37
ޔޫސުފުގެފާނުގެ ހުވަފެންފުޅު
ޔަޢުޤޫބުގެފާނު ކަންޢާނުގައި ވަޒަންވެރިވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ދިރިއުޅުއްވުން އެރަށުގައި ކުރިއަށް ގެންދެވިއެވެ. އަދި ކަންޢާނުއަކީ އެކަލޭގެފާނުގެ ބައްޕާފުޅު ބީރައްޓެއްސެއްގެ ގޮތުގައި ކުރިން ދިރިއުޅުއްވި ރަށްވެސްމެއެވެ. މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ.
ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުންގެ ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކާވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ. އިސްރާއީލު (ޔަޢުޤޫބުގެފާނު) މުސްކުޅި ޙާލަތުގައި ވެފައިވީ ހިނދު ރާޙީލްގެ ފަރާތުން ޔޫސުފުގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިހެންވުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެހެނިހެން ދަރިންނަށް ވުރެންވެސް ބޮޑަށް ޔޫސުފުގެފާނުދެކެ އެކަލޭގެފާނު ލޯބިފުޅުވެއެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުން އަގުބޮޑު އަތްދިގު ރިދާކޮޅެއް ދެއްވިއެވެ. ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފުރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.
އެއްރެއަކު ޔޫސުފުގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން ދުވަހެއްގައި އެކަލޭގެފާނުގެ އަޚުންނަށް އެ ހުވަފެންފުޅު ކިޔައިދެއްވުމުން އިހުނަށް ވުރެން ބޮޑަށް އެކަލޭގެފާނުގެ އަޚުން ނަފްރަތު ކުރިއެވެ. އެ ހުވަފެންފުޅު ޔޫސުފުގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވެދެއްވިއެވެ. ”އަހަރެންނަށް ފެނުނު ހުވަފެން ތިބާމެންނަށް ކިޔައިދިނުމަށް އަހަރެން ބޭނުން. އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.“ އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން އެންމެތަކުންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެންވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައިވެސް މެއެވެ. މިހުވަފެންފުޅަށް ފަހު އެހެން ހުވަފެންފުޅެއްވެސް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި މި ހުވަފެންފުޅު ވެސް އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވެދެއްވުމުގެ ގޮތުން މިފަދައިން ދެންނެވިއެވެ. ”އަހަރެންނަށް ފެނުނު އެހެން ހުވަފެނެއްގައި އަހަރެންނަށް ޢިއްޒަތާއި ޤަދަރުކޮށް އިރާއި، ހަނދުގެ އިތުރުން އެގާރަ ތަރި އަހަރެންގެ ކުރިމަތީގައި ކުރުނީސްކުރަނިކޮށް އަހަރެންނަށް ފެނުނު.“ 10 ޔޫސުފުގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅުގެ ވާހަކައިން އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަހަރު ޚަބަރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން އަޑުލެއްވިއެވެ. ”ތިޔައީ ކޮންފަދަ ހުވަފެނެއް؟ އަހަރެންނާއި ތިބާގެ މައިމީހާގެ އިތުރުން ތިބާގެ އެންމެހާ އަޚުން ތިބާގެ ކުރިމައްޗަށް އައިސް ގުދުވެ ކުރުނީސް ކުރާނެކަމަށް ތިބާ ގަބޫލުކުރަމުތަ؟“ 11 ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ޙަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.
12 އޭގެ ކުޑަ ދުވަސްކޮޅެއްފަހުން ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެބައިމީހުންގެ ބަފައިކަލުންގެ ކަންބަޅިތައް ގޮވައިގެން ހުއިހެއްޕެވުމަށްޓަކައި ޝަކީމް އާއި ކައިރި ސަރަހައްދަކަށް ދިޔައެވެ. 13 އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް ގޮސް. އަހަރެން ބޭނުންވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.“
ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.“
14 އެހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ.
ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ. 15 އެހިސާބުގައި އެކަލޭގެފާނު ބޭބެމެން ނުފެނިގެން އުޅުއްވަނިކޮށް މީހަކާއި ދިމާވެ ވަޑައިގަތެވެ. އަދި އެމީހާ އެކަލޭގެފާނަށް ދެންނެވިއެވެ. ”ތިބާ ތިޔަ ހޯއްދަވަނީ ކޮންއެއްޗެއް؟“ 16 ޔޫސުފުގެފާނު ޖަވާބު ދެއްވިއެވެ. ”އަހަރެން މި ހޯދަމުން ގެންދަނީ އަހަރެންގެ އަޚުންނާއި އެބައިމީހުންގެ ކަންބަޅިތައް. ތިބާ އެބައިމީހުން ދުށީމުތަ؟“ 17 އެމީހާ ދެންނެވިއެވެ. ”އެބައިމީހުން މިތަން ދޫކޮށް ހިނގައްޖެ. އެބައިމީހުން ދެން ދާނީ ދޫޘާން އަށޭ ބުނިއަޑު އަހަރެން އެހީމު.“ އެހެންވީމާ، ޔޫސުފުގެފާނު ދަތުރުކުރައްވާ އެކަލޭގެފާނުގެ އަޚުން ހޯއްދެވުމަށްޓަކައި ދޫޘާންއަށް ވަޑައިގަތެވެ. އަދި އެ ސަރަހައްދުގައި އެބައިމީހުން ތިއްބާ އެކަލޭގެފާނާއި ބައްދަލުވިމެއެވެ.
ޔޫސުފުގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވުން
18 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ދިމާއަށް ވަޑައިގަންނަވަމުން ގެންދެވިތަން ދުރުން އެބައިމީހުންނަށް ފެނި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް ރޭވުންތައް ރާވަމުން ގެންދިޔައެވެ. 19 އަދި އެބައިމީހުންގެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”ހުވަފެނުގެ ސާހިބާ އެހަރަ ވަޑައިގަންނަވަނީ! 20 އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.“
21 ނަމަވެސް އެބައިމީހުންގެ މި ރޭވުން ރައޫބައިންއަށް އަޑުއިވުނު ހިނދު އެކަލޭގެފާނު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައި މިފަދައިން ބުންޏެވެ. ”އެކަލޭގެ މަރައިލާނޭ ކަމެއްނެތް. 22 އެކަލޭގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގައި އަޅާނޭކަމެއް ނެތްމެ. މި ސަހަރާތެރެއިން ވަޅަކަށް އެކަލޭގެ ވައްޓާލަމާ ހިނގާ. ނަމަވެސް އެކަލޭގެއަށް އަނިޔާ ނުކުރާތި!“ ރައޫބައިންގެ ހިތުގައި މިފަދައިން ރޭވީ ޔޫސުފުގެފާނު ސަލާމަތް ކުރައްވައި ފަހުން އެކަލޭގެފާނުގެ ބަފައިކަލުންނާއި ހަމައަށް އަނބުރާ ފޮނުއްވުމުގެ ނިޔަތުގައެވެ. 23 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ހަމައަށް ވަޑައިގެންނެވުމުން އެމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު ދަމައިގަތެވެ. 24 އަދި އެތަނުގައި ހުރި ފުންވަޅެއްގެ ތެރެއަށް އެކަލޭގެފާނު ވައްޓާލައިފިއެވެ. ޢާންމު ގޮތެއްގައި އެ ވަޅުގެ ބޭނުންކުރަނީ ފެން ރައްކާ ކުރުމަށެވެ. ނަމަވެސް މިހިނދު އެ ވަޅުގެ ފެން ވަނީ ހުސްވެފައެވެ.
25 ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުގެ ތެރެއަށް ވައްޓާލުމަށް ފަހު އެތަނުގައި އެބައިމީހުން ކާން އިށީނެވެ. އެބައިމީހުން ކާންފެށިތަނާހެން ތަންކޮޅެއް ދުރުން އެބައިމީހުންނާއި ދިމާއަށް ގާފިލާއެއް އަންނަތަން ފެނިއްޖެއެވެ. އެއީ ޖިލްޢާދުން މިޞްރަށްދާ އިސްމާޢީލީންގެ ވިޔަފާރި ގާފިލާއެކެވެ. އެބައިމީހުންގެ ޖަމަލުތައް ބަރުކޮށްފައިވީ ހަވާދާއި މީރުވަސްދުވާ ހުވަނދުންނާއި ބާމުންނެވެ.
26 އެހިނދު ޔަހޫޛާ އޭނާ އަޚުންނަށް މިފަދައިން ޚިޔާލު ދިނެވެ. ”އަހަރެމެންގެ ކޮއްކޮ މަރާލާފައި، އެކަލޭގެ ހަށިގަނޑު ފޮރުވުމުން އަހަރެމެންނަށް އެކަމުން ކުރާނީ ކޮންފައިދާއެއް؟ 27 އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ. 28 ދެން އެ ގާފިލާ އެބައިމީހުންނާއި ކައިރިއަށް އައި ހިނދު ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުން ނަންގަވައި މިދްޔާން ވަންހައިގެ ވިޔަފާރިވެރިއަކަށް ވިހި ރިހިފައިސާ ފޮއްޗަށް އެކަލޭގެފާނު ވިއްކާލިއެވެ. ދެން މި ވިޔަފާރިވެރިޔާ އާއިއެކު ގާފިލާގައި އެކަލޭގެފާނު މިޞްރަށް ގެންދިޔައެވެ.
29 ކުޑަހިނދުކޮޅެއް ފަހުން ރައޫބައިން ވަޅުގެ ކައިރިއަށް އައެވެ. އަދި ޔޫސުފުގެފާނު އެވަޅުގެ އެތެރޭގައި ނެތްކަން އެނގުމުން އެކަމާއި އޭނާ ދެރަވާކަން ދެއްކުމުގެ ގޮތުން އޭނާ ލައިގެންހުރި ހެދުން އިރާލިއެވެ. 30 އަދި އޭނާގެ އަޚުންގެ ކައިރިއަށް އެނބުރި ގޮސް މިފަދައިން ބުންޏެވެ. ”އެކަލޭގެ ވަޅުގެ ތެރެއަކު ނެތް! އަހަރެން ދެން ހަދާނީ ކިހިނެއް؟“
31 ނަމަވެސް ޔޫސުފުގެފާނު އަޚުން ގިތެލެއް ކަތިލައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު އެ ޖަނަވާރުގެ ލެއިން ކަޅިކުރިއެވެ. 32 އެއަށް ފަހު އެބައިމީހުން އަތްދިގު ރިދާކޮޅު ހިފައިގެން ގޮސް އެބައިމީހުންގެ ބަފައިކަލުންގެ އަތްޕުޅަށް އަރުވައި މިފަދައިން ދެންނެވިއެވެ. ”މި ރިދާ އަޅުގަނޑުމެންނަށް ފެނުނީ މައިދާނުގެ ތެރެއިން! މިއީ ބަފައިކަލުންގެ ދަރިކަލުން ޔޫސުފުގެ ރިދާކޮޅުތޯ؟“
33 ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.“ 34 މިކަމާއިމެދު ޔަޢުޤޫބުގެފާނު ހިތާމަކުރައްވާ އެކަލޭގެފާނުގެ ފޭރާން ކޮޅު އިރުއްވައި ސުތުލި ފޭރާންކޮޅެއް ތުރުކުރެއްވިއެވެ.*37‏:34 ކެހެރި ފޭރާމަކީ ބަކަރިއާއި ޖަމަލުފަދަ ތަކެތީގެ ކެހެރިން ގޮވާން އެޅުމަށް ހަދާފައި ހުންނަ ގޯނި ހަދާފައިހުންނަ ކެހެރި ނޫނީ ޖަނަވާރުގެ ހަމެވެ. މިއީ އެޒަމާނުގައި ހިތާމަ އާއި ހިތްދަތިކަން ލިބިފައިވާކަން ދެއްކުމަށާއި ތައުބާވެއްޖެކަން މީސްތަކުންނަށް ދައްކައިދިނުމަށް މި ފަދަ ފޭރާމުން އަންނައުނު އަދެއެވެ. އަދި ޔޫސުފުގެފާނު އަވަހާރަވުމުގެ ހިތާމައިގައި އެތައް ދުވަސްތަކެއް ވަންދެން އެކަލޭގެފާނު އުޅުއްވިއެވެ. 35 އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމުގައި މަސައްކަތް ކުރިމެއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގައިވެ.“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.
36 އެހިނދު ޔޫސުފުގެފާނު ގަތް ވިޔަފާރި ގާފިލާއަށް މިޞްރަށް ހިނގައްޖެއެވެ. އަދި އެކަލޭގެފާނު ގަތް މިދްޔާން ވަންހައިގެ ވިޔަފާރިވެރިން މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރުގެ ސަލާމަތީކަންތައް ބަލަހައްޓާ ވަޒީރު ފޫޠީފާރުއޭ ކިޔުނު މީހަކަށް އެކަލޭގެފާނު އަޅުކުއްޖެއްގެ ގޮތުގައި ވިއްކާލެއްވިއެވެ.

*37:34 37‏:34 ކެހެރި ފޭރާމަކީ ބަކަރިއާއި ޖަމަލުފަދަ ތަކެތީގެ ކެހެރިން ގޮވާން އެޅުމަށް ހަދާފައި ހުންނަ ގޯނި ހަދާފައިހުންނަ ކެހެރި ނޫނީ ޖަނަވާރުގެ ހަމެވެ. މިއީ އެޒަމާނުގައި ހިތާމަ އާއި ހިތްދަތިކަން ލިބިފައިވާކަން ދެއްކުމަށާއި ތައުބާވެއްޖެކަން މީސްތަކުންނަށް ދައްކައިދިނުމަށް މި ފަދަ ފޭރާމުން އަންނައުނު އަދެއެވެ.