11
އީސާގެފާނާއި ޔަޙުޔާގެފާނު
1 އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އުނގަންނަވައި ދެއްވުމަށާއި ވަޢުޡު އިއްވެވުމަށް ޓަކައި އެކަލޭގެފާނު ގަލީލީ އަވަށުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
2 އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ. 3 ”އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟“
4 އީސާގެފާނު ޖަވާބުގައި އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ކަންތައްތަކުގެ ޚަބަރުތައް ތިޔަބައިމީހުން އެނބުރި ގޮސް ޔަޙުޔާގެފާނަށް ދެއްވާ. 5 ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި. 6 އަދި އަހަރެން މިކުރާ ކަންތަކުގެ ސަބަބުން އަހަރެން ދެކެ ނުރުހުންތެރިކަމެއް ނުވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.“
7 ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟11:7 3:1؛ ލޫކާސް 1:80 ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟ 8 ތިޔަބައިމީހުން ބަލަން ދިޔައީ ކޮންކަހަލަ މީހެއް؟ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ތަ؟ ނޫން. އަގުބޮޑު ހެދުންތައް އަޅައިގެންވާ މުއްސަނދިން ތިބޭނީ ގަނޑުވަރުތަކުގައި. 9 ސަހަރާތެރެއަށް ތިޔަބައިމީހުން ދިޔައީ ކީއްވެ؟ ނަބީބޭކަލަކު ދުށުމަށްތަ؟ ތެދެއް. ޔަޙުޔާގެފާނަކީ ނަބީބޭކަލަކަށް ވުރެން މަތިވެރި ބޭކަލެއް ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. 10 މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’ނިކަން ބައްލަވާ! ކަލޭގެފާނު*11:10 ކަލޭގެފާނު ކަލޭގެފާނު މިތާނގައި ނިސްބަތް ކޮށްފައި މިވަނީ އީސާގެފާނަށެވެ. ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.‘11:10 މަލާކީ 3:1
11 އަހަރެން މިބުނަނީ ތެދެއް. ދުނިޔެއަށް އަންހެނެއްގެ ބަނޑުން އުފަންވި މީހުންގެ ތެރޭގައި ޔަޙުޔާގެފާނު ފަދަ މަތިވެރި އިންސާނަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެ ދަށް މީހާ ވެސް ޔަޙުޔާގެފާނަށް ވުރެން މަތިވެރިވެގެންވާނެ. 12 ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ. 13 އެހެނީ ޔަޙުޔާގެފާނު ވަޑައިގަތުމުގެ ކުރިން އެންމެހާ ނަބީބޭކަލުންގެ ފޮތްތަކާއި އަދި ތައުރާތުގައި މާތް ރަސްކަލާނގެ ރަސްކަންފުޅު އައުމާއި ބެހޭގޮތުން ޣައިބުގެ ބަސްތައް ވިދާޅުވެފައިވެއެވެ.
14 އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ. 15 ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!
16 މިޒަމާނުގެ މީހުންނާއި މެދު އަހަރެން ބުނާނީ ކީކޭ؟ އެބައިމީހުންނާ ވައްތަރީ ކޮންފަދަ ބަޔަކާ؟ އެބައިމީހުންނެކޭ ބާޒާރު މަތީގައި އިށީނދެ ތިބޭ ކުދިންނެކޭ އެއްގޮތް. އެކުދިން ކުޅެމުން ގެންދާހިނދު އެއްކުއްޖަކު އަނެއްކުއްޖަކަށް ބުނާނެ.
17 ’ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!‘
18 ޔަޙުޔާގެފާނު ވަޑައިގެން ރަލާއި އާދައިގެ ކާނާ ފަރީއެއް ނުކުޅައްވާ. އެހެން ވުމާއެކު، އެމީހުން ބުނޭ. ’އޭނާ އެވަނީ ޖިންނި އަވަލާފައޭ.‘ 19 އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.“
އީމާންނުވާ މީހުންނަށް އިންޒާރު ކުރެއްވުން
20 ދެން އީސާގެފާނު އެކަލޭގެފާނު އެންމެ ގިނަ މުޢުޖިޒާތްތައް ދެއްކެވި ސަހަރުތަކަށް ފާޑުވިދާޅުވިއެވެ. އެމީހުން ތައުބާ ނުވުމުގެ ސަބަބުން އެ ސަހަރުތައް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
21 އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް. 22 ޤިޔާމަތް ދުވަހުގައި ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ވުރެން ކަލޭމެންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ ކަމުގެ ޔަޤީންކަން އަހަރެން ކަލޭމެންނަށް ދެން.
23 ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް. 24 ނަމަވެސް ސަދޫމުގެ އަހުލުވެރިންނަށް ދެވުނު ޢުޤޫބާތަށް ވުރެން ބޮޑު ޢުޤޫބާތް ކަލޭމެންނަށް ޤިޔާމަތް ދުވަހުގައި ލިބިދޭނޭ ކަމުގައި އަހަރެން ކަލޭމެންނަށް ބުނަން.“
25 އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ. 26 ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.“
27 ”އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.
28 ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން. 29 ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ. 30 އެހެނީ އަހަރެން ތިޔަބައިމީހުންގެ ކަނދުރާގައި އަޅުވާ ލަކުޑިބުރި ލުއިވެފައި އުފުލަން ފަސޭހަ ވާނެ.“