3
ރާޢޫތު ގޮވާން ދަނޑުގައި
އެއްދުވަހަކު ނުޢުމީ ރާޢޫތުއަށް ބުންޏެވެ. ”މަންމަ ދަރިފުޅަށް ރަނގަޅު ފިރިޔަކު ހޯދައި ދިނުމަށް ގަސްތު ކޮށްފީން. އެމީހަކީ ދަރިފުޅުގެ ކަންތައްތައް ބަލަހައްޓާ އަދި ދަރިފުޅަށް ދިރިއުޅޭނޭ ވަޒަނެއް ވެސް ދޭނޭ މީހެއް.
ދަރިފުޅު ބޫޢަޒުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންނާއިއެކު މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަދި ދަރިފުޅަށް ވެސް އެނގޭނޭ ފަދައިން ބޫޢަޒު އަކީ އަހަރެމެންގެ ގާތް ތިމާގެ މީހެއް. މިރެއަކީ އޭނާ މިފަހަރު އެއްކުރި ދޮނަޅަ ސާފު ކުރުމުގެ މަސައްކަތް ކުރާ ރޭ. ފެންވަރައި ދަރިފުޅުގެ އަތުގައިވާ އެންމެ ރީތި ލިބާސް ލައި އަތަރުލައި ތައްޔާރުވެގެން އޭނާ މަސައްކަތް ކުރުމަށް އުޅޭ ތަނަށް ދޭ. ނަމަވެސް ރޭގަނޑުގެ ކެއުމުން ނިމިގެން ނިދަން ހިނގައްޖެއުމަށް ދަންދެން ދަރިފުޅު އޭނާއަށް ފެނިގެން ނުވާނެ. އޭނާ ނިދާހާއިރު ކޮށްފައި އޭނާ ނިދަން އޮތް ތަނެއް ހޯދައި އޭނާގެ ފައިތިލަ ކަޝްފުކޮށްފައި އޭނާގެ ކައިރީ އޮށޯވޭ. ދެން ދަރިފުޅު ކަންތައް ކުރަންވީ ގޮތެއް އޭނާ ދަރިފުޅު ގާތު ބުނާނެ.“
ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އަހަރެން މަންމަ ތިޔަބުނި ގޮތަށް ކަންތައް ކުރާނަން.“
އަދި އެއަށް ފަހު ބޫޢަޒު މަސައްކަތް ކުރުމަށް އުޅުނު ތަނަށް ގޮސް ނުޢުމީ ބުނި ފަދައިން ކަންތައް ކުރިއެވެ.
ބޫޢަޒު ރޭގަނޑު ކައިބޮއި ނިމުނުއިރު ވަނީ ވަރަށް ބޮޑަށް ހިތްފުރިފައެވެ. އެހެންކަމުން ހަމަ ކައި ނިމުމާއި އެކު އޭނާ ދިޔައީ ނިދާށެވެ. އޭނާ ނިދާން އޮށޯތީ އެތާ ހުރި ގޮވާން ފުންޏެއްގެ ކައިރީގައެވެ.
ރާޢޫތު އޭނާއަށް ނިދޭ ހާއިރު ކޮށްފައި މަޑުމަޑުން ގޮސް އޭނާގެ ފައިތިލަ ކަޝްފުކޮށްގެން އޮށޯތެވެ. މެންދަމުގެ ވަގުތުގައި ބޫޢަޒުއަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އަދި އެވަގުތު އޭނާގެ ފައިލާކޮޅުގައި އަންހެނަކު އޮށޯވެ އޮތް ތަން ފެނި ވަރަށް ބޮޑަށް ހައިރާން ވިއެވެ.
”ކަލެއަކީ ކާކު؟“ ބޫޢަޒު ސުވާލު ކުރިއެވެ.
”އަޅުގަނޑު މިއީ ރާޢޫތު. އަދި ސާހިބު އަކީ އަޅުގަނޑުގެ ފިރިމީހާގެ ގާތް ތިމާގެ މީހުންގެ ތެރެއިން އަޅުގަނޑުގެ ބަލަދުއަރާ، އަޅުގަނޑާ އެހީތެރިވާން ޖެހޭ ފަރާތް. ވީމާ ސާހިބުގެ ހެދުމުގެ ފަސްބައިގެ ކަނުން އަޅުގަނޑަށް ނިވާކަން ދެއްވާ.“ *3‏:9 މާނައަކީ އޭނާއާ އިނދެގެން އުޅެން އެދޭ ވާހަކައެވެ.
10 ބޫޢަޒު ބުންޏެވެ. ”މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައިވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކުވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު. 11 ކަންބޮޑު ނުވޭ. ކަލޭ ތިޔަ އެދުނު ފަދައިން އަހަރެން ކަންތައް ކުރާނަމު. އެހެނީ މިއަވަށުގެ އެންމެންވެސް ދަނޭ ކަލޭ ތީ ރަނގަޅު އަންހެނެއްކަން.
12 އަދި އަހަރެންނަކީ ކަލޭގެ ކަންތައް ބަލަހައްޓާން ޖެހޭ މީހާ ކަމުގައި ތިޔަބުނި ބުނުމަކީ ތެދު ވާހަކައެއް. ނަމަވެސް އަހަރެންނަށް ވުރެ ގާތް ތިމާގެ މީހަކު ކަލޭގެ މަރުހޫމް ފިރިމީހާގެ ވޭ. 13 މިތަނުގައި މިރޭ ހޭދަކޮށްލާ. ދެން ހެނދުނުން، އޭނާ ކަލެއާ އިންނަން އެއްބަސްވެއްޖެނަމަ އެވީ ރަނގަޅަށް. އޭނާއާ އިނދޭ. އެކަމަކު އޭނާ އިންނަން ނޫޅެފިނަމަ އަހަރެން ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން ކަލެއާ އިންނާނަން. ފަތިސްވަންދެން މިތާ އޮވޭ.“
14 ރާޢޫތު އެތާ އޮވެފައި ހެނދުނުގެ އަލި ވިލުމުގެ ކުރިން މީހަކަށް ނުފެނި ގެއަށް ދިއުމަށް ގަސްތު ކޮށްފިއެވެ. އެއީ މިކަންތައް އެކަކަށްވެސް އެނގުމަށް ބޫޢަޒު ބޭނުން ނުވާތީއެވެ.
15 އެވަގުތު ބޫޢަޒު ބުންޏެވެ. ”ކަލޭގެ ކޮނޑުގައި ތިވާ ސާލު މިތާގައި ފަތުރާލަ ބަލަ.“ ބޫޢަޒު އެސާލަށް ފަންސާހަކަށް ރާތާ ގޮވާން އެޅިއެވެ. އަދި ސާލު ގޮށް ޖަހާފައި ރާޢޫތުގެ ކޮނޑު މައްޗަށް ލައިދިނެވެ. އެއަށް ފަހު އޭނާ ރަށުތެރެއަށް ދިޔައެވެ.
16 ރާޢޫތު އެނބުރި ގެއަށް އައުމުން ނުޢުމީ ކަންހިނގިގޮތް އަހައި ސުވާލު ކުރިއެވެ. ރާޢޫތު ކަންތައް ވީ ހުރިހާ ގޮތެއްގެ ވާހަކަ ނުޢުމީ ގާތު ކިޔާ ދިނެވެ.
17 އަދި ވެސް ރާޢޫތު ބުންޏެވެ. ”މިހުރިހާ ގޮވާން ވެސް އޭނާ އަހަންނަށް ދިން. އެއީ މަންމައަށް ދޭނެ އެއްޗެއް ނުލާ އަހަރެން އެނބުރި އައުމަށް އޭނާ ނޭދޭތީ.“
18 ނުޢުމީ ބުންޏެވެ. ”ހާސްވެ ކަންބޮޑު ނުވޭ. ކެތްތެރިވޭ. ކަންތައް ވާނޭ ގޮތަކާއިމެދު އެއްގޮތަކަށްވެސް ފިކުރު ނުކުރޭ. ހުރިހާ ކަމެއް ހަމަ ޖެހުމަށް ދާނދެން އޭނާ މިއަދަކު ހުއްޓައެއް ނުލާނެ.“

*3:9 3‏:9 މާނައަކީ އޭނާއާ އިނދެގެން އުޅެން އެދޭ ވާހަކައެވެ.