12
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު
1 އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ! 2 އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ. 3 ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ. 4 ފާފަޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިޔައިން އެކަކު ވެސް މަރާ ކުރިމަތިލާ ހިސާބަކަށް އަދިއެއް ނުދެއެވެ.
5 ފަތްފުށްތަކުގައި އެކަލާނގެ ދަރިންނާ މުޚާތަބު ކުރެއްވި ހިތްވަރުލިބޭ މިބަސްފުޅުތަކުގެ މަތިން ކަލޭމެން ހަނދާން ނެތުނީހެއްޔެވެ؟
”އަހަރެންގެ ދަރިފުޅާއެވެ. މާތްރަސްކަލާނގެ ކަލޭމެން އިސްލާހުކޮށް ތަރުބިއްޔަތު ކުރެއްވުމުން އެކަމާމެދު ލުއިގޮތަކަށް ނުބަލާށެވެ.
އަދި އެކަމާ ހިތްވަރު އެލުވާ ވެސް ނުލާށެވެ.
6 މާތްރަސްކަލާނގެ އިސްލާހު ކުރައްވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިންނެވެ.
އަދި ތަރުބިއްޔަތު ކުރައްވަން އަދަބު ދެއްވަނީ އެކަލާނގެ ދަރިން ކަމުގައި ދެކެވޮޑިގަންނަވާ ބަޔަކަށެވެ.“12:6 ހަރުބަސްތައް 3:11-12
7 ބައްޕާފުޅު ކަލޭމެން ތަރުބިއްޔަތު ކުރެއްވުމުން އެކަމާ ކެތްތެރިވެ ތިބޭށެވެ. މިކަމުން ދައްކަނީ ކަލޭމެންނަކީ އެކަލާނގެ ދަރިންގެ ގޮތުގައި ގެންގުޅުއްވާ ބައެއް ކަމެވެ. ބަފައެއްގެ ކިބައިން އަދަބެއް ނުލިބޭ ދަރިޔަކު ހުރޭ ހެއްޔެވެ؟ 8 މާތްރަސްކަލާނގެ އެކަލާނގެ ހުރިހާ ދަރިން ތަރުބިއްޔަތު ކުރައްވައެވެ. އެހެން ނުހައްދަވާނަމަ ކަލޭމެން ތީ އެކަލާނގެ ދަރިން ކަމަކަށް ނުވާނެއެވެ. ކަލޭމެން ވީހީ ބަފާނެތް ދަރިންތަކެއް ކަމުގައެވެ. 9 އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟ 10 އެހެނީ އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެން އިސްލާހު ކުރަނީ މަދު ދުވަސްކޮޅަކަށެވެ. އަދި އެކަންތައް އެމީހުން ކުރަނީ އެމީހުންނަށް އެނގޭ އެންމެ ރަނގަޅަށެވެ. އެކަމަކު މާތްރަސްކަލާނގެ އަބަދުވެސް އަހަރެމެން އިސްލާހު ކުރައްވައެވެ. އެއީ އެކަލާނގެ ޤުދުސްވަންތަކަމުގައި އަހަރެމެން ޙިއްސާ ކުރެއްވުމަށްޓަކައެވެ.
11 އިސްލާހު ކުރެވުމަކީ މަޖާކަމެއް ނޫނެވެ. އެކަންތައް ދިމާވުމުން އެއީ ވޭންހުރިވެސް ކަމެކެވެ. އެކަމަކު އެފަދަ އަދަބަކާ ކުރިމަތިވެ ތަރުބިއްޔަތު ލިބޭ މީހުންނަށް ޞާލިޙު ދިރިއުޅުމެއްގެ އުފާ ފާގަތިކަން ލިބިގެން ދެއެވެ.
އިރުޝާދުތަކާއި އިންޒާރުތައް
12 ދެން ކަލޭމެންގެ ވަރުބަލިވެފައިވާ އަތްތައް އުފުލާށެވެ! ކަލޭމެންގެ ތުރުތުރު އަޅާ ކަކޫތަކަށް ގަދަކޮށްލާށެވެ! 13 ކަލޭމެން ތެދުމަގުގައި ހިނގައިގަންނާށެވެ.12:13 ހަރުބަސްތައް 4:26 އޭރުން ކޮރުޖަހަމުން ހިނގާ މީހާއަކީ ނުކުޅެދޭ މީހަކަށް ނުވާނެއެވެ. އެއާ ޚިލާފަށް އޭނާގެ ފައި ވާނީ ފަސޭހައެވެ.
14 ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ. 15 އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ. 16 އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ. 17 ފަހުން އޭނާ އެޙައްޤު އަތުލަން ބޭނުންވެގެން އުޅުނެވެ. އެކަމާ އޭނާގެ ބައްޕަ ގާތު ކިތަންމެވަރަކަށް ވެސް ރޮއި އާދޭސް ކުރިއެވެ. އެކަމަކު އެކަން ބަދަލުވާނެ ގޮތެއް ދެނެއް ނުވިއެވެ.
18 ކަލޭމެންނަށް އަސްލު ޠޫރުސީނާ ފަރުބަދައަކަށް ނޭރެއެވެ. އަދި އެތަނުގައި އަތްލައި ބަލައެއް ވެސް ނުހެދެއެވެ. އެތަނުގައިވާ އަލިފާނުގެ ހޫނުކަމާއި އަނދިރިކަމާއި ދަތިއުނދަގޫކަމާއި އެނބުރޭ ވައިރޯޅިތަކާއި މިކަންކަން އިސްރާއީލުންނެކޭ އެއް ފަދައިން ތަޖުރިބާ ކުރެވިފައެއް ވެސް ނުވެއެވެ. 19 އަދި ކަލޭމެން ތާޅަފިލީގެ އަޑާއި އުޑުން އިވުނު އަޑުތަކެއް ވެސް ނާހަމުއެވެ. އެއަޑުގެ ބިރުވެރިކަމުން ބަނީ އިސްރާއީލުން އެއަޑު ހުއްޓުވާ ދިނުން އެދި އާދޭސް ދެންނެވިއެވެ. 20 އެހެނީ އެ ފަރުބަދައިގައި ޖެހޭ ހިސާބަށް ޖަނަވާރަކު އަޔަސް އޭތި މަރާލަން އެމީހުންނަށް އެންގިފާވެއެވެ. އެކަމަކު އެއަމުރުފުޅަށް ތަބާވުމަށް އެމީހުން ވަނީ ނުކުޅެދިގެންނެވެ. 21 މި މަންޒަރުގެ ބިރުވެރިކަމުން މޫސާގެފާނު ބިރުފުޅުން ތުރުތުރުއެޅުއްވި ކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.12:21 ނެރުއްވުން 19:12-13
22 އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ. 23 ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ. 24 އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.
25 ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟
26 މާތްރަސްކަލާނގެ އެފަހަރު ބަސްފުޅު ވަޙީ ކުރެއްވިއިރު ބިންގަނޑު ދިޔައީ ގުޑިގެންނެވެ. މިފަހަރު އެކަލާނގެ ވަޢުދު ކުރެއްވިއެވެ. ”އަނެއްކާ ވެސް ތިމަންކަލާނގެ ބިންތައް ބުރުވާލައްވާނަމެވެ. ބިންތައް އެކަންޏެއް ވެސް ނޫނެވެ. އުޑުތައް ވެސް މެއެވެ.“12:26 ހައްޖީ 2:6 27 ”އަނެއްކާވެސް“ މިބަސްފުޅު ވަޙީކުރެއްވި ކުރެއްވުމުން ދޭހަވަނީ އެކަލާނގެ އުފައްދަވާފައިވާ މިތަކެތި ބުރުއްސަވައި ލައްވާނެ ކަމެވެ. މިފަދައިން ބުރުއްސާލުމުން ނުނެއްޓޭ ތަކެއްޗަކީ ނެތި ނުގޮސް އަބަދުވެސް ދެމިހުންނާނެ ތަކެއްޗެވެ. 28 ބުރުއްސާ ނުލެވޭނެ ފަދަ ރަސްކަމެއް އަހަރެމެންނަށް ލިއްބައިދެއްވި ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެއެވެ. އަދި އަހަރެމެން ޚުޝޫއަތްތެރިކަމާއި ތަޤުވާވެރިކަމާއެކު އެކަލާނގެ ރުހިވޮޑިގަންނަވާނެ ފަދައަކުން އަޅުކަން ކުރަމާ ހިނގާށެވެ. 29 އެހެނީ އަހަރެމެންގެ އިލާހަކީ ފަނާކުރަނިވި އަލިފާނެއް ފަދަ ކަލެކެވެ!12:29 ދަތުރުނާމާ 4:24