19
ޕައުލް އެފޭސުސްގައި
1 އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ. 2 އޭނާ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”ތިޔަބައިމީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވީ ވަގުތު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވުނު ތަ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ނޫނޭ. ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ. މާތްރަސްކަލާނގެ މާތްރޫޙުފުޅާ ބެހޭ ގޮތުން އަހަރެމެންނަކަށް އެއްވެސް އެއްޗެއް ނޭނގެ.“ 3 ޕައުލް އެމީހުން ކުރެން ސުވާލު ކުރިއެވެ. ”ވީއިރު ކަލޭމެން ހިނެވުނީ ތައުބާގެ ހިނެވުންތަކުގެ ތެރެއިން ކޮން ތައުބާގެ ހިނެވުމަކުންތަ؟“ އެމީހުން ބުންޏެވެ. ”އަހަރެމެން ހިނައިގަތީ ޔަޙުޔާގެފާނު އަންގަވައި ދެއްވި ތައުބާގެ ހިނެވުމުން.“ 4 ޕައުލް އެމީހުންނަށް ބުންޏެވެ. ”ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވީ މީސްތަކުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަމުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން. ނަމަވެސް ޔަޙުޔާގެފާނު މީސްތަކުންނަށް އަންގަވަމުން ދިޔައީ އެކަލޭގެފާނަށް ފަހު އަންނަ ކަލޭގެފާނަށް އީމާންވުމަށް. އެކަލޭގެފާނަކީ އީސާގެފާނު.“
5 އެމީހުންނަށް މި ވާހަކަތައް ހަމަ އިވުމާއި އެކު އެމީހުން އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނައިގަތެވެ.
6 ދެން ޕައުލް އެމީހުންގެ ކޮނޑުގައި އަތްލާ ދުޢާ ކުރުމުން މާތްރޫޙުފުޅު އެމީހުންގެ މައްޗަށް ވެރިވިއެވެ. އެވަގުތު އެމީހުން ތަފާތު ބަސްތަކުން ވާހަކަދައްކާ އަދި މާތްރަސްކަލާނގެ ކުރައްވާނެ މަތިވެރި ކަންތައްތަކުގެ ވާހަކަތައް ދެއްކިއެވެ. 7 މިމީހުންގެ އަދަދަކީ ބާރަ މީހުން ކަމުގައި ވިއެވެ. 8 ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. އޭނާ ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، ޕައުލް ކިޔަވާދެމުންދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ. 9 ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.
10 ޕައުލް މި ގޮތަށް ދެއަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އާސިޔާގެ ސަރަހައްދުގެ*19:10 މިސަރަހައްދަކީ މިހާރުގެ ތުރުކީވިލާތުގެ ހުޅަނގު ސަރަހައްދެވެ. ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.
ޝެވާ އޭ ކިޔުނު އިމާމުގެ ހަތްދަރިން
11 އާދަޔާ ޚިލާފު މުޢުޖިޒާތްތައް ދެއްކުމުގެ ބާރު މާތްރަސްކަލާނގެ ޕައުލް އަށް ދެއްވިއެވެ. 12 އެހެން ކަމުން އޭނާގެ ގައިގައި ބީހިފައިވާ ރުމާލެއް ނުވަތަ ފޮތިކޮޅެއް ވިޔަސް ބަލި މީހުންގެ ގައިގައި އެޅުމުން އެމީހުންގެ ބަލި ފިލައި ރަނގަޅުވަމުން ދިޔައެވެ. އަދި އެމީހެއްގެ ކިބައިގައި ނުބައިރޫޙެއް ވާނަމަ އެރޫޙެއްވެސް އެމީހަކު ދޫކޮށް ވަގުތުން ދެއެވެ.
13 ބަނީއިސްރާއީލު މީހުން ވެސް ނުބައި ރޫޙުތައް އަވަލާފައިވާ މީހުން ރަނގަޅު ކުރަމުން އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔައެވެ. މީގެތެރެއިން ބަޔަކު ނުބައި ރޫޙުތަކުގެ ކިބައިން މީސްތަކުން މިންޖު ކުރުމަށް އީސާގެފާނުގެ ނަންފުޅު ބޭނުން ކުރުމަށް މަސައްކަތް ކުރިއެވެ. އެ ގޮތުން އެމީހުން ނުބައިރޫޙުގެ ބާރުދަށުވެފައިވީ މީހުންނަށް ބުނަމުން ދިޔައެވެ. ”ޕައުލް އެބޭކަލެއްގެ ނަންފުޅުގައި ކިޔަވާދެމުން އެ ދާ ބޭކަލެއް ކަމުގައިވާ އީސާގެފާނުގެ ނަންފުޅުގައި ތިޔަ މީހާ ދޫކޮށް ދިއުމަށް އަހަރެމެން އަމުރުކުރަން.“ 14 އީސާގެފާނުގެ ނަންފުޅު ބޭނުންކޮށް މި ކަން ކުރަމުން ދިޔައީ ސުކޭވާ އޭ ކިޔުނު ބޮޑު އިމާމުގެ ހަތްދަރިންނެވެ. 15 އެމީހުން ނުބައިރޫޙެއްގެ ބާރުދަށުވެފައިވީ މީހަކަށް އެހެން ބުނުމުން އޭނާއާއި އަވަލާފައިވާ ނުބައިރޫޙު އެމީހުންނާއި ދިމާލަށް ބުންޏެވެ. ”އަހަރެންނަށް އީސާގެފާނު އެނގޭ. އަދި ޕައުލް އަކީ ކާކުކަން ވެސް އަހަރެންނަށް އެނގޭ. އެކަމަކު ކަލޭމެން ތިޔައީ ކޮން ބައެއް؟“ 16 ދެން އެ ނުބައި ރޫޙު އަވަލާފައިވާ މީހާ އެމީހުންގެ މައްޗަށް ފުންމައިގަނެ، އެމީހުންގެ ގައިގައި ތަޅާ އަނިޔާ ކުރަން ފެށިއެވެ. ދެން އެމީހުން އެގެއިން ނުކުމެގެން ދުވެދިޔައެވެ. އޭރު އެމީހުންގެ ގައިން ޒަހަމްވެ ލޭ އޮހެރުމުން ދިޔައެވެ. އަދި އެމީހުން ލައިގެން ތިބި އަންނައުނުތައް ވީދި، އެމީހުން ވަނީ އޮރިޔާން ހާލުގައެވެ.
17 މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ. 18 އީމާންވެގެން ތިބި އެތައް ބަޔަކުމެ ފާޅުގައި އެމީހުން ކޮށްފައިވާ ނުބައިކަންތަކަށް އިޢުތިރާފު ވަމުން ދިޔައެވެ. 19 މީގެތެރެއިން ފަންޑިތައިގެ ކަންތައްތައް ކުރަމުން ދިޔަ މީހުން އެމީހުންގެ ފަންޑިތަ ފޮތްތައް ގެނެސް އެންމެންގެ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށް އަންދާލިއެވެ. މި ފޮތްތަކުގެ އަގު އެތަންހާސް ރުފިޔާއެއް ކަމުގައި ވިއެވެ. 20 މި ފަދަ ގޮތްތަކުގެ މަތިން އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ބާރުގަދަ ގޮތެއްގައި ފެތުރި ފުޅާ ވަމުން ދިޔައެވެ.
އެފޭސުސްގެ ބަޣާވާތް
21 ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.“ 22 ޕައުލް ތިމޮތީ އާއި އެރަސްތުސް އޭނާގެ ކުރިން މެސެޑޯނިޔާއަށް ފޮނުވިއެވެ. އަދި ޕައުލް އާސިޔާގައި އިތުރަށް ކުޑަ ދުވަސްކޮޅަކު މަޑު ކުރިއެވެ. 23 ނަމަވެސް އެދުވަސްކޮޅު އީސާގެފާނު ދެއްކެވި މަގާއި ބެހޭ ގޮތުން ވަރަށް ބޮޑު މައްސަލައެއް އެފޭސުސްގައި ފެތުރުނެވެ. 24 މި ކަން ފެށުނީ އެ ރަށުގައި އުޅުނު ދިމެތުރިސް އޭކިޔުނު މީހެއްގެ ސަބަބުންނެވެ. މިމީހާއަކީ ގުރީކު މީހުންގެ އަންހެން ކަލާނގެއެއް ކަމުގައިވާ އަރުތޭމިސް އޭ ކިޔުނު ކަލާނގެ ފައްޅީގެ ކުދި މޮޑެލްތައް ރިހިން ހަދައިގެން ވިއްކުމުގެ ވަރަށް ބޮޑު ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާގެ މުއައްޒިފުންގެ ގޮތުގައި ވެސް އެތައް ބައިވަރު ބަޔަކު މި ފައްޅީގެ ކުދި މޮޑެލްތައް ހެދުމުގެ އަތްތެރި މަސައްކަތް ކުރުމުގައި އުޅުނެވެ. 25 ދިމެތުރިސް އޭނާގެ މުއައްޒިފުންނާއި އަދިވެސް މި ފަދަ އެހެން ވެސް ވިޔަފާރި ކުރާ މީހުންގެ ކައިރީގައި އުޅޭ އަތްތެރި މަސައްކަތް ކުރާ މީހުން އެއްކުރިއެވެ. އަދި އެމީހުންނަށް މި ފަދައިން މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. ”އެންމެ ހާ އަތްތެރި މަސައްކަތް ކުރާ މީހުންނޭ، ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެންނަށް ފައިސާއާއި ތަނަވަސްކަން ލިބެމުން ދަނީ މި ވިޔާފާރިން. 26 ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގަ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫން. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދޭ. 27 ތިޔަ އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެން މި ކަމާމެދު މި ވާހަކަދައްކަނީ ހަމަ އެކަނި އަހަރެމެންގެ ވިޔަފާރިއަށް އާމުންގެ ކިބައިން ލިބެމުންދާ ތަރުޙީބު ގެއްލި އެކަމުގެ އަގު ވެއްޓިދާނެތީ އެކައްޏެއް ނޫން. އަހަރެން ކަންބޮޑުވާ ކަމަކީ އަހަރެމެންގެ ބާރުގަދަ މަތިވެރި އަންހެން ކަލާނގެ އަރުތޭމިސްގެ ފައްޅިއަށް ކުރެވޭ އިޙުތިރާމު ގެއްލި ގޮސް އާސިޔާގެ ސަރަހައްދުގައާއި އަދި މުޅި ދުނިޔޭގައި ވެސް އެކަލާނގެއަކަށް އަޅުކަން ކުރެވެމުންދާ މަތިވެރި ލާމަސީލު އަންހެން ކަލާނގެ ކަމުގައިވާ އަރުތޭމިސްގެ ނުފޫޒު ގެއްލި އެކަލާނގެއަށް ކުރެވޭ ޤަދަރު ނެތިގެން ހިނގައި ދާނެތީ.“
28 މި ވާހަކަތައް އިވުމުން އެތާނގައި ތިބި އެންމެން ރުޅިއައިސް ރަތްވެ އެއްއަޑުން ”މަތިވެރިވެގެން ވަނީ އެފޭސުސްގެ މީހުންގެ ކަލާނގެ އަރުތޭމިސް“ އޭ ގޮވާ ހަޅޭއްލަވަން ފެށިއެވެ. 29 މުޅި ރަށުގައި ހަމަނުޖެހުންފެތުރި ވާނުވާ ނޭނގެން ފެށިއެވެ. ދެން ބަޔަކު ގާޔުސް އާއި އަރިސްތާރުކު އާއި ހިފާ ހައްޔަރުކޮށް އެ ރަށުގެ އެންމެ ބޮޑު ސުޓޭޖު އެޅިފައިވާ ދަނޑަށް ގެންދިޔައެވެ. ގާޔުސް އާއި އަރިސްތާރުކު އަކީ މެސެޑޯނިޔާގެ ދެ މީހުންނެވެ. މި ދެމީހުން އެ ރަށަށް އައީ ޕައުލް އާއި އެކުގައެވެ. 30 ޕައުލް އެތަނަށް ގޮސް އެތަނަށް އެއްވެފައިވާ މީސްތަކުންނާއި ވާހަކަދެއްކުމަށް ގަސްތު ކުރިއެވެ. ނަމަވެސް އީމާންވެގެން ތިބި މީސްތަކުން އޭނާ މި ފަދައިން ކަން ކުރިއަކަށް ނުދިނެވެ. 31 އެ ރަށުގެ ވެރިންގެ ތެރޭގައި ޕައުލްއަށް ހެޔޮއެދޭ ބަޔެއް ވެރިން ވެސް ވިއެވެ. އެމީހުން ވެސް މީހަކު ފޮނުވާ އެތަނަށް ނުދިއުމަށް އެދި ޕައުލްއަށް އާދޭސް ކުރިއެވެ.
32 އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ. 33 އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ. 34 ނަމަވެސް މީސްތަކުންނަށް މި އިސްކަންދަރަކީ ބަނީއިސްރާއީލު މީހެއްކަން އެނގުމުން ދެ ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެއް އަޑުން އެފޭސުސްގެ އަރުތޭމިސް ކަލާނގެ މަތިވެރިއޭ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ. 35 ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟ 36 އެއްވެސް މީހަކަށް މި ކަންތައްތަކަކާއި ދެކޮޅެއް ނެހެދޭނެ. ވީމާ ތިޔަބައިމީހުން މަޑުމައިތިރިވޭ. އަދި ތިޔަބައިމީހުން އެއްވެސް ތާކުންތާކު ނުޖެހޭކަމެއް ކޮށް އަތުންފައިން ގޯހެއް ނަހަދާތި.
37 ތިޔަބައިމީހުން މި ތަނަށް ހައްޔަރުކޮށްގެން ތިޔަ ގެނައި މީހުންނަކީ އަހަރެމެންގެ ފައްޅިއަކުން ވައްކަންކޮށް، އަދި އަހަރެމެންގެ ކަލާނގެއާއި މެދު ނުބައި އެއްޗެއް ކީ ބައެއް ވެސް ނޫން. 38 ދިމެތުރިސް އާއި އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އެމީހުންނާއި މެދު ދަޢުވާކުރަން ބޭނުންނަމަ، އެމީހުންނަށް އެ ދަޢުވާކުރަން ދެވޭނެ ކޯޓުތަކާ ފަނޑިޔާރުން މި ރަށުގައި އެބަވޭ. ވީއިރު އެމީހުން އެތަނަށް ގޮސް އެ ދަޢުވާކުރަން ދޫކޮށްލާ.
39 އަދި މީގެ އިތުރުން ވެސް ކަލޭމެން އެމީހުންނާއި މެދު ކުރަން ބޭނުން ދަޢުވާއެއް ނުވަތަ ޝަކުވާއެއް ވާނަމަ، ދެން އެ ކަންތައް ޖެހޭނީ ރަށުގެ އެންމެ ހާ ރައްޔިތުންގެ އެއްވުމެއް ގަވާއިދުން ބާއްވާ އެކަން އެމީހުންގެ ކުރިމައްޗަށް ހުށައަޅާ އެކަމާ ވާހަކަދައްކާ. 40 މިއަދު މި ވީ ކަންތައްތަކުގެ ސަބަބުން އަހަރެމެންގެ ބޮލުގައި ބަޣާވަތެއް ފެށިކަމުގެ ކުށް ވެސް އެޅިދާނެ. އެ ފަދައިން ކަންވާންވި އެއްވެސް ސަބަބެއް ވެސް ނެތް. އަދި މި ހަމަނުޖުހުން މި އުފެދުނީ ކީއްވެކަން ވެސް އަހަރެމެންނަށް ރަނގަޅަށް ބަޔާންކޮށް ދެއްކޭކަށް ނެތް.“ 41 މިހެން ބުނުމަށް ފަހު އޭނާ މީސްތަކުންނަށް އެންގީ އެތަނުން ދިއުމަށެވެ.