މައްތާ ލިޔުއްވި އިންޖީލު  
ތަޢާރަފު  
އިންޖީލުގެ މިފޮތް ލިޔެފައި ވަނީ އީސާގެފާނުގެ އަސްޙާބީންގެ ތެރޭގައި ހިމެނޭ މައްތާ ކަމަށް ބެލެވެއެވެ. އޭނާއަކީ ކުރީގައި ނަހަމަގޮތުގައި މީހުންގެ އަތުން ޓެކްސް ނަގައި އުޅުނު މީހެކެވެ. ފަހުން އޭނާ އީސާގެފާނަށް ތަބާވެ އެކަލޭގެފާނުގެ ސަޙާބީއެއްގެ ގޮތުގައި ދެމިހުއްޓެވެ. އޭނާއަކީ މަސީޙީ ޖަމާޢަތް އުފެދިގެން އައި ދުވަސްވަރުގައި އީސާ އަލްމަސީޙުގެ އަމަލުފުޅުތަކާއި މެދު ލިޔުއްވި އެއް ފަރާތެވެ. މިހެން ކަމުގައި ވުމުން މިފޮތަށް ”މައްތާ ލިޔުއްވި އިންޖީލު“ ގެ ނަމުން ނަން ދެވިފައިވެއެވެ. މިފޮތުގެ އަސްލު ލިޔެވިފައިވާކަމަށް ބެލެވެނީ ގްރީކް ބަހުންނެވެ.  
މައްތާ ލިޔުއްވި އިންޖީލުން ބުނެދޭ ޚަބަރުފުޅަކީ އީސާގެފާނަކީ ތައުރާތުގައި ބަޔާންވެގެންވާ ފަދައިން ބަނީއިސްރާއީލުންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ދިންނެވުން ދެއްވާނޭ ފަރާތްކަމުގައެވެ. އެހެނީ ބަނީއިސްރާއީލުންނާއި ދެމެދު މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ވަޢުދުފުޅު އެކަލޭގެފާނު މެދުވެރިކުރައްވައި ފުރިހަމަ ކުރައްވާނެ ކަމުގައި ވެއެވެ. ދިންނެވުން ލިބިދޭ މި ހެޔޮޚަބަރުފުޅަކީ ދުނިޔޭގައިވާ އެންމެހާ ޤައުމުތަކެއްގެ މީސްތަކުންނަށް ދެއްވާ އުފާވެރި ޚަބަރުފުޅެއް ވެސްމެއެވެ.  
އިންޖީލުގައިވާ މިފޮތުން އީސާގެފާނަކީ މަތިވެރި އެދުރުބޭކަލެއްކަން ހުށަހަޅައިދެއެވެ. މޫސާގެފާނު މެދުވެރި ކުރައްވައި މާތްރަސްކަލާނގެ ދެއްވި އަމުރުފުޅުތަކާއި މެދު ފުރިހަމައަށް އެކަލޭގެފާނު މާނަކޮށްދެއްވާފައި ވެއެވެ. ޚާއްސަކޮށް އީސާގެފާނު އުނގަންނަވައި ދެއްވާފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުގައެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު“ މި ބަހުގައި ޖުމުލަ ތިން މާނައެއް އެކުލެވިގެން ވެއެވެ. އެއީ:  
އޭގެތެރެއިން އެއް މާނައަކީ މީހެއްގެ ދިރިއުޅުމުގައި ހިނގަނީ މާތްރަސްކަލާނގެ ވެރިކަން ކަމުގައިވާނަމަ، އެކަމުގެ ސަބަބުން އެމީހަކާއި މާތްރަސްކަލާނގެ އާއި ދެމެދުގައިވާ ފުރިހަމަ ގުޅުމެވެ. އެފަދަ މީހެއްގެ ހިތާއި، ބަހާއި އަމަލުން ވިޔަސް ކުރާ އެންމެހައި ކަންތައްތައް ކުރާނީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިންނެވެ. އަދި އެކަލާނގެ އެދިވޮޑިގެންވާ ގޮތަކީ ކޮބައިކަން އެމީހަކަށް އެއްވެސް ޝައްކެއްނެތި އެނގޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ.  
މިބަސްފުޅުގެ ދެވަނަ މާނައަކީ މާތްރަސްކަލާނގެ މިދުނިޔޭގެ މައްޗަށް ރަސްކަންކުރައްވާ ކަމާއި އެރަސްކަންފުޅު ހިނގާނެ ގޮތެވެ.  
އަދި މިބަސްފުޅުގެ ތިންވަނަ މާނައަކީ މީސްތަކުންނަށް މާތްރަސްކަލާނގެ އާއި މެދު އަންގައި ދިނުމާއި އަދި އެކަލާނގެ އެންގެވި ގޮތަށް ކަންތައްކުރުމެވެ.  
މައްތާގެ ވާހަކަކޮޅު ނިންމަވާލާފައި ވަނީ އީސާގެފާނު މި ދުނިޔޭގެ ބިމުން އެކަލޭގެފާނަށް އީމާންތެރިވާ ފަރާތްތަކާއި ވަކިވެ ވަޑައިގެންނެވުމަށް ފަހު އެ ފަރާތްތަކުން އަމަލު ކުރުމަށް އެކަލޭގެފާނު ވިދާޅުވި މި ބަސްފުޅެވެ. ”އުޑާއި ބިމުގައިވާހާ ބާރެއް އަހަރެންނަށް ވަނީ ދެއްވާފަ. އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ... ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.“  
މި ފޮތުގައި ހިމެނިފައިވާ މައިގަނޑު ބައިތަކަކީ:  
އީސާގެފާނު ވަޑައިގެންނެވި ދަރިކޮޅާއި އަދި އެކަލޭގެފާނު އުފަންވެވަޑައިގަތުން (1:11—2:23)  
ޔަޙުޔާގެފާނު ދެއްވި ޚަބަރުފުޅު (3:1-12)  
ތައުބާގެ ހިނެއުމުން އީސާގެފާނު ހިނައިވަޑައިގަތުން އަދި އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ޝައިތާނާގެ ވަސްވާސްތައް (3:13—4:11)  
އީސާގެފާނު ގަލީލީގައި އުނގަންނަވައި ދެއްވުން (4:12—18:35)  
އީސާގެފާނު ގަލީލީއިން ޖެރޫސަލަމަށް ވަޑައިގަތުން (19:1—20:34)  
އީސާގެފާނުގެ އެންމެ ފަހު ހަފްތާ: އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ޝަރީޢަތާއި އަދި އެކަލޭގެފާނު އަވަހާރަވެވަޑައިގަތުން (21:1—27:66)  
އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން (28:1-20)   
 1
އީސާ އަލްމަސީޙުގެ ކާބަފައިން 
  1 މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.   
 2 އިބްރާހީމްގެފާނީ އިސްޙާޤުގެފާނުގެ ބަފައިކަލުންނެވެ. އިސްޙާޤުގެފާނީ ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނެވެ. ޔަޢުޤޫބުގެފާނީ ޔަހޫޛާ އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ.   
 3 ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.   
 4 އާރާމު އަކީ ޢައްމީނާދާބުގެ ބަފައިކަލުންނެވެ. ޢައްމީނާދާބުއަކީ ނަޙްޝޫނުގެ ބަފައިކަލުންނެވެ. ނަޙްޝޫންއަކީ ސަލްމޫންގެ ބަފައިކަލުންނެވެ.   
 5 ސަލްމޫން އަކީ ބޫޢަޒުގެ ބަފައިކަލުންނެވެ. (ބޫޢަޒުގެ މައިކަނބަލަކީ ރާޙާބު އެވެ.) ބޫޢަޒު އަކީ ޢޫބީދުގެ ބަފައިކަލުންނެވެ. (ޢޫބީދުގެ މައިކަނބަލަކީ ރާޢޫޘުއެވެ.) ޢޫބީދު އަކީ ޔައްސާގެ ބަފައިކަލުންނެވެ.   
 6 ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.)   
 7 ސުލައިމާނުގެފާނަކީ ރަޙުބްޢާމުގެ ބަފައިކަލުންނެވެ. ރަޙުބްޢާމް އަކީ އަބިއްޔާގެ ބަފައިކަލުންނެވެ. އަބިއްޔާ އަކީ އާއްސާގެ ބަފައިކަލުންނެވެ.   
 8 އާއްސާ އަކީ ޔަހޫޝާފާތުގެ ބަފައިކަލުންނެވެ. ޔަހޫޝާފާތު އަކީ ޔޫރާމުގެ ބަފައިކަލުންނެވެ. ޔޫރާމު އަކީ ޢުއްޒިއްޔާގެ ބަފައިކަލުންނެވެ.   
 9 ޢުއްޒިއްޔާ އަކީ ޔޫޘާމުގެ ބަފައިކަލުންނެވެ. ޔޫޘާމު އަކީ އަޙާޒުގެ ބަފައިކަލުންނެވެ. އަޙާޒު އަކީ ޙަޒުޤިއްޔާގެ ބަފައިކަލުންނެވެ.   
 10 ޙަޒުޤިއްޔާ އަކީ މަނައްސާގެ ބަފައިކަލުންނެވެ. މަނައްސާ އަކީ އަމޫނުގެ ބަފައިކަލުންނެވެ. އަމޫނު އަކީ ޔޫޝިއްޔާގެ ބަފައިކަލުންނެވެ.   
 11 ޔޫޝިއްޔާ އަކީ ޖެކޮނިޔާހު އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ. (މިއީ ބަނީއިސްރާއީލުގެ އަހުލުވެރިން އަސީރުންގެ ގޮތުގައި ބާބިލަށް ގެންދިޔަ ދުވަސްވަރެވެ.)   
 12 އެއަށްފަހު އެމީހުން ބާބިލުން އެނބުރި އިސްރާއީލަށް އައިއެވެ. ޖެކޮނިޔާހު އަކީ ޝައަލްތިއީލްގެ ބަފައިކަލުންނެވެ. ޝައަލްތިއީލް އަކީ ޒަރުބާބިލުގެ ބަފައިކަލުންނެވެ.   
 13 ޒަރުބާބިލުއަކީ އަބީހޫދުގެ ބަފައިކަލުންނެވެ. އަބީހޫދު އަކީ އެލިޔާކީމްގެ ބަފައިކަލުންނެވެ. އެލިޔާކީމް އަކީ އަޒޯރުގެ ބަފައިކަލުންނެވެ.   
 14 އަޒޯރު އަކީ ޒަދޯކުގެ ބަފައިކަލުންނެވެ. ޒަދޯކު އަކީ އަޚީމުގެ ބަފައިކަލުންނެވެ. އަޚީމު އަކީ އެލިހޫދުގެ ބަފައިކަލުންނެވެ.   
 15 އެލިހޫދު އަކީ އެލިޔަޒާރުގެ ބަފައިކަލުންނެވެ. އެލިޔަޒާރަކީ މައްތާނުގެ ބަފައިކަލުންނެވެ. މައްތާނުއަކީ ޔަޢުޤޫބުގެ ބަފައިކަލުންނެވެ.   
 16 ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ.1:16 ލޫކާސް 1:26-56 އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.*1:16 އަލްމަސީޙުގެ މާނައަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ރަސްގެފާނެވެ.   
 17 ވީމާ އިބްރާހީމްގެފާނުން ފެށިގެން ދާއޫދުގެފާނާއި ހަމައަށް ސާދަ ޖީލު ހިމެނެއެވެ. އަދި ދާއޫދުގެފާނު ފެށިގެން އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައަށް ވެސް ސާދަ ޖީލު ހިމެނެއެވެ. އަދިހަމައެހެންމެ، އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައިން އަލްމަސީޙުގެ އުފަންވެވަޑައިގަތުމާއި ހަމައަށް ވެސް ސާދަ ޖީލު ވެއެވެ.   
އީސާ އަލްމަސީޙު އުފަންވެ ވަޑައިގެންނެވުން 
  18 އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.   19 މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.   20 ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.   21 އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.“   22-23 މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.“1:22-23 އިޝަޢުޔާ 7:14 (އެނަމުގެ މާނައަކީ ”މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ“ މިހެންނެވެ.)   24 ޔޫސުފުއަށް ހޭލެވުމުން މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވި ފަދައިން އޭނާ އަމަލު ކުރިއެވެ. އޭނާ މަރިޔަމްގެފާނާއި ކައިވެނި ކުރެއްވިއެވެ.   25 ނަމަވެސް މަރިޔަމްގެފާނު އެ ދަރިކަލުންނާއިގެން ރައްކައުވެ ވަޑައިގެންނެވުމަށް ދާންދެން އޭނާ މަރިޔަމްގެފާނާއި އެއްދާން ނުކުރޭމެއެވެ. އަދި އެ ދަރިކަލުންގެ ނަމަކަށް އީސާގެ ނަމުން ނަން ދެއްވިއެވެ.