9
މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު މީސްތަކުންނަށް އަންގައި ދިނުމަށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން ފޮނުއްވުން
1 އެއްދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ޖިންނި އަވަލާފައިވާ މީހުން ރަނގަޅު ކުރުމަށާއި ހުރިހާ ވައްތަރެއްގެ ބަލިން މީހުން ފަސޭހަ ކޮށްދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ. 2 ދެން އީސާގެފާނު މި ބާރަ އަސްޙާބީ ބޭކަލުން މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން އަންގައި ދިނުމަށާއި މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދިނުމަށް ފޮނުއްވިއެވެ. 3 އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ދަތުރަށްޓަކައި އެއްވެސް އެއްޗެއް ނުގެންދާތި. ހިނގާ މަގުމަތީ ބޭނުންކުރާނެ އަސައެއް ވެސް، ދަބަހެއް ވެސް، ކާއެއްޗެއް ވެސް، ފައިސާ ވެސް އަދި ލައިގެންހުރި ގަމީސް ފިޔަވާ އެހެން ގަމީހެއް ވެސް ނުގެންދާތި. 4 ކަލޭމެން ގޮސް ވަންނަ ފުރަތަމަ ގެއެއްގައި އެރަށުން ދާން ވަންދެން ތިބޭ. 5 މީހުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފިނަމަ އެރަށަކުން ދަމުން ކަލޭމެންގެ ފައިން އެރަށުގެ ހިރަފުސް ފޮޅާލާފައި ދޭ. އެއީ އެމީހުން މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި ޚަބަރުފުޅުގެ ބޭނުން ނުކުރީތީ އެމީހުންގެ މައްޗަށް އެކަލާނގެ ކޯފާވެ ވޮޑިގެން ވާކަމުގެ އިންޒާރެއްގެ ގޮތުން.“ 6 ދެން މި ބާރަ އަސްޙާބީން ހުރިހާ ރަށްތަކަށް ދަތުރުކޮށް ގޮސް މީސްތަކުންނަށް ހެޔޮޚަބަރުފުޅު އަންގައިދީ އަދި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހެދިއެވެ.
7 މިސަރަހައްދުގެ ވެރިޔާ ހެރޮދުއަށް މި ހިނގާދިޔަ ހުރިހާ ކަންތައްތަކެއްގެ ޚަބަރު ލިބިއްޖެއެވެ. މިކަމާއި އޭނާ ވަރަށް ބޮޑަށް ކަންބޮޑު ވިއެވެ. އެއީ ބައެއްމީހުން ޔަޙުޔާގެފާނު އަލުން ދިރުއްވައިފިއޭ ވެސް ކިޔާއުޅެއެވެ. 8 އަދި އަނެއްބައިމީހުން ބުނަނީ އިލްޔާސްގެފާނު ފާޅުވީ ކަމުގައެވެ. އަދި އަނެއްބަޔަކު މާކުރީ ޒަމާނެއްގެ ރަސޫލުބޭކަލަކު އަލުން ދިރުއްވައިފިއޭ ވެސް ބުނެއުޅުނެވެ. 9 ހެރޮދު ވިދާޅުވިއެވެ. ”އެކަމަކު އަހަރެން ޔަޙުޔާ ގަތުލުކުރުމަށް އެންގިން. އެހެންވީއިރު އަހަންނަށް މި އިވެނީ ކާކާއި ބެހޭ ވާހަކަތަކެއް؟“ ދެން އޭނާ އެމީހަކާއި ބެހޭގޮތުން ވާހަކަތައް މި އިވޭ މީހަކީ ކާކުތޯ ބެލުމަށް މަސައްކަތް ކުރިއެވެ.
އީސާގެފާނު ފަސްހާސް މީހުންނަށް ކާން ދެއްވުން
10 މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ. 11 ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު އެރަށަށް ވަޑައިގަންނަވާ ޚަބަރު އިވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އީސާގެފާނު މިބައިމީހުންނާއި ބައްދަލުވުމުން އުފާފުޅު ކުރެއްވިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އެބައިމީހުންނާ ވާހަކަ ދައްކަވާ ހެއްދެވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ވާހާ ބަލި މީހުންނެއްގެ ބަލި ވެސް ހެޔޮ ކުރައްވާ ހެއްދެވިއެވެ.
12 ހަވީރުގެ ވަގުތުގައި އީސާގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މިއީ މީހުން އުޅޭ ސަރަހައްދެއްވެސް ނޫން. މިބައިމީހުން އެހެން ތަނަކަށް ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން މިސަރަހައްދުގެ ކޮންމެވެސް އަވަށަކަށް ނޫނީ ގޮވާން ހައްދާ ދަނޑަކަށް ގޮސް އެމީހުންނަށް ކާނޭ ތަކެތި ގަނެ ނިދާނޭ ތަނެއް ހޯދޭނެ ނޫން ތޯ؟“
13 ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.“
އެބައިމީހުން ބުންޏެވެ. ”އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.“ 14 އެތާނގައި އަންހެނުންނާއި ކުޑަކުދިން ނުލާ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް މީހުން ކަމުގައި ވިއެވެ. ނަމަވެސް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”މިބައިމީހުން ބައިގަނޑަކަށް ފަންސާސް މީހުން ވާ ގޮތަށް ބަހާލައި އަދި އެންމެންނަށް އިށީނުމަށް އަންގާ.“
15 އެބައިމީހުން އީސާގެފާނު އެންގެވި މަގުން ކަންކޮށް މީސްތަކުން ބަޔަކަށް ފަންސާސް މީހުން ވާގޮތަށް ބައިބަޔަށް އިށީނެވެ. 16 ދެން އީސާގެފާނު އަސްޙާބީންގެ އަތުގައި ވީ ފަސް ބޯރޮއްޓާއި ދެމަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާ މިކާތަކެތި ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު އީސާގެފާނު އެ ފަސް ބޯރޮއްޓާއި ދެމަސް އެތައް ބަޔަކަށް ބައިކޮށް ލައްވައިފައި އެންމެންނަށް ބަހާލުމަށްޓަކައި އަސްޙާބީންނަށް ދެއްވިއެވެ. 17 މި އެންމެން ކާނެ ވަރަކަށް ކައި ނިމުމުން އަސްޙާބީން ނުކެވި ބާކީވެފައި ހުރި ތަކެތި ނަގާ ވަށިގަނޑުގަނޑަށް އެޅިއިރު އެކާތަކެތިން ބާރަ ވަށިގަނޑު ފުރޭ ހާ ކާތަކެތި އިތުރުވިއެވެ.
އީސާގެފާނަކީ ކޮން ބޭކަލެއް؟
18 އެއްފަހަރަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން ދުޢާކުރެއްވުމުގައި އިންނެވިއެވެ. އީސާގެފާނު އެކަލޭގެފާނާއި އެކުގައި ވީ އަސްޙާބީންނަށް ވިދާޅުވިއެވެ. ”މީސްމީހުން ބުނާ ގޮތުގައި އަހަރެންނަކީ ކާކު؟“
19 އެމީހުން ބުންޏެވެ. ”ގިނަ މީހުން ކަލޭގެފާނަކީ ޔަޙުޔާގެފާނޭ ބުނެއުޅޭ. އަނެއްބަޔަކު ކަލޭގެފާނަކީ ނަބީބޭކަލެއް ކަމުގައިވާ އިލްޔާސްގެފާނޭ ބުނެއުޅޭ. އަދި ބައެއްމީހުން ކަލޭގެފާނަކީ އެހެންވެސް ކުރީގެ ރަސޫލުބޭކަލުންގެ ތެރެއިން އަލުން ދިރިވަޑައިގެންނެވި ކޮންމެވެސް ރަސޫލުބޭކަލެކޭ ވެސް ބުނެއުޅޭ.“
20 ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަށް ފެންނަ ގޮތުގައި އަހަންނަކީ ކާކު؟“
ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަބޭކަލުން ކަމުގައިވާ އަލްމަސީޙު.“
21 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނަކީ އަލްމަސީޙު ކަން އެހެން މީހުން ކައިރީ ނުބުނުމަށް އިންޒާރުކޮށް އެންގެވިއެވެ. 22 އީސާގެފާނު ވިދާޅުވިއެވެ. ”ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އަހަރެން ބުނާ ބަސް ގަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރުއްވޭނެ.“
23 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކުވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ. 24 އަމިއްލަ ފުރާނަ ސަލާމަތް ކުރަން އުޅޭ ކޮންމެ މީހަކަށް ޙަޤީޤީ ދިރިއުޅުން ގެއްލޭނެ. ނަމަވެސް އަހަރެންނަށްޓަކައި އެމީހެއްގެ ފުރާނަ ދޭ މީހަކަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ. 25 މީހަކަށް އޭނާގެ ފުރާނަ ގެއްލިއްޖެނަމަ އޭނާއަށް މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެކަމުން ހުރީ ކޮންފައިދާއެއް؟ 26 އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ. 27 އަހަރެން ބުނަންތަ؟ މިތާ މިތިބި މީސްތަކުންގެ ތެރެއިން ބަޔަކުވެސް މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު މެދުވެރިކޮށް މާތްރޫޙުފުޅުގެ ބާރުގައި މި ދުނިޔޭގެ މައްޗަށް ވެރިކަން ހިންގަވާތަން ދެކިފައި ނޫނީ މަރެއްނުވާނެ.“
އީސާގެފާނު މޫސާގެފާނާއި އިލްޔާސްގެފާނާ އެކު
28 މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ. 29 އީސާގެފާނު ދުޢާކުރައްވަނިކޮށް އެކަލޭގެފާނުގެ މޫނުފުޅު ބަދަލުވެގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ހެދުންކޮޅު އަލިވެ އުޖާލާވެ ވިދަންފެށިއެވެ. 30 އަދި ކުއްލިއަކަށް މޫސާގެފާނާއިއިލްޔާސްގެފާނު އެތަނުގައި އީސާގެފާނާއި ވާހަކަފުޅު ދައްކަވަނިކޮށް ފާޅުވެގެން ދިޔައެވެ. 31 އެބޭކަލުން ވަނީ ސުވަރުގޭގެ ނޫރުން ނޫރު ލެއްވިގެންނެވެ. އެބޭކަލުން ވާހަކަފުޅު ދައްކަވަމުން ދިޔައީ އީސާގެފާނުގެ މަރާއި ބެހޭގޮތުންނެވެ. އަދި ޖެރޫސަލަމުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ކުރައްވާ ނިންމަވާނޭ ގޮތާ ބެހޭ ގޮތުންނެވެ.
32 ޕަތަރަސްއާއި އޭނާއާއި އެކު ވީ އަނެއް ދެ އަސްޙާބީން ތިބީ ގަދަ ނިދީގެ ތެރޭގައެވެ. އެމީހުންނަށް ހޭލެވުމުން އީސާގެފާނުގެ ނޫރުފުޅާއި އަދި އެކަލޭގެފާނާއި އެކުގައިވާ ދެބޭކަލުން ފެނުނެވެ. 33 މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.
34 އޭނާ މިހެން ބުނެ ނުވެސް ނިމި އުޅެނިކޮށް ކުއްލިއަކަށް އައި ވިލާގަނޑެއްގެ ހިޔާ އެބޭކަލުންގެ މައްޗަށް އެޅިގެން ދިޔައެވެ. އެބޭކަލުން ވިލާގަނޑުގެ ތެރެއަށް ވަދެގެން ދާތަން ފެނުމުން އަސްޙާބީން ބިރުގަތެވެ. 35 އަދި އެވިލާގަނޑުގެ ތެރެއިން އައި އަޑުފުޅެއް އެބައިމީހުންނަށް އިވުނެވެ. ”މިއީ ތިމަންކަލާނގެ ޚާއްސަ ކުރެއްވި ތިމަންކަލާނގެ ދަރިކަލުން. އޭނާ އެދޭފަދައިން ކަންތައް ކުރޭ.“
36 އެއަޑުފުޅު އިވުމުން އެމީހުން ބެލިއިރު އެތާނގައި ހުންނެވީ އީސާގެފާނު އެކަންޏެވެ. އެމީހުންނަށް އަނގައިން ބަހެއްވެސް ނުބުނެވުނެވެ. އަދި ދުވަސްކޮޅެއް ވަންދެން އެމީހުންނަށް އެފެނިދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކު ގާތުގައި ނުވެސް ބުނެއެވެ.
އީސާގެފާނު ޖިންނިއެއްގެ ބާރުގެ ދަށުވެފައި ވީ ކުޑަ ފިރިހެން ކުއްޖަކު މިންޖުކުރެއްވި
37 އަނެއްދުވަހު އެމީހުން ފަރުބަދައިން ފައިބައިގެން ތިރިއަށް އައިރު އެތައްބައިވަރު މީސްތަކުންނެއް އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. 38 ކުއްލިއަކަށް އެމީހުންގަނޑުގެ ތެރެއިން މީހަކު އެކަލޭގެފާނަށް ގޮވާ ހަޅޭއް ލަވަމުން ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! އަޅުގަނޑު އާދޭހާއި އެކު ދަންނަވަން. އަޅުގަނޑުގެ ފިރިހެން ދަރިފުޅު ދެކެލުމަށް ވަޑައިގަންނަވާ. އެއީ އަޅުގަނޑުގެ ހުރި ހަމަ އެކަނި ދަރިފުޅު. 39 ޖިންނިއެއް އޭނާއާއި އަވަލައިފި. އޭނާ ކުއްލިއަކަށް ހުރެފައި ހަޅޭއްލަވަން ފަށާ. އޭތި އޭނާ ހޭ ނައްތާލުމުން އޭނާގެ އަނގައިން ފޮނުވެސް އަރާ. އޭތި އޭނާ އެންމެ އިރުކޮޅަކަށްވެސް ދުލެއް ނުކުރޭ. އޭތި އޭނާ އެ ނެތި ކޮށްލަނީ. 40 އަޅުގަނޑު އޭނާ ރަނގަޅު ކޮށްދިނުމަށް އެދި ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އާދޭސް ކުރީން. ނަމަވެސް އެމީހުންނަކަށް ވެސް އެކަމެއް ނުވި.“
41 އީސާގެފާނު އެތާނގައި ތިބި އެންމެހައި މީސްތަކުންނަށް ވިދާޅުވިއެވެ. ”އޭ އީމާންކަމެއް ނެތް ނުބައި ވެގެންވާ ޒަމާނުގެ މީސްތަކުންނޭ. ކަލޭމެން ކައިރީ ކެތްކޮށްގެން އަހަރެން ހުންނަންވީ ކިހާ ދުވަހެއް ވަންދެން؟“ ދެން އެފިރިހެން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލޭގެ ފިރިހެން ދަރިފުޅު މިތަނަށް ގެނޭ.“
42 އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ. 43 އެތާ ތިބި އެންމެންމެ މާތްރަސްކަލާނގެ މަތިވެރިކަން ދެކެ އަޖައިބުވެ ހައިރާން ވިއެވެ.
އީސާގެފާނު މި ކުރެއްވި މަތިވެރި ކަންތަކުގެ ވާހަކަ ދައްކަމުން ދިޔަ ވަގުތު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. 44 ”އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.“
45 ނަމަވެސް އެކަލޭގެފާނު މި ވިދާޅުވި އެއްޗެއްގެ މާނައެއް އަސްޙާބީންނަކަށް ނުވިސްނުނެވެ. އެމީހުންނަށް އެބަސްފުޅުތަކުގެ މާނަ ވަނީ ފޮރުވިގެންނެވެ. އެހެންކަމުން އެ މީހުންނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނައި ގަންނަށް ނޭނގުނީއެވެ. މި ބަސްފުޅުތަކުގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނުގެ ކިބައިން އަހާ އޮޅުން ފިލުވުމަށް އެމީހުން ތިބީ ޖެހިލުންވެފައެވެ.
އަހަރެމެންގެ ތެރެއިން އެންމެ މަތިވެރި މިހަކީ ކާކު
46 އަސްޙާބީންގެ މެދުގައި އެމީހުންގެ ތެރެއިން އެންމެ މަތިވެރި ވާނީ ކާކު ކަމާއި މެދުގައި ޒުވާބެއް ހިނގިއެވެ. 47 އީސާގެފާނަށް އެބައިމީހުންގެ ހިތުގައި ވާ ގޮތް އެނގިވަޑައިގެން އެތަނުގައި ހުރި ކުޑަކުއްޖަކަށް ގޮވާލައްވާ އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. 48 ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.“
49 ޔޫޙަންނާ ބުންޏެވެ. ”ސާހިބާ! ކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅުކުރާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާ އެކަން ކުރުން މަނާކޮށް ހުއްޓުވުމަށް މަސައްކަތް ކުރީން. އެއީ އެމީހާއަކީ އަޅުގަނޑުމެންގެ ތެރޭން މީހެއް ނޫން.“
50 އީސާގެފާނު ވިދާޅުވިއެވެ. ”އެމީހާ ހުއްޓުވަން މަސައްކަތް ނުކުރޭ. އެއީ ކަލޭމެންނާއި ދެކޮޅު މީހަކު ކަމުގައި ނުވާ ކޮންމެ މީހަކީ ކަލޭމެންނާއި އެކުގައި ވާ މީހެއް.“
ސަމީރިއްޔާގެ މީހުން އީސާގެފާނަށް އެރަށުގެ ތެރެއިން ދަތުރު ކުރެއްވުން މަނާކުރި
51 އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ. 52 ދެން އީސާގެފާނު އެކަލޭގެފާނުގެ ކުރިން ސަމީރިއްޔާގެ ރަށަކަށް ބަޔަކު ފޮނުއްވިއެވެ. އެއީ އެކަލޭގެފާނު އެރަށަށް ވަޑައިގަންނަންވާ އިރަށް ކަންތައްތައް ތައްޔާރުކުރުމަށްޓަކައެވެ. 53 ސަމީރިއްޔާގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ކިއުމަކަށް އެއްބަހެއް ނުވިއެވެ. އެއީ އެކަލޭގެފާނު ވަނީ ޖެރޫސަލަމަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ވާތީއެވެ.*9:53 އެދުވަސްވަރު ސަމީރިއްޔާގެ މީހުންނާއި ޖެރޫސަލަމުގެ މީހުންނާއި ދެމެދު ހަސަދަވެރިކަން ހިނގާ އެދެބައިމީހުންގެ ގުޅުން ހަމައެއްނުޖެހެއެވެ.
54 މިކަންތަކާ މެދު އަސްޙާބީން ކަމުގައިވާ ޔޫޙަންނާ އާއި ޔާމިޒު ބުންޏެވެ. ”މާތްސާހިބާ! އަޅުގަނޑުމެން މިމީހުން ނެތިކޮށްލުމަށް އުޑުން އަލިފާން ފޮނުއްވުމަށް އެދެން ތޯ؟“ 55 އީސާގެފާނު އަސްޙާބީންގެ މި ބަހުގެ މައްޗަށް ނުރުހުންވެ ކޯފާ އިސްކުރެއްވިއެވެ. 56 ދެން އެމީހުން އެހެން ރަށަކަށް ދިޔުމަށް ދަތުރު ފެށިއެވެ.
އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ އީސާގެފާނު އެންގެވި މަގުން ކަންކުރުން
57 އެމީހުން ދަތުރުކުރަމުން ދިޔަމަގުމަތީ ދިމާވި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކަށް ކަލޭގެފާނުގެ އަރިހުގައި ދާން މިހިރީ ތައްޔާރަށް.“ 58 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅުމަށް އެސޮރުމެންގެ ހޮހަޅަތައް ވޭ. އުދުހޭ ދޫނިތަކަށް އެސޮރުމެންގެ ހާލިތައްވޭ. ނަމަވެސް އިންސާނާގެ ދަރިކަލުންނަށް އޭނާގެ ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“
59 އީސާގެފާނު ވަޑައިގެން މަގުމަތީ ދިމާވި އެހެން މީހަކަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަންނާ އެކު އާދޭ.“
މިމީހާ އީސާގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. ފުރަތަމައިން އަޅުގަނޑު ގޮސް އަޅުގަނޑުގެ ބައްޕަ ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.“
60 އީސާގެފާނު ވިދާޅުވިއެވެ. ”މަރުވެފައިވާ މީހުން އެމީހުންގެ ތެރޭން މަރުވާ މީހުން ވަޅުލިޔަދީ! ނަމަވެސް ކަލޭ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.“
61 އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.“
62 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިންކޮނުމަށް އުދަލީގައި ހިފުމަށް ފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.“
*9:53 9:53 އެދުވަސްވަރު ސަމީރިއްޔާގެ މީހުންނާއި ޖެރޫސަލަމުގެ މީހުންނާއި ދެމެދު ހަސަދަވެރިކަން ހިނގާ އެދެބައިމީހުންގެ ގުޅުން ހަމައެއްނުޖެހެއެވެ.