9
ޝާއުލްގެ ހިތް ބަދަލުވެ ދިންނެވުން ލިބުން
1 ޖެރޫސަލަމުގައި ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ނައްތާލުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ އެކަމުގެ ބޭނުމުގައި އުއްތަމަ އިމާމުގެ އަރިހަށް ވެސް ދިޔައެވެ. 2 އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.
3 ޝާއުލް މި ބޭނުމުގައި ދިމިޝްޤަށް ދިޔައެވެ. އަދި ދިމިޝްޤާއި ވަރަށް ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް އުޑުން އައި ވަރަށް ގަދަ އައްޔެއް އޭނާގެ ވަށައިގެން ވިދައިގެން ދިޔައެވެ. 4 ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟“
5 ޝާއުލް ބުންޏެވެ. ”ސާހިބާ ތިޔައީ ކޮން ބޭކަލެއް؟“
ދެން އޭނާއަށް މިހެން ބުނެވުނު އަޑު އިވުނެވެ. ”މިއީ ކަލޭ އަނިޔާ ދިނުމަށް ތިޔަ އުޅޭ އީސާގެފާނު. 6 ތެދުވޭ. ތެދުވެ ރަށުތެރެއަށް ދޭ. އެ ރަށުގައި މީހަކު ކަލޭ ކަންތައް ކުރަންވީ ގޮތް ކަލެއަށް ބުނެދޭނެ.“
7 ޝާއުލް އާއި އެކު ދަތުރު ކުރަމުން ދިޔަ އެހެން މީހުން ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. އެއީ އެމީހުންނަށް ވެސް މި އަލި ފެނި އަދި އަޑެއްވެސް އިވުނޭ ނަމަވެސް އެމީހުންނަކަށް އެބަސްތަކެއް ނީވެއޭ އަދި އެމީހަކު ވެސް ނުފެނެއެވެ. 8 ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ. 9 އޭގެ ފަހުން ތިން ދުވަސް ވަންދެން އޭނާގެ ލޮލުގެ އަލިކަން ގެއްލިފައި ވިއެވެ. އަދި އެދުވަސްތަކުގައި އޭނާ އެއްވެސް ކާއެއްޗެއް ނުކައެވެ. އަދި ބޯއެއްޗެއް ވެސް ނުބޮޔެވެ.
10 ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ދެކުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”އަނާނިޔާހު.“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”އާދެ މާތްސާހިބާ މިއީ އަޅުގަނޑު.“
11 މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”ތެދުވެގެން ގޮސް ސީދާމަގޭ ކިޔޭ މަގުގައިވާ ޔުދާސްގެ ގެއަށް ދޭ. އެގެއަށް ގޮސް އަހާ އެ ގޭގައި ޝާއުލް އޭ ކިޔާ ތަރުސުސްގެ މީހަކު ވޭހޭ. އޭނާ ހަމަ މި ވަގުތު ތިމަންކަލޭގެފާނުގެ ނަންފުޅުގައި އެބަ ދުޢާ ކުރޭ. 12 އަނާނިޔާހުއޭ ކިޔާ މީހަކު އައިސް އޭނާގެ ގައިގައި އަތްލުމުން އޭނާގެ ލޮލުގެ އަލިކަން ލިބޭނެކަން ހޭލާހުރެ ފެނުނު ހުވަފެނެއްގައި ތިމަންކަލޭގެފާނު އޭނާއަށް އަންގަވައިފިން.“
13 އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް. 14 އަދި އަޅުގަނޑުމެން އަހާފައިވާ ގޮތުގައި އޭނާ ދިމިޝްޤަށް އައީ ވެސް ކަލޭގެފާނަށް އީމާންވާ އެންމެން ހައްޔަރު ކުރުމަށް. އަދި ކަލޭގެފާނަށް އީމާންވެ އަޅުކަން ކުރާ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ބޮޑު އިމާމުންގެ ފަރާތުން އޭނާއަށް އެކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ ސިޓީއެއްވެސް ދީފައިވާ ވާހަކަ އަޅުގަނޑުމެން ވަނީ އަހާފަ.“
15 ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ. 16 ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.“
17 ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“ 18 ދެން އަނާނިޔާހު ޝާއުލްގެ ކޮނޑުގައި އޭނާގެ އަތް ޖައްސާ ދުޢާ ކުރިއެވެ. ހަމަ އެވަގުތު ޝާއުލްގެ ލޮލުން މަހުގެ ހުޅުބުތަކެއް ފަދަ އެއްޗިހިތަކެއް ފައިބަން ފެށިއެވެ. އަދި އޭނާގެ ލޮލުގެ އަލިކަން އަނބުރާ އޭނާއަށް ލިބުނެވެ. އެވަގުތު އަނަނިޔާހު ޝާއުލް ތައުބާގެ ހިނެވުމުން ހިނެވިއެވެ. 19 ދެން އޭނާ ކާއެއްޗެއް ކެއެވެ. އަދި އޭނާގެގައި ވަރު ވެސް ޖެހުނެވެ. ޝާއުލް އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ގާތު ދިމިޝްޤުގައި ދެތިން ދުވަހު މަޑުކުރިއެވެ.
ޝާއުލް ދިމިޝްގާއި ޖެރޫސަލަމުގައި
20 ދެން ހަމަ ވަރަށް އަވަހަށް ޝާއުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ތަންތަނަށް ގޮސް އެތަންތާގައި އީސާގެފާނުގެ ބަސްފުޅުތައް އަންގައިދޭން ފަށައިފިއެވެ. އޭނާ ބުނަމުން ދިޔައެވެ. ”އާއެކޭ. އީސާގެފާނަކީ ހަމަކަށަވަރުން ވެސް މާތްރަސްކަލާނގެ ދަރިކަލުން.“ 21 ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނާނެއެވެ. ”މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދާން.“
22 ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ. 23 މިހެން ކަންތައް ވާތާ ދުވަސްކޮޅެއް ފަހުން ބަނީއިސްރާއީލުގެ ވެރިން މަޝްވަރާ ކޮށް ރޭވީ ޝާއުލް މަރާލުމަށެވެ. 24 ނަމަވެސް ޝާއުލް އަށް މިމީހުންގެ ރޭވުމުގެ ޚަބަރު ލިބިއްޖެއެވެ. އަދި އެމީހުން އެ ރަށުގެ ރަށްބޭރު ދޮރާށީގައި ރެޔާދުވާލު ފާރަލާ ޝާއުލް މަރާލާނެ ފުރުސަތެއްގެ އިންތިޒާރުގައި ވާކަން ވެސް އޭނާ އަށް އެނގިއްޖެއެވެ. 25 ދެން އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކު އެއްރެއަކު ޝާއުލް ބޮޑު ވަށިގަނޑަކަށް ލާ ރަށުގެ ވަށައިގެންވާ ބޮޑުފާރުގައި ހުޅުވިފައިވާ އާނގަޔަކުން އޭނާ ތިރިއަށް ބޭލިއެވެ. އަދި އޭނާއަށް އެރަށް ދޫކޮށް ދިއުމަށް އެހީވެދިނެވެ.
26 ޝާއުލް ޖެރޫސަލަމަށް ގޮސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ޖަމާޢަތުގައި ބައިވެރިވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ތިބީ އޭނާ އާއި ބައްދަލު ކުރުމަށް ބިރުންނެވެ. އެއީ ޝާއުލް އަކީ އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އަމަލު ކުރާ މީހެއް ކަމުގައި ގަބޫލު ކުރަން އެމީހުންނަށް ދަތިވިވަރުންނެވެ. 27 ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ. 28 މި ޚަބަރުތައް އަހާ އީސާގެފާނުގެ މަންދޫބުން ޝާއުލް އަށް އިތުބާރު ކުރިއެވެ. އޭގެ ފަހުން ޝާއުލް އެމީހުންނާއި އެކު ހުރިހާ ތާކަށް ވެސް ދެއެވެ. އަދި ޝާއުލް މުޅި ޖެރޫސަލަމުގެ ތެރޭގައި އީސާގެފާނާއި ބެހޭ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް ބިރެއްނެތި ސާބިތުކަމާއި އެކު މީސްތަކުންނަށް އަންގައިދެމުން ގެންދިޔައެވެ. 29 ޝާއުލް ޖެރޫސަލަމުގައި އުޅުނު ގުރީކު ބަހުން ވާހަކަދައްކާ ބަނީއިސްރާއީލު މީހުންނާއި ވަރަށް ގިނައިން އީސާގެފާނާއި ބެހޭ ގޮތުން ވާހަކަދައްކާ އުޅުނެވެ. އެމީހުންނާއި ޝާއުލް އާއި ދެމެދު މި ކަމާއި ބެހޭ ގޮތުން ވަރަށް ގަދައަށް ބަހުސްތައް ކުރެވެއެވެ. އެހެން ކަމުން އެމީހުން ގަސްތު ކުރީ ޝާއުލް މަރާލުމަށެވެ. 30 ނަމަވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް މި ޚަބަރު ލިބުނެވެ. އެހެން ކަމުން އެމީހުން ޝާއުލް ކައިސަރިޔާ އަށް ގެންދިޔައެވެ. އަދި އެ ރަށުން އޭނާ ތަރުސުސް އަށް ފޮނުވިއެވެ.
31 ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.
ޕަތަރަސް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދިނުން
32 ހަމަ އޭރު ޕަތަރަސް ވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިއުމަށް އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔަމަގުމަތީ އޭނާ ލިއްދާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިޔައެވެ. 33 އެ ރަށުގައި ވީ އޭނިޔާސްއޭ ކިޔުނު މީހަކާއި ޕަތަރަސްއާއި ބައްދަލުވިއެވެ. މިމީހާއަކީ އޭރު ވާބަލީގެ ސަބަބުން އޮތް ތަނުން ނުތެދުވެވޭތާ އަށް އަހަރު ވެފައިވާ މީހެކެވެ. 34 މިމީހާއަށް ޕަތަރަސް ބުންޏެވެ. ”އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ. 35 ދެން ލިއްދާ އާއި އަދި ޝަރޯންގެ މުޅި ސަރަހައްދުގެ ހުރިހާ އެންމެން މި އޭނިޔާސް ހިނގާބިނގާވެ އުޅޭތަން ދެކެ އީސާގެފާނުގެ މައްޗަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރިއެވެ.
36 ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަޤީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ. 37 ޕަތަރަސް ލިއްދާގައި ވަނިކޮށް ތަބީތާ ބަލިވެ އެބަލީގައި އޭނާ މަރުވިއެވެ. ދެން އޭނާގެ ގާތް މީހުން އޭނާ ކަފުންކޮށް ވަޅުލުމަށް ތައްޔާރުކޮށް ގޭގެ މަތީގެ ކޮޓަރިއެއްގައި ބޭއްވިއެވެ. 38 ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”ވީހާވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.“
39 ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ. 40 ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”ތަބިތާ، ތެދުވޭ.“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ. 41 ދެން ޕަތަރަސް އޭނާގެ އަތުގައި ހިފާ އޭނާ ކޮޅަށް ތެދުވުމަށް އެހީވިއެވެ. ދެން ހުރިހާ ފިރި މަރުވެފައިވީ އަންހެނުންނާއި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް އެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދި އެމީހުންނަށް ތަބިތާ މަރުވުމަށް ފަހުން އަލުން ދިރިގެންވާ ތަން ދެއްކިއެވެ.
42 މި ޚަބަރު މުޅި ޖައްފާގައި ފެތުރުނެވެ. އަދި މި ކަމުގެ ސަބަބުން އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ. 43 މިއަށް ފަހު ޕަތަރަސް ޖައްފާގައި ވަރަށް ގިނަ ދުވަހު ހުއްޓެވެ. އޭނާ އެ ރަށުގައި ހުރީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ ޝަމްއޫނުއޭ ކިޔުނު މީހެއްގެ ގޭގައެވެ.