3
ހެޔޮ އަމަލުތައް ކުރުމަށް އެހީތެރިވުން 
  1 ވެރިންނަށް ކިޔަމަންތެރިވެ ބޯލެނބުމަށް މީސްތަކުންނަށް ތިބާ ހަނދާން ކޮށްދޭށެވެ. އެބައިމީހުން ކިޔަމަންތެރިކަމާއެކު، އަބަދުވެސް ރަނގަޅު ކަންތައް ކުރުމަށް ތައްޔާރުގައި ތިބޭ ބަޔަކަށް ވެތިބުމަށް ބުނެދޭށެވެ.   2 އެމީހުން ނެތިމޮށުމުންނާއި ދެބަސްވުންތަކުން ދުރުވެގެން ވާންޖެހޭނެއެވެ. އިޚުލާސްތެރި ހިތްތިރިކަމަކާއެކު އެންމެންނާއި މެދުގައި ވާންޖެހޭނެއެވެ.   
 3 އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.   
 4 އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.   5 އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ.   6 އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ މައްޗަށް ތަނަވަސްކޮށް ފުރިހަމަ ކޮށްދެއްވީ އީސާ އަލްމަސީޙު، އަހަރެމެން ދިންނަވާ ފަރާތް މެދުވެރި ކުރައްވައެވެ.   7 އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.   8 މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.   
 9 އަދި ކާބަފައިންނާއި ނަސަބުތަކުގެ ތެރޭން އައިސްފައި ހުންނަ ބޭކާރު މޮޔަ އަރައިރުންވުންތަކުގައި ބައިވެރި ނުވާށެވެ. އަދި ތައުރާތާއިމެދު މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުން އެއްކިބާވެ ހުންނާށެވެ. މިފަދަ ދެބަސްވުންތަކަކީ ބޭނުމެއްނެތް ބޭކާރު ކަންކަމެވެ.   10 ފިތުނަ އުފައްދާ ފަރާތްތަކަށް އެއްފަހަރު ނުވަތަ ދެފަހަރު އިންޒާރު ކުރާށެވެ. މިގޮތުން އިސްލާޙު ނުވިނަމަ ޖަމާޢަތުން އެބައިމީހުން އެކަހެރި ކުރާށެވެ.   11 އެމީހުންގެ ބުއްދި އެކިކޮޅުކޮޅަށް ދަމާގޮތް ހުންނަކަން ތިބާއަށް އެނގެއެވެ. އަދި އެމީހުންގެ އަމިއްލަ ފާފަވެރިކަން އެމީހުންގެ ކުށްވެރިކަމަށް ނިޔާކަނޑައަޅައެވެ.   
އެންމެ ފަހުގެ އިރުޝާދު 
  12 އަހަރެން މި ވިސްނަނީ އަރުތެމާހު ނޫނީ ތިޚީކުސް ތިބާގެ ކައިރިއަށް ފޮނުވުމަށެވެ. މީގެތެރެއިން އެކަކު ދިއުމާއެކު ތިބާއަށް ވީ އެންމެ އަވަސް ގޮތަކުން ނިކޯޕޮލިސްގައި އަހަންނާއި ބައްދަލު ކުރެވޭތޯ ބަލާށެވެ. ފިނި މޫސުމުގައި އެރަށުގައި މަޑުކުރުމަށް އަހަރެން މިހިރީ ނިންމައިގެންނެވެ.   13 އަޕޯލޮސްއާއި ޤާނޫނީ ވަކީލު ޒިނާސް ދަތުރަށް ތައްޔާރުވުމުން ތިބާއަށް އެހީތެރިވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރި ވާށެވެ. އަދި އެމީހުންގެ ބޭނުންތައް ފުރިހަމަ ކޮށްދެވޭތޯ ބަލާށެވެ.   14 އަހަރެމެންގެ މީހުން އަނެކާގެ އަވަސް މުހުތާދުތައް ފުއްދާދީ ރަނގަޅު ކަންތައް ކުރަން ދަސްކުރަން ވާނެއެވެ. އޭރަކުން ތިޔަބައިމީހުންނަކީ ބޭނުން ނުހިފޭ ބައެއްކަމުގައެއް ނުވާނެއެވެ.   
 15 މިތާނގައި ތިބި އެންމެންގެ ތަހުނިޔާ ތިޔަބައިމީހުންނަށް ފޮނުވަމެވެ. އަހަރެންގެ ތަހުނިޔާ އީމާންކަމުގެ ތެރޭގައި ތިބި އަހަރެމެންދެކެ ލޯބިވާ ފަރާތްތަކަށް ރައްދުކޮށް ދޭށެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަ އެންމެނާއެކުގައި ވާށިއެވެ. އާމީން!