41
ފިރުޢައުނަށް ފެނުނު ހުވަފެން
1 ދެއަހަރު ދުވަސް ފާއިތުވެދިޔަ ފަހުން މިޞްރުގެ ރަސްގެފާނު ފިރުޢައުނަށް އެރަސްގެފާނު ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުންނެވީތީ ހުވަފެންފުޅެއްގައި ފެނިވަޑައިގަތެވެ. 2 މި ހުވަފެންފުޅުގައި ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި ފެނިވަޑައިގަތެވެ. 3-4 އެއަށް ފަހު ބަލިކަށި، ހުތުރު ހަތްގެރި ކޯރުން އަރައިގެންއައިސް އައްސޭރިފަށުގައި ކުރިން ތިބި ހަތްގެރީގެ ކައިރިއަށް ގޮސް ޅަނދޮޅު، ފަލަ ހަތްގެރި ކައިލިއެވެ. ހުވަފެނުގެ މިހާހިސާބުން ފިރުޢައުނު ރަސްގެފާނަށް ހޭލެވުނެވެ.
5 އިސާހިތަކު ފިރުޢައުނު ރަސްގެފާނު ދެވަނަ ފަހަރަށް އަވަހާރަފުޅުގެ ތެރެއަށް ވެދެވަޑައިގެންނެވުނެވެ. އެހިނދު ދެވަނަ ހުވަފެންފުޅެއް ވެސް ފެނިވަޑައިގަތެވެ. މިފަހަރު ހުވަފެނުގައި ރަސްގެފާނަށް ފެނިވަޑައިގަތީ އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ހުއްޓައެވެ. 6 އެއަށް ފަހު އިތުރު ހަތްކުރާގަނޑު އެ ކުރިން ނުކުތެވެ. ނަމަވެސް މި ހަތްކުރާގަނޑު އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ކަހަލައެވެ. 7 އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު، ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ކައިލިއެވެ. އެހިނދު ފިރުޢައުނު ރަސްގެފާނަށް އަވަހާރަފުޅުން ހޭލެވި އަދި އެއީ އޭނާއަށް ފެނިވަޑައިގެންނެވީ ހުވަފެނެއްކަން އެނގިވަޑައިގެންނެވިއެވެ.
8 ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ.
9 އެހިނދު ފިރުޢައުނު ރަސްގެފާނަށް ބުއިންތައްދޭ ޚާއްސަ ޚާދިމު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑަށް ކުރެވިފައިވީ ކުށަށް މިއަދު އަޅުގަނޑު ތައުބާވަމު. 10 އެއީ އަޅުގަނޑާއި އަދި ސާހިބާއަށް ފަރިއްކޮޅު ތައްޔާރު ކުރާ ޚާދިމުންގެ ވެރިޔާއާ ދެމީހުންދެކެ މަނިކުފާނު ކޯފާވެ ވަޑައިގެން އަޅުގަނޑުމެން ދެމީހުން ގަނޑުވަރުގެ އިސް ފާރަވެރިޔާގެ ޖަލަށްލެއްވީމު. 11 އެއްރެއަކު އަޅުގަނޑުމެން ދެމީހުންނަށްމެ ހުވަފެނެއް ފެނުނު. އަދި އަޅުގަނޑުމެން ދެމީހުންނަށްމެ ފެނުނު ދެ ހުވަފެނުގެ ތަޢުބީރު ތަފާތު ދެ ގޮތަކަށް ކުރެވުނު. 12 އެހިނދު އަޅުގަނޑުމެންނާއި އެކުގައި ގަނޑުވަރުގެ އިސް ފާރަވެރިޔާގެ އަޅުކުއްޖާ ހައްޔަރު ކުރެވިފައިވި. އަޅުގަނޑުމެން ދެމީހުންގެ ހުވަފެން ތަޢުބީރު ކޮށްދިނީ އެ ޢިބްރާނީ އަޅު ކުއްޖާ. 13 އަދި އެ ކުއްޖާ ހުވަފެންތައް ތަޢުބީރު ކޮށްދިން ފަދައިން އެ ހުރިހާ ކަމެއް ވެ ނިމިދިޔަ. އަޅުގަނޑު އިހު ހުރި ވަޒީފާ އަޅުގަނޑަށް ލިބި އަދި މަނިކުފާނަށް ފަރިއްކޮޅު ތައްޔާރު ކުރާ ޚާދިމުންގެ އިސްވެރިޔާ ގަތުލު ކުރެވި އޭނާގެ ހަށިގަނޑު މުޑިއަކަށް ނެގުނުމެ.“
14 ލަސްތަކެއް ނުކުރައްވައި ފިރުޢައުނު ޔޫސުފުގެފާނު ޖަލުން ދަރުބާރަށް ގެނައުމުގެ އަމުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ތުނބުޅި އާއި މަތިމަސް ކޮއްޓަވައި ސާފު އަންނައުނު ތުރުކުރުވައި ރަސްގެފާނުގެ ދަރުބާރަށް ހާޒިރު ކުރެވުނެވެ.
15 ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ވިދާޅުވިއެވެ. ”އަހަރެން ތިބާ މިތަނަށް ހާޒިރު ކުރި ސަބަބަކީ ރޭގައި އަހަރެންނަށް ފެނުނު ހުވަފެން ތަޢުބީރު ކުރުވަން. މިތަނުގައި މިތިބަ އެއްވެސް މީހަކަށް އެ ހުވަފެން ތަޢުބީރު ކޮށްދޭކަށް ނޭނގުނު. ތިބާއަށް ވަރަށް ފުރިހަމައަށް ހުވަފެން ތަޢުބީރު ކުރަން އެނގޭ ކަމުގައި އަހަރެން އަޑުއެހީމު.“
16 ޔޫސުފުގެފާނު ވިދާޅުވިއެވެ. ”ޢިއްޒަތްތެރި ސާހިބާ. ތިޔަފަދަ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ނަފުސަށް ކުޅަދާ ކަންތައްތަކެއް ނޫންމެ. ނަމަވެސް މާތްﷲ މަނިކުފާނު ހިތްޕުޅާވާ ފަދައިން ތިޔަ ހުވަފެންތަކުގެ މާނަ އަންގަވައި ދެއްވާނެ.“
17-18 އެއަށް ފަހު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ. ”އަހަރެންނަށް ފެނުނީ އަހަރެން ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުއްޓައި، ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި. 19 އެއަށް ފަހު ބަލިކަށި ހަތްގެރި ކޯރުން އަރައިގެންއައިސް އައްސޭރިފަށުގައި ކުރިން ތިބި ޅަނދޮޅު، ފަލަ ހަތްގެރީގެ ކައިރިއަށް ދިޔަ ތަން. މި މިޞްރުން ވެސް އެފަދަ ސިފަ ހުތުރުވެގެންވީ ގެރިތަކެއް އަހަރެން ދުވަހަކުވެސް ނުދެކެމު. 20 އަދި އެ ސިފަހުތުރު ނިކަމެތި ވެގެންވީ ހަތްގެރި އެތަނުގައި ވީ ޅަނދޮޅު، ފަލަ ހަތްގެރި ކައިލި. 21 ނަމަވެސް އެ ހިކި ގެރިތަކަށް އެއްވެސް ބަދަލެއް ނާދޭ. އެހާ ހިސާބުން އަހަރެންނަށް ނިދިން ހޭލެވުނު. 22 އެއަށް ފަހު ދެވަނަ ހުވަފެނެއް އަހަރެންނަށް ފެނުނީ އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ވަނިކޮށް. 23 އެއަށް ފަހު އިތުރު ހަތްކުރާގަނޑު އެ ކުރިން ނުކުތް. ނަމަވެސް މި ހަތްކުރާގަނޑު އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ކަހަލަ. 24 އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު ނުކުމެ ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ދިރުވައިލި. އަހަރެންގެ މި ހުވަފެންތައް ކަހީނުންނަށް ކިޔައިދިނީމު. އެހެނަސް އެއިން އެއްވެސް މީހަކަށް މި ހުވަފެންތައް ތަޢުބީރު ކޮށްދޭކަށް ނޭނގުނު.“
ޔޫސުފުގެފާނު ފިރުޢައުނުގެ ހުވަފެން ތަޢުބީރުކޮށްދެއްވުން
25 ރަސްގެފާނުގެ ހުވަފެންފުޅު ޔޫސުފުގެފާނު މިފަދައިން ތަޢުބީރު ކޮށްދެއްވިއެވެ. ”މާތްސާހިބާ. މަނިކުފާނު ފެނިވަޑައިގެންނެވި ދެ ހުވަފެންފުޅުގެ ތަޢުބީރަކީވެސް އެކައްޗެއް. އެ ހުވަފެންތަކުން ދައްކައިދެނީ މާތްﷲ ކަންތައް ކުރައްވާނޭ ގޮތް. 26 ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތްއަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީވެސް ހަމަ ހަތްއަހަރު ދުވަސް. 27 ފަހުން ކޯރުން އަރައިގެން އައި ހުތުރު ބަލިކަށި ހަތް ގެރިއާ އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިފައިވާ ހަތް ކުރާގަނޑު ތަޢުބީރު ކޮށްދެނީ ހަތްއަހަރު ދުވަހުގެ ތަދުމަޑުމަޑު ކަމެއް ކުރިމަތިވާނެކަން. 28 އަޅުގަނޑު މި ދެންނެވި މޭރުމުން މިކަންތައްތައް ހިނގާނެ. މާތްﷲ ރަސްގެފާނަށް އެ ދެއްކެވީ އެކަލާނގެ ކަންތައް ކުރައްވާނެގޮތް. 29 ކުރިއަށް އޮތް ހަތް އަހަރު ދުވަހަކީ މަނިކުފާނަށާއި މުޅި މިޞްރަށް ތިޔާގިކަމާއި ފާގަތި ހަތް އަހަރުދުވަސް ކަމުގައިވާނެ. 30 ނަމަވެސް އޭގެފަހުގައި އަންނަ ހަތްއަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތްއަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތްއަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ. 31 އޭގެ ސަބަބުން ތަނަވަސްކަމާއި ފާގަތި ކަމުގައި ވޭތުކުރި ހަތްއަހަރު ދުވަހުގެ ހަނދާންތައް ހުންނާނެ އެއްވެސް އަހުލުވެރިއެއް މުޅި މިޞްރުގައި ނުހުންނަ ވަރަށް ޙާލުގައި ޖެހިގެންދާނެ. 32 ސާހިބާއަށް ވިދިވިދިގެން އެއް މާނައެއް ދޭހަވާ ދެ ހުވަފެންފުޅެއް ފެނިވަޑައިގަތުމުގެ މާނައަކީ، މިކަމަކީ މާތްﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއްކަން ދެއްކެވުމަށް. އަދި މި ޙާދިސާތައް އެކަލާނގެ އެފަދައިން އަވަސް ގޮތެއްގައި ކުރައްވާނެކަން.
33 އަޅުގަނޑަށް ފެންނަ ގޮތަކީ މުޅި މިޞްރުން ބުއްދިވެރި މީހަކު ހޯއްދަވައި ޢިއްޒަތްތެރި ރަސްގެފާނު އެމީހަކާ މުޅި މިޞްރުގެ އެންމެހާ ކަންތައްތައް ހިންގައި ބެލެހެއްޓުން ހަވާލު ކުރެއްވުން. 34 އެއަށް ފަހު ފާގަތި ހަތްއަހަރު ދުވަހުގައި ލިބޭ ގޮވާމުގެ ފަސްބައިކުޅަ އެއްބައި ރައްކާ ކުރުމަށް މުޅި މިޞްރުން ކަމުވޮށިވެގެންވާ ޚާއްސަ ބަޔަކު ރަސްގެފާނު ހަމަޖައްސަވާ. 35 އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ. 36 އެގޮތުން ތަދުމަޑުކަމުގެ ހަތް އަހަރު ކުރިމަތި ވުމުން ބޭނުންވަރަކަށް ކާނެ އެއްޗެތި ލިބޭނެ. އެހެން ނޫނީ މުޅި ޤައުމު ހަލާކާއި ކުރިމަތިވެ އެންމެން މަރުވެ ނެތިދާނެ.“
މިޞްރުގެ ގަވަރުނަރުކަމަށް ޔޫސުފުގެފާނު ޢައްޔަނު ކުރެއްވުން
37 ޔޫސުފުގެފާނުގެ މި ހުށަހެޅުއްވުންތައް ފިރުޢައުނު ރަސްގެފާނާއި އެ ރަސްގެފާނުގެ ވަޒީރުން ގަބޫލު ކުރެއްވިއެވެ. 38 ދެން ފިރުޢައުނު ރަސްގެފާނު ދަރުބާރުގައިވާ އެންމެތަކުންނަށް ވިދާޅުވިއެވެ. ”ޔޫސުފުއަށް ވުރެން ފުރިހަމައަށް ތިޔަ ކަންތައްތައް ޙައްލު ކުރެވޭނޭ މީހަކު އަހަރެމެންގެ ތެރެއިން ހޯދިދާނެތަ؟ މާތްﷲގެ ރޫޙުފުޅު އޭނާއާއި އެކުގައި ވޮޑިގެންވޭ!“
39 އެއަށް ފަހު ޔޫސުފުގެފާނާއި ދިމާއަށް އެނބުރިވަޑައިގެން ފިރުޢައުނު ވިދާޅުވިއެވެ. ”މި ހުވަފެންތަކުގެ ތަޢުބީރު މާތްﷲ ތިބާއަށް ދައްކުވައި ދެއްވައިފި. އަހަރެމެންގެ ތެރޭގައި މުޅި މިޞްރުން ތިބާއަށް ވުރެން ވަކިން ބުއްދިވެރި މީހަކު ނުމެނެތްމެ. 40 އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. އެންމެތަކުން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.“
41 އަދި ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”މިހިނދުން ފެށިގެން ތިބާ މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޢައްޔަން ކޮށްފީމު.“ 42 އެއަށް ފަހު ފިރުޢައުނު ރަސްގެފާނު އަތްޕުޅުގައިވާ ޝާހީ ނިޝާން ޖަހާފައިވާ އަނގޮޓިކޮޅު އިނގިލިފުޅުން ނަންގަވައި ޔޫސުފުގެފާނުގެ އިނގިލިފުޅުގައި އަޅުއްވައި ޝާހީ ރިދާކޮޅެއް ޔޫސުފުގެފާނަށް ދެއްވައި އަދި އެކަލޭގެފާނުގެ ކަރުފުޅުގައި ޝާހީ ރަންފަށެއް އެޅުއްވިއެވެ. 43 މީގެ އިތުރުން ފިރުޢައުނު ރަސްގެފާނު އޭނާގެ ރަސްކަމުގައިވާ ދެވަނަ ދަރަޖައިގެ ޝާހީ އަސްގާޑިޔާ ކޮޅު ޔޫސުފުގެފާނަށް ދެއްވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ މަގުތަކުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ސިފައިންގެ އިސްވެރިން ގޮސް މިފަދައިން ގޮވުމަށް ވެސް ފިރުޢައުނު އެންގިއެވެ. ”ޔޫސުފަށް މަގުދައްކާ! ޔޫސުފަށް މަގުދައްކާ!“ މިގޮތުގެމަތިން ކަންތައްތައް ކުރެއްވުމަށް ފަހު ފިރުޢައުނު ރަސްގެފާނު މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޔޫސުފުގެފާނު ޢައްޔަނު ކުރެއްވިއެވެ. 44 ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ދެންނެވިއެވެ. ”އަހަރެންނަކީ މިޞްރުގެ ރަސްގެފާނު ނަމަވެސް ތިބާގެ ހުއްދައާ ނުލައި މިޞްރުގެ އެއްވެސް އަހުލުވެރިއަކަށް އެމީހެއްގެ އަތެއްފައެއް ގުޑުވާލުމުގެ ހުއްދައެއް ނޯނާނާނެ ކަމުގައި އަހަރެން ބުނަން.“
45 ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިޞްރު ބަހުން ދެއްވި ނަންފުޅަކީ ޞަފްނާތު ފަޢުނީޙު އެވެ. އަދި ޢައުނުގެ ފާދިރީ ފޫޠީފާރަޢަގެ އަންހެން ދަރިފުޅު އަސްނާތު އާއި ކައިވެނި ކުރުވިއެވެ. އެހެންކަމުން ޔޫސުފުގެފާނު މުޅި މިޞްރުގެ ގަވަރުނަރުކަމާއި ހަވާލުވެ ވަޑައިގެންނެވުނެވެ. 46 މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.
47 ޖެހިގެން އައި ހަތްއަހަރު ދުވަހު މުޅި މިޞްރުގައި ރަނގަޅަށް ގޮވާން ހެދި ފާގަތިކަން ލިބިފައިވިއެވެ. 48 އެ ހަތް އަހަރުތެރޭގައި މިޞްރުގައި ހެއްދުނު ގޮވާންތައް އެކަލޭގެފާނު މިޞްރުގެ އެކި ރަށްރަށުގައި ރައްކާ ކުރެއްވިއެވެ. ކޮންމެ ރަށެއްގައި އެކަލޭގެފާނު ރައްކާ ކުރެއްވީ އެރަށަކާ ކައިރި ހިސާބުގެ ދަނޑުތަކުގައި ހެދުނު ގޮވާންތަކެވެ. 49 މި ހަތްއަހަރު ދުވަސް ނިމުމުގެ ކުރިން ގޮވާމުން ގުދަންތައް ފުރި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރުވެގެން ދިޔައެވެ.
50 މިޞްރުގެ ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ޔޫސުފުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އަސްނާތުއަށް ދެ ފިރިހެން ދަރިކަލުން ލިބިވަޑައިގަތެވެ. 51 ފުރަތަމަ ދަރިކަލުންނަށް ޔޫސުފުގެފާނު މަނައްސާ ގެ ނަމުން ނަންދެވި ހިނދު މިފަދައިން ވިދާޅުވެވުނެވެ. ”މާތްﷲ އަހަރެންގެ އެންމެހާ މުސީބާތްތަކާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާގެ މަތިން ހަނދާން ނެތިކޮށްދެއްވައިފި.“*41:51 ޢިބްރާނީ ބަހުން ”މަނައްސާ“ގެ އަޑުއިވެނީ ”ހަނދާން ނެތިކޮށް ދިނުން“، މިކަހަލަ ގޮތަކަށެވެ. 52 ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެވަނަ ދަރިފުޅަށް އަފްރާއީމް އޭ ކިޔައި ނަން ދެއްވި ހިނދު މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ވޭނާއި މުސީބާތުގައި ވީ ރަށުގައި މާތްﷲ އަހަރެންނަށް ދަރިން ދެއްވައިފި.“†41:52 ޢިބްރާނީ ބަހުން ”އަފްރާއިމް“ މިބަހުގެ އަޑުއިވެނީ ދަރިމައިވުން، މިކަހަލަ ގޮތަކަށެވެ.
53 މިޞްރަށް ތިޔާގިކަން ލިބިގެންވީ ހަތް އަހަރު ނިމުމަކަށް އައެވެ. 54 އަދި ޔޫސުފުގެފާނު ވިދާޅުވި ފަދައިން ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތްއަހަރު މިޞްރަށް ކުރިމަތިވިއެވެ. އަދި މުޅި ސަރަހައްދުގައި ވީ އެކިއެކި ރަށްތަކުގައި ވެސް އެދެވޭ ވަރަށް ކާބޯތަކެތި ލިބިފައި ނުމެނެތް މެއެވެ. ނަމަވެސް މިޞްރުގައި ގިނަޢަދަދަކަށް ގޮވާން ލިބެން ހުއްޓެވެ. 55 މުޅި މިޞްރުގައި ހައިހޫނުކަން އޭގެ ނިހާޔަތުގައި ވިއެވެ. ދެން ކާބޯތަކެއްޗަށް އެދި ރަސްގެފާނަށް މީސްތަކުން އާދޭސް ކުރާންފެށިއެވެ. އެހިނދު ފިރުޢައުނު ރަސްގެފާނު މީސްތަކުންނަށް މިފަދައިން ބުންޏެވެ. ”ތިޔަބައިމީހުންގެ އެދުމާއިގެން ޔޫސުފުގެ ގާތަށް ދޭ. އަދި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލުކުރޭ.“
56 ތަދުމަޑުކަމާއި ހައިހޫނުކަން މުޅި މިޞްރަށް ވެރިވެފައި ވަނީ އޭގެ އިންތިހާގައެވެ. އެހެންވީމާ މިޞްރުގެ އަހުލުވެރިންނަށް ގޮވާންތައް ވިއްކެވުމަށް ޔޫސުފުގެފާނު ގުދަންތައް ހުޅުއްވިއެވެ. 57 އަދި ހަމައެހެންމެ ދުނިޔޭގެ އެކިކަންކޮޅުތަކަށް މި ތަދުމަޑުކަމާއި ހައިހޫނުކަން ކުރިމަތިވެފައި ވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ގޮވާން ގަތުމަށް ޔޫސުފުގެފާނުގެ އަރިހަށް މިޞްރަށް މީސްތަކުން އަންނަމުން ދިޔައެވެ.