13
ތައުބާނުވާ އެންމެން ވެސް ނެތިގެންދާނެ
އެތާނގައި ތިބި ބަޔަކު އީސާގެފާނަށް ދެންނެވިއެވެ. ގަލީލީގެ ބަޔަކު ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރުމުގައި އުޅެނިކޮށް ޕިލާތުސްގެ އެންގުމަށް އެމީހުން އެތާނގައި ގަތުލުކުރެވުނެވެ. އެކަމުގެ ސަބަބުން އެމީހުންގެ ލެޔާއި އެމީހުން ޤުރުބާން ކުރި ޖަނަވާރުތަކުގެ ލެޔާއި އެއްވިއެވެ. އީސާގެފާނު އެމީހުން ކުރެ ސުވާލު ކުރެއްވިއެވެ. ”ކަލޭމެން ދެކެނީ މިމީހުންނަށް މިގޮތަށް އަނިޔާ ލިބުނީ އެއީ މިމީހުންނަކީ ގަލީލީގެ އެހެން މީހުންނަށް ވުރެ ބޮޑެތި ފާފަވެރިން ކަމުގައި ވާތީ ކަމަށް ތަ؟ އަހަރެން ބުނަން ތަ؟ އެހެންނެއް ނޫން. ކަލޭމެން ވެސް ތައުބާ ނުވާ ކަމުގައި ވަނީނަމަ އެމީހުންނެކޭ އެއްފަދައިން ނެތި ހިނގައިދާނެ. ސިލުވާމުގެ ބުރުޒު ވެއްޓިގެން މަރުވި އަށާރަ މީހުންނަކީ ވެސް ޖެރޫސަލަމުގެ އެހެން މީހުންނަށް ވުރެ ނުބައި ބަޔަކު ކަމުގައި ކަލޭމެން ދެކެންތަ؟ ނޫން. އަހަރެން ބުނަން ތަ؟ ކަލޭމެން ވެސް ތައުބާ ނުވަނީ ނަމަ އެމީހުންނެކޭ އެއްފަދައިން ނެތިވެދާނެ.“
ދެން އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”މީހަކު ވައްތީނި ގަހެއް އޭނާގެ ދަނޑެއްގައި އިންދި. އެއްދުވަހަކު އޭނާ އެގަހުގައި މޭވާއެއް ވޭތޯ ބެލުމަށް ދިޔަ. ނަމަވެސް އެގަހުގައި އެންމެ މޭވާއެއް ވެސް ނެތް. ދެން އޭނާ އޭނާގެ ދަނޑު ބަލަހައްޓާ މީހާއަށް ބުނި. ’އަހަރެން މި ވައްތީނި ގަހުން މޭވާއެއް ލިބޭތޯ އަންނަތާ މިހާރު މި ވީ ތިން އަހަރޭ. އެކަމަކު ދުވަހަކުވެސް މިގަހަކުން މޭވާއެއް އަދި ނުލިބެއޭ. މިގަސް ކަނޑާލާށޭ. މިގަސް މިތާ ހުރުމުން ބިންގަނޑުން ލިބެންވާ ފައިދާ އެގަހަށް ދިއުން ފިޔަވާ އެހެން ކަމެއް އެބަ ވޭހޭ؟‘
އެދަނޑު ބަލަހައްޓާ މީހާ ބުނި. ’ވެރިމީހާއޭ. އެއްއަހަރު އިތުރަށް އަދި މިގަސް ކަނޑާނުލާ ބަހައްޓާ ދެއްވާށޭ. އޭރުން އަޅުގަނޑު އެގަސް ވަށައިގެން ކޮނެ ގަހު ކާނާ އަޅާނަމޭ. އޭރުން ފަހަރެއްގައި އޭގައި މޭވާ އަޅައިފާނޭ. މޭވާ ނާޅައިފި ނަމަ ދެން އެގަސް ކަނޑުއްވާ ލައްވާށޭ.‘ “
އީސާގެފާނު ބަލި އަންހެނަކު ހެޔޮކުރެއްވުން
10 ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމުގެ ޚާއްސަ ދުވަސް ކަމުގައިވާ ސަބަތުގެ ދުވަހެއްގައި އެބައިމީހުން އަޅުކަން ކުރުމަށް އެއްވެ ތިބި ދީނީ މަރުކަޒެއްގެ ތެރޭގައި އީސާގެފާނު މީސްތަކުންނަށް ކިޔަވައި ދެއްވުމަށް އިންނެވިއެވެ. 11 ޖިންނީންގެ ސަބަބުން ހަށިގަނޑު ލެނބި ކޮއްޅުން ނުހުރެވޭ ވަރުގެ ބަލި ހާލު ޖެހިފައިވާ އަންހެނަކު އެތާނގައި ވިއެވެ. މިމީހާއަކީ މިބަލި ހާލުގައި ވާތާ އަށާރަ އަހަރުވެފައިވީ މީހަކު ކަމުގައި ވިއެވެ. 12 އީސާގެފާނަށް އޭނާ ފެނިވަޑައިގަތް ހިނދު އޭނާއަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް ގޮވައިލެއްވިއެވެ. އަދި އެ އަންހެންމީހާ އަށް ވިދާޅުވިއެވެ. ”ދައްތާ، ދައްތަ ތިޔަވަނީ މިންޖު ކުރެވިފަ.“ 13 އެކަލޭގެފާނުގެ ދެ އަތްޕުޅުން އޭނާގެ ގައިގައި އަތްލެއްވިއެވެ. ހަމަ އެހިނދުން އޭނާގެ ހަށިގަނޑު ސީދާވެއްޖެއެވެ. އަދި އެ އަންހެންމީހާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރިއެވެ.
14 މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.“
15 މާތްސާހިބާ ވިދާޅުވިއެވެ. ”ކަލޭމެންނަކީ މުނާފިޤުންގެ ބައެއް! ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އޭނާގެ ގެރި ނޫނީ ހިމާރު ފެން ބޮވައިގަންފި ނަމަ ސަބަތުގެ ދުވަހުގައި ވިޔަސް އެ އެތި މޮހައިލައި އެއަށް ފެން ދިނުމަށްޓަކައި ނުގެންދާނަން ތަ؟ 16 މިކަނބުލޭގެއީ ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހެއް. އޭނާ ޝައިތާނާގެ ބާރުގެ ދަށުގައި ވީތާ އަށާރަ އަހަރުގެ ދިގު މުއްދަތެއް ވޭތުވެއްޖެ. ވީއިރު ސަބަތުގެ ދުވަހުގައި ވިޔަސް ހަމަޔަޤީނުންވެސް އޭނާ އެކަމުން މިންޖުކޮށް މިނިވަން ކުރުމަކީ ނުބައިކަމެއް ތަ؟“
17 އެތާނގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނާއި ދެކޮޅުހެދި މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. ނަމަވެސް އެހެން ހުރިހާ މީސްތަކުން އެކަލޭގެފާނު ކުރައްވަމުން މިގެންދަވާ ހައިރާން ކުރުވަނިވި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިއެވެ.
ކުޑަ އޮށަކާއި ކަމީރުކޮޅެއް
18 އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތް ކަލޭމެންނަށް ބުނެދިނުމަށް އަހަރެން ބޭނުން ކުރާނީ ކޮންފަދަ މިސާލެއް؟ 19 މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނީ މީހަކު އެމީހާގެ ދަނޑުގައި އިންދި ކުޑަކުޑަ އޮށަކާއި މެދު ކަންތައްތައް ވާފަދަ ގޮތަކަށް. އެއޮށަކީ އޮށްތަކުގެ ތެރޭ ހިމެނޭ އެންމެކުޑަ އޮށް ނަމަވެސް އެއޮށުން ގަސް ފަޅާ އެގަސް ހެދި ވަރަށް ބޮޑަށް ފެތުރޭ. ދޫނިތައް އެ އެއްޗެތީގެ ހާލި އެގަހުގެ ގޮފިތަކުގައި ހަދާ.“
20 އަދި ވެސް އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތުގެ އެހެން މިސާލެއް ބުނަން ތަ؟ 21 އެދުވަހުން ކަންތައް ވާނެ ގޮތުގެ މިސާލަކީ އަންހެނަކު މޮޑުނު ބޮޑު ސިންގާ ފުށްގަނޑަކަށް ލީ ކުޑަ ކަމީރުކޮޅަކާ އެއްފަދަ ގޮތަކަށް. ކުޑަ އިރުކޮޅަކަށް ފަހު މުޅި ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރުކުރާނެ.“
ދިންނެވުމުގެ މަގު ކިތަންމެ ހާ ވެސް ހަނި
22 ދެން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެން މަގުމަތީގައި ވީ ރަށްރަށާއި އަވަށްއަވަށުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. 23 މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. 24 ”ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކުވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ. 25 ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.‘
ނަމަވެސް އޭނާ ޖަވާބުދޭނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.‘
26 ދެން ކަލޭމެން ބުނާނެ. ’އަޅުގަނޑުމެން ކަލޭގެފާނާއި އެކު ކައި ބޮއި ހެދީމެއް ނޫންތޯއޭ؟ ކަލޭގެފާނު އަޅުގަނޑުމެންގެ ރަށުގެ މަގުތަކުގައި ކިޔަވާ ވެސް ދެއްވީމެއް ނޫންތޯއޭ؟‘
27 އޭނާ ޖަވާބުގައި ބުނާނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބަޔަކު ކަމެއްވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.‘
28 އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަދި ހުރިހާ ނަބީންނެއް ވެސް މާތްރަސްކަލާނގެ ޙަޒުރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ. 29 މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީސްތަކުން އައިސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޒުރަތުގައިވާ ބޮޑު ކެއުމުގައި އެމީހުންނަށްޓަކައި ޚާއްސަ ކުރެވިފައިވާ މަޤާމުތަކުގައި އިށީންނާނެ. 30 ހަމަކަށަވަރުން މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“
އީސާގެފާނު ޖެރޫސަލަމާއި މެދު ހިތާމަ ކުރެއްވި
31 އެވަގުތު ފަރީސީނުގެ ބަޔަކު އައިސް އީސާގެފާނަށް ދެންނެވިއެވެ. ”މިތަން ދޫކޮށް ކޮންމެވެސް އެހެން ތާކަށް ދޭ. ހެރޮދު އުޅެނީ ކަލޭ މަރާލަން ގަސްތުކޮށްގެން.“
32 އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން. 33 ކޮންމެ ގޮތެއް ވިޔަސް މިއަދާއި މާދަމާ އަދި އަނެއް ދުވަހު އަހަރެން މިދާ މަގުގައި ކުރިއަށް ދާނަން. އެއީ ހަމަ ޔަޤީނުންވެސް އެއްވެސް ރަސޫލަކު ޖެރޫސަލަމް ނޫން އެހެން ތާކު މަރާލެވިގެން ނުވާނެ.
34 އޭ ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެންނީ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ ނަބީބޭކަލުން މަރާ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ މީހުންގެ ގައިގައި އޮށްގަލުންތަޅާ މީހުން. ކުކުޅެއް ޅަ ފިޔޮއްތައް އޭގެ ފިޔަގަނޑު ދަށަށްލާ ރައްކާކުރާ ފަދައިން އަހަރެން ކިތައްފަހަރު މަތިން ކަލޭމެން އެއްކޮށް ގާތް ކުރަން އުޅެފީމު؟ ނަމަވެސް ކަލޭމެން އެގޮތެއް ގަބޫލެއް ނުކުރޭ. 35 ދެކިބަލަ. ކަލޭމެންގެ ގެ ތިޔަވަނީ ފަޅުވެފަ. އަހަރެން ބުނަން ތަ؟ ’މަތިވެރި ރަސްކަލާނގެ ނަންފުޅުގައި އަންނަ މީހާއަށް ބަރަކާތް ހުއްޓޭ.‘ މިފަދައިން ކަލޭމެން ނުބުނަނީސް ދެން އަހަރެން ކަލޭމެންނަކަށް ނުފެންނާނެ.“