19
މާތްﷲ ލޫޠުގެފާނު ސަލާމަތްކޮށްދެއްވުން
އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ. ލޫޠުގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރުއްވައި ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.“ އެމަލާއިކަތުން ވިދާޅުވިއެވެ. ”ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.“ ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.
ކޭންބައްލަވައި ނިމިގެން ނިދިކުރެއްވުމަށް ތައްޔާރުވަމުން ދަނިކޮށް ސަދޫމުގެ އެކި ހިސާބުތަކުން ޒުވާނުންނާއި މުސްކުޅި އެތައްބައިވަރު ފިރިހެނުންނެއް އައިސް ލޫޠުގެފާނުގެ ގެކޮޅު ވަށާލިއެވެ. އެމީހުން ހަޅޭއްލަވާ ގޮވަންފެށިއެވެ. ”ކަލޭގެ ގެއަށް މެހެމާނުންގެ ގޮތުގައި އައި ދެމީހުން ކޮބާ؟ އެމީހުން ނެރޭ. އަހަރެމެންނަށް އެމީހުންނާއި އެކު ޖިންސީގުޅުން ހިންގޭނީ އޭރުން.“ ލޫޠުގެފާނު ގެއިން ބޭރަށް ނުކުމެވަޑައިގެން ދޮރުލެއްޕެވިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. ”މަގޭ އެންމެހާ އަޚުންނޭ. އާދޭސްކޮށްފަ ބުނަން. ތިޔަފަދަ ނުބައި ނުލަފާ ކަމެއް ނުކުރޭ. އަހަރެންގެ ބިކުރުވެރި ދެ އަންހެން ދަރިން އެބަތިބި. ތިޔަބައިމީހުން ބޭނުން ކަމެއް ކުރުމަށް އަހަރެން އެކުދިންވެސް ދީފާނަން. އެކަމަކު މިމީހުންނަށް އެއްވެސް ކަމެއް ނުކުރޭ. އެމީހުން އެއީ އަހަރެންގެ މެހެމާނުން އެމީހުން ހިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެއް.“ އެމީހުން ބުންޏެވެ. ”އަދި މީކާކުތަ؟ މީނާ މިއީ މިރަށަށް އައިސް ވަޒަންވެރި ވެގެން އުޅޭ ބިދޭސީއެއް. އެކަމަކު މިހާރު މީނާ އަހަރެމެންނަށް ކަންތައްކުރަންވީ ގޮތް ކިޔާދޭން އެބައުޅެއެންނު. އަހަރެމެން އަދި ކަލެއަށް ހަދާނީ މިމީހުންނަށް ވުރެންވެސް ނުބައިގޮތެއް.“ އެހެން ބުނެފަ އެމީހުން ލޫޠުގެފާނު ކޮއްޕާލައި ދޮރު ހަލާކުކޮށްލަން އުޅުނެވެ. 10 ނަމަވެސް އެވަގުތު އެގޭތެރޭގައި ވީ ދެމަލާއިކަތުން ލޫޠުގެފާނު ދޮރުން އެތެރެއަށް ދަމައިގަންނަވައި ދޮރު ލެއްޕެވިއެވެ. 11 ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށްވެސް ދޮރެއް ނުފެނުނެވެ.
12 އެދެމަލާއިކަތުން ލޫޠުގެފާނަށް ވިދާޅުވިއެވެ. ”ތިބާގެ ދަނބިދަރިއެއް، ފިރިހެންދަރިއެއް، އަންހެންދަރިއެއް އަދި އެހެންވެސް އިތުރު އެއްވެސް ތިމާގެ މީހަކު މިރަށުގައި ވޭތަ؟ ވާނަމަ އެމީހުން ގާތު އަވަހަށް މިރަށުން ދާން ވިދާޅުވޭ. 13 އެހެނީ އަހަރެމެން މި އުޅެނީ މިތަން ފަނާކޮށްލަން. އެމީހުންނާމެދު ކުރެވިފައިވާ ބޮޑުވެގެންވާ ތުހުމަތުގެ އަޑު މާތްރަސްކަލާނގެ އައްސަވައި އަހަރެމެން ފޮނުއްވީ މިރަށް ނައްތާލަން.“
14 ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.“
ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.
15 އެރޭގެ ފަތިހު އެމަލާއިކަތުން ތަކުރާރުކޮށް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”އަވަސްކުރޭ. ތިބާގެ އަނބިމީހާއާއި މިތާ މިތިބަ ތިބާގެ ދެ އަންހެންދަރިން ގޮވައިގެން އަވަހަށް ވަޑައިގަންނަވާ. އެހެން ނޫނީ މިރަށް ނެތިގެން ދާއިރު ތިޔަބައިމީހުންވެސް ނެތިވެ ހިނގައިދާނެ.“ 16 ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނު އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ. 17 އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައިވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!“
18 ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ. 19 ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑުވެސް މަރުވާނެ. 20 އެ އެފެންނަ ކުޑައަވަށަށް ބައްލަވާ. އެއަވަށް އެވަނީ ވަރަށް ކައިރީގަ. އަދި އެއީ ވަރަށް ކުޑަ ތަނެއްވެސްމެ. އެތާނގައި އަޅުގަނޑަށް ރައްކާތެރި ވެވިދާނެ.“ 21 ދެން އެމަލާއިކަތާ ވިދާޅުވިއެވެ. ”އެންމެ ރަނގަޅު އެރަށަށްދޭ. އަހަރެން އެރަށް ނެތިކޮށެއް ނުލާނަން. 22 އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.* 19‏:22 ”ޞޫޣަރު“ މިބަހަކީ ޢިބްރާނީ ބަހުން ”ކުޑަ“ މި ލަފުޒާއި ވަރަށް އެއްގޮތް ނަމެކެވެ.
ސަދޫމު އާއި ޢަމޫރާއަށް ފޮނުއްވުނު ކޯފާ
23 ލޫޠުގެފާނަށް ޞޫޣަރުއަށް ވަޑައިގެންނެވުނީ އިރު އަރަނިކޮށެވެ. 24 މަތިވެރި މާތްރަސްކަލާނގެ އަލިފާނާއި ސަލްފާގެ ވާރެއެއް ސަދޫމުއާއި ޢަމޫރަތަށް ފޮނުއްވެވިއެވެ. 25 އެހެންކަމުން މުޅި އެހިސާބު ކައިރިފަށުގައިވާހާ ރަށަކާ އެރަށްތަކުގައިވާ އެންމެނާ އަދި ހުރިހާ ގަސްގަހާގެއްސަށް ދާނދެން މާތްރަސްކަލާނގެ ނެތިކޮށް ލެއްވިއެވެ. 26 އެވަގުތު ލޫޠުގެފާނުގެ އަނބިކަނބަލުން އެނބުރި އެދިމާއަށް ބައްލަވައިފިއެވެ. ހަމައެހިނދު އެކަނބުލޭގެފާނު ލޮނުގެ ތަނބަކަށް ވެއްޖެއެވެ.
27 ހަމަ އެދުވަހުގެ ހެނދުނު އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު މަތިވެރި މާތްރަސްކަލާނގެ އާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ތަނަށް އެނބުރި ވަޑައިގަތެވެ. 28 އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ. 29 މާތްﷲ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.
ލޫޠުގެފާނާއި އެކަލޭގެފާނު ދެއަންހެންދަރިން
30 ލޫޠުގެފާނު ޞޫޣަރުގައި ދިރިއުޅުއްވަން ބިރުފުޅުގެން އެކަލޭގެފާނު ގެ ދެއަންހެން ދަރިންނާއި އެކު ފަރުބަދައިގައިވާ ހޮހަޅައަކަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިއެވެ. 31 އެއްދުވަހަކު އެދެކުދިންގެ ތެރެއިން ދޮށީ އަންހެންކުއްޖާ ހަގު ކުއްޖާ ގާތު ބުނެފިއެވެ. ”އަހަރެމެންގެ ބައްޕަ އެދަނީ މުސްކުޅިވަމުން. އަދި މުޅި މިސަރަހައްދުގައި ވެސް އަހަރެމެން ކައިވެނި ކުރާނެ އެއްވެސް ފިރިހެނަކު ނެތް. 32 އަހަރެމެންގެ ބައްޕައަށް ރާބޯންދީ މަސްތުކޮށްލައިގެން މިރޭ އޭނާއާއި އެކު ރޭ ކުރަމާ ހިނގާ. އޭރުން އަހަރެމެންނަށް ދަރިންލިބި އަހަރެމެންގެ ދަރިކޮޅު އުވިގެން ނުދާނެ.“
33 އެރޭ ލޫޠުގެފާނުގެ ދެއަންހެން ދަރިން އެކަލޭގެފާނަށް އަމަލުވަންދެން ރާބޯންދިނެވެ. ދެން ދޮށީއަންހެން ދަރިފުޅު އެކަލޭގެފާނާ އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ. 34 އަނެއް ދުވަހު ހެނދުނު ދޮށީ އަންހެންކުއްޖާ ހަގު އަންހެންކުއްޖާއަށް ބުންޏެވެ. ”ރޭގަ އަހަރެން އަހަރެމެންގެ ބައްޕައާއި އެކު ޖިންސީގުޅުން ހިންގައިފިން. އަދި މިރޭވެސް އޭނަޔަށް ރާބޯންދީ އަމަލުކުރަމާ ހިނގާ. ދެން ތިބާޔަށްވެސް އޭނާޔާ ގުޅުން ހިންގައި ދަރިއަކު ހޯދިދާނެ. އޭރުން އަހަރެމެންގެ ދަރިކޮޅު އުވިގެންނެއް ނުދާނެ.“
35 ދެން އެރޭވެސް އެކުދިންގެ ބައްޕައަށް އަމަލުވަންދެން ރާ ބޯން ދީފިއެވެ. ދެން ހަގު އަންހެންދަރިފުޅު ލޫޠުގެފާނާއި އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް މިފަހަރުވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއްވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
36 މިހެން ކަން ހިނގުމުން ލޫޠުގެފާނުގެ ދެއަންހެންދަރިން އެކަލޭގެފާނަށް ބަލިވެ އިނދެއްޖެވެ. 37 ދޮށީދަރިފުޅަށް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް މުއާބުއޭ ކިޔައި ނަންދިނެވެ. އެކުއްޖާ އަކީ މުއާބު މީހުންގެ ކާބަފައިންނެވެ. 38 ހަގުދަރިފުޅަށް ވެސް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް ބަނީ ޢައްމޫން އޭ ކިޔާ ނަންދިނެވެ. އޭނާއަކީ ޢައްމޫނީންގެ ކާބަފައިންނެވެ.

*19:22 19‏:22 ”ޞޫޣަރު“ މިބަހަކީ ޢިބްރާނީ ބަހުން ”ކުޑަ“ މި ލަފުޒާއި ވަރަށް އެއްގޮތް ނަމެކެވެ.