18
އީސާގެފާނު ހައްޔަރުކުރެވުނު
1 އީސާގެފާނު މި ދުޢާފުޅުކޮށް ނިމިވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ކިދުރޯން ވާދީ ހުރަސްކުރައްވައި ވަޑައިގެން ޒައިތޫނިގަސް ހެދިފައިވާ ދަނޑަކަށް ވަޑައިގެންނެވިއެވެ. 2 މިތަނަކީ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއްކަން ޔުދާސްއަށް ރަނގަޅަށް އެނގެއެވެ. 3 ބޮޑުންގެ ގޮތުގައި ތިބި އިމާމުންނާއި ފަރީސީން ޔުދާސް އާއިއެކު ރޯމު ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ދެން އެމީހުން ފާނޫޒުތަކާއި، ދަންމަރު ރޯކޮށްގެން އަދި ހަތިޔާރު ހިފައިގެން ޔުދާސްއާއި އެކު އެ ޒައިތޫނި ދަނޑަށް ދިޔައެވެ.
4 ވާން މިއުޅެނީ ކީއްކަން ރަނގަޅަށް އީސާގެފާނަށް އެނގިވަޑައިގެންވިއެވެ. ނަމަވެސް އެކަލޭގެފާނު ކުރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދަނީ ކާކު؟“
5 އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މީ އަހަރެން.“ އެކަލޭގެފާނު މިހެން ވިދާޅުވިއިރު ޔުދާސް އެމީހުންނާއި އެކު ހުއްޓެވެ. 6 އީސާގެފާނު ހަމަ އެހެން ވިދާޅުވުމާއި އެކު އެ އައި އެންމެން ސިއްސައިގެން ގޮސް އިދިފުށަށް ބިންމައްޗަށް ވެއްޓުނެވެ. 7 ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދަނީ ކާކު؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.“
8 އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދާ މީހާއަކީ އަހަރެންނޭ އަހަރެން ބުނެފީމެންނު. ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން ނަމަ ދެން އެހެންމީހުން ދާން ދޫކޮށްލާ.“ 9 އީސާގެފާނު އެފަދައިން ކަންތައް ކުރެއްވީ އެކަލޭގެފާނު ކުރީގައި ވިދާޅުވެފައިވާ ބަސްފުޅު ތެދަކަށް ހެއްދެވުމަށެވެ. އެހެނީ އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ”މީގެ ތެރެއިން، އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި އެކަކުވެސް، ގެއްލިގެން ދިޔަކަ ނުދޭނަން.“
10 ޝަމްއޫނު ޕަތަރަސް، އޭނާގެ އަތުގައި އޮތް ކަނޑިއަކުން ހަމަލަ ދީ، އުއްތަމަ އިމާމުގެ ނޯކަރެއް ކަމުގައިވާ މަލަކުސް، އޭ ކިޔުނު މީހެއްގެ ކަނާއަތު ކަންފަތް ކަނޑާލިއެވެ. 11 އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ މިހާރު ތިޔަ ކަނޑި އޭގެ އުރަޔަށް ލާ. ބައްޕާފުޅު އަހަރެންނަށް ދެއްވަން ހަމަޖައްސަވާފައިވާ ވޭނެއް އަހަރެން ލިބި ނުގަންނަންވީތަ؟“*18:11 މިފޮތް ލިޔެވިފައިވާ އަސްލު ބަސްކަމުގައިވާ ގުރީކު ބަހުން މިތާނގައި ލިޔެވިގެންވަނީ މިފަދައިންނެވެ. ”އަހަރެންގެ ބައްޕާފުޅު އަހަރެން ބުއިމަށް ހަމަޖައްސަވާފައިވާ ތަށިން އަހަރެން ނުބޯންވީތަ؟“
ވެރިން އީސާގެފާނާއި ސުވާލު ކުރުން
12 ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ. 13 ފުރަތަމަ އެމީހުން އެކަލޭގެފާނު ގެންދިޔައީ ހަންނާނުގެ ގާތަށެވެ. މި ހަންނާން އަކީ އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސްގެ ބަފާކަލޭގެއެވެ. 14 މި ކައިފާސް އަކީ ބަނީއިސްރާއީލުގެ ވެރިންގެ ގާތު ”އެންމެން މަރުވެ ދިޔުމުގެ ބަދަލުގައި އެކަކު މަރުވުން މާ ރަނގަޅު ވާނެ“ އޭ ބުނި މީހާއެވެ.
15-16 ޝަމްއޫނު ޕަތަރަސްއާއި އަދި އެހެން އަސްޙާބީއަކު އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ އަސްޙާބީއަކީ އުއްތަމަ އިމާމު ދަންނަ މީހެކެވެ. އެހެން ކަމުން އޭނާއަށް އީސާގެފާނުގެ ފަހަތްޕުޅުން ގޮސް އުއްތަމަ އިމާމުގެ ގޭގެ މެދުގޯތި ތެރެއަށް ވަދެވުނެވެ. ޕަތަރަސް ހުރީ ބޭރުގައެވެ. ނަމަވެސް އަނެއް އަސްޙާބީ އައިސް ދޮރު ބެލެހެއްޓުމަށް ހުރި އަންހެންކުއްޖާ ގާތު ބުނުމުން އެކުއްޖާ ޕަތަރަސް ވެއްދިއެވެ. 17 އެ އަންހެންކުއްޖާ ޕަތަރަސްއަށް ބުންޏެވެ. ”ކަލޭވެސް ތިޔައީ އޭނާއާއި އެއްކޮށް އުޅޭ އަސްޙާބީންގެ ތެރެއިން މީހެއް ނޫންތަ؟“
ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”ނޫން. އަހަރެން މިއީކީ އޭގެ މީހެއް ނޫން.“
18 އޭރު ފިނިގަދަކަމުން ހީކަރުވާތީ ސިފައިންނާއި ގޭގެ ނޯކަރުން އަނގުރު އަލިފާންގަނޑެއް ރޯކުރިއެވެ. އެމީހުން ތިބީ އެއަލިފާންގަނޑުގެ ވަށައިގެން ހޫނު ކުރާށެވެ. އެވަގުތު ޕަތަރަސް ވެސް ގޮސް އެއަލިފާންގަނޑުގެ ކައިރިއަށް ހުއްޓުނެވެ.
އުއްތަމަ އިމާމު އީސާގެފާނާއި ސުވާލު ކުރެއްވުން
19 އުއްތަމަ އިމާމު އީސާގެފާނު ކުރެން އެކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނާއި ބެހޭގޮތުންނާއި، އަދި އެކަލޭގެފާނު އެމީހުންނަށް ކިޔަވައި ދިނީ ކޯނޗެއްތޯ އާއި މެދު އަހާ ސުވާލު ކުރަން ފެއްޓިއެވެ.
20 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކިޔަވައިދިން ހުރިހާއެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަންމަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން. 21 އަހަރެން ކުރެން ތިޔަ ސުވާލު ތިޔަ ކުރަނީ ކީއްވެ؟ އަހަރެން ކިޔަވައިދިން އެއްޗެތީގެ އަޑުއެހި މީހުން ކުރެ ތިޔަ ސުވާލުކޮށްބަލަ. އަހަރެން ބުނި އެއްޗެއް އެމީހުންނަށް އެނގޭނެ.“
22 އީސާގެފާނު މިހެން ވިދާޅުވުމާއި އެކު ބައިތުލް މަޤްދިސްގެ ސިފައިންގެ މީހަކު އީސާގެފާނުގެ މޫނުފުޅު މަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ”އުއްތަމަ އިމާމާއި ތިޔަ ގޮތަށް ވާހަކަ ނުދައްކާ!“
23 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނީ ދޮގު ވާހަކައެއް ނަމަ އެކަމުގެ ހެކިދައްކާ. ތެދު ބުނުމުން އަހަރެންގެ ގައިގައި ތިޔަޖެހީ ކީއްވެ؟“ 24 އޭރުވެސް އީސާގެފާނު ވަނީ ބަނދެވިފައެވެ. ދެން ހަންނާނު އީސާގެފާނު ކައިފާސްގެ އަރިހަށް ގެންދިއުމަށް އެންގިއެވެ.
ޕަތަރަސް ދެވަނަ އަދި ތިންވަނަ ފަހަރަށް ވެސް އޭނާ އީސާގެފާނު ނުދަންނަ ކަމުގައި ބުނި
25 އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟“
ޕަތަރަސް ބުންޏެވެ. ”އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.“
26 އެތާނގެ ކައިރީގައި އުއްތަމަ އިމާމުގެ ގޭގެ ނޯކަރަކު ހުއްޓެވެ. މިމީހާއަކީ ޕަތަރަސް އެމީހާގެ ކަންފަތް ކަނޑާލި މީހާގެ ތިމާގެ މީހެކެވެ. އޭނާ ބުންޏެވެ. ”އެކަމަކު ކަލޭ ޒައިތޫނިގަސް ދަނޑުގެ ތެރޭގައި އީސާ އާ އެކު ހުއްޓާ ފެނުނުހެން އަހަރެންނަށް ހާދަ ހީވެއޭ.“ 27 އަނެއްކާވެސް ޕަތަރަސް އެކަމާއި ދެކޮޅުހެދިއެވެ. އަދި ހަމަ އެވަގުތު ފަތިހުގެ ހާ ގޮވިއެވެ.
އީސާގެފާނު ޕިލާތުސްގެ އަރިހަށް ގެންދެވުނު
28 ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ. 29 އެހެން ކަމުން ގަވަރުނަރު ޕިލާތުސް އެތަނުގެ ބޭރަށް ނުކުމެ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”މިމީހާއާއި ދޭތެރޭ ކަލޭމެން ކުރާ ދައުވާއަކީ ކޮބާ؟“
30 އެމީހުން ބުންޏެވެ. ”އޭނާއަކީ ޤާނޫނާއި ޚިލާފުވެ ކުށް ކޮށްފައި ނުވާ މީހެއް ނަމަ އަޅުގަނޑުމެން އޭނާ މިތާނކަށް މަނިކުފާނުގެ އަރިހަކަށް ނުގެނައިމުސް.“
31 ޕިލާތުސް ބުންޏެވެ. ”އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.“ 32 މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.†18:32 އީސާގެފާނު އެކަލޭގެފާނު އަވަހާރަކޮއްލެވޭނީ ސަލީބުގައި ކަމުގައި ވަނީ އެކިބަސްފުޅުތަކުން އިޝާރާތްކޮށް އަންގަވާފައެވެ. އެއީ ބަނީއިސްރާއީލުގެ މީހުން މީހުންނަށް މަރުގެ ޢުޤޫބާތް ދެނީ ހިލައިން ތަޅައެވެ. ސަލީބުގައި މަރުގެ ޢުޤޫބާތް ދެނީ ހަމައެކަނި ރޯމުގެ ސަރުކާރުންނެވެ.
33 ދެން ޕިލާތުސް އެނބުރި އެތެރެއަށް ވަދެ އޭނާގެ ކުރިމައްޗަށް އީސާގެފާނު ހާޒިރުކުރުމަށް އެންގިއެވެ. ޕިލާތުސް އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”ކަލޭ ތިޔައީ ބަނީއިސްރާއީލު މީހުންގެ ރަސްގެފާނުތަ؟“
34 އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ސުވާލަކީ އަމިއްލަފުޅަށް ކުރެއްވި ސުވާލެއްތޯ ނުވަތަ މީހަކު ދެންނެވި ސުވާލެއްތޯ؟“
35 ޕިލާތުސް ބުންޏެވެ. ”އަހަރެން މިއީ ބަނީއިސްރާއީލު މީހެއް ނޫންކަން ކަލެއަށް ވެސް އެނގެއެންނު؟ ކަލޭގެ އަހަރެންގެ ކައިރިއަށް ގެނައީ ކަލޭގެ އަމިއްލަ މީހުންނާއި ބޮޑު އިމާމުން. ކަލޭ ކުރި ކަމެއް ބުނެބަލަ!“
36 ދެން އީސާގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑަކީ މި ދުނިޔޭގެ ރަސްކަލެއް ނޫން. އެހެން ކަންހުރިނަމަ ބަނީއިސްރާއީލުގެ ވެރިން އަޅުގަނޑު ހައްޔަރު ކުރުމުން އަޅުގަނޑުގެ މީސްތަކުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރީސް. ނަމަވެސް އަޅުގަނޑުގެ ރަސްކަމަކީ މި ދުނިޔޭގެ ރަސްކަމެއް ނޫން.“
37 އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟“
އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.“
38 ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”އެހެންވިއްޔާ ތެދަކީ ކޮބާ؟“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު. 39 އަދި އަހަރެން ކޮންމެ އަހަރަކު ވެސް މި ޢީދަށް ކުށްވެރިއަކު ދޫކޮށް ދެން. ވީމާ ކަލޭމެން އެދެނީނަމަ މިފަހަރު އަހަރެން ބަނީއިސްރާއީލުގެ ރަސްގެފާނު ދޫކޮށްލަ ދީފާނަން.“
40 އެމީހުން ހަޅޭއްލަވައިގެންފައި ބުންޏެވެ. ”ނޫން، ނޫން، މިމީހާއެއް ނޫން! ބައްރަބާސް މިނިވަންކޮށްދެއްވާ!“ މި ބަރައްބާސް އަކީ ބާޢީއެކެވެ.
*18:11 18:11 މިފޮތް ލިޔެވިފައިވާ އަސްލު ބަސްކަމުގައިވާ ގުރީކު ބަހުން މިތާނގައި ލިޔެވިގެންވަނީ މިފަދައިންނެވެ. ”އަހަރެންގެ ބައްޕާފުޅު އަހަރެން ބުއިމަށް ހަމަޖައްސަވާފައިވާ ތަށިން އަހަރެން ނުބޯންވީތަ؟“
†18:32 18:32 އީސާގެފާނު އެކަލޭގެފާނު އަވަހާރަކޮއްލެވޭނީ ސަލީބުގައި ކަމުގައި ވަނީ އެކިބަސްފުޅުތަކުން އިޝާރާތްކޮށް އަންގަވާފައެވެ. އެއީ ބަނީއިސްރާއީލުގެ މީހުން މީހުންނަށް މަރުގެ ޢުޤޫބާތް ދެނީ ހިލައިން ތަޅައެވެ. ސަލީބުގައި މަރުގެ ޢުޤޫބާތް ދެނީ ހަމައެކަނި ރޯމުގެ ސަރުކާރުންނެވެ.