5
މުއްސަނދިކަމާއިމެދުގައި ކުރާ އިންޒާރު
މުއްސަނދި މީސްތަކުންނޭވެ. އަހަރެންގެ މިވާހަކަ އާއިމެދު ކަނުލައި އަޑުއަހާށެވެ. ކަލޭމެންނާއި ކުރިމަތިވަމުން އަންނަ މުސީބާތްތަކާއި މެދު ރޮއި ހޭރޭނޭއެވެ! ކަލޭމެންގެ މުއްސަނދިކަން ވަނީ ހަލާކުވެފައެވެ. ބޭރުފުށުން ކަލޭމެން ލައިގެން ތިބި އެދެވޭ އަންނައުނުތައް ބަޅިނދުތައް އައިސް ކައި ހަދައެވެ. އަދި ކަލޭމެންގެ އަތުގައި ހުރި ރަންރިހީގެ މަޢުދަންތަކުގައި ވަނީ ދަމިލަ ޖަހާފައެވެ. އެ ދަމިލަ ސާބިތުކޮށްދެނީ ކަލޭމެންގެ ނުބައިކަމެވެ. އަދި ކަލޭމެންގެ ހަށިތައް އަލިފާނުގައި އަދައިގެންދާ ފަދައިން އެ ތަކެތި ވާނެއެވެ. ކަލޭމެންނަށް ލިބިގެންވީ ޚަޒާނާތައް އެންމެ ފަހު ޒަމާނަށް ރައްކާކުރެވިފައިވެއެވެ. އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ. މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ނަމަވެސް ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ. އަދި ކަލޭމެންނާއި ދެކޮޅުވެރި ކަމުގައި ނުވިޔަސް ކުށެއްނެތް މަޢުސޫމު އެތައް ބަޔަކު ކަލޭމެން މެރީމުއެވެ.
ކެތްތެރިކަމާއެކު ވޭނުގައިވުން
މަގޭ އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބު އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ. ހަމައެފަދައިން ކަލޭމެންވެސް ކެތްތެރިވާށެވެ. އަދި ކަލޭމެންގެ ހިތްވަރު ދޫކޮށްނުލާށެވެ. ސަބަބަކީ މާތްސާހިބާ އެނބުރިވަޑައިގަތުމުގެ ދުވަސް ވަނީ ކައިރީގައެވެ.
މަގޭ އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތުގައި ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.
10 މަގޭ އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ފޮނުއްވި ރަސޫލުންގެ އުޅުއްވުންތަކުން މިސާލު ނަގާށެވެ. އެބޭކަލުންނަށް ބޭއިންސާފުން ލިބެމުން ނުހަނު ބޮޑު ވޭންތަކެއް ލިބެމުން ދިޔައެވެ. ވިޔަސް އެމީހުން ކެތްތެރިކަމާއެކު މާތްސާހިބާގެ ނަންފުޅުގައި ވާހަކަ ދައްކަމުން ދިޔައެވެ. 11 އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ.
12 މަގޭ އަޚުންނާއި އުޚުތުންނޭވެ! މިބަޔާންވެ ދިޔަ އެންމެހާ ކަންތައްތަކުގެ އިތުރުން އަހަރެން ބުނަމެވެ. ދުނިޔެއާއި ސުވަރުގެ ގަންދީ ހުވާ ކޮށްގެންނުވާނެއެވެ. އަދި އެކައްޗެއް ގަންދީ ވެސް ހުވައިކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަމައެކަނި އާނއެކޭ ނުވަތަ ނޫނެކޭ ބުނެ އެގޮތްމަތީ ދެމިހުންނާށެވެ. މިގޮތުގައި ކަލޭމެން އަމަލު ނުކޮށްފިނަމަ މާތްކަލާނގެ ހަޒްރަތުގައި ކަލޭމެން ކުށްވެރިވާނެއެވެ.
ދުޢާކުރުމުގައިވާ ބާރު
13 ކަލޭމެންގެ ތެރެއިން މީހަކު މުސީބާތުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި ދުޢާ ދަންނަވާށެވެ. ކަލޭމެންގެ ތެރެއިން މީހަކު އުފަލުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅަށް މަދަޙައިން ޙަމްދު ސަނާ ދަންނަވާށެވެ. 14 ކަލޭމެންގެ ތެރެއިން މީހަކު ބަލިޙާލަތުގައި ވާނަމަ ޖަމާޢަތުގެ ބޮޑުންގެ ކިބައިން އޭނާގެ ކައިރިއަށް އައުމަށް އެދި އޭނާގެ ބަލި ޙާލަތާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކޮށްދިނުމަށް އެދޭށެވެ. އަދި މާތްސާހިބާގެ ނަންފުޅުން ބަލި ޙާލަތުގައިވާ މީހާގެ ހަށިގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅައި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅައި ދިނުމަށް އެދޭށެވެ. 15 ކަލޭމެން އީމާންތެރިކަމުގައިވެ ބަލިޙާލަތުގައިވާ މީހާއަށް ދުޢާ ކުރުމުން އެބައިމީހުންގެ ބައްޔަށް ޝިފާ ލިބި މާތްސާހިބާ އެބައިމީހުންގެ ބަލި ހެޔޮކޮށް ދެއްވާނެއެވެ. އަދި އެބައިމީހުން ފާފަވެރި ވެފައިވިނަމަވެސް އެކަލޭގެފާނު އެބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެއެވެ.
16 އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުންދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ. 17 އިލްޔާސްގެފާނާއިމެދުގައި ނިކަން ވިސްނައިބަލާށެވެ. އެކަލޭގެފާނަކީ ވެސް އަހަރެމެން ފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވާރޭ ނުވެއްސެވުމަށް އެދި އިޚުލާސްތެރިކަމާއެކު މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު މާތްރަސްކަލާނގެ އިޖާބަ ކުރައްވައި ތިންއަހަރާއި ހަމަސްދުވަސް ވަންދެން އެ ރަށަށް ވާރޭ ނުވެއްސެވިއެވެ. 18 އެއަށް ފަހު ވާރޭ ފޮނުއްވައި ދެއްވުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އެހިނދު މާތްރަސްކަލާނގެ ވާރޭ ފޮނުއްވުމަށް އިރާދަ ކުރެއްވިއެވެ. އަދި މުޅި އެ ބިމުގައި ހުރި ގަސްތަކަށް ފެހިކަން ލިބި ގޮވާމުގެ މަތިވަރު ލިބެން ފެށިއެވެ.
މިސްރާބު ގެއްލިފައިވާ އީމާންވެގެންވާ މީހާ ހެޔޮ މަގަށް އެޅުވުން
19 އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން މީހަކު މަގުފުރެދިގެން ވާނަމަ އެފަދަ އެމީހަކު ޙައްޤުގެ މަގަށް އެނބުރި ގެނައުމުގައި ކޮންމެވެސް މީހަކު އެހީތެރިވެދޭށެވެ. 20 އޭރުން ޙައްޤުން އެއްކިބާވެފައިވީ ފާފަވެރިޔާ ހެޔޮމަގަށް ގެނެސް ދިނުމުން އޭނާގެ ފުރާނަ މަރުން ސަލާމަތް ވެއެވެ. އަދި އެބައިމީހުންގެ ގިނަގުނަ ފާފަތައް ޢަފޫކުރައްވައެވެ.