5
އީސާގެފާނު ޖިންނި އަވަލާފައިވީ މީހަކު ރަނގަޅު ކުރެއްވުން
1 އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީ ކަނޑުގެ އަނެއް ފަރާތުގައި އޮތް ގެރާސާގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. 2-3 އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެންވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ. 4 އެތައް ފަހަރަކު އޭނާގެ ފައިގަ އާއި އަތުގައި ބިޑިއަޅުވައި ހިލިހިލާ ޖެހިފައި ވެއެވެ. އެހެނަސް އެހުރިހާ ފަހަރަކުވެސް އޭނާގެ ހަތަރެސްފައިގައި ޖެހިފައިވާ ދަގަނޑު ބޮޅުތަކުގެ ބިޑިއާއި ހިލިހިލާ އޭނާ ހަލާކު ކޮށްލައެވެ. މީސްތަކުންނަށް މި މީހާ ހިފަހައްޓައިގެން ނުގެންގުޅެވެނީ މިމީހާއަށް ކުރިމަތިވާ ބާރަކުންނެވެ. 5 ދުވާލާއި ރޭގަނޑު އޭނާ އުޅެމުންދަނީ ފަޅު މަހާނަތަކުގެ ތެރޭގައާއި ފަރުބަދަތަކުގެ ކައިރީގައި ހަޅޭލަވާ އަދި އަމިއްލަ ހަށިގަނޑު ހިލައިން ކަނޑައި އަނިޔާ ދިނުމުގައެވެ.
6 މި މީހާއަށް އީސާގެފާނު ފެނުނު ހިނދު އޭނާ ވަނީ އެކަލޭގެފާނާއި ކުޑަ ތަންކޮޅެއް ދުރުގައެވެ. އެހެންވެ، ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓިނެވެ. 7 އަދި ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”މަތިވެރި ރަސްކަލާނގެ ދަރިކަލުން، އީސާގެފާނު! އަޅުގެ ކިބައިން ކަލޭގެފާނު އެދިލައްވަނީ ކޮންކަމެއް؟ ކަލާކޮށްޓަކާ ބުނަން، އަޅާއަށް އަނިޔާ ނުކުރައްވާތި!“ 8 މި މީހާ އެކަލޭގެފާނަށް މިފަދައިން ދެންނެވި ސަބަބަކީ އީސާގެފާނު މިފަދައިން ވިދާޅުވުމުންނެވެ. ”ނުބައިވެގެންވީ ރޫޙާ، އޭނާގެ ހަށިގަނޑުން ނުކުމޭ!“
9 އެއަށް ފަހު އީސާގެފާނު އެމީހާއަށް ސުވާލު ކުރެއްވިއެވެ. ”ކަލޭގެ ނަމަކީ ކޮބާ!“
އޭނާ (އެ ނުބައި ރޫޙު) ޖަވާބުދިނެވެ. ”ލަޝްކަރު، ސަބަބަކީ މި ފިރިހެނާގެ ހަށިގަނޑު ތެރޭގައި އެތައް ބައިވަރު އަހަރެމެންގެ މީހުން ހިމެނިގެންވޭ!“ 10 އަދި މި ސަރަހައްދުން ބޭރަށް ޖިންނިތައް ފޮނުވާ ނުލެއްވުމަށް އެދި ތަކުރާރުކޮށް އޭނާ އެކަލޭގެފާނަށް އާދޭސް ކުރަމުން ގެންދިޔައެވެ.
11 އެހިނދު އެތާ ކައިރީގައި ވީ ފަރުބަދައިގެ ކައިރިފަށުގައި ކާންދިނުމަށްޓަކައި ގެނެވިފައިވީ އޫރު ބޮޑު އައިނެއް ވިއެވެ. 12 އެހެންވެ، މި ޖިންނިތައް އީސާގެފާނަށް އާދޭސްކޮށް ބުނަމުން ދިޔައެވެ. ”އަހަރެމެން އެ އޫރުތަކުގެ ތެރެއަށް ފޮނުއްވާ، އަދި އެ ތަކެތީގެ ތެރެއަށް އަހަރެމެން ވަނުމަށް ހުއްދަ ދެއްވާ.“ 13 އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.
14 އޫރުތައް ބަލަހައްޓާ މީހުންނަށް މިތަންފެނި ދުވެފައިގޮސް ރަށުތެރެއަށް އަރައި އަދި އެހިސާބުގެ އަވަށްތަކަށް މިޚަބަރު ދީފިއެވެ. އެއާއެކު މި ވަނީ ކޮންކަމެއްތޯ ބެލުމަށް މީސްތަކުން އެތަނަށް އެއްވިއެވެ. 15 އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ. 16 މި ހިނގާދިޔަ ކަންތައްތައް ލޮލުންދުށް މީހުން ޖިންނި މޮޔަވެފައިވީ މީހާ އާއިމެދުގައި ކަންތައްވީގޮތާއި އަދި އޫރުތަކަށް ދިމާވި ގޮތް މީސްތަކުންނަށް ކިޔައި ދިނެވެ.
17 އެއަށް ފަހު މީސްތަކުން އީސާގެފާނަށް އާދޭސްކޮށް އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށް ދެންނެވިއެވެ. 18 އީސާގެފާނު އެތަނުން ވަޑައިގެން ދޯންޏަށް އަރާ ވަޑައިގެންނެވި ހިނދު ޖިންނިއަވަލީ މީހާ އެކަލޭގެފާނާއެކު އޭނާވެސް ގެންދިއުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ.
19 އެހެނަސް އީސާގެފާނުގެ އަރިހުގައި އެމީހާ ގެންދިއުމަށް އެކަލޭގެފާނު އިންކާރު ކުރައްވާ އޭގެ ބަދަލުގައި އެމީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ ގާތް ތިމާގެ މީހުންގެ ކައިރިއަށް ގެއަށްދޭ، އަދި މާތްރަސްކަލާނގެ ލެއްވި ރަޙުމަތްފުޅުގެ ވާހަކައާއި ކޮށްދެއްވިހާ ކަންތަކުގެ ވާހަކަ ކިޔައިދީ.“
20 އެހެންވީމާ، ކައިރި ސަރަހައްދެއް ކަމުގައިވާ ދިހަ އަވަށުގެ ނަމުން ނަންދެވިފައިވީ ދެކާޕޮލިސްއޭ ކިޔުނު ސަރަހައްދަށް މިމީހާ ދިޔައެވެ. އަދި އެ ސަރަހައްދުގައި މި މީހާއާއި މެދު އީސާގެފާނު ކަންތައް ކޮށްދެއްވި ގޮތުގެ ވާހަކައިން ޚަބަރު ދިނެވެ. މި ޙާދިސާގެ ވާހަކަ އެހި ކޮންމެ މީހަކަށް ޙައިރާންކަން ލިބުނެވެ.
އަންހެނެއްގެ ބަލި ހެޔޮކޮށް ދެއްވައި އަދި މަރުވެފައިވީ ކުޑަ އަންހެންކުއްޖަކު ދިރުއްވުން
21 އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ. 22-23 އެހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“
24 ދެން އީސާގެފާނު އޭނާއާއިއެކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އެއްވެފައިވާ މީސްތަކުންގެ ގިނަކަމާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން އައުމުގެ ސަބަބުން މުޅިތަނުގައި މީހުންތައް ފުރިބާރުވެ ކުރިއަށް ވަޑައިގަތުންވަނީ ދަތިފުޅުވެފައެވެ.
25 އޭރު އެ މީހުންތަކުގެ ތެރޭގައި މެދުނުކެނޑި ލޭފައިބަމުންދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. 26 އެތައް ބޭސްވެރިންނެއް މި ކަނބުލޭގެއަށް ފަރުވާ ކުރިމެއެވެ. އަދި މިކަނބުލޭގެ އަތުގައި ވީހާ ތަކެއްޗެއް މި ބައްޔަށް ފަރުވާ ކުރުމުގައި ހޭދަކޮށްފައިވެއެވެ. ނަމަވެސް ބޭސްވެރިންގެ އެހީތެރިކަމުން މި ކަނބުލޭގެއަށް ދިމާވެފައިވާ ބަލި ފަސޭހަވުމުގެ ބަދަލުގައި އެ ބޭސްވެރިންގެ ފުށުން މި ކަނބުލޭގެއަށް އިތުރު ވޭން ލިބި އިހުނަށް ވުރެން ބަލި ޙާލަތު ބޮޑުވެގެން ވިއެވެ. 27-28 މިކަނބުލޭގެއަށް އީސާގެފާނުގެ ޚަބަރު ލިބިފައިވުމުން، އެކަލޭގެފާނުގެ ފަހަތްޕުޅުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން އައެވެ. ”އެކަލޭގެފާނު ހަށިކޮޅުގައިވާ ހެދުންކޮޅުގައި ކިރިޔާ އަހަރެންގެ އަތް ބީހިލެވުނަސް، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.“
29 އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ. 30 ކުއްލިއަކަށް އީސާގެފާނުގެ ހަށިކޮޅުން ބާރު ދޫވެގެން ދިޔަކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނު ފަސްއެނބުރި އެއްވެފައިވާ މީސްތަކުންނަށް ބައްލަވާލައްވާ ވިދާޅުވިއެވެ. ”އަހަރެންގެ ހެދުމުގައި އަތްލީ ކާކު؟“
31 އެހިނދު އެކަލޭގެފާނުގެ އަސްޙާބީން ޖަވާބުދެއްވިއެވެ. ”ބައްލަވާ. ކިހާ މީހުންނެއްތޯ މިތަނުގެވަށައިގެން މިވަނީ. ކާކުތޯ އަތްލީ ތިޔަ ވިދާޅުވެލެއްވީ ކީއްވެތޯ؟“
32 ނަމަވެސް އެކަން ކުރީ ކާކުތޯ ބެލުމުގެ ގޮތުން އީސާގެފާނު ވަށައިގެންވީ މީސްތަކުންނާ ދިމާލަށް ބައްލަވަމުން ގެންދެވިއެވެ. 33 މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ. 34 އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.“
35 އީސާގެފާނު މިފަދައިން ވިދާޅުވި ތަނާހެން ޖައިރުސްގެ ގެއިން ޚަބަރާއިގެން ބަޔަކު އައެވެ. އަދި ޖައިރުސްއަށް އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ”މަނިކުފާނުގެ އަންހެން ދަރިފުޅު ނިޔާވެއްޖެ. އިތުރަށް އެދުރުކަލޭގެފާނަށް އުނދަގޫ ކުރުމުގެ ބޭނުމެއްނެތް.“
36 އެމީހުންގެ މި ވާހަކަތަކަށް އީސާގެފާނު ސަމާލުކަމެއް ނުދެއްވާ ޖައިރުސްއަށް ވިދާޅުވިއެވެ. ”ބިރު ނުގަނޭ، ހަމައެކަނި އީމާންތެރިކަމުގައި ސާބިތުވޭ.“ 37 ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ. 38 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ޖައިރުސްގެ ގެއަށް ދެވުނު ހިނދު، މި ހިތާމައިގައި މީސްތަކުން އަޑުން އަޑުނަގާ ރޮއިހޭރެމުން ކޮޅުކޮޅު މައްޗަށް ދުވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. 39 އަދި އެކަލޭގެފާނު ގޭތެރެއަށް ވެދެވަޑައިގެން މީސްތަކުންނަށް ވިދާޅުވިއެވެ. ”މި އެންމެން ކަރުނައަޅާ ރޮމުން މިގެންދަނީ ކީއްވެ؟ މި ކުއްޖާ މިވަނީ މަރުވެފައެއް ނޫން. ނިދިފައި.“
40 އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނަށް މަލާމަތްކޮށް ހީނ ހެދިއެވެ. އެއަށް ފަހު އެމީހުން ބޭރަށް ދިއުމަށް އީސާގެފާނު އަމުރު ކުރައްވައި އެތަނުން ފޮނުވާލެއްވިއެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނާއި އެކަލޭގެފާނުގެ ތިން އަސްޙާބީންނާއެކު އެ ކުއްޖާ ބޭއްވިފައިވާ ކޮޓަރި ތެރެއަށް ވެދެވަޑައިގަތެވެ. 41 އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”ތަލީތާ ކޮއުމް“*5:41 މިއީ އަރަމައިކް ބަސްތަކެކެވެ. އަދި މި ބަހުރުވައަކީ އީސާގެފާނު މި ދުނިޔޭގައި އުޅުއްވި ދުވަސްވަރުގައި ފަލަސްތީނުގައި ތިބި މީހުން ވާހަކަ ދައްކައި އުޅުނު ބަހުރުވައެކެވެ. މާނައީ، ”ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!“
42 ހަމައެހިނދު އެ ކުއްޖާ ތެދުވެ ހިނގަންފެށިއެވެ. އޭރު އެ ކުއްޖާގެ އުމުރުން ބާރަ އަހަރެވެ. މިގޮތަށް މިކަން ދިމާވުމުން އެންމެން ޙައިރާންވެ އަންތަރީސްވިއެވެ. 43 އެހެނަސް އީސާގެފާނު އެކަލޭގެފާނާއިއެކު އެތަނުގައި ތިބި މީހުންނަށް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އިންޒާރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”އެ ކަނބުލޮއަށް ކޮންމެވެސް ކާއެއްޗެއް ދީ.“
*5:41 5:41 މިއީ އަރަމައިކް ބަސްތަކެކެވެ. އަދި މި ބަހުރުވައަކީ އީސާގެފާނު މި ދުނިޔޭގައި އުޅުއްވި ދުވަސްވަރުގައި ފަލަސްތީނުގައި ތިބި މީހުން ވާހަކަ ދައްކައި އުޅުނު ބަހުރުވައެކެވެ.