށް ގެނެސްދިން އުފާވެރިކަމާއިމެދު އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރި ވުމަށް އެދޭ މިންވަރަކަށް ޝުކުރުވެރިއެއް ނުވެއެވެ. 10 ރެޔާއި ދުވާލު ތިޔަބައިމީހުންނާއި ކުރިމަތިވެ ބައްދަލުވުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅުގައި ދަންނަވަމެވެ. އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގައި ކަމެއް މަދުވާނަމަ އެކަމެއް ފުރިހަމަކޮށް ދެވޭނެ ގޮތެއް ވުމަށެވެ.
11 ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެންނަށް ދެވޭނޭ ފަދަ ގޮތެއް މެދުވެރިކޮށް ދެއްވުމަށް އެދި މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅާއި އަހަރެމެންގެ މާތްސާހިބާ އީސާގެފާނަށް އެދި ދުޢާ ދަންނަވަމެވެ. 12 ހަމައެހެންމެ، މަސީޙީ ޖަމާޢަތުގެ މެދުގައްޔާއި އަދި ހުރިހާ އެންމެންގެ މައްޗަށް އޮތް ލޯބި މާތްސާހިބާ ބަދަހި ކޮށްދެއްވާށިއެވެ. އަހަރެމެން ތިޔަބައިމީހުން ދެކެ ލޯބިވާ ފަދައިންނެވެ. 13 އަހަރެމެންގެ މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނާއިގެން ވަޑައިގަންނަވާ ހިނދު މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ބާރުގަދަ ކުރައްވައި ޚާލިސް މަޢުސޫމް ބައެއްގެ ގޮތުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.