3
ޕަތަރަސް ވާވެފައިވީ ސަލާން ޖަހާ މީހަކު ހެޔޮކުރެއްވުން
1 އެއްދުވަހަކު ޕަތަރަސްއާއި ޔޫޙަންނާ މެންދުރުފަހު ތިނެއް ޖެހިއިރު ދުޢާ ކުރުމުގެ ވަގުތުގައި ބައިތުލް މަޤްދިސްއަށް ދިޔައެވެ.*3:1 ބައިތުލް މަޤްދިސް އަކީ ބަނީއިސްރާއީލު މީހުންގެ އެންމެ މުހިންމު ހަރަމްފުޅެވެ. ބައެއް ލަފުޒުތަކުގެ މާނަ ބަލާ. 2 ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ. 3 ޕަތަރަސްއާއި ޔޫޙަންނާ އެ ދޮރާށިން ވަންނަ ތަން ފެނުމުން މިމީހާ އެމީހުންގެ ކިބައިން ވެސް ލާރިއަށް އެދި ސަލާން ޖެހިއެވެ.
4 ޕަތަރަސްއާއި ޔޫޙަންނާ އެމީހާއި ހަތަރުކަޅި ހަމަކުރިއެވެ. ދެން ޕަތަރަސް އޭނާއަށް ބުންޏެވެ. ”އަހަރެމެންނާއި ދިމާއަށް ބަލާލަބަލަ.“ 5 މިމީހާ ޕަތަރަސް އޭނާއަށް އެއްޗެއް ދޭން އުޅޭ ކަމަށް ހީކޮށް އޭނާ ޕަތަރަސްއާއި ދިމާއަށް ބަލާލިއެވެ. 6 ޕަތަރަސް އޭނާއަށް ބުންޏެވެ. ”އަހަރެންގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް ލާރިއެއް ނެތް. އެކަމަކު އަހަރެންނަށް ދެވެން އޮތް އެއްޗެއް ކަލެއަށް އަހަރެން ދީފާނަން. ނާޒަރަތުގެ އީސާ އަލްމަސީޙުގެ ނަންފުޅުގެ ބާރުގައި ތެދުވެ ހިނގާ.“
7 ދެން ޕަތަރަސް އެމީހާގެ ކަނާއަތުގައި ހިފާ ނެގިއެވެ. އެވަގުތު އޭނާގެ ފައިގައި ބާރުޖެހުނެވެ. 8 ދެން އޭނާ ފުންމައިގެން ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގަން ފެށިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ޕަތަރަސްއާއި ޔޫޙަންނާ އާއި އެކު ބައިތުލް މަޤްދިސްގެތެރެއަށް ދިޔައެވެ.
9 މީނާ އެތާނގައި ހިނގަމުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާކިޔަމުންދާ ތަން އެންމެން ވެސް ދުއްޓެވެ. 10 އެމީހުން މި ކަމާއި ހައިރާންވެ އަޖައިބު ވިއެވެ. އެއީ މިމީހާ އަކީ ކޮންމެ ދުވަހަކު ބައިތުލް މަޤްދިސްގެ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީ ސަލާން ޖަހަން އޮންނަ ވާވެފައިވާ މީހާ ކަން އެމީހުންނަށް އެނގޭތީ އެވެ. ނަމަވެސް މިހާރު އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދު ކުރަމުން އެހެރަ ހިނގަނީއެވެ. 11 މިމީހާ ވީ އުފަލުން ޕަތަރަސްއާއި ޔޫޙަންނާ ދިޔަ ނުދީ އެމީހުން މަޑު ކުރުވައިގެން އެމީހުންނާ ވާހަކަދައްކަން ހުއްޓެވެ. އެތަނުގައި ވީ މީސްތަކުން މި ކަމަށް ހައިރާންވެ އެމީހުން ތިބި ތަނަށް ދުވަމުން ދިޔައެވެ. އެމީހުން ތިބީ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔާތަނުގައެވެ.
ވާނުވާ ބަލަން އައި މީހުންނާއި ޕަތަރަސް ވާހަކަ ދެއްކުން
12 ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން. 13-14 އަހަރެމެންގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް. 15 މިގޮތުން ކަލޭމެން މީސްތަކުންނަށް ދިރިހުރުން ދެއްވާ މީހާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަހަރެމެން އެތަން ދެކި އެކަމަށް ހެކިވަން.
16 މިމީހާ ރަނގަޅުވެފައި އެވަނީ އޭނާ އީސާގެފާނުގެ ނަންފުޅަށް އީމާންވުމުގެ ސަބަބުން. މިމީހާ އަކީ ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ވިހޭސުރެން ދެ ފައި ވާވެފައި ނުހިނގޭ މީހެއް. އޭނާގެ ފައިގައި ވަރުޖެހި އޭނާ ރަނގަޅު އެވީ ކަލޭމެން އެންމެންގެ ކުރިމަތީގަ.
17 އަޚުންނާއި އުޚުތުންނޭ. ކަލޭމެންނާއި ކަލޭމެންގެ ވެރިން އީސާގެފާނާއި ދޭތެރޭ އެ ފަދައިން ކަން ކުރީ އެއީ ކަލޭމެންނަށް އެ ކުރެވެނީ ކޮން ފަދަ ކަމެއްކަން ނޭނގޭތީ. 18 މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ އަލްމަސީޙު އަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަ ވާނެ ކަން އެކަލާނގެ ވަނީ ހުރިހާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާކުރިންސުރެ ވެސް އަންގަވާފަ. މިހާރު މި ކަންތައްތައް ވެ އެ ދިޔައީ އެކަލާނގެ އަންގަވައިފައިވީ ގޮތުގެ މަތިން. 19 ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ހަޒުރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ. 20 އަދި އެކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައިވާ އީސާގެފާނު ކަލޭމެންގެ ކައިރިއަށް އެކަލާނގެ ފޮނުއްވާނެ. 21 ނަމަވެސް މާތްރަސްކަލާނގެ މާކުރިން ސުރެ ވެސް ރަސޫލުންނާއި ނަބީން މެދުވެރިކުރައްވާ އެންގެވި ފަދައިން އެކަލާނގެ ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާ އާކުރައްވަންދެން އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިނުގަތް ސުވަރުގޭގައި މަޑުކުރައްވާނެ. 22 މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް ވިދާޅުވި.
’މަތިވެރި ސާހިބުވަންތަ ރަސްކަލާނގެ އަހަރެން ފަދައިން އެހެން ރަސޫލަކު ހަމަ އަހަރެމެންގެ ތެރެއިން ހޮއްވަވާ، ކަލޭމެންގެ ކައިރިއަށް ފޮނުއްވާނެއޭ. އެކަލޭގެފާނުގެ ބަސްފުޅުތައް ކަލޭމެން ފަރުވާތެރިކަމާއި އެކު ކަނުލާ އަޑުއަހާށޭ. 23 އެއީ އެކަލޭގެފާނުގެ ބަސްތަކަށް އީމާންވެ ކިޔަމަންތެރި ނުވެއްޖެ ކޮންމެ މީހަކީ މާތްރަސްކަލާނގެ ކިބައަށް އީމާންވާ މީސްތަކުންގެ ތެރެއިން ހިމެނޭ މީހަކު ކަމުގައެއް ނުވާނޭ.‘
24 ޞަމޫއީލްގެފާނުން ފެށިގެން ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެއް ވެސް މިއަދު ކަލޭމެންނަށް ތިޔަ ފެނި، އަޑު އިވެމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ އަންގަވާފަ. 25 އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނޭ.‘ 26 މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.“
*3:1 3:1 ބައިތުލް މަޤްދިސް އަކީ ބަނީއިސްރާއީލު މީހުންގެ އެންމެ މުހިންމު ހަރަމްފުޅެވެ. ބައެއް ލަފުޒުތަކުގެ މާނަ ބަލާ.