23
ދީނުގެ އެދުރުންނާއި މެދު ތުހުމަތުކުރެއްވުން
1 އެއަށް ފަހު އެއްވެފައިވީ މީސްތަކުންނަށާއި އެކަލޭގެފާނުގެ އަސްޙާބީންނަށް އީސާގެފާނު ވިދާޅުވިއެވެ. 2 ”ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ތައުރާތުގެ ގަވާއިދުތައް ބުނެދިނުމުގެ އަމުރުވެރިކަން ލިބިގެންވޭ. 3 ވުމާއެކު، އެބައިމީހުން އުނގަންނައިދޭ އެންމެހާ ތަކެއްޗަށް ތިޔަބައިމީހުން ކިޔަމަންތެރިވޭ. ނަމަވެސް އެބައިމީހުންގެ އަމަލުތަކަކީ މިސާލެއްގެ ގޮތުގައި ބެލުން އެއީ ރަނގަޅު ކަމެއް ނޫން. އެއީ އެމީހުންނަކީ އެމީހުން ކިޔަވައިދޭ އެއްޗިއްސަށް އަމަލު ކުރާ ބަޔަކަށް ނުވާތީއެވެ. 4 އެބައިމީހުން ހަރުކަށި ގަވާޢިދުތައް ހަދާނެ. އެބައިމީހުންނަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އެބައިމީހުން އަމުރު ކުރާނެ. ނަމަވެސް އެބައިމީހުންގެ ހަރުކަށި ގަވާޢިދުތަކުގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެބައިމީހުން ފުރަގަސްދޭ.
5 އެމީހުން ހެޔޮ އަމަލުތައް ކުރާނީ މީހުންނަށް ދެއްކުމުގެ ގޮތުން. އެމީހުން ނިތްކުރީގައި އަޅައިގެން އުޅޭ ބާވައިލެއްވި ފަތްފުށްތަކުގެ އާޔަތްތައް އަޅާ ފޮށިތައް ބޮޑުކުރޭ. އަދި އެމީހުންގެ ހެދުންތަކުގެ އަތްދުއްލީ ވާނީ ވީހާވެސް ބޮޑަށް ދިގުކޮށްފައެވެ. އެއީ މީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.*23:5 ތައުރާތުގައި އެމީހުންނަށް އަންގަވާފައިވަނީ އެމީހުންގެ ހެދުންތަކުގެ ކަނުގައި އަތްދުއްލީ ލާފައި ފަހާށެވެ. އެއީ މޫސާގެފާނު ދެއްވި ހުރިހާ އަމުރުތައް ހަނދާން ކޮށްދިނުމަށެވެ. 6 ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ލޯބިކުރާނީ ޖާފަތްތަކުގައްޔާއި ދީނީ މަރުކަޒުތަކުގައިވާ އެންމެ މުހިންމު ގޮނޑިތަކަށް. 7 މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’އެދުރުކަލޭގެ‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.
8 އެހެނަސް ތިޔަބައިމީހުން ’އެދުރުކަލޭގެ‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން. 9 މިބިމުގައިވާ އެކަކަށްވެސް ’ބައްޕާފުޅު‘ ގެ ނަމުގައި މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންގެ ވަނީ އެންމެ ބައްޕާފުޅެއް. އެއީ އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅު އެކަނި. 10 އަދި އެއްވެސް ފަރާތަކަށް ’މާތްސާހިބު‘ ގެ ނަމުގައި ވެސް ގޮވައިގެން ނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ ހަމައެކަނި އެންމެ ’މާތްސާހިބަކު‘ އެއީ އަލްމަސީޙު. 11 ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހެއް ކަމަށް ވާނީ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމެއްގެ ގޮތުގައި އުޅޭނެ މީހާ. 12 ތިޔަބައިމީހުންގެ ތެރެއިން ކިބުރުވެރިކަމުގައިވާ މީހާ ހިތްތިރިކުރައްވާނެ. އަދި ތިމާގެ ހިތްތިރިކޮށްގެން އުޅޭ މީހާ މަތިވެރިކުރައްވާނެ.“
މުނާފިޤުންނަކީ ކުށްވެރި ބައެއް
13 ”ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ! 14 ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ހުވަފަތް އަންހެނުންގެ ގެތައް ފޭރިގަނެވޭތޯ ބަލާ މީހުން. އަދި ކަލޭމެން ދިގުވެގެންވާ ދުޢާތައް ކޮށް ކަލޭމެންނަކީ ސާލިޙު ބައެއްކަމުގައި މީސްތަކުންނަށް ދައްކާ. ވީމާ ކަލޭމެންނަށް ގަދަފަދަ ޢުޤޫބާތް ދެއްވާނެ.†23:14 ބައެއް ގުރީކު ބަހުން ލިޔެފައިވާ ފޮތްތަކުގައި މި އާޔަތް ނުހިމެނެއެވެ.
15 ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.
16 އޭ ލޯކަނު މަގުދައްކާދޭ މީހުންނޭ! ކަލޭމެންނަށް ހިތާމަ ހުރި! އެހެނީ ކަލޭމެން ދަސްކޮށްދެނީ މީހަކު ބައިތުލް މަޤްދިސް ގަންދީ ހުވާކޮށްފަ ކުރަން ބުނާ ކަމެއް ނުކުރިޔަސް މައްސަލައެއް ނޫންކަމަށް. އެކަމަކު ގެކޮޅުގައިވާ ރަންތައް ގަންދީ ހުވައެއް ކޮށްފިނަމަ އެހުވާ ދަމަހައްޓަން ޖެހޭނެ ކަމަށް. 17 އޭ ކަނު މޮޔައިންނޭ! ކަލޭމެންނަށް ބޮޑަށް މުހިންމު ވަނީ ކޮންއެއްޗެއްތަ؟ ގެކޮޅުގައި ހުންނަ ރަންތަ؟ ނޫނީ އެރަން ކަރާމަތްތެރިކުރުވާ އަޅުކަމުގެ ގެކޮޅުތަ؟ 18 ކަލޭމެން ދަސްކޮށްދެނީ ޤުރުބާން ހުށަހަޅާ އަށި ގަންދީ ހުވާ ކުރިޔަކަސް އެހުވާ ދަމަހައްޓަން ނުޖެހޭނެ ކަމަށް. އެކަމަކު އެއަށިމަތީގައި ޤުރުބާން ކުރެވޭ އެއްޗެއް ގަންދީ ހުވާކޮށްފި ނަމަ އެހުވައެއް ދަމަހައްޓަން ޖެހޭނެ ކަމަށް. 19 އޭ ކަނުމީހުންނޭ! ކަލޭމެންނަށް މުހިންމީ ކޮން އެއްޗެއްތަ؟ ޤުރުބާނީތަ، ނޫނީ އެޤުރުބާނީ މުޤައްދަސް ކުރެވޭ އަށިތަ؟ 20 ޤުރުބާން ހުށަހަޅާ އަށި ގަންދީ ހުވާ ކުރާ އިރު ކަލޭމެންނަށް އެހުވާ ކުރެވެނީ އެ އަށިމަތީގައި ހުރި އެއްޗެއް ވެސް ހިމަނައިގެންނެއް ނޫންތަ؟ 21 ކަލޭމެން ގެކޮޅު ގަންދީ ހުވާކުރާއިރު ކަލޭމެންނަށް އެހުވާ ކުރެވެނީ އެގެކޮޅުގައި ވޮޑިގެންވާ ކަލާނގެ ވެސް ހިމަނައިގެން ނޫންތަ؟ 22 ކަލޭމެން އުޑުގަންދީ ހުވާކުރާއިރު އެހުވާ ކުރެވެނީ އެ އުޑުގައިވާ އަރުޝިކޮޅާއި އެ އަރުޝިކޮޅުގައި އިންނަވާ ކަލާނގެ ވެސް ގަންދީ ނޫންތަ؟
23 ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން. 24 އޭ ލޯކަނު މަގުދައްކާދޭ މީހުންނޭ! ކަލޭމެން ފެން ތައްޓެއްގެ ތެރެއިން ކުޑަ މެއްސެއް އޮތަސް ނަގާ އެއްލާލާނެ. ނަމަވެސް އޭގެ ތެރޭގައިވާ ޖަމަލެއް ދިރުވައިލާނެ.
25 ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ ޖޯޑާއި ކާތަށީގެ ބޭރު ނިކަން ރަނގަޅަށް ސާފުކޮށްހަދާ. އެކަމަކު އޭގެ އެތެރެ ނަޖިސްވެފައި ވަނީ ދަހިވެތިކަމާއި އަމިއްލަ އެދުމުން. 26 އޭ ލޯކަނު ފަރީސީންނޭ! ކަލޭމެންގެ ޖޯޑާއި ކާތަށީގެ އެތެރެ ފުރަތަމަ ސާފުކުރޭ. އޭރުން ބޭރު ވެސް ހުންނާނީ އޭގެ ޒާތުގައި ސާފުވެފައި.
27 ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤު ބައެއް! ކަލޭމެންނަކީ ހުދުކުލަ ލެވިފައިވާ މަހާނަތަކެއް ފަދަ ބައެއް. އެ މަހާނަތަކުގެ ބޭރު ރީތި ކަމުގައި ވިޔަސް އެ މަހާނަތަކުގެ އެތެރޭގައި ވަނީ މަރުވެފައިވާ މީސްތަކުންގެ ކަށިތަކުންނާއި ނަޖިހުން ފުރިފަ. 28 ކަލޭމެން ވެސް ވަނީ އެފަދައިންމެ. މީސްތަކުންނަށް ކަލޭމެން ފެންނަ ހިނދު ކަލޭމެންނަކީ ސާލިޙު ބައެއް ކަމުގައި ހީވޭ. ނަމަވެސް ކަލޭމެންގެ އެތެރެފުށް ވަނީ މުނާފިޤުކަމާއި އެންމެހާ ނުބައި ނުލަފާ ކަންތައްތަކުން ފުރިފަ.
29 ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެން ނަބީބޭކަލުންނަށް ޓަކައި މަހާނަފުޅުތައް ހަދާ. އަދި ސާލިޙުކަމުގައި ދިރިއުޅުނު ފަރާތްތަކުގެ ޒިޔާރަތްފުޅު ތަކަށް ގަދަރު ކުރާކަން ކަލޭމެން ދައްކާ. 30 ކަލޭމެން ބުނޭ. ’ތިމަންމެން ކާބަފައިންގެ ދުވަސްވަރު ދިރިއުޅުނު ކަމުގައިވީނަމަ އެނަބީބޭކަލުން ގަތުލުކުރުމަށް ތިމަންމެންގެ ކާބަފައިންނަށް ތިމަންމެން އެހީތެރިވެ ނުދޭނަމޭ.‘ 31 މިގޮތުން ކަލޭމެންގެ ދުލުންވެސް އެއްބަސް ތިޔަ ވަނީ ކަލޭމެންނަކީ ނަބީބޭކަލުން ގަތުލުކުރި މީހުންގެ އައުލާދުގެ މީހުން ކަމަށް. 32 ވީމާ ކަލޭމެންގެ ކާބަފައިން ފެށިކަންތައް ކަލޭމެންވެސް ގޮސް ކޮށް ނިންމާ!
33 ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟ 34 އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ. 35 ވީމާ އެގަތުލުކުރެވި ދިޔަ ހާ ސާލިޙު ރަނގަޅު މީސްތަކުންގެ ގަތުލުގެ ޒިންމާ ކަލޭމެން އުފުލަންޖެހޭނެ. އެއީ ހާބީލް ގަތުލު ކުރެވުމުން ފެށިގެން ބަރަކިޔާހުގެ ދަރި ޒަކަރިއްޔާ ގަތުލު ކުރެވުމާއި ހަމައަށް. ޒަކަރިއްޔާ އަވަހާރަ ކޮށްލެވުނީ ބައިތުލް މަޤްދިސް އާއި ޤުރުބާން ހުށަހަޅާ އައްޓާއި ދެމެދުގައި ހުންނެވި ހިނދު. 36 އަހަރެން މިބުނަނީ ތެދެއް. އެ ހުރިހާ ކަމެއްގެ ޒިންމާ މިޖީލު އުފުލަންޖެހޭނެ.“
އީސާގެފާނު ޖެރޫސަލަމުގެ މައްޗަށް ހިތާމަ ކުރެއްވުން
37 ”ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ. 38 މިހާރު ކަލޭމެންގެ ގެދޮރު ތިޔަވަނީ ފަޅުވެފަ. 39 އަހަރެން ބުނަން ތަ؟ ’މާތްރަސްކަލާނގެ ނަންފުޅުގައި އަންނަ ކަލޭގެފާނަށް ބަރަކާތްތެރިކަން ލައްވާށި.‘23:39 ޒަބޫރު 118:26 މިފަދައިން ކަލޭމެން ބުނުމަށް ދާންދެން ކަލޭމެންނަށް އަހަރެން ނެތް ނުފެންނާނެ.“