ތިމޮތީއަށް ފޮނުވުނު ދެވަނަ ސިޓީ
ތަޢާރަފު
މިދެވަނަ ސިޓީ ތިމޮތީއަށް ޕައުލް ލިޔެފައި ވަނީ އޭނާ ރޯމުގެ ޖަލުގައި ހައްޔަރު ކުރެވިފައިވީ ހިނދުގައެވެ. އަދި އެއީ ރޯމަނުންގެ އަތްދަށުގައި އެންމެ ފަހުފަހަރަށް އޭނާ ހައްޔަރުވެ މަރާލުމުގެ ކުރިންނެވެ.
ޕައުލް އޭނާގެ އުނގަންނައި ދިނުމުގެ ދެވަނަ ދަތުރުގައި ތިމޮތީއަށް ޕައުލްގެ މިމަސައްކަތުގައި ބައިވެރިވެ ހަރަކާތްތެރި ވުމަށް ދައުވަތު ދިނެވެ. އެންމެ ފަހުން މަސީޙީ ޖަމާޢަތުގެ އެހީތެރިއެއްގެ ގޮތުން ހަރަކާތްތެރި ވުމަށް އެފޭސަސްގައި މަޑުކުރުމަށް ޕައުލް ތިމޮތީގެ ފަރާތުން އެދުނެވެ. ތިމޮތީއަށް ލިޔުނު ފުރަތަމަ ސިޓީ އާއި ދެވަނަ ސިޓީ ޕައުލް ލިޔެފައި ވަނީ ތިމޮތީ އެފޭސަސްގައި ވަނިކޮށެވެ.
ޕައުލް މިސިޓީ ލިޔެފައި ވަނީ ތިން ސަބަބެއްގެ މައްޗަށް ބިނާކޮށެވެ.
1. ރޯމަނުން އޭނާއަށް މަރުގެ ޙުކުމް ކުރުމާއިއެކު، އަވަސް މުއްދަތެއްގައި އެމީހުން އޭނާ މަރާލާނެ ކަން އޭނާއަށް އެނގިގެންވުމާއެކު، އޭނާ މަރާލުމުގެ ކުރިން ތިމޮތީ އޭނާ ކައިރިއަށް އައިސް ދެމީހުން އެކުގައި މުއްދަތެއް ހޭދަކުރުމަށް ޕައުލް އެދެވިގެންވާތީއެވެ.
2. އީމާންވެގެންވީ ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި ތިމޮތީ ވަނީ ޕައުލްއަށް ވަރަށް އެހީތެރިވެދީފައެވެ. މިގޮތުގެ މަތިން މާތްސާހިބާއަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް ތިމޮތީއަށް ނަސޭހަތްތެރިވެ ހިތްވަރު ދިނުމަށް ޕައުލް އެދޭތީއެވެ.
3. އެފޭސަސްގައި އީމާންވީ ފަރާތްތަކުގެ މެދުގައި އެކަށީގެންނުވާ ކަންތައްތަކެއް ހިނގަމުންދާކަން އޭނާއަށް އެނގިގެންވުމާއެކު މިކަންތައްތަކާއިމެދު ތިމޮތީ އަމަލު ކުރަންވީ ގޮތް އަންގައިދީ މިކަމާއިމެދު އިންޒާރުކުރުމެވެ.
މުޅި ސިޓީއަށް ބަލާލާއިރު ތިމޮތީ އާއިމެދުގައި ވީ ޕައުލްގެ ލޯތްބާއި އޭނާގެ އެހީތެރިއެއްގެ ހައިސިއްޔަތުން ތިމޮތީގެ މަސައްކަތުގެ އަގު އަންދާސާކޮށްފައިވާ ގޮތް ސާފުކޮށް ހާމަވެއެވެ. އަދި ތިމޮތީވެސް ޕައުލްއަށް ލޮބުވެތިކަމާއިއެކު ޤަދަރުކުރާކަން އޭނާ ދަނެއެވެ. ތިމޮތީ ޕައުލްގެ އިރުޝާދާއި ލަފާ އަޑުއަހައި އަދި ޕައުލަކީ މިސާލެއްކަމުގައި ބަލައިގަނެ ކުރިއަށްދާނެކަމުގައި ޔަޤީންކުރެއެވެ.
ތިމޮތީއަށް ޕައުލް ލިޔުނު މިސިޓީ އޭނާ ލިޔެފައި ވަނީ އޭނާގެ އަމިއްލަ އަތަކުންނޫން ކަމުގައި ލަފާ ކުރެވެއެވެ. ސަބަބަކީ އޭނާ ހިލިހިލާ ޖެހިފައިވުމުން ލިޔުމަށް އުނދަގޫވުމާއި އޭނާގެ މުސްކުޅި ޙާލަތުގެ ސަބަބުން ލޮލުގެ ފެނުމުގެ ބާރު ދެރަވެފައިވުމެވެ. އަދި އޭނާގެ ޒުވާން ދުވަސްވަރުގައިވެސް އޭނާ ކިޔާދީ އަންގައި ދިނުމުން އެހެނިހެން މީސްތަކުން ލައްވާ ޕައުލްވަނީ ލިޔުއްވާފައެވެ. މި ސިޓީ އާއިމެދު ލަފާ ކުރެވެނީ މިގޮތަށް ލިޔެފައިވާ ސިޓީއެއްކަމުގައެވެ. ނަމަވެސް މިފަދައިން ލިޔުއްވާފައިވާ ސިޓީތައް ނިންމާލުމުގެ ކުރިން އޭނާގެ ސިޓީއެއްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ޖުމުލައެއް ނުވަތަ ދެ ޖުމުލައެއް އޭނާގެ އަތުލިޔުމުން ލިޔެފައިވެއެވެ.
ޕައުލް ލިޔުނު ފޮތްތަކުގެ ތެރެއިން 1 ތިމޮތީ އާއި 2 ތިމޮތީގެ އިތުރުން ތީތުސް އަކީ ”އިމާމުންގެ ސިޓީ“ގެ ނަމުގައި ބަލައެވެ. މި ފޮތްތަކުގައި ތިމޮތީއަށާއި ތީތުސްއަށް އިމާމުންގެ މަސްއޫލިއްޔަތާއި ޒިންމާ އާއިމެދު ނަސޭހަތްތެރި ވެފައިވެއެވެ.
މި ސިޓީގައި މުހިންމު ގޮތެއްގައި ޕައުލް ބަޔާން ކޮށްފައި ވަނީ އީސާ އަލްމަސީޙަށްޓަކައި ޚިދުމަތްކުރަން އެދޭ ފަރާތެއް ވާންޖެހޭނީ އީމާންތެރިކަމުގައިވާ ފަހުލަވާނެއްގެ ގޮތުގައި ކަމެވެ. އަދި އެއްވެސް ޙާލަތެއްގައި ލަދުވެތިކަމެއް ނެތި އަލްމަސީޙަށްޓަކައި ވޭނާ އެކު ކުރިޔަށް ދެވޭފަދަ މީހެއް ކަމުގައި ވުމެވެ. ހަމައެކަނި ”އަސްކަރީ“ އަދި ”ހަނގުރާމަ“ މި ދެބަސް އޭނާގެ މި ސިޓީގައި ބޭނުން ކޮށްފައި ވަނީ 2‏:3‏-4 އާއި 4‏:7 ގައެވެ. އެހެނަސް އެތައް ތަނެއްގައި ނަފުސީ އަޚުލާގާއި މެދުގައި ހިތްވަރު ދީފައިވެއެވެ. ޕައުލްގެ މިސިޓީގައި ފަހުލަވާނެއްގެ ހުންނަންޖެހޭ ހިތްވަރާއި ނަފުސީ އަޚުލާގާއިމެދު އަޅާބަލާފައިވެއެވެ. އަދި ތިރީގައި ޕައުލް ހާމަކޮށްފައިމިވާ ދެ ޚިޔާލު އެތައް ތަނެއްގައި ބަޔާން ކޮށްފައި ވެއެވެ. އޭގެތެރެއިން: އީސާގެފާނަށް ތަބާވާ މީހުން ވޭން އުފުލާނެއެވެ. އަދި އީސާގެފާނަށް ތަބާވާ މީހުން އިންޖީލާއިމެދު ލަދުވެތިވެގެން ނުވެއެވެ.
މައިގަނޑު މުހިންމު ކަމެއްގެ ގޮތުގައި ދެވަނައަށް ބަޔާންކޮށް އެދިފައި ވަނީ ޕައުލްގެ ފުށުން ތިމޮތީއަށް ފެނިގެން ގޮސްފައިވާ ކަންތައްތައް މިސާލެއްގެ ގޮތުން ބަލައި ކުރިއަށް ދިޔުމަށެވެ. މި މިސާލުގައި ދެބައި އެކުލެވިގެން ވެއެވެ. އެއީ ޕައުލްގެ އުނގަންނައިދިނުމާއި އޭނާގެ ޢަގީދާ އާއި މާތްރަސްކަލާނގެ ތެދު ބަސްފުޅާއި އެއްގޮތަށް ޙަޔާތް ބައްޓަންކޮށް ސާބިތުވެ ހުރުމެވެ. ދޮގު ޢަގީދާތަކުންނާއި މާތްރަސްކަލާނގެ އެދިވޮޑިގެންނުވާ ގޮތްތަކުން އެއްކިބާވެ ހުރުމަށް ޕައުލް، ތިމޮތީއަށް އިންޒާރު ކޮށްފައިވެއެވެ.
ޕައުލް ތިމޮތީއަށް ފޮނުވި ތަހުނިޔާ (1‏:1‏-2)
މާތްރަސްކަލާނގެ ދެއްކެވި މަސައްކަތް ކުރުމުގައި ސާބިތުވެ ހުރުމަށް ޕައުލް، ތިމޮތީއަށް ދީފައިފައިވާ ހިތްވަރު (1‏:3‏-18)
އީސާ އަލްމަސީޙަށް ޚިދުމަތް ކުރުމުގައި ތިމޮތީއަށް މުސީބާތްތައް ކުރިމަތިވި ކަމުގައި ވިޔަސް ދެގޮތެއް ނުވެ ދެމިހުރުން (2‏:1‏-13)
މާތްރަސްކަލާނގެ އެދިވޮޑިގެންވާފަދަ މަސައްކަތްތެރި އަކަށް ތިމޮތީ ވާންޖެހޭނެކަން (2‏:14‏-26)
ފަހު ޒަމާނުގައި މީސްތަކުންގެ އަމަލުތައް ހުންނާނެ ގޮތާއިމެދު ބުނެދީފައިވާ ބުނުން (3‏:1‏-9)
ތިމޮތީއަށް ޕައުލް ދީފައިވާ ބައެއް އިރުޝާދުތަކާއި މުޤައްދަސް ފަތްފުށްތަކުން މީސްތަކުންނަށް އަންގައިދިނުމުގައި ދެމިހުރުމަށް ދީފައިވާ ހިތްވަރު (3‏:10‏—4‏:8)
ވަގުތާއި ޙާލަތަށް ބަލައި ގިނަ ކަންތައްތަކަކަށް ތިމޮތީގެ ކިބައި ޕައުލް އެދިފައިވާ އެދުން (4‏:9‏-18)
އެފޭސަސްގައި ތިބި މަސީޙީންނަށް ޕައުލް ފޮނުވި ތަހުނިޔާ (4‏:19‏-22)
1
ޕައުލްގެ ތަހުނިޔާ
މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ ޕައުލު ފޮނުވާ ސިޓީއެކެވެ. މާތްރަސްކަލާނގެ އަހަރެން ހޮއްވެވީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ލިބިދެވޭނެ ޙަޔާތުގެ ވަޢުދު ބަސްފުޅު އަންގައި ދިނުމަށްޓަކައެވެ.
ތިމޮތީއެވެ. ތިބާއާއިމެދު އަހަރެންގެ ލޮބުވެތި ދަރިއެއް ފަދައިން ދެކެމެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިބާއަށް ރަޙުމަތާއި ނިޢުމަތުގެ އިތުރުން ސުލްޙަވެރިކަން ދެއްވުމަށް އެދި އަހަރެން ދުޢާ ކުރަމެވެ.
އީމާންތެރިކަމުގައި ދެމިހުރުމަށް ހިތްވަރުދިނުން
ތިމޮތީއެވެ. ތިބާއަށްޓަކައި އަހަރެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވަމެވެ. އެކަލާނގެއީ އަހަރެމެންގެ ކާބަފައިން ފަދައިން އަހަރެންގެ ޒަމީރުގެ ސާފުކަމާއެކު އަހަރެން ޚިދުމަތްކުރާ އަހަރެންގެ ކަލާނގެއެވެ. ރޭގަނޑާއި ދުވާލު އަހަރެންގެ ދުޢާތަކުގައި ތިބާގެ މަތިން އަބަދާއިއަބަދު ހަނދުމަ ކުރެވެއެވެ. އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރުވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.
ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ. އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ. އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާވެސް ތައްޔާރުވެ ހުންނާށެވެ.
އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައިވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތް ފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ. 10 އަހަރެމެންނަށް ދިންނެވުން ލިއްބައިދެއްވާ އީސާ އަލްމަސީޙު ވަޑައިގެންނެވީ އެކަލާނގެ ނިޢުމަތްފުޅު ދައްކުވައި ދެއްވުމަށެވެ. އަދި އަލްމަސީޙު ވަނީ މަރުގެ މައްޗަށް ފަތަޙަ ހޯއްދަވާ އަހަރެމެންނަށް ހެޔޮޚަބަރުފުޅު ދެއްވައި އަބަދަށްޓަކާ ދިރިހުންނެވިކަން ދައްކުވާފައިވާ ފަރާތެވެ. 11 ހަމައެހެންމެ އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ވާޢިޡެއްގެ ގޮތުގައި މާތްރަސްކަލާނގެ އަހަރެން ހަމަޖެއްސެވީ އެ ހެޔޮޚަބަރުފުޅު މީސްތަކުންނަށް އުނގަންނައި ދިނުމަށްޓަކައެވެ.
12 އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.
13 އަހަރެންގެ ފަރާތުން ތިބާއަށް ލިބިގެންދިޔަ ރަނގަޅު ފިލާވަޅުތައް ނަމޫނާގެ ބޭނުން ކުރާށެވެ. އަދި އީމާންތެރިކަމާއެކު ދިރިއުޅުމަށް ހަނދާން ކުރާށެވެ. ހަމަ އެހެންމެ އީސާ އަލްމަސީޙު ތިބާ އާއިމެދު ބަހައްޓާ ލޯތްބާއި އެކުގައިމެއެވެ. 14 ސަމާލުކަން ދޭންވީ އަހަރެމެންގެ ކިބައިގައިވާ އެކަލާނގެ މާތްރޫޙުފުޅުގެ އެހީގައި ތިބާ އާއި ޙަވާލު ކުރެވުނު ކަންތައްތައް ފުރިހަމައަށް ރައްކާތެރިކޮށް ބެލެހެއްޓުމެވެ.
15 ތިބާއަށް އެނގޭނޭ ފަދައިން މިތަނަށް އާސިޔާ ސަރަހައްދުން އައި މަސީޙީ ޖަމާޢަތުގެ އެންމެން އަހަރެންނާ ދެކޮޅުވެ އަހަރެންނާ އެކަހެރިވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނޭ ފިގޭލު އާއި ހެރުމޮޖޭނު ވެސް ހެދީ އެހެންނެވެ. 16 މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރުދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ. 17 އަދި މިއެއްވެސް ނޫނެވެ. އޭނާ ރޯމަށް އައިސް އަހަންނާ ބައްދަލުވުމަށްޓަކައި އަހަރެން ހުރިތަނެއް ވެސް ހޯދިއެވެ. 18 އަލްމަސީޙު އަނބުރާ ވަޑައިގެންނެވުމުން މާތްރަސްކަލާނގެ އޭނާއަށް ރަޙުމަތް ލައްވާނެތެވެ. އަދި އޭނާ އެފޭސުސްގައި އަހަންނަށް އެހީތެރިވީ ވަރު ތިބާއަށް އެނގޭނެއެވެ.