ގަލާތިޔާގެ މަސީޙީންނަށް ފޮނުވުނު ސިޓީ
ތަޢާރަފު
މިފޮތަކީ ޕައުލް ގަލީތިޔާގެ މަސީޙީންނަށް ލިއުނު ސިޓީއެކެވެ. ގަލާތިޔާ އޭރު އޮތީ ރޯމުގެ ސަރުކާރުގެ ބާރުގެ ދަށުގައެވެ. އެއީ މިހާރުގެ ތުރުކީގެ ސަރަހައްދެކެވެ.
މިސިޓީ ޕައުލް އެމީހުންނަށް ލިޔުނު ސަބަބަކީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވި ބަޔަކު ގަލާތިޔާއަށް އައިސް އެރަށުގައި އީސާގެފާނަށް އީމާންވެގެންތިބި މީހުންނަށް އަންގައި ދެމުންދިޔަ ދޮގު ވާހަކަތަކެއްގެ ސަބަބުންނެވެ. އެމީހުން ބުނަމުން ދިޔައީ މީހަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނު ދެއްވި ހެޔޮޚަބަރުފުޅު ގަބޫލު ކުރުމަކުން އެކަނި ނުފުދޭނެކަމެވެ. ފުރިހަމަ ގޮތުގައި އެދިންނެވުން ލިބިގަތުމަށް އެމީހުންގެ ތެރެއިން ކޮންމެ ފިރިހެނަކުވެސް ޚިތާނު ކުރެވެން ޖެހޭނެ ކަމަށާއި އަދި މިނޫންވެސް މޫސާގެފާނު މެދުވެރިކުރައްވައި އެންގެވުނު އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންކުރުމުން ނޫނީ އެމީހަކީ މާތްރަސްކަލާނގެ މީސްތަކުންގެ ތެރެއިން ހިމެނޭ މީހަކު ކަމުގައި ނުވާނެ ކަމުގެ ދޮގު ޚަބަރު ތަކެވެ.
މިސިޓީގައި ޕައުލް ވަރަށް ސާފުކޮށް މިކަމާއި އިންކާރުކޮށް، އީސާގެފާނު ދެއްވި އުފާވެރި ދިންނެވުމުގެ ޙަޤީޤީ ތެދު ޚަބަރުފުޅު ސާބިތުކަމާއި އެކު ލިޔެ ގަލާތިޔާގެ މީހުންނަށް އަންގައިދިނެވެ.
ޕައުލް އެންގީ މާތްރަސްކަލާނގެ ރަޙުމަތްފުޅުގެ ސަބަބުން އީސާގެފާނު މެދުވެރިވެ ވަޑައިގެން އަހަރެމެންނަށް ލިބުނު މިނިވަންކަމުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށެވެ. އަދި އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދާއި އެއްގޮތަށް ކަންތައް ކުރުމަކުންނެއް މާތްރަސްކަލާނގެ ދިންނެވުމެއް ނުލިބޭނެ ކަމާއި، އޭރުން އީސާގެފާނުގެ ސަބަބުން އަހަރެމެންނަށް ލިބުނު މިނިވަންކަން ގެއްލި އަމުރުފުޅުތަކާއި ގަވާއިދުތަކުގެ އަޅުވެތި ކަމުގެ ދަށުގައި އަހަރެމެން ވާނެ ކަމުގައި ޕައުލް އެންގިއެވެ.
ޕައުލް އެންގީ މާތްރަސްކަލާނގެ އަހަރެމެން ދިންނެވީ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައް ކޮށްގެން ނޫންކަމަށެވެ. އެއް އެއްވެސް މީހަކަށް ހުރިހާ އަމުރަކާއި ގަވާއިދަކާ އެއްގޮތަށް އެއްވެސް އުނިކަމެއް ނެތި ކަންތަކެއް ނުކުރެވޭނެއެވެ. ވީމާ އެގޮތަކުން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުމެއް ނުލިބޭނެއެވެ. އަހަރެމެންނަށް އެއްވެސް އެހެން ސަބަބަކާއި ނުލާ ހަމައެކަނި އީސާގެފާނަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ރުހިވޮޑިގަތުން ލިބިއްޖެއެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދުތަކުގެ އަޅުވެތިކަމުގެ ދަށުން މިނިވަންވެއްޖެއެވެ.
ނަމަވެސް މި މިނިވަންކަމަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ ފާފަވެރި އެދުންތަކާއި އެއްފަދައިން ކަންތައް ކުރުމަށް ދެއްވާފައިވާ މިނިވަންކަމެއް ނޫނެވެ. މިމިނިވަންކަމަކީ މާތްރޫޙުފުޅު އަހަރެމެންނަށް ބާރުދެއްވުމުން އުފަލާއި އެކު ހިތުގެއަޑިން އެދިގެން މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންވެ އެކަލާނގެ އަހަރެމެންގެ ކިބައިން އެދޭ ފަދައިން ކަންތައް ކުރުމަށްޓަކައި ދެއްވާފައިވާ މިނިވަންކަމެކެވެ. އެއީ ކުރަން މަޖުބޫރުވެގެން ކުރާ ކަންތަކާއި، ހިތުގެއަޑިން އެދިގެން ވާލޯބީގެ ސަބަބުން ކުރާ ކަންތަކާއި ވަރަށް ބޮޑު ފަރަގެއް ހަމަ ޔަޤީނުން ވެސް ވެއެވެ.
ޕައުލް އެންގީ އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށެއްގެ މޭވާއެވެ. އެހެން ކަމުން އަމިއްލަ ނަފްސުގެ ފާފަވެރި އެދުންތަކާއި އެއްގޮތަށް ކަންކުރާ މީހުންނަށް ލިބޭނީ އެކަމުގެ ނަތީޖާއެވެ. އެއީ: ޖިންސީގޮތުން ނުބައި ގުޅުންތައް ހިންގުމާ، ހިތުތެރޭ ނުބައި ނުލަފާ ޚިޔާލުތަށްވުމާ، ވަޙުޝީ އަމަލުތައް ކުރުމަށް ޝައުޤުވެރިވުމާ، ބުދަށް އަޅުކަންކޮށް، ފަންޑިތަ ސިހުރު ހަދައި، މީހުންނަށް ނަފުރަތު ކޮށް، މީހުންނާ ނުގުޅުމާއި، މީހުންނާއި ހަސަދަވެރިވެ، ރުޅިގަދަވެ، އަމިއްލަ އެދުންބޮޑުވެ، ބައިބައިވުން އުފައްދައި، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދެކެ، އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުމާއި، މަސްތުވުމާއި، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ޕާޓީތައް ބާއްވާ އަދި އެހެންވެސް ފާފަތައް ކުރުމެވެ. ޕައުލް އެންގީ މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ހަޒުރަތުގައި އެއްވެސް ޖާގައެއް ނުވާ ކަމުގައެވެ.
ނަމަވެސް މާތްރޫޙުފުޅުގެ ބާރުގެ ދަށުން ކަންކުރާ މީހުންނަށް ލިބޭނީ އެކަމުގެ ފައިދާއެވެ. އެއީ: ލޯބިވުމާއި، އުފާވެރިކަމާއި، ފުރާނައިގެ ހިތްހަމަޖެހުމާއި، ކެތްތެރިކަމާއި، ހިތްހެޔޮކަމާއި، ރަނގަޅުކަމާއި، ތެދުވެރިކަމާއި، އޯގާތެރިކަމާއި އަދި އަމިއްލަ ނަފްސުގެ އެދުންތަކާއި އެއްގޮތަށް ކަންނުކުރުމުގެ ބާރެވެ. އަދި މިފަދައިން ކަންތައް ކުރާ މީހުންނަކީ މާތްރަސްކަލާނގެ މީސްތަކުންގެ ތެރެއިން ހިމެނޭ މީހުން ކަމުގައި ވާނެކަމުގައެވެ.
އީސާގެފާނު މެދުވެރިކުރައްވައި ޕައުލްއަށް އެންގުނު އުފާވެރި ދިންނެވުމުގެ ޚަބަރު ގަލާތިޔާގެ މީހުންނަށް އަންގާދީ އެކަމުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް ބުނި ފަދައިން، އަޅުގަނޑުމެންގެ ވެސް އުންމީދަކީ މިފޮތް ކިޔުއްވާ ހުރިހާ އެންމެންމެ، އީސާގެފާނު މެދުވެރިކުރައްވައި މާތްރަސްކަލާނގެ ދެއްވި މި ރަޙުމަތްފުޅު ލިބިގަނެ، އަމުރުފުޅުތަކާއި ގަވާއިދުތަކުގެ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންވުމެވެ. އެއީ ފުރިހަމަ މިނިވަންކަމަކީ މިއީއެވެ.
1
ތަހުނިޔާ
މިއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕައުލްގެ ފަރާތުން ފޮނުވޭ ސިޓީއެކެވެ. އަހަރެން މި ކަމަށް ހޮވާފައި ވަނީ އިންސާނަކު ނޫނެވެ. އަހަރެން ހޮއްވަވާ ކަނޑައެޅުއްވީ ޚުދު އީސާ އަލްމަސީޙު އާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހު، އަލުން ދިރުއްވި ބައްޕާފުޅު، މަތިވެރި މާތްރަސްކަލާނގެއެވެ. 2‏-3 މިސިޓީ މިފޮނުވަނީ އަހަރެން ޕައުލްގެ ފަރާތުންނާއި އަދި އަހަރެންނާއި އެކުގައިވާ އީސާގެފާނަށް އީމާންވެތިބި އެންމެންގެ ފަރާތުންނެވެ.
ގަލާތިޔާގެ އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމާޢަތަށް ވެދުން ސަލާމް ފޮނުވާ ލިޔަމެވެ. އަހަރެމެންގެ ބައްޕާފުޅު މަތިވެރި މާތްރަސްކަލާނގެއާއި މާތްސާހިބު އީސާ އަލްމަސީޙު ކަލޭމެންނަށް ނިޢުމަތް ދެއްވައި ހިތްހަމަ ޖެހުން ދެއްވާށިއެވެ.
އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.
ހަމަކަށަވަރުންވެސް މަތިވެރިކަމާއި ކީރިތިކަން އަބަދުގެ އަބަދަށްމެ ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށެވެ. އާމީން.
ދިންނެވޭނެ ވަނީ ހަމައެކަނި އެންމެ މަގެއް
މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅާއި ލޯބިފުޅުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރިކުރައްވާ އެކަލާނގެ ކަލޭމެން ދިންނެވިއެވެ. ނަމަވެސް އެދިންނެވުން ދެއްވި ފަރާތް ތިޔަހާއަވަހަށް ހަނދާންނެތި އެދިންނެވުމާއި ދެކޮޅުވެ ކަލޭމެން އެހެން މަގަކަށް އެނބުރުނީތީ އަހަރެން ހަމަ ހައިރާންވެއްޖައީމެވެ. ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ. ކަލޭމެންނަށް އަހަރެމެން އަންގައިދިން އީސާގެފާނުގެ ހެޔޮޚަބަރުފުޅު ފިޔަވާ އެހެން މަގެއް ދައްކަން އަހަރެމެން ނުވަތަ މަލާއިކަތަކު ނަމަވެސް އުޅެފި ނަމަ އެބަޔަކަށް މާތްރަސްކަލާނގެ ކޯފާލައްވާ ފާހުށި. އަހަރެން މިބަސް ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން ގަބޫލުކުރި ޚަބަރުފުޅު ފިޔަވާ އެހެން އެއްވެސް މަގެއް ކަލޭމެންނަށް ދައްކަން އުޅެފި މީހަކަށް މާތްރަސްކަލާނގެ އެކަމުގެ ސަޒާ ނަރަކައިގައި ދެއްވާފާ ހުއްޓެވެ.
10 އަހަރެންގެ އެދުމަކީ މީހުން އަހަރެންނަށް ރުހި ގަބޫލުވުމެއް ނޫނެވެ. އަހަރެން ބޭނުމީ މާތްރަސްކަލާނގެ ރުއްސެވުމެވެ. އަހަރެން މިއުޅެނީ މީހުންގެ ތާއީދު ހޯދަން ހެން ކަލޭމެންނަށް ހީވޭހެއްޔެވެ؟ ނޫނެކެވެ. މީހުންގެ ތާއީދު ހޯދަން އެދޭނަމަ ހަމަ ގައިމުވެސް އަހަރެން އީސާ އަލްމަސީޙުގެ ޚާދިމަކަށް ނުވީމުހެވެ.
ޕައުލް އަންގާދިނީ ސީދާ އީސާގެފާނު އޭނާއަށް އެންގެވި ބަސްފުޅު
11 އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން ކަލޭމެންނަށް އަންގައިދިން ހެޔޮޚަބަރުފުޅަކީ އިންސާނަކު އަމިއްލައަށް ހަދައިގެން ދިން ޚަބަރެއް ނޫނެވެ. ފުރިހަމަ ޔަޤީން ކަމާއި އެކު އަހަރެން މިބުނަނީ ދެތުކަން ކަލޭމެންނަށް ކަށަވަރު ކޮށްދެމެވެ. 12 އެޚަބަރަކީ އެއްވެސް އިންސާނަކު އަހަރެންނަށް ދިން ޚަބަރެއްވެސް ނޫނެވެ. އަދި އެއަކީ އަހަރެން އެހެން އިންސާނެއްގެ ކިބައިން ދަސްކޮށްގެން އައިސް ކަލޭމެންނަށް ކިޔާދިން ވާހަކަތަކެއްވެސް ނޫންމެއެވެ. އެއުފާވެރި ދިންނެވުމުގެ ޚަބަރު އަހަރެންނަށް ދައްކަވާ އަންގަވައިދެއްވީ ޚުދު އީސާ އަލްމަސީޙު އެވެ.*1‏:12 މިއީ ދިމިޝްޤަށް ދާން އޮންނަ މަގުމަތީގައި ޕައުލް އަށް ދިމާވި ހާދިސާއެކެވެ. (މަންދޫބުން ކުރެއްވި މަސައްކަތް 9‏:1‏-6 ބަލަ.) 13 އަހަރެން ކުރީގައި އުޅުނު ގޮތުގެ ވާހަކަތައް ކަލޭމެން ވާނީ އަހާފައެވެ. އަހަރެން ބަނީއިސްރާއީލު މީހުންގެ ދީނުގައި ހަރުދަނާވެ ހުރި ވަރާއި ބެހޭގޮތުންނާއި، އަދި އަހަރެން އީސާގެފާނަށް އީމާންވެގެންވީ އެންމެން ނައްތާލުމަށް، ކުރި ނުބައި އަނިޔާވެރި ކަންތައްތަކުގެ ވާހަކަވެސް ކަލޭމެން ވާނީ އަހާފައެވެ.
14 އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ. 15 ނަމަވެސް މާތްރަސްކަލާނގެ އަހަރެން އުފަންވުމުގެ ކުރީއްސުރެ ރާއްވަވައިފައިވާ ރޭއްވެވުމާއި އެއްގޮތުގެ މަތިން އެކަލާނގެ ކިބަފުޅަށް ޚިދުމަތްކުރުމަށް އަހަރެން ހޮއްވެވިއެވެ. އެއީ އެކަލާނގެ ނިޢުމަތްފުޅުގެ ސަބަބުންނެވެ. 16 އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ. 17 އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ. 18 އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ. 19 ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބު އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ. 20 އަހަރެން މިލިޔާ ހުރިހާ ވާހަކަތަކަކީ ތެދުކަން މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަރެން ޔަޤީން ކޮށްދެމެވެ. 21 ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ. 22 އޭރު އަދި ޖުދެއާ ކަރައިގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން އަހަރެންނެއް ނުދަނެއެވެ. 23 އެމީހުންނަށް އިވިފައި ވަނީ ހަމައެކަނި މީހުން ތުންތުން މަތިން ބުނެފައިވާ މިފަދަ ބަސްތަކެވެ. ”ކުރީގައި އަހަރެމެން މަރާ ނައްތާލުމަށް މަސައްކަތް ކުރި މީހާ މިހާރު އީމާންވެ އޭނާ އޭރު ދެކޮޅުހެދި ދިންނެވުމުގެ ޚަބަރު މީސްތަކުންނަށް އަންގާދެމުން އެބަދޭ.“ 24 ދެން އީސާގެފާނަށް އީމާންވެތިބި ޖަމާޢަތުގެ މީހުން އަހަރެންގެ ސަބަބުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ސަނާކިޔަމުން ދިޔައެވެ.

*1:12 1‏:12 މިއީ ދިމިޝްޤަށް ދާން އޮންނަ މަގުމަތީގައި ޕައުލް އަށް ދިމާވި ހާދިސާއެކެވެ. (މަންދޫބުން ކުރެއްވި މަސައްކަތް 9‏:1‏-6 ބަލަ.)