2
މަރުން ޙަޔާތަށް
މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ. އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުންދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ އެންމެތަކުންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ. އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން އެންމެތަކުންނީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.
ނަމަވެސް މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ މަތިވެރިކަން ބޮޑެވެ. އަދި އެކަލާނގެ އަހަރެމެން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވައެވެ. ވީމާ، މާތްރަސްކަލާނގެ ކިބަފުޅަށް އުރެދުމުގެ ސަބަބުން އޭރު އަހަރެމެން ރޫޙާނީ ގޮތުން މަރުވެފައި ވިޔަސް އަލްމަސީޙު އާއި އެކުގައި އެއްބައިވަންތަވުމުން އެކަލާނގެ އާ ޙަޔާތެއް އަހަރެމެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިގެންވެއެވެ. އަހަރެމެން އީސާ އަލްމަސީޙު އާއި އެކުގައި އެއްބައިވަންތަ ކަމުގައި ވުމުން މާތްރަސްކަލާނގެ އަހަރެމެން އަލުން ދިރުއްވިއެވެ. އަދި އެކަލޭގެފާނާއި އެކުގައި އަހަރެމެންނަށް ސުވަރުގެއިން ދަރަޖައެއް ދެއްވިއެވެ. މާތްރަސްކަލާނގެ މިފަދައިން އަމަލު ކުރެއްވީ އީސާ އަލްމަސީޙު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ދެއްވާ އަދަދު ނުކުރެވޭނެ މަތިވެރި ނިޢުމަތްފުޅު ކުރިމަގުގައިވާ ޒަމާންތަކަށް ދެއްކެވުމަށެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިދިނީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އީމާންވުމުން އެކަލާނގެ ނިޢުމަތްފުޅުންނެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިގެންވީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން ކުރި ކަމަކުންނޫނެވެ. އެއީ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި މަތިވެރި ހަދިޔާއެއްމެއެވެ. އަދި އެއީ ތިޔަބައިމީހުން އަމިއްލައަށް ޙާސިލުކުރެވުނު އެއްޗެއްވެސް ނުމެނޫންމެއެވެ. އެހެންވީމާ، މިކަންތައްތަކާ މެދު އެއްވެސް މީހަކަށް ފޮނިކެނޑުމުގު ޖާގައެއް ނުވެއެވެ. 10 އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އީސާއަލްމަސީޙާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައިވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.
އަލްމަސީޙު އާއި އެއްބައިވަންތަވުން
11 އުފަންވުމުގައި ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން މީސްތަކުންނާ މެދުގައި ޚިތާނު ކުރެވިގެން ނުވާ ބައެއް ކަމުގައި ބަނީއިސްރާއީލުން ބުނެއެވެ. އަދި ބަނީއިސްރާއީލުން އެބައިމީހުންނާއި މެދުގައި އެބައިމީހުންނަކީ ޚިތާނު ކުރެވިގެންވާ ބައެއް ކަމުގައި ބުނެއެވެ. (މިކަން ޙަވާލާދެނީ ޖިސްމާނީ ގޮތުން އިންސާނުން ކުރާ ކަމެއް ކަމުގައެވެ.) މާޒީގައި ތިޔަބައިމީހުން ތިބި ޙާލަތާއި މެދުގައި ތިޔަބައިމީހުން ހަނދާންކުރާށެވެ. 12 ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ. 13 އޭރު ތިޔަބައިމީހުން މާތްރަސްކަލާނގެއާއި ދުރުގައި ވިނަމަވެސް މިއަދު ތިޔަބައިމީހުން ވަނީ އަލްމަސީޙު އާއި އެކު އެއްބައިވަންތަކަމުގައެވެ. އަލްމަސީޙު އެކަލޭގެފާނުގެ މުޅި ޙަޔާތުގެ ލޭފޮދު ޤުރުބާން ކުރައްވާ މާތްރަސްކަލާނގެއާއި ތިޔަބައިމީހުން ގާތްކުރެއްވިއެވެ.
14‏-15 ބަނީއިސްރާއީލުގެ ދަރިކޮޅާއި އަދި ބަނީއިސްރާއީލު ދަރިކޮޅުނޫން ފަރާތްތަކާ ދެމެދު އަލްމަސީޙު ސުލްޙަވެރިކަން ގެނެސްދެއްވިއެވެ. އަދި އަހަރެމެން ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ހަތުރުވެރިކަމުގެ ހުރަސް ނެތިކުރައްވާ އަހަރެމެން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އެއްބައިވަންތަކުރުވީ އެކަލޭގެފާނު ސަލީބަށް އެރުވި އަވަހާރަވެ ދިޔުމުންނެވެ. އެހެނީ ބަނީއިސްރާއީލުންނަށް ގިނަގުނަ ގަވާއިދުތަކާއި އަމުރުތައް ތައުރާތުގައި ލިބިފައިވިއެވެ. މި ގަވާއިދުތައް ބާތިލު ކުރައްވައި ބަނީއިސްރާއީލުންނާއި އަދި ބަނީއިސްރާއީލު ނޫން ވަންހަތަކަކީ އެކަލޭގެފާނާއި އެއްބައިވަންތަ ކަމުގެ ގުޅުމުގައި ވުމުން އެއްބައެއް ކަމުގައި ހައްދަވައި ސުލްޙަވެރިކަން ގެނެސްދެއްވި އެވެ. 16 އަދި ސަލީބުގައި އޮންނަވާ އެކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވުމަކީ އެ ދެ ބައިގެ މެދުގައި ވީ ފަސާދަ ނެތިކުރެއްވުމެވެ. އެ ސަލީބު މާނަކޮށްދެނީ މި ދެބައި އެއްބައިވަންތަކަމާއެކު އެއް ހަށިގަނޑެއް ފަދައިން އެބައިމީހުން ސުލްޙަކުރައްވާ މާތްރަސްކަލާނގެ ޙަޟުރަތަށް އިޢާދަ ކުރެއްވިކަމެވެ. 17 ވީމާ، އަލްމަސީޙު ވަޑައިގެން ހެޔޮޚަބަރުފުޅު އެންމެތަކުންނަށް ސުލްޙަވެރިކަން ގެނެސްދެއްވުމަށް ވަޢުޡު އިއްވައި ދެއްވިއެވެ. އެހެނީ މާތްރަސްކަލާނގެ ޙަޟުރަތާއި ދުރުގައިވާ ބަނީއިސްރައީލެއް ނޫން ދަރިކޮޅުގެ މީހުންނާއި އަދި މާތްރަސްކަލާނގެ ޙަޟުރަތާއި ކައިރީގައިވާ ބަނީއިސްރާއީލުގެ ދަރިކޮޅަށްވެސް މެއެވެ. 18 އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން އެންމެތަކުންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟުރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށްވެސް މެއެވެ.
19 އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެންވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ. 20 އަހަރެމެން އެންމެތަކުންނީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ. 21 މުޅި އެ ޢިމާރާތުގެ އެކިއެކި ބައިތައް އަލްމަސީޙު އާއި ގުޅި ލާމެހި އެއްބައިވަންތަކަމުގައި ވެއެވެ. އަދި އެކަލޭގެފާނުގެ ސަބަބުން މި ޢިމާރާތް ހެދި ބޮޑުވެ މުޤައްދަސް ބިނާއެއްގެ ގޮތުގައި މާތްސާހިބާއަށް ހުށަހެޅިގެންވެއެވެ. 22 އަދި، އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން އެއްބައިވަންތަވުމުން، އަލްމަސީޙު މެދުވެރިވެ ވަޑައިގެން ތިޔަބައިމީހުންނާއި އެހެނިހެން މަސީޙިންނާއި ގުޅުން އުފައްދުވައެވެ. މިގޮތުން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން އެކަލާނގެ ވޮޑިގެންވާ މި މުޤައްދަސް ބިނާއެއް ކަމުގައި ތިޔަބައިމީހުންނަށް ލައްވައެވެ.