7
ދާއޫދުގެފާނަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު
ދާއޫދު ރަސްގެފާނު، އާ ގަނޑުވަރަށް ވަޑައިގެން އުޅުއްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ރަސްކަމަށް އަދާވާތްތެރިންގެ ކިބައިން އަމާންކަން މާތްރަސްކަލާނގެ ލެއްވިއެވެ.
އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްﷲގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.“
ނާޘާން ނަބީކަލޭގެފާނު ދެންނެވިއެވެ. ”ކަލޭގެފާނު ހިތްޕުޅާވާ ގޮތަކަށް ކަންތައް ކުރައްވަންވީނު. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނާ އެކު.“
އެރޭ މާތްރަސްކަލާނގެ ބަސްފުޅު ނާޘާން ނަބީކަލޭގެފާނަށް އިއްވެވިއެވެ.
”ގޮސް ތިމަންކަލާނގެ ޚާދިމު ދާއޫދު ގާތު ބުނޭ، ’މިއީ ތިމަންކަލާނގެ ބަސްފުޅޭ: އަޑުއަހާށޭ! ތިމަންކަލާނގެ އުޅުއްވާނެ ގެއެއް ތައްޔާރު ކޮށްދޭން ޖެހެނީ ކަލޭގެފާނުހޭ؟ ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ. ތިމަންކަލާނގެ ދަތުރު ކުރެއްވިއިރު ތިމަންކަލާނގެ މީސްތަކުންގެ މައްޗަށް މަގު ދައްކާ އިސްކުރި އެއްވެސް ވެރިޔެއްގެ ގާތު ތިމަންކަލާނގެއަށް ސަނޫބަރު ލަކުޑިން ގެއެއް އަޅާދޭށޭ ބުނެފައިވޭ ހެއްޔޭ؟‘ “
”ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ. ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ. 10 އަދި ތިމަން ރަސްކަލާނގެ މީހުންނަށް ގޮވައްޗެއް ދެއްވާނަމޭ. އަދި އަދާވާތްތެރިންގެ ފަރާތުން ތިމަންކަލާނގެ މީހުންނަށް އުނދަގުލެއް ނުވާނެ ފަދަ ތަނެއްގައި އެމީހުން ލަހައްޓަވާނަމޭ. 11 އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ.
މިހާރު ތިމަންކަލާނގެ މި ވަޢުދުވެ ވޮޑިގަންނަވަނީ ކަލޭގެފާނުގެ ދަރިކޮޅުން ރަސްކަލުން ފޮނުއްވައި އެ ރަސްކަން ދެމެހެއްޓުމަށޭ. 12 ކަލޭގެފާނުގެ ދުވަސްތައް ނިމި ކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި އަރާމު ކުރަން ދިއުމުން ކަލޭގެފާނުގެ ދަރިޔަކު ރަސްކަމަށް އިސްކުރައްވައި އެ ރަސްކަން ތިމަންކަލާނގެ ބާރުވެރި ކުރައްވައި ދެއްވާނަމޭ. 13 ތިމަންކަލާނގެ ނަންފުޅުގައި ގެއެއް އަޅާނީ އޭނާއޭ، އަދި ތިމަންކަލާނގެ އޭނާ ރަސްކަމުގެ ތަޚުތު އަބަދުވެސް ގާއިމު ކުރައްވާނަމޭ. 14 އެދުވަހުން އޭނާގެ ބަފައަކަށް ވާ ހުށީ ތިމަން ރަސްކަލާނގެއޭ، އަދި އޭނާ ވާހުށީ ތިމަންކަލާނގެ ދަރިއަކަށޭ. އޭނާ ފާފައެއް ކޮށްފިއްޔާ އެހެންވެސް މައިންބަފައިން ފަދައިން އޭނާއަށް ތިމަންކަލާނގެ އަދަބު ދެއްވާހުށީމޭ، 15 އެކަމަކު ޝާއުލް ރަސްގެފާނުގެ ކިބައިން ތިމަންކަލާނގެ ރުހިވޮޑިގަތުން އުފުއްލަވައި ދުރަށް ލެއްވި ފަދައަކުން އޭނާއާ މެދު ތިމަންކަލާނގެވާ ލޯތްބެއް ނުއުފުއްލަވާ ހުށީމޭ. 16 ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.‘ “
17 ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.
ދާއޫދުގެފާނުގެ ދުޢާފުޅު
18 ދާއޫދުގެފާނު ވަޑައިގެން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ދުޢާ ކުރެއްވިއެވެ.
”ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާ މިހާހިސާބަށް ގެންނަވާފައި މިވަނީ މިއަޅާގެ އާއިލާގައި ކޮން މޮޅެއް އޮތީމަތޯ؟ 19 އިނބަރަސްކަލާނގެ މިއަޅާއަށް ތިޔަ ދެއްވާ ޤަދަރު މިހިސާބުންވެސް ނިންމަވާ ނުލައްވައި މިއަޅާގެ ދަރިކޮޅުގެ މީހުންނަށް ވެސް އިނބަރަސްކަލާނގެ މިރަސްމަތިފުޅު ތިޔަދެއްވަނީ.
ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއީ އިނބަރަސްކަލާނގެ ހުރިހާ އިންސާނުންނާމެދު ވެސް ކަންތައް ކުރައްވާ ގޮތްތޯ؟
20 މިދާއޫދު ދެން ދަންނަވާނީވެސް ކީކޭތޯ؟ ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ޚާދިމަކީ ކާކުކަން އިނބަރަސްކަލާނގެއަށް އެނގިވޮޑިގަންނަވާނެ. 21 އިނބަރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް އިނބަރަސްކަލާނގެ އިރާދަފުޅުން މިއޮތްހާ ބޮޑެތިކަންތައް އިނބަރަސްކަލާނގެ ޚާދިމަށް ޓަކައި ތިޔަ ކުރައްވަމުން ގެންދަވަނީ. އަދި އެކަންތައް މިއަޅާއަށް ހާމަވެސް ތިޔަ ކޮށް ދެއްވަވަނީ.
22 އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ. 23 އިނބަރަސްކަލާނގެ މީހުން ކަމަށް ވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ. 24 އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި!
25 އޭ މަތިވެރިރަސްކަލާނގެ! މިއަޅާގެ އާއިލާއަށް ދެއްވާނެކަމަށް ވަޢުދުކުރެއްވި ކަންތައް އެގޮތުގައި ހިންމަވާށި! 26 އެގޮތުން އިނބަރަސްކަލާނގެ ނަންފުޅު ދާއިމަށް މަތިވެރި ކުރައްވާށި! އޭރުން މީސްތަކުން ބުނާނެ. ’އުޑުތަކުގެ ލަޝްކަރުގެވެރި ރަސްކަލާނގެއަކީ އިސްރާއީލުންގެވެސް ވެރި ރަސްކަލާނގެއޭ!‘ އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެ ރަސްމަތިފުށް އިނބަރަސްކަލާނގެ ކުރިފުޅުމަތީގައި އަބަދުވެސް ދަމަހައްޓަވާށި.
27 އޭ މާތްރަސްކަލާނކޯ! އިސްރާއީލްގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ. 28 ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއީ އެންމެ މަތިވެރި ރަސްކަލާނގެ. އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤުތެދު. އިނބަރަސްކަލާނގެ މިއަޅާއަށް ވަޢުދުފުޅު ވަނީ މިއަޅާއާ މެދު ހެޔޮކޮށް ކަންތައް ކުރެއްވުމަށް. 29 އެހެންކަމުން އިނބަރަސްކަލާނގެ ރުއްސެވުން މިއަޅާއަށާއި މިއަޅާގެ އާއިލާއަށް އަބަދުވެސް ބަރަކާތް ލައްވާނެ ފަދައިން މެދުވެރި ކުރައްވާށި! އަދި ދާއިމަށް އިނބަރަސްކަލާނގެ ބެއްލެވުމުގެ ދަށުގައި އަޅަމެން ލަހައްޓަވާށި. ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ބަރަކާތް ތާއަބަދު އިނބަރަސްކަލާނގެ ޚާދިމުގެ ދަރިފަސްކޮޅަށް ލައްވާނެ ކަމުގެ ވަޢުދުފުޅު ކުރެއްވީމު.“