11
ދޮށީ ދަރިފުޅު މަރުވުން
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަދި އެއް މުސީބާތް މިޞްރުގެ ރަސްގެފާނާއި އޭނާގެ މީހުންގެ މައްޗަށް ފޮނުވާނަން. އޭރުން ކަލޭމެންގެ މީހުން ދިއުމަށް ފިރުޢައުނު ހުއްދަ ދޭނެ. އޭނާ ކަލޭމެން އެންމެން ފޮނުވާލާނީ ގަދަކަމުން. އިސްރާއީލީންގެ ފިރިހެނުންނާއި އަންހެނުންގެ ގާތު ބުނޭ އެމީހުންގެ އަވަށްޓެރި މިޞްރު މީހުން އަތުން ރަނާއި ރިހީގެ ތަކެއްޗަށް އެދޭށޭ.“
މިޞްރު މީހުން އިސްރާއީލުންގެ މީހުންނާ މެދު ޤަދަރު ކުރާނެ ގޮތް މާތްރަސްކަލާނގެ އެމީހުންގެ ހިތްތަކުގައި ލެއްވިއެވެ. އަދި މީގެ އިތުރުން މޫސާގެފާނަކީ ފިރުޢައުނުގެ ވަޒީރުންނާއި އެހެނިހެން މީހުންގެ ކުރިމަތީގައި ނިހާޔަތަށް ޤަދަރު އުފުލިގެންވާ ބޭކަލެއް ކަމުގައިވެސް ވެއްޖެއެވެ.
މޫސާގެފާނު ފިރުޢައުނަށް އެންގެވިއެވެ. ”މާތްރަސްކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ: ’މެންދަމު ވަގުތު ތިމަންކަލާނގެ މިޞްރު ތެރެއިން ލާފައި ދަތުރު ކުރައްވާނަމޭ. އަދި މިޞްރުގެ ކޮންމެ އާއިލާއެއްގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރާނަ ގެންދަވާނަމޭ. ރަސްގެފާނުގެ ވާރިސަކަށް ވާނެ ދަރިފުޅާއި ގޮދަން މުގުރާ އަޅު އަންހެނާގެ ދަރިޔާ ދެމެދުގެ ހުރިހާ ދަރިން މީގެ ތެރޭގައި ހިމެނޭނެޔޭ. ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތިވެސް މަރުވާނެޔޭ. މުޅި މިޞްރުގައި އެއް އަޑަކަށް އިވިގެންދާނީ މީސްމީހުން އަޑުން އަޑުނަގާ ރޯ އަޑޭ. މިފަދަ ރުއިމެއްގެ އަޑު މީގެ ކުރީގައި ދުވަހަކުވެސް އިވިފައެއް ނުވާނެޔޭ. އަދި ނުވެސް އިވޭނެޔޭ. އެކަމަކު ބަނީއިސްރާއީލީންނާ ދިމާއަށް ކުއްތާއެއް ރޮއިލާ އަޑުވެސް ނީވޭނެޔޭ. އެހާވެސް އަމާން ވާނެޔޭ.‘ އޭރުން ކަލޭމެންނަށް އެނގޭނެޔޭ މާތްރަސްކަލާނގެ އިސްރާއީލީންނާއި މިޞްރު މީހުންނާ ދެމެދު ތަފާތު ކުރައްވާކަން. މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުންވެސް ގެންދާށޭ.‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.
އޭގެ ކުރީގައި މާތްރަސްކަލާނގެ ވަނީ މޫސާގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ. ”ފިރުޢައުނު ކަލޭ ބުނާ އެއްޗެއް އަޑެއް ނާހާނެ. އަހަރެން މިޞްރުގެ ބިމުގައި ވަރުގަދަ މުޢުޖިޒާތްތަކެއް ދައްކާނަން.“
10 މޫސާގެފާނާއި ހާރޫނުގެފާނު މި މުޢުޖިޒާތްތަށް ފިރުޢައުނުގެ ކުރިފުޅުމަތީގައި ދެއްކެވިއެވެ. އެކަމަކު މާތްރަސްކަލާނގެ ވަނީ ފިރުޢައުނުގެ ހިތް ހަރު ކުރައްވާފައެވެ. އެހެންކަމުން އޭނާ އިސްރާއީލުންގެ މީހުން ދިޔަކަ ނުދިނެވެ.