ހަރުބަސްތައް  
ތަޢާރަފު  
މިފޮތުގެ ނަމަކަށް ހަރުބަސްތަކޭ ކީފައި ވަނީ މިފޮތުގައި ހިމެނެނީ ދާއޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު ވިދާޅުވެފައިވާ ހަރު ބަސްފުޅުތައް ކަމަށްވާތީއެވެ. މި ފޮތަކީ ބުއްދިވެރި ބަސްތަކުގެ ފޮތެއްގެ ގޮތުގައި ވެސް ލިޔެވިފައިވެއެވެ.  
ސުލައިމާނުގެފާނު އުޅުއްވި ކަމަށް ބެލެވިފައި ވަނީ އީސާގެފާނު ވަޑައިގަތުމުގެ ދިހަވަނަ ގަރުނުގެ ކުރީގައެވެ. މި ފޮތުގައި ސުލައިމާނުގެފާނުގެ ބަސްފުޅުތަކުގެ އިތުރުން ޔާކާގެ ދަރި އަޖޫރު ލިއުއްވި ބަސްފުޅުތަކާއި ލަމޫއީލް ރަސްގެފާނު ވިދާޅުވި ބަސްފުޅުތައް ހިމެނިފައިވެއެވެ. އަދި ހަމަ އެހެންމެ ލަމޫއީލްގެ މަންމާފުޅު ވިދާޅުވި ބައެއް ބަސްފުޅުތައް ވެސް ފަހުބައިގައި ހިމެނިފައިވެއެވެ.  
ޢިބްރާނީ ބަހުން މި ބަސްފުޅުތައް ލިޔެވިފައިވާ އިރު ވަނީ ޅެންވެރި ކަމުގެ ހަމަތަކާއި ވަޒަންތަކަށް ވެސް ފައްތާފައެވެ. މި ފޮތް ދިވެހިބަހުން ލިޔުމުގައި ޢިބްރާނީގެ އާދަކާދަތަކާއި ބަސްމަގު ހުންނަ ގޮތުގެ ތަފުސީލުތަކަށް ވުރެން މި ބަސްފުޅުތަކުން ލިއްބައިދޭ އިރުޝާދުތަކާއި އިބްރަތަށް އިސްކަން ދީފައިވެއެވެ.  
މިފޮތުގެ މަގުސަދަކަށް ވެފައި ވަނީ މީހާގެ އުޅުމާއި އަޚުލާގުގެ ރަނގަޅު ބިންގަލެއް އަޅައިދިނުމެވެ. އެގޮތުން ވަކިން ޚާއްސަކޮށް ޒުވާނުންނަށް ކާމިޔާބު ދިރިއުޅުމަކަށް މަގުދައްކައި ދިނުމެވެ. އެހެންކަމުން ވިސްނުންތެރިކަމަށް ބާރު އަޅައި ތަމްރީނާއި ތަރުބިއްޔަތުގެ މަގުން މީހާ އިސްލާހު ކުރުމަށް އެތައް ބަސްފުޅެއް ތަކުރާރު ކުރެވިފައިވެއެވެ. އަދި އެތަކެއް މިސާލު ބަސްތަކާއި އަމުރުފުޅުތައް އެކުލެވިފައިވެއެވެ. ވަކީން ޚާއްސަކޮށް ޒިނޭކުރުން ފަދަ ފާފަ ތަކާ މީހާ ދުރުހެލި ކުރުވުމުގެ ގޮތުން ތަކުރާރުކޮށް އެތައްތަނެއްގައި އެތައް ގޮތަކަށް އެވާހަކަތައް ލިޔެވިފައިވެއެވެ. ހަމަ އެފަދައިން ތެދުވެރި ވުމަށް ބާރު އެޅުމަށާއި އިންސާފުން ކަންތައް ކުރުމަށާއި ފަގީރުންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް އިރުޝާދު ދެއްވާފައިވާ ވަރަށް ގިނަ ބަސްފުޅުތައް ހިމެނިފައިވެއެވެ.  
މި ފޮތުގައި އެކުލެވޭ މައިގަނޑު ޙިކުމަތަކީ މާތްރަސްކަލާނގެއަށް ބޯލަނބައި ބިރުވެތިވުމެވެ. ވިސްނުމެއްނެތި ހިތުހުރިގޮތަކަށް އުޅޭ އުޅުމަކީ މޮޔައިންގެ ސިފައެއްކަން ވަރަށް ރަނގަޅަށް ބަޔާންކޮށް ދީފައިވެއެވެ. މީހާގެ ކިބައިގައި ހުންނަން ޖެހޭނެ މާތްކަމާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ރަޙުމާއި މިފަދަކަންތަކަށް މީހާ ހޭލައްވައި އެފަދަ ކަންތައް ކުރުމަށް ބާރުއަޅާފައި ވެއެވެ.  
އަދި ފާފަވެރިކަމާއި ނުބައި ނުލަފާކަމާއި ދޮގުހެދުމާއި މަކަރުވެރި ރޭވުންތަކުން މީހާއަށް ލިބިދާނެ ގެއްލުންތައް ސާފު ޢިބާރާތުން ބަޔާން ކޮށް ދެއްވާފައިވެއެވެ. އިލްމާއި ދެނެގަތުމުގެ މުހިންމު ކަމާއި ހެޔޮ ނަސޭހަތް އަޑު އަހައި އެއަށް ތަބާވުމުން ލިބޭނެ ފައިދާއާއި އިނާމު ބަޔާންކޮށް ދެވިފައިވެއެވެ. މި ބަސްތަކުން ދޭހަވާ މައިގަނޑު އެއްކަމަކީ މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ތެދުވެރި ހެޔޮ އިންސާފުވެރި އޯގާވެރި ރަޙުމު ހުންނަ އަމަލުތައް ކުރުމުންކަމެވެ. އަދި ހަމަ އެހެންމެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިންނަށް ބާރު އަޅުއްވައި އަދި ދަރިން މައިންބަފައިންގެ ބަސްއެހުމުގެ މުހިންމު ކަން ވެސް މި ބަސްފުޅުތަކުގައި އެކުލެވިފައިވެއެވެ. މި ނަސޭހަތްތައް އާންމުގޮތެއްގައި ފިރިހެން ދަރިއަކަށް މުޚާތަބު ކޮށްފައިވިޔަސް ފިރިހެންދަރިންނާއި އަންހެންދަރިންނާ ދެމެދަކު ފަރަގު ކުރުމެއް ނުވެއެވެ. އަދި މި ނަސޭހަތްތަކުގައި އަރައިރުންވުމާއި ހަމަ ނުޖެހުން އުފެއްދުމުގެ ނުރައްކަލުގެ ވާހަކަވެސް ބަޔާން ކޮށް ދެއްވާފައިވެއެވެ.  
މީގެ އިތުރުން މުސީބާތުގެ ވަގުތުގައި މާތްކަލާނގެއަށް ވަކީލު ކުރުމާއި ކޮންމެ ކަމެއްގައި އެކަލާނގެ ކިބަފުޅުން ވާގިއެދުމުގެ މުހިންމުކަން ދަސްކޮށްދެއްވާފައި ވެއެވެ. ބޮޑާވެގަތުމާއި، ބާވައިލެއްވި ބަސްފުޅުތަކަށް އިންކާރުކޮށް ދެކޮޅުވެރިވެގަތުމުގެ ސުންޕާކަން އަންގަވާދެއްވާފައި ވެއެވެ. އަންހެނާގެ ކިބައިގައި ހުރެދާނެ ނޭދެވޭ ސިފަތަކާއި ރަނގަޅު އަންހެނެއްގެ ކިބައިގައި ހުންނަންވާނެ ރަނގަޅު ސިފަތައް ބަޔާން ކޮށް ދެވިފައިވެއެވެ. ކަންނެތްކަމާއި ބުރަމަސައްކަތާ ދެމެދުގައިވާ ތަފާތާއި ގެއްލުމާއި ފައިދާތަކަށް އިޝާރާތް ކުރެވިފައިވެއެވެ. މީގެ އިތުރުން ވެރިންގެ ކިބައިގައި ހުންނަންވާނެ އަދުލުވެރިކަމާއި ހަމަހަމަ ކަމާއި ރަޙުމާއި އޯގާވެރިކަން ވެސް ބަޔާން ކުރެވިފައިވެއެވެ. ހައިހޫނުކަމާއި މުއްސަނދި ކަމުގެ ފަރަގާއި، މިފަދަ އެތައް ކަންތަކެއް ޅެން ބައިތުތަކަކުން ކިޔާދެއްވައި ވިސްނާމީހަކަށް އިބްރަތް ލިބިގަނެވޭނެ އެތައް ނަސޭހަތްތަކެއް މި ފޮތުގައި އެކުލެވިފައި ވެއެވެ.  
އެހެނީ މި ފޮތުގައި ހިމެނޭ ނަސޭހަތާއި އިރުޝާދުތަކާއި އިބްރަތްތަކީ މީހާއަށް ރައްކާތެރިކަމާއި ތަނަވަސްކަމާއި ދިގު އުމުރެއް ގެނެސްދިނުމަށް މަގުދައްކަވާ އަގުހުރި ބަސްފުޅުތަކެކެވެ.   
 1
 1 މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.   
 2 ހަރުބަސްތަކަކީ މީހާގެ ބުއްދި ތަނަވަސްކޮށްދީ ނަފްސުގެ ކޮންޓްރޯލް ހިފެހެއްޓުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި މީގައިވާ ފުން މާނަތަކުގައި ގިނަގުނަ ނަސޭހަތްތަކެއް އެކުލެވިފައި ވެއެވެ.   3 މި ހަރުބަސްތަކުން ދުރުވިސްނި ހެވާއި ނުބަޔާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ.   4 މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކު ވެސް އިލްމުހުރި މީހަކަށް ވެދެއެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ.   
 5 ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.   6 ހަރުބަހުން މީހުން ބުނެއުޅޭ މާނަ ފުން ބަސްތައް ދެނެގަނެވެއެވެ. އަދި އޮޅުންނުފިލާ އަރަތެއް ފަދަ ބަސްތައް ފަހުމުވެދެއެވެ.   
 7 އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.   
ނުބައި ރަޙުމަތްތެރިންނާ ގުޅުމުގެ ނަތީޖާ 
  8 ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ.   9 އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.   
 10 ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ.   11 އެމީހުން ބުނެފާނެއެވެ. ”އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!   12 އެމީހުން މިއަދު އެތިބީ ގަދަވެ ހެޔޮ ހާލުގައެވެ. އެކަމަކު އަހަރެމެން ކުރާކަންތައް ކޮށްނިމޭއިރު އެމީހުން ތިބޭނީ ކަށްވަޅުގައެވެ.   13 އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ.   14 ކަލޭ އަހަރެމެންނާ ބައިވެރިވެއްޖެނަމަ ކަލެއަށް ވެސް ބައި އަޅާދޭނަމެވެ.“   
 15 ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ.   16 އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.   17 ދޫނިތައް ބަލަންތިއްބާ މަޅިޖެހުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟   18 އެމީހުން އެއްބައިވެގެން ގޮސް މީހަކު މަރާލައެވެ. އެކަމަކު އެންމެފަހުން އެމަޅީގައި ޖެހޭނީ ވެސް އެމީހުންނެވެ.   19 ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތްދޮވެލާށެވެ.   
ބުއްދީގެ ގޮވެލިފަތި 
  20 މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ.   21 އެކަމަނާގެ އަޑު ބާޒާރު މަތީގައިއާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ.   22 ”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟   23 ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.   
 24 އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ.   25 އަހަރެން މިދޭ އިންޒާރުތަކަށް ކަލޭމެން އަޅައެއް ނުލައެވެ. އަހަރެން ދޭ ނަސޭހަތުގެ އަޑެއް ނޭހިއެވެ.   26-27 ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.   
 28 ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ.   29 ކަލޭމެންނަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ.   30 އަހަރެން ދޭ އިންޒާރުތަކުގެ އަޑު ނާހައި ކަލޭމެން ދިނީ ބީރު ކަންފަތެކެވެ.   31 އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ.   32 ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ.   33 އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“