19
ޔުއާބު ދާއޫދުގެފާނަށް އެއްޗެހި ގޮވުން
1 މީހުން ގޮސް ޔުއާބަށް މި ޚަބަރު ދީފިއެވެ. އެމީހުން ބުންޏެވެ. ”ބަލާބަލަ ރަސްގެފާނު އެއޮތްގެން ކީރިތި ކުރައްވައި ހިތާމަފުޅު ކުރައްވަނީ އަބްޝާލޫމު މަރުވެގެން އެކަމާ.“
2 ދާއޫދުގެފާނުގެ ފައުޖުގެ މީހުން އެދުވަހުގެ ހަނގުރާމައިގައި މޮޅުވިއެއްކަމަކު އެ ދުވަސް ހިމެނުނީ ހިތާމައިގެ ދުވަހަކަށެވެ. އެއީ ދާއޫދުގެފާނުގެ ދަރިކަލުން އަވަހާރަވެގެން އެކަމާ އެކަލޭގެފާނު ހިތާމަފުޅު ކުރައްވާތީއެވެ.
3 ދެން އެމީހުން ހިމޭންކަމާއެކު ރަށަށް އަތުވެއްޖެއެވެ. ހަނގުރާމައިން ބަލިވެގެން ލަދުން ފިލަން އައި ބައެއް ފަދައިންނެވެ.
4 ރަސްގެފާނު މޫނުފުޅުމަތީ އަތްޕުޅު ބާއްވައިގެން ހަރުއަޑުން ކީރިތި ކުރައްވަނީއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް މަގޭ ދަރިފުޅު އަބްޝާލޫމް.“
5 ޔުއާބު، ރަސްގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ”މިއަދު ކަލޭގެފާނު ކަލޭގެފާނުގެ އެންމެހާ މީސްތަކުން ދެރަކުރައްވައި ލަދުގަންނަވާލައްވައިފި. ނިކަން ބައްލަވާ އެ ލަޝްކަރު އެންމެން ކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވައި ކަލޭގެފާނުގެ ހުރިހާ އަނބި ދަރިންތަކާއި ޖާރިޔާއިންގެ ފުރާނަ ސަލާމަތް އެ ކޮށްދިނީ. 6 ކަލޭގެފާނު އެމީހުން ކޮށްދިން ކަންތަކާ މެދު ޝުކުރު އަދާ ކުރެއްވުމުގެ ބަދަލުގައި އެމީހުން ދެކެ ތިޔަ ނުރުހުން ފާޅު ކުރައްވަނީ. ކަލޭގެފާނު ލޯބިފުޅުވަނީ ކަލޭގެފާނަށް ނަފްރަތު ކުރާ މީހުން ދެކެ. ކަލޭގެފާނަށް ލޯބިކުރާ މީހުންނާމެދު ކަލޭގެފާނު ތިޔަ ނަފްރަތު ވެ ވަޑައިގަންނަވަނީ. މިއަދު ކަލޭގެފާނު ސާފު ބަހުން ތިޔަ ވިދާޅުވަނީ ކަލޭގެފާނާއެކުގައި މިތިބަ އެންމެހާ ހަނގުރާމަވެރިންނަކީ ކަލޭގެފާނުގެ ކުރިފުޅުމަތީ އެއްވެސް އަގެއް ހުރި ބައެއް ނޫނޭ. އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެން އެންމެން މަރުވެފައި ވެސް އަބްޝާލޫމް ސަލާމަތްވިނަމަ ކަލޭގެފާނު މާ އުފާފުޅުވީސް ހެން. 7 ކަލޭގެފާނު ތެދުވެ ވަޑައިގެން ނުކުންނަވައި ކަލޭގެފާނުގެ މީހުންނަށް ހިތްވަރު ދެއްވާ. ނޫންނަމަ މާތްރަސްކަލާނގެ ގަންދީ ބުނަން މާދަމާ އިރު އަރާއިރަށް ކަލޭގެފާނާއެކު އެކަކުވެސް ނުހުންނާނެ. އޭރުން ކަލޭގެފާނަށް ކުރިމަތިފުޅުވާނީ މިހާތަނަށް ދުވަހަކުވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ވަރުގެ މުސީބާތެއް.“
8 ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ.
ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގަތުން
އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ. 9 އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”އަހަރެމެން ފިލިސްޠީނީންނާއި އެނޫންވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ. 10 އަހަރެމެންގެ ރަސްކަލަކަށް އިސްކުރި އަބްޝާލޫމް ހަނގުރާމައިގައި އަވަހާރަވެއްޖެ. އެހެންވީމާ އަހަރެމެންގެ މައްޗަށް ވެރިކަން ހިންގެވުމަށް އަނެއްކާވެސް ދާއޫދުގެފާނު އިސްނުކޮށް ކަލޭމެން ތިޔަ ތިބެނީ ކީއްވެ؟“
11 ދާއޫދު ރަސްގެފާނު ސަދޫގާއި އަބިޔާތަރު ގާތަށް މީހަކު ފޮނުވައި ވިދާޅުވިއެވެ. ”ޔަހޫޛާގެ ބޮޑުންގެ ގާތަށް ގޮސް މިހެން ބުނޭ، ’ކަލޭމެން ތިމަން ރަސްގެފާނު މި ގަނޑުވަރަށް އަނބުރާ ގެންނަން ބޭނުންވާ އެންމެ ފަހު މީހުންކަމަށް ތިޔަވަނީ ކީއްވެހޭ؟ އަހަރެން އަހައިފީމޭ އެމީހުން އަހަރެން އަނބުރާ އިސްރާއީލުގެ ރަސްކަމަށް ގެންނަން ބޭނުންވެގެން މަޝްވަރާ ކުރަމުން ގެންދާ އަޑު. 12 އެމީހުންގާތު ބުނޭ ކަލޭމެން ތީ އަހަރެންގެ އެއްބަޑުއެއްބަފާ މީހުންނޭ. އަހަރެންގެ އާއިލާގެ މީހުންނޭ. އެހެންވީއިރު އަހަރެން އަނބުރާ ރަސްކަމަށް ގެންނަން ކަލޭމެން ފަސްޖެހެނީ ކީއްވެހޭ؟‘ 13 ޢަމާސާގެ ގާތު ބުނޭ، ’ކަލެއަކީ އަހަރެންގެ އާއިލާގެ މީހެއް ނޫންހޭ؟ ކަލޭ ޔުއާބުގެ ބަދަލުގައި ހަނގުރާމަވެރިންގެ ވެރިޔަކަށް އިސްނުކޮށްފިނަމަ ﷲ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!‘ “
14 މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!“
15 ދެން ރަސްގެފާނު އުރުދުން ކޯރާ ހަމަޔަށް ވަޑައިގެންފިއެވެ. އޭރު ޔަހޫޛާގެ މީހުން އެކަލޭގެފާނަށް މަރުހަބާ ކިއުމަށް އުރުދުން ކޯރުގެ އައްސޭރިއަށް ޖިލްޖާލަށް އައިސް ތިއްބެވެ.
16 ބަންޔާމީންގެ ދަރިކޮޅުގެ ޖީރާގެ ދަރި ޝިމްޢީ ވެސް ރަސްގެފާނަށް މަރުހަބާ ކިޔަން ބަހޫރީމުން އަތުވެއްޖެއެވެ. 17 ބަންޔާމީންގެ ހާހެއްހާ މީހުން ވެސް އޭނާއާއެކު އައެވެ. އެތަނަށް ޝާއުލްގެފާނުގެ ޚާދިމު ސީބާވެސް އައެވެ. ސީބާއާއެކު އޭނާ ގެ ފަނަރަ ދަރިންނާއި ވިހި ޚާދިމުންވެސް އައެވެ. މި އެންމެންވެސް އުރުދުން ކޯރު އައްސޭރީގައި ދާއޫދުގެފާނާއި ބައްދަލު ކުރުމަށް އަވަސް ވެފައި ތިއްބެވެ.
18 މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ.
ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ. 19 ޝިމްޢީ ރަސްގެފާނަށް ދެންނެވިއެވެ. ”ސާހިބުރަސްގެފާނާމެދު އަޅުގަނޑު އެދުވަހު ކަންތައް ކުރިގޮތުގެ މަތިން ހަނދުމަފުޅު ނައްތަވާލައްވާ! ކަލޭގެފާނު ޖެރޫސަލަމުން ނުކުމެ ވަޑައިގެންނެވި ދުވަހު އަޅުގަނޑު އެކުރި ކަންތައް ހިތްޕުޅުން ފިލުވާލައްވާ. 20 އަޅުގަނޑަށް އެނގޭ އަޅުގަނޑު މިވަނީ ކުށްވެރި ވެފައި ކަން. އެހެންނަމަވެސް ޔޫސުފުގެފާނުގެ ދަރިކޮޅުން ކަލޭގެފާނާއި ބައްދަލުކުރަން ފުރަތަމަ އައި މީހަކީ އަޅުނގަނޑު.“
21 އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި ބުންޏެވެ. ”އޭނާ ޖެހޭނީ މަރާލަން. އެގޮތަކީ އޭނާއަކީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކަށް ލަޢުނަތްލައިފައި ހުރިމީހެއް.“
22 ރަސްގެފާނު ވިދާޅުވިއެވެ. ”އަހަންނާ ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ މިކަންތަކާ ހެދު ކަލޭމެން މިއަދު މަށާ ދެކޮޅުވަނީ ކީއްވެ؟ މިއަދު އިސްރާއީލުގެ އެއްވެސް މީހަކު މަރައިގެން ނުވާނެ. މިއަދަކީ އަހަރެން އިސްރާއީލުގެ ރަސްކަމަށް އިސް ވާ ދުވަސްކަމަށް ވާތީ އުފާފާޅުކުރަން ޖެހޭ ދުވަހެއް.“
23 ދެން ދާއޫދުގެފާނު ޝިމްޢީ އަށް ވިދާޅުވިއެވެ. ”ކަލޭ މަރައެއް ނުލާނަން.“ ރަސްގެފާނު ޝިމްޢީ މަރާނުލައްވާނެ ކަމަށް ވަޢުދު ކުރެއްވިއެވެ.
24 ޝާއުލްގެފާނުގެ ކާފަދަރި މަފީބޫޝަތު ވެސް ދާއޫދު ރަސްގެފާނުގެ ފައިންޕުޅުދެކެން އަތުވެއްޖެއެވެ. ރަސްގެފާނު ޖެރޫސަލަމުން ނުކުމެވަޑައިގަތީއްސުރެން އެކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގަންނަވަންދެން އޭނާގެ ފަޔަކަށް ފަރުވާލެއް ނުބަހައްޓައެވެ. މަތިމަހެއް ނުކޮށައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުމެއް ނުދޮވެއެވެ. 25 މަފީބޫޝަތު ކުރެން ރަސްގެފާނު އެއްސެވިއެވެ. ”މަފީބޫޝަތު! އަހަރެން ޖެރޫސަލަމުން ދިޔައިރު އަހަރެމެންނާއެކު ކަލޭ ނައީ ކީއްވެ؟“
26 މަފީބޫޝަތު ޖަވާބު ދިނެވެ. ”އަޅުގަނޑުގެ ސާހިބު ރަސްގެފާނު! އަޅުގަނޑުގެ ޚާދިމު އަޅުގަނޑަށް މަކަރު ހެދީ. އަޅުގަނޑު މީ ކޮރުމީހެއް. އެހެންވެ އަޅުގަނޑުގެ ޚާދިމު ސީބާގާތު ބުނިން ’ގޮސް ހިމާރުގައި ގޮނޑި ބަންނާށޭ. އަޅުގަނޑު ރަސްގެފާނުގެ އަރިހުގައި ދާނަމޭ.‘
27 އެކަމަކު އޭނާ އަޅުގަނޑަށް ކެހިދީފައި ކަލޭގެފާނުގެ އަރިހަށް ގޮސް ކަލޭގެފާނު އަރިހު އަޅުގަނޑު ބަދުނާމު ކޮށް ނެތިމޮށުނީ. އަޅުނގަޑުގެ ސާހިބު ރަސްގެފާނު ތިޔައީ ﷲގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނު ހިތްޕުޅާވާ ގޮތެއް ހައްދަވާ. 28 ކަލޭގެފާނު ބޭނުންފުޅުނަމަ ކާފަގެ މުޅި އާއިލާ އެއްކޮށް ނައްތާ ލެއްވުމުގެ ޙައްޤު އޮތް. ވިޔަސް ކަލޭގެފާނު އެހެނެއް ނުހެއްދެވި. އޭގެ ބަދަލުގައި ކަލޭގެފާނުގެ މޭޒުކޮޅުމަތިން އަޅުގަނޑަށް ކާން ދެއްވީ. އެހެންވީއިރު ކަލޭގެފާނާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް.“
29 ދާއޫދުގެފާނު މަފީބޫޝަތަށް ވިދާޅުވިއެވެ. ”ކަލޭދެން ތިޔަކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެން ނިންމައިފިން ކަލެއާއި ސީބާއާ ދެމީހުންނަށް އެ ބިންތައް ބަހައި ދިނުމަށް.“
30 މަފީބޫޝަތު ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގެންނެވީމާ އަޅުގަނޑަށް އެ ނިމުނީ. ސީބާއަށް އެ ހުރިހާ ބިމެއް ދެއްވާ.“
31 ރޫޖަލީމުން ޖިލްޢާދުގެ ބަރުޒިއްލާއި އައިސް ހުއްޓެވެ. އޭނާ އައީ ދާއޫދު ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރެއްވުމުގެ އާރުކާޓީއެއްގެ ގޮތުގައެވެ. 32 ބަރުޒިއްލާއިއަކީ ވަރަށް މުސްކުޅި މީހެކެވެ. އޭނާއަކީ އަށްޑިހަ އަހަރު ވެފައި ހުރި މީހެކެވެ. ދާއޫދުގެފާނު މަޙަނާއިމުގައި ހުންނެވި އިރު އޭނާ އެކަލޭގެފާނަށް ފަރިއްކޮޅާއި އެނޫންވެސް ތަކެތި ގެނެސް ދީ ހެދިއެވެ. އޭނާއަކީ މުދާވެރިއެއް ވެސް މެއެވެ. 33 ދާއޫދުގެފާނު ބަރުޒިއްލާއިއަށް ވިދާޅުވިއެވެ. ”ކޯރު ހުރަސްކޮށް މަށާއެކު އާދޭ. އަހަރެންނާއެކު ކަލޭ ޖެރޫސަލަމަށް އަތުވެއްޖެއްޔާ އަހަރެން ކަލޭ ގެންގުޅެ ބަލަހައްޓާނަން.“
34 އެކަމަކު ބަރުޒިއްލާއި ރަސްގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވަނީތޯ އަޅުގަނޑު މިއީ ކިހާ މުސްކުޅިމީހެއް ކަން؟ ކަލޭގެފާނަށް ހީފުޅުވަނީތޯ އަޅުގަނޑަށް ކަލޭގެފާނާއެކު ޖެރޫސަލަމަށް ދެވިދާނެޔޭ؟ 35 އަޅުގަނޑު މީ އަށްޑިހަ އަހަރުވެފައި ހުރި މީހެއް. އަޅުގަނޑު މުސްކުޅި ކަމުން އަޅުގަނޑަކަށް ހެވެއް ނުބައެއް ވަކި ކުރާކަށް ނޭނގޭ. އަޅުނގަޑު ކައިބޮއި ހެދިޔަސް އެއަކު ރަހައެއް ނުލާ. އެހާވެސް މުސްކުޅިއެއް އަޅުގަނޑު މިއީ. އަދި އަޅުގަނޑަކަށް އަންހެނުންނާ ފިރިހެނުން ކިޔާ ލަވައިގެ އަޑެއް ވެސް ނީވޭ. ވީއިރު ކަލޭގެފާނު އަޅުގަނޑާމެދު ތިޔަހާވަރަށް އަޅާލައްވަނީ ކީއްވެތޯ؟ 36 ކަލޭގެފާނާއެކު ކޯރު ހުރަސްކޮށް އަޅުގަނޑު ތަންކޮޅަކަށް ހިނގައިދާނަން. އެކަމަކު އަޅުގަނޑު ގެންދަވައި ތިޔަ ދެއްވާ އިނާމެއް އަޅުގަނޑަކަށް ޙައްޤެއް ނޫން. 37 ކަލޭގެފާނުގެ ދީލަތި ކަމާއެކު އަޅުގަނޑު ގެއަށް ފޮނުއްވާ ދެއްވާ. އޭރުން އަޅުގަނޑުގެ ރަށުގައި އަޅުގަނޑު މަރުވެ ހިނގައިދާނެ. އަދި މައިންބަފައިންގެ ގަބުރުސްތާނުގައި ވަޅުލެވިދާނެ. މިތަނުގައި މިހިރީ ކަލޭގެފާނުގެ ޚާދިމު އަޅުގަނޑުގެ ދަރިފުޅު ކިމްހާމު. އޭނާ ކަލޭގެފާނާއެކު ގެންދަވާ. ކަލޭގެފާނު އޭނާއާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާ.“
38 ރަސްގެފާނު ވިދާޅުވިއެވެ. ”ކިމްހާމު އަހަންނާއެކު ދާނެ. ކަލެއަށްޓަކައި އަހަރެން އޭނާއާމެދު ރަނގަޅަށް ކަމޭ ހިތާނަން. އަހަރެން މިހިރީ ކަލޭ ބޭނުންވާ ކޮންމެ ކަމެއް ކޮށް ދޭން.“
39 ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.
40 ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ޖިލްޖާލަށް ވަޑައިގެންފިއެވެ. އޭރު ކިމްހާމު ވެސް އެކަލޭގެފާނާއެކު އައެވެ. އޭރު ޔަހޫޛާގެ ސިފައިން އެންމެންނާއި އިސްރާއީލުގެ ދެބައިކުޅައެއްބައި ސިފައިން ކޯރު އައްސޭރިއަށް އައިސް ތިއްބެވެ.
41 ދެން އިސްރާއީލުގެ އެންމެން ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑުމެންގެ އަޚުންކަމަށް ވާ ޔަހޫޛާގެ މީހުން ކަލޭގެފާނާއި ކަލޭގެފާނުގެ އާއިލާގެ މީހުންނާއި ކަލޭގެފާނުގެ ހުރިހާ އެންމެން ޖަހައިގަނެގެން އުރުދުން ކޯރުގެ އަނެއްފަރާތަށް ގެންދިޔައީ ކީއްވެތޯ؟“
42 ޔަހޫޛާގެ މީހުން އިސްރާއީލުންނަށް ޖަވާބު ދިނެވެ. ”އެގޮތަކީ ރަސްގެފާނަކީ އަހަރެމެންގެ ގާތްތިމާގެ ބޭކަލެއް. އެކަމާ އަހަރެމެންދެކެ ކަލޭމެން ރުޅިއަންނަންވީ ކީއްވެ؟ އަހަރެމެން ކައިބޮއިހަދަނީ ރަސްގެފާނު ޚަރަދު ކުރައްވައިގެންނެއް ނޫން. ރަސްގެފާނު އަހަރެމެންނަކަށް އެއްވެސް ހަދިޔާއެއް ވެސް ދެއްވަނީއެއް ނޫން.“
43 އިސްރާއީލީން ބުންޏެވެ. ”ދާއޫދުގެފާނުގެ ރަސްކަމުގެ މައްޗަށް ދިހަ ގުނަ ޙައްޤު އަހަރެމެންނަށް އޮންނާނެ. އެހެންވީ އިރު އެކަލޭގެފާނުގެ މައްޗަށް ކަލޭމެންނަށް ވުރެ އަހަރެމެން މާއައުލާކަން ބޮޑުވާނެ. ކަލޭމެންގެ ކުރިމަތީގައި އަހަރެމެން ތިޔަހާ ނިކަމެތި ކޮށްލަނީ ކީއްވެތަ؟ ރަސްގެފާނު އަނބުރާ ގެންދަން ފުރަތަމަ ވާހަކަ ދެއްކީވެސް އަހަރެމެންނެއް ނޫންތަ؟“
އެކަމަކު ޔަހޫޛާގެ މީހުން އިސްރާއީލީން ދެރަކޮށްލައިފިއެވެ. އިސްރާއީލީންގެ ބަހަށް ވުރެން ޔަހޫޛާގެ ބަސް ގަދަ ކޮށްފިއެވެ.