ކުލޫއްސީގެ މަސީޙީންނަށް ފޮނުވުނު ސިޓީ
ތަޢާރަފު
މިސިޓީ އަކީ އެފޭސުސްގެ އިރުމަތީ ރަށެއް ކަމުގައިވާ ކުލޫއްސީގެ މަސީޙީ ޖަމާޢަތަށް ޕައުލް ލިޔެ ފޮނުވި ސިޓީއެކެވެ. އެޖަމާޢަތަކީ ޕައުލް ގާއިމު ކުރެއްވި ޖަމާޢަތެއް ނޫން ނަމަވެސް އެ ސަރަހައްދަކީ އޭނާގެ ޒިންމާގެ ދަށުގައި ވީ ސަރަހައްދެއް ކަމުގެ އިޙުސާސް އޭނާއަށް ކުރެވުމުން އެފޭސަސްއިން އޭނާގެ އެހީތެރިން ފޮނުވައި ދިނެވެ. ކުލޫއްސީގެ މަސީޙީ ޖަމާޢަތުގެ ތެރޭގައި ދޮގު އެދުރުން އުފެދި ދިންނެވުން ލިއްބައިދެނީ ”⁠ރޫޙާނީ ވެރިންނަށާއި، ބާރާއި ނުފޫޒުން⁠“ ކަމުގެ ދޮގުފަތުވާތައް މިފަދަ އެދުރުން އުނގަންނައިދެމުން ގެންދާ ކަމުގެ ޚަބަރު ޕައުލްއަށް ލިބުނެވެ. އަދި މީގެ އިތުރުން މި އެދުރުން ކޮންމެ މީހަކު ވެސް ޚިތާނު ކުރުމަށާއި އަދި ކާބޯތަކެއްޗާއި ތަފާތު އެހެނިހެން ކަންތަކާމެދު އަންގަވާ އުސޫލުތައް ދަމަހައްޓަން ޖެހޭނެ ކަމަށް ބުނެ މީހުންނަށް އުނގަންނައިދެމުން ގެންދިޔަކަން އެނގުނެވެ.
އެހެންވެ ޕައުލްގެ މިސިޓީގައި މި އެދުރުންގެ ދޮގުފަތުވާތަކާއިމެދު ކަނޑައެޅިގެން ދެކޮޅުހަދައި ލިޔެފައިވެއެވެ. އަދި މަސީޙީން ތަބަޢަވާންޖެހޭ ތެދު ޚަބަރަކީ ކޮބައިކަން އޮޅުންފިލުވައި ދީފައިވެއެވެ. ފުރިހަމަ ދިންނެވުމެއް ލިބިދިނުމުގެ ކުޅަދާނަކަން ލިބިވަޑައިގަންނަވަނީ އީސާ އަލްމަސީޙު އަށް ކަމުގައި ބަޔާން ކޮށްފައިވެއެވެ.
އަދި މިކަމާ ޚިލާފު ކޮންމެ ގަބޫލު ކުރުމަކާއި އާދަކާދައެއް މަގުދައްކަނީ އެކަލޭގެފާނާއި އެބަޔަކު ދުރުކުރުން ކަމުގައި އަންގައިދީފައިވެއެވެ. މާތްރަސްކަލާނގެ މި ކާއިނާތު އުފެއްދެވީ އަލްމަސީޙު މެދުވެރިކުރައްވައި ކަމާއި އަދި މާތްރަސްކަލާނގެ ޚަލްޤުކުރެއްވި އެންމެހާ ޚަލްޤުކުރެއްވުންތައް އެނބުރި ރުޖޫޢަވާނީ އެކަލޭގެފާނަށް ކަމުގައި ހާމަކޮށްފައިވެއެވެ. އީސާ އަލްމަސީޙާއިއެކު އެއްބައިވަންތަކަމުގައި ދެމިތިބޭ ބަޔަކަށް މެނުވީ މި ދުނިޔޭގައި ލިބިދޭ އުންމީދާއި ފުރިހަމަ ދިންނެވުން ލިބިގެން ނުވާކަން ބަޔާން ކޮށްފައިވެއެވެ. އެއަށް ފަހު އަލްމަސީޙާއި މެދު ފުރިހަމަ އީމާންތެރިކަމުގައި ތިބެ، ލިބިދޭ ޙަޔާތު ވޭތުކުރުމުން ލިބިދޭ ނަތީޖާ އާއި މެދު ފުރިހަމައަށް އުނގަންނައިދީފައި ވެއެވެ.
މި ފޮތުގައި އެކުލެވެނީ:
ތަޢާރަފް (1‏:1‏-8)
އީސާއަލްމަސީޙުގެ ފިތުރަތާއި މަސައްކަތްޕުޅު (1‏:9‏—2‏:19)
އަލްމަސީޙު ދެއްވާ އާ ޙަޔާތް (2‏:20‏—4‏:6)
ފަހު ތަހުނިޔާ (4‏:7‏-18)
1
ތަހުނިޔާ
މި ސިޓީއަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި ޚިޔާރު ކުރައްވާފައިވާ ޕައުލް އާއި އަހަރެމެންގެ އަޚު ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ.
ކުލޫއްސީގައި ތިބި އަލްމަސީޙަށް ތަބާވެ އީމާންކަން މަތީ ތިބި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުން ކަމަށްވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ލިޔަމެވެ.
ތިޔަ ހުރިހާ އެންމެންނަށް އަހަރެމެންގެ ބައްޕާފުޅު، މާތްކަލާނގެ ނިޢުމަތްފުޅާއި ސުލްޙަވެރިކަން ލައްވާށިއެވެ.
ދުޢާކުރުމާއިއެކު ޝުކުރު ދެންނެވުން
ތިޔަބައިމީހުންނަށްޓަކައި އަހަރެމެން ދުޢާ ކުރާ ހިނދު އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެމެން އަބަދުވެސް ޝުކުރު ދަންނަވަމެވެ. އެއީ ތިޔަބައިމީހުން އީސާ އަލްމަސީޙަށް ތަބާވެ އީމާންވެ ތިބި ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންދެކެ ތިޔަބައިމީހުން ލޯބިވާ ޚަބަރު އިވުމުންނެވެ. މި ކަމަކީ އުޑުގައި ތިޔަބައިމީހުންނަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗާމެދު ތިޔަބައިމީހުން ކުރާ އުންމީދުގެ ނަތީޖާއެވެ. މި އުންމީދު ތިޔަބައިމީހުންނަށް ލިބިފައި ވަނީ ހެޔޮޚަބަރުފުޅުގެ ތެދު ރިސާލަތު ތިޔަބައިމީހުންނަށް ލިބުނު ހިނދުން ފެށިގެންނެވެ. ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ. މާތްރަސްކަލާނގެ ރަޙުމަތްފުޅާއިމެދު ތިޔަބައިމީހުންނަށް އުނގަންނައި ދިނީ އަހަރެމެންގެ ލޮބުވެތި އެފަފުރާސް އެވެ. އޭނާއަކީ އަހަރެމެންނާއި އެކުގައި އަލްމަސީޙަށް ޚިދުމަތް ކުރުންމަތީގައިވާ އީމާންތެރި ޚާދިމެއް ވެސް މެއެވެ. ތިޔަބައިމީހުންގެ ކިބައިގައި މާތްރޫޙުފުޅުން އުފެދިފައިވާ ލޯތްބާ ބެހޭގޮތުން އޭނާ އަހަރެމެންނަށް މައުލޫމާތު ދިނެވެ.
ތިޔަބައިމީހުންނާއި ބެހޭ ޚަބަރުތައް އަހަރެމެންނަށް އަޑު އިވުނީއްސުރެ ތިޔަބައިމީހުންނަށްޓަކައި ދުޢާކުރުން އަހަރެމެން ހުއްޓައެއް ނުލަމެވެ. އަދި އެކަލާނގެ މާތް ރޫޙުފުޅުން ދެއްވާ ހުރިހާ ޙިކުމަތްތަކާއި ވިސްނުންތެރިކަމުން އެކަލާނގެ އެދިވޮޑިގެންވާ ކަންތައްތަކުގެ ފުރިހަމަ އިލްމު ތިޔަބައިމީހުންނަށް ދެއްވުން އެދި އަހަރެމެން މެދުނުކެނޑި ދުޢާކުރަމެވެ. 10 މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ. 11 ތިޔަބައިމީހުންނަށް ހަކަތަ އާއި އުޖާލާ ބާރު ލިބިދެއްވުމަށް އެދި އަހަރެމެން ދުޢާ ދަންނަވަމެވެ. އެއީ ތިޔަބައިމީހުންނަށް ކުރިމަތިވާ އެންމެހައި މުސީބާތްތަކަށް ކެތްތެރިވެ، އުފަލުގައި ވުމަށް ހިތްވަރު ލިބިދޭނެ ފަދައިންނެވެ. 12 މަތިވެރި ބައްޕާފުޅަށް އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ. އެކަލާނގެއީ އެކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތަރިކަ ދެއްވަން އެކަށޭނަ ފަދަ މުޤައްދަސް ބަޔަކަށް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އެއީ އެކަލާނގެ ރަސްކަންފުޅުގެ އަލިކަމުގެ ތެރޭގައި ވާ މީހުންނެވެ. 13 ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ. 14 އެ ދަރިކަލުންނަކީ އަހަރެމެން މިންޖުކޮށް ދެއްވައި އަހަރެމެންގެ ފާފަތަކުގެ އަގު އަދާކުރެއްވި ފަރާތެވެ.
15 އަލްމަސީޙަކީ އަހަރެމެންނަށް ފެންނަން ހުރި ޣައިބުގައި ވޮޑިގެންވާ މަތިވެރިކަލާނގެ ޒާތުފުޅެވެ. އަދި އެންމެހާ ތަކެތި ޚަލްޤުކުރެއްވުމުގެ ކުރީގައި އެދަރިކަލުން ވޮޑިގެންވެއެވެ. އެކަލޭގެފާނަކީ އެކަލާނގެ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ މަތިން އަރާހުރި އަދި އެހުރިހާ ތަކެއްޗަކަށް ބާރުހިނގާ ފަރާތެކެވެ. 16 އެހެނީ އުޑުގައި ވާނަމަ ވާހައި ތަކެއްޗަކާއި ބިމުގައިއާއި އަދި ފެންނަ ނުފެންނަ ހުރިހާ ތަނެއްގައިވާހައި އެއްޗެއްމެ މާތްކަލާނގެ އުފެއްދެވީ އެކަލޭގެފާނު މެދުވެރިކުރައްވައެވެ. އަދި އެހުރިހާ ތަކެއްޗެއް އުފެއްދެވީ ވެސް އެކަލޭގެފާނަށްޓަކައެވެ. އެއީ ދުނިޔޭގެ ވެރިކަމާއި، އެވެރިކަމުގެ ބާރާއި އެވެރިކަން ކުރާ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ތަޙުތުތައް ކަމުގައި ވިޔަސްމެ އެވެ. 17 އެންމެހާ ތަކެތި އުފެއްދެވުމުގެ ކުރިން ވެސް އެކަލޭގެފާނު ހުންނެވިއެވެ. އެހުރިހާ އެއްޗެއް އެކުގައި އެކަލޭގެފާނު ހިފަހައްޓަވައެވެ.
18 އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ. 19 މާތްކަލާނގެ އެންމެ ފުރިހަމަކަމާއެކު އެކަލޭގެފާނުގެ ކިބައިގައި ވޮޑިގެންވުމަށް ރުހިވޮޑިގަތެވެ. 20 ހުރިހާ ތަކެއްޗެއް މާތްކަލާނގެއާ އަލުން ގުޅުވިފައި ވަނީ އެކަލޭގެފާނު މެދުވެރިވެގެންނެވެ. މިގޮތުން އެކަލޭގެފާނު ވަނީ އުޑާއި ބިމުގައިވާހައި ތަކެއްޗެއްގެ މެދުގައި ސުލްޙަވެރި ގުޅުން ގާއިމުކޮށް ދެއްވާފައެވެ. އެކަން އެހެންވީ ސަލީބުގައި ވީއިރު އެކަލޭގެފާނުގެ ހަށިކޮޅުން އޮހިގެންދިޔަ އެކަލޭގެފާނުގެ ލޭފޮދު މެދުވެރިވެއެވެ.
21 މާޒީގައި ތިޔަބައިމީހުންނަކީ މާތްކަލާނގެ ޢަދުއްވުންގެ ގޮތުގައި ތިބި ބަޔަކީމުއެވެ. އެއީ އޭރު ތިޔަބައިމީހުންގެ ކިބައިގައި ވީ ދެކޮޅުވެރި ޚިޔާލުތަކާއި ފާޙިޝް އަމަލުތަކުގެ ސަބަބުންނެވެ. 22 އެހެނަސް ތިޔަބައިމީހުން މިހާރު ތިޔަވަނީ އެކަލާނގެއާ އަލުން ގުޅުވިފައެވެ. އެއީ އަލްމަސީޙުގެ ހަށިކޮޅު މަރުވެ ދިޔަ ދިއުން މެދުވެރިވެއެވެ. އެކަމުގެ ނަތީޖާއަކަށް ވީ ތިޔަބައިމީހުން އެކަލާނގެ ކުރިފުޅުމައްޗަށް ހާޒިރު ކުރަން އެކަށީގެންވާނެ ގޮތް މެދުވެރިވުމެވެ. އެއީ ތިޔަބައިމީހުންނަކީ މިހާރު ހުރިހާ ތުހުމަތްތަކަކުން އެއްކިބާކުރައްވާފައިވާ ކުށެއް ނެތް މާތް ބައެއްގެ ގޮތުގައި ވެފައިވާ ބަޔަކަށް ވާތީއެވެ. 23 އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
މަސީޙީ ޖަމާޢަތުގައި ޕައުލްގެ ޚިދުމަތް
24 މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ. 25 މާތްކަލާނގެ އަހަންނާ މަތިކުރައްވާފައި މިވަނީ އެކަލާނގެ އެންގެވި މުޅި ރިސާލަތު ތިޔަބައިމީހުންނަށް އަންގައިދީގެން ތިޔަ ޖަމާޢަތަށް ޚިދުމަތް ކޮށް ދިނުމަށެވެ. 26 މި ރިސާލަތަކީ އިސްވެ ދިޔަ ގަރުނުތަކާއި ދަރިފަސްކޮޅުތަކަށް ސިއްރު ކުރެވިފައިވާ ކަންތަކެއް ވެސް މެއެވެ. އެކަމަކު މިއަދު މިވަނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނަށް އެކަންތައް އެނގި ފާޅުވެފައެވެ. 27 މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.
28 އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ. 29 އަހަރެންގެ ކިބައިގައިވާ އީސާގެފާނުގެ މި މަތިވެރި ބާރުފުޅާއެކު އަހަރެން މިހާ މިންނެތް މަސައްކަތް މިކުރަނީ އެހެންވީމައެވެ.