އީސާގެފާނަށް އީމާންވާ ޢިބްރާނީންނަށް ފޮނުވުނު ސިޓީ  
ތަޢާރަފު  
ޢިބްރާނީންނަށް*ޢިބްރާނީންނަށް ޢިބްރާނީންނާއި ޔަހޫދީންނާއި ބަނީއިސްރާއީލުންނަކީ އެއްބައެކެވެ. މޫސާގެފާނާއި ދާއޫދުގެފާނާއި އީސާގެފާނު ވަޑައިގަތީ މި ޢިބްރާނީންގެ ތެރޭންނެވެ.  ފޮނުވުނު މިސިޓީ އަސްލުގައި ލިޔެފައި ވަނީ މަސީހީންގެ ޖަމާއަތުގެ މީހުންނަށެވެ. މި މަސީޙީންނަކީ ޔަހޫދީ ދީނުގައި ކުރީގައި ތިބި މީހުންނެވެ. އެމީހުންނަށް ކުރިމަތިވާ އަނިޔާތަކާ ހެދި އެމީހުންގެ ތެރޭން ބަޔަކު އީސާއީ ދީން ދޫކޮށްލާ ހިސާބަށް ކަންތައް ގޮސްފައިވީ ވަގުތެއްގައެވެ. މި ފޮތް ލިއުނު މީހާ އެމީހުންނަށް އަންގައި ދިނީ އީސާގެފާނަކީ ޙަޤީޤީ އަދި އެންމެ ފަހުގެ ވަޙީ ބަސްފުޅު ކަމުގައެވެ. ލިއުނު މީހާ ފާހަގަކޮށްފައި ވަނީ ތިން ޙަޤީޤަތެކެވެ:  
(1) އީސާގެފާނަކީ މާތްކަލާނގެ ދަރިކަލުން ކަމެވެ. އެކަލޭގެފާނު ލިބިވަޑައިގެންނެވި ގަދަ ވޭނުގެ ތެރޭގައިވެސް ބައްޕާފުޅަށް ކިޔަމަންތެރިވުމަށް ދަސްފުޅު ކުރެއްވިއެވެ. އެކަލޭފާނަކީ މާތްކަލާނގެ ދަރިކަލުން ކަމުގައި ވުމުން، ހުރިހާ ނަބީންނަކާއި، ހުރިހާ މަލާއިކަތުންނަކާއި އަދި މޫސާގެފާނަށް ވުރެންވެސް މާމަތިވެރިކަމެވެ.  
(2) މާތްކަލާނގެ އެކަލޭގެފާނަކީ ދާއިމީ އިމާމު ކަމަށް ހެއްދެވިއެވެ. އެހެންވުމުން އެކަލޭގެފާނު ތައުރާތުގައިވާ ހުރިހައި އިމާމުންނަކަށް ވުރެން މަތިވެރިވި އެވެ.  
(3) އީސާގެފާނު މެދުވެރިވެ ވަޑައިގެން އީމާންތެރިންގެ ފާފައިންނާއި ބިރުން އަދި މަރުން މިންޖު ކުރެއްވިއެވެ. އެންމެ މަތިވެރި އިމާމުގެ ހައިސިއްޔަތުން އީސާގެފާނު މީސްތަކުންގެ މައްޗަށް ޙަޤީޤީ ދިންނެވުން ގެނެސް ދެއްވިއެވެ.  
 މިފޮތުގެ 11 ވަނަ ބާބުގައި ލިޔެފައިވާ އިސްރާއީލުގެ މަޝްހޫރު އީމާންތެރިންގެ މިސާލުން މިސާލު ދައްކަމުން، މިފޮތް ލިއުނު މީހާ ވަނީ ކިޔާމީހުން އެންމެ ފަހު ދުވަހާ ހަމަޔަށްވެސް އީމާންކަންމަތީ ދެމިތިބުމަށް (12 ވަނަ ބާބުގައި) އިލްތިމާސްކޮށްފައެވެ. އަދި އީސާގެފާނުގެ މައްޗަށް ނަޒަރު ހުއްޓާލައިގެން ތިބުމަށް ވެސް ގޮވާލާފައިވެއެވެ. އަދި ތިމާއަށް ލިބޭނެ ވޭނަކާއި ބޭއިންސާފެއްގެ މައްޗަށް ކެތްތެރިވެ ތިބުމަށް ވެސް ވަސިއްޔަތް ކޮށްފައި ވެއެވެ. ފޮތް ނިންމާލާފައިވަނީ ނަސޭހަތާއި އިންޒާރުގެ ބަސްތަކަކުންނެވެ.  
އެކުލެވޭ މައިގަނޑު ބައިތައް  
އީސާގެފާނަކީ މާތްކަލާނގެ ބާވައިލެއްވި އެންމެ ފުރިހަމަ ވަޙީ ކަން (1:1-3)  
އެކަލޭގެފާނު މަލާއިކަތުންނަށް ވުރެން މަތިވެރިކަން (1:4—2:18)  
އީސާގެފާނު މޫސާގެފާނާއި ޔަޝޫޢުގެފާނަށް ވުރެން މަތިވެރިކަން (3:1—4:13)  
އީސާގެފާނުގެ މަތިވެރި އިމާމުކަން (4:14—7:28)  
އީސާގެފާނުގެ ޢަހުދުނާމާގެ މަތިވެރިކަން (8:1—9:22)  
އީސާގެފާނުގެ ޤުރުބާނީގެ މަތިވެރިކަން (9:23—10:39)  
އީސާގެފާނަށް އީމާންތެރިވުމުގެ މުހިންމުކަން (11:1—12:29)  
މާތްކަލާނގެ ރުއްސަވާ ވޮޑިގަތުން (13:1-19)  
ނިންމާ ދުޢާ (13:20-21)  
އެންމެފަހު ބަސްތައް (13:22-25)   
 1
އީސާގެފާނަކީ މާތްރަސްކަލާނގެ ރޫޙާނީ ދަރިކަލުން 
  1 އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.   2 އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.   3 އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ†1:3 ޖަލާލަތުވަންތަ ކަމޭ މިތާނ މި ބުނެވެނީ މާތްރަސްކަލާނގެ ޝަރަފުވެރިކަން، ރީތިވަންތަ ކަން، ފުރިހަމަ ވަންތަ ކަން މަތިވެރި ވަންތަކަން، ގަދަފަދަ ވަންތަކަން ކުޅަދުންވަންތަކަން އެކުލެވޭ ގޮތުގައެވެ. ބައެއްފަހަރު އެކަލާނގެ ޖަލާލަތުކަން އަލިގަދަ ނޫރެއްގެ ގޮތުގައި ފާޅުވެ ވޮޑިގަންނަވައެވެ. އެކަލާނގެ ޖަލާލަތުވަންތަ ކަމުގެ އެންމެ ފުރިހަމަ ސޫރަފުޅު ފެނިގެން ދަނީ އީސާ އަލްމަސީޙުގެ ކިބަފުޅުންނެވެ. ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.   4 އެ ދަރިކަލުން ވަނީ މަލާއިކަތުންނަށް ވުރެން މަތިވެރި ކުރައްވާފައެވެ. އެއީ އެ ދަރިކަލުންގެ ދަރަޖަފުޅު ވެސް މަލާއިކަތުންގެ ދަރަޖައަށް ވުރެން މަތިވެރި ކުރައްވާފައި ވާ ފަދައިންނެވެ.   
އީސާގެފާނު މަލާއިކަތުންނަށް ވުރެން މަތިވެރި 
  5 މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ:  
”ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ.  
ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.“ 1:5 ޒަބޫރު 2:7  
އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން،  
”އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ“1:5 2 ޞަމޫއީލް 7:14 މިހެން ވަޙީއެއް ނުކުރައްވައެވެ.   
 6 އަދި އެކަލާނގެ މަތިވެރި ދަރިކަލުން ދުނިޔެއަށް ފޮނުއްވެވޭ ހިނދު އެކަލާނގެ ވަޙީ ކުރައްވަނީ މިފަދައިންނެވެ.  
”ތިމަންކަލާނގެ ހުރިހާ މަލާއިކަތުން ވެސް އެކަލޭގެފާނަށް އަޅުކަން ކުރާށެވެ.“   
 7 އަދި މަލާއިކަތުންނާ މެދު އެކަލާނގެ ވަޙީ ކުރެއްވީ މިހެންނެވެ.  
”ތިމަންކަލާނގެ މަލާއިކަތުން ފޮނުއްވަނީ ވައިރޯޅިތަކެއް ފަދައިންނެވެ.  
ތިމަންކަލާނގެ އެ ޚާދިމުން ފޮނުއްވަނީ އަލިފާނުގެ ހުޅުތަކެއް ފަދައިންނެވެ.“1:7 ޒަބޫރު 104:4   
 8 އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ.  
”ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ.  
ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.   
 9 ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ.  
އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ.  
އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.“1:9 ޒަބޫރު 45:6-7   
 10 އަދިވެސް އެދަރިކަލުންނަށް ވަޙީކުރެއްވިއެވެ.  
”އޭ ސާހިބުވަންތަ ކަލާނގެ! ފެށުން އައި ހިނދު ބިން އުފެއްދެވީ އިނބަ ކަލާނގެއެވެ.  
އުޑުތައް އުފެއްދެވީ ވެސް އިނބަ ކަލާނގެ އަތްޕުޅުންނެވެ.   
 11 އެތަކެތި ފަނާވެ ނެތި ހިނގައިދާނެއެވެ. އެކަމަކު އިނބަ ކަލާނގެ ދާއިމަށް ވޮޑިގެންވާނެއެވެ.  
އެ ހުރިހާ ތަކެއްޗެއް ބާ ފޮތިތަކެއް ހެން ހަސްފަސް ނެތި ހިނގައި ދާނެއެވެ.   
 12 އެތަކެތި ގައިގައިލާ ފޮށާތަކެއް ފަދައިން އިނބަ ކަލާނގެ އޮޅާލައްވާނެއެވެ.  
ދެން އެތަކެތި ހެދުން ތަކެއް ފަދައިން ބަދަލުކޮށް ލައްވާނެއެވެ.  
އެކަމަކު އިނބަ ކަލާނގެ ދެގޮތެއްވުމެއް ނެތި،  
ތާއަބަދަށް ވޮޑިގެން ވާނެއެވެ.“1:12 ޒަބޫރު 102:25-27   
 13 މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ.  
”ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ.  
އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން،  
ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.“1:13 ޒަބޫރު 110:1   
 14 އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟   
*^ ޢިބްރާނީންނަށް ޢިބްރާނީންނާއި ޔަހޫދީންނާއި ބަނީއިސްރާއީލުންނަކީ އެއްބައެކެވެ. މޫސާގެފާނާއި ދާއޫދުގެފާނާއި އީސާގެފާނު ވަޑައިގަތީ މި ޢިބްރާނީންގެ ތެރޭންނެވެ.
†1:3 1:3 ޖަލާލަތުވަންތަ ކަމޭ މިތާނ މި ބުނެވެނީ މާތްރަސްކަލާނގެ ޝަރަފުވެރިކަން، ރީތިވަންތަ ކަން، ފުރިހަމަ ވަންތަ ކަން މަތިވެރި ވަންތަކަން، ގަދަފަދަ ވަންތަކަން ކުޅަދުންވަންތަކަން އެކުލެވޭ ގޮތުގައެވެ. ބައެއްފަހަރު އެކަލާނގެ ޖަލާލަތުކަން އަލިގަދަ ނޫރެއްގެ ގޮތުގައި ފާޅުވެ ވޮޑިގަންނަވައެވެ. އެކަލާނގެ ޖަލާލަތުވަންތަ ކަމުގެ އެންމެ ފުރިހަމަ ސޫރަފުޅު ފެނިގެން ދަނީ އީސާ އަލްމަސީޙުގެ ކިބަފުޅުންނެވެ.
1:5 1:5 ޒަބޫރު 2:7
1:5 1:5 2 ޞަމޫއީލް 7:14
1:7 1:7 ޒަބޫރު 104:4
1:9 1:9 ޒަބޫރު 45:6-7
1:12 1:12 ޒަބޫރު 102:25-27
1:13 1:13 ޒަބޫރު 110:1