2
މޫސާގެފާނު އުފަންވެ ވަޑައިގަތުން
އެދުވަސްވަރު ލާވީ ގަބީލާގެ ފިރިހެނަކު އެގަބީލާގެއަންހެނަކާ ކައިވެނިކުރިއެވެ. ދެން އެ އަންހެން މީހާ ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހެއެވެ. އޭނާއަށް އެކުއްޖާގެ ފުރިހަމަކަން ފެނުމުން އެކުއްޖާ ފޮރުވައިގެން ތިން މަސް ދުވަހު ގެންގުޅެފިއެވެ. ނަމަވެސް އެ ގޮތަށް އެކުއްޖާ ފޮރުވައިގެން މާ ގިނަ ދުވަހަކު ނުގެންގުޅެވޭނެކަން އެނގުމުން އޭނާ ވިނަ ދަނޑިން ހަދާފައިވާ ވަށިގަނޑެއް ގެނެސް އޭގައި ތާރާއި ކަތުރާން ހާކައި ފެން ނުވަންނާނެހެން ހަދައިފިއެވެ. ދެން އޭނާ އެ ވަށިގަނޑަށް އެކުއްޖާ ލުމަށް ފަހު ނީލަކޯރު އައްސޭރީގައި ހެދިފައިހުރި ދިގު ވިނަގަސްތަކުގެ ތެރެއަށް ބައްސާލިއެވެ. އޭރު އެކުއްޖާގެ ދައްތަ އެކުއްޖާއަށް ވާނުވާ ބަލަން ތަންކޮޅެއް ދުރުގައި ހުއްޓެވެ.
އެ ވަގުތު ފިރުޢައުނުގެ އަންހެން ދަރިކަނބަލުން ނާނަފުޅު ފިއްލަވަން ކޯރަށް އެރި ވަޑައިގެންނެވި އެވެ. އޭރު އެކަމަނާގެ ބާނދީން ކޯރު އައްސޭރީގައި ކޮޅުކޮޅަށް ހިނގަހިނގާ ތިއްބެވެ. އެ ހިނދު އެކަމަނާއަށް ކޯރުގެ އައްސޭރިފަށުގައި ހުރި ދިގު ވިނަތަކެއްގެ ތެރޭގައި ވަށިގަނޑެއް އޮތްވާ ފެނި ވަޑައިގެންފިއެވެ. ދެން އެ ކަމަނާގެ ބާނދީއަކު ފޮނުއްވައިގެން އެ ވަށިގަނޑު ގެންނަވައިފި އެވެ. އެކަމަނާ އެ ވަށިގަނޑުގެ މަތި ނަންގަވައި ބެއްލެވި އިރު އޭގެ ތެރޭގައި ކުޑަކުޑަ ފިރިހެން ކުއްޖަކު އޮތްވާ ފެނި ވަޑައިގެންނެވިއެވެ. އޭރު އެ ކުއްޖާ ރޮނީއެވެ. އެހެންވެ އެކަމަނާގެ ހިތްޕުޅުގައި އެކުއްޖާގެ މައްޗަށް ކުލުނު އުފެދިއްޖެއެވެ. ”⁠މިވާނީ ޢިބްރާނީންގެ ދަރިއަކަށް.⁠“ އެކަމަނާ ވިދާޅުވިއެވެ.
އެވަގުތު އެކުއްޖާގެ ދައްތަ އެތަނަށް އައިސް އެކަމަނާއަށް ދަންނަވައިފިއެވެ. ”⁠ތިޔަކުއްޖާއަށް ބުއްދޭން ޢިބްރާނީ އަންހެނަކު ގޮވައިގެން އަންނަންތޯ؟⁠“ ”⁠ދޭ! ގޮވައިގެން އާދޭ.⁠“ އެ ކަމަނާ ވިދާޅުވިއެވެ. ދެން އެކުއްޖާގެ ދައްތަ ދުވެފައި ގޮސް އެކުއްޖާގެ މަންމަ ގޮވައިގެން އަތުވެއްޖެއެވެ.
”⁠މިކުއްޖާ ގެންގޮސް ބުއް ދީ ގެންގުޅެ ބަލަހައްޓާ!⁠“ ފިރުޢައުނުގެ ދަރިކަނބަލުން އެ އަންހެންމީހާ ގާތު ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް އެކަމުގެ އަގު ދޭނަން.⁠“ މިހެން އެކަމަނާ ވިދާޅުވުމުން އެ އަންހެން މީހާ އެކުއްޖާ ގެޔަށް ގެންގޮސް ގެންގުޅެން ފަށައިފިއެވެ. 10 ދުވަސްކޮޅެއްގެ ފަހުން އެކުއްޖާ ތަންކޮޅެއް ބޮޑުވީމާ އެ ކުއްޖާ ގެ މަންމަ އޭނާ ގެނެސް ރަސްގެފާނުގެ ދަރިކަނބަލުންނަށް އަރުވައިފިއެވެ. ދެން އެކަމަނާގެ އަމިއްލަފުޅު ދަރިއަކަށް އެކުއްޖާ ހައްދަވައިފިއެވެ. އެކަމަނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ”⁠އަހަރެން މި ކުއްޖާ ނެގީ މޫދުން. އެހެންވީމާ މި ކުއްޖާއަށް އަހަރެން ކިޔާނީ މޫސާ.⁠“*
މޫސާގެފާނު ފިއްލަވައިގެން މިދިއާނަށް ވަޑައިގަތުން
11 އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ.+ އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ. 12 މޫސާގެފާނު ދެކޮޅު ހޯދާ ބައްލަވާފައި މީހަކު ފެންނަން ނެތްކަން އެނގިވަޑައިގަތުމުން އެ މިޞްރު މީހާއަށް ހަމަލާދީ މަރާލައްވައިފިއެވެ. ދެން އެކަލޭގެފާނު އޭނާ ވެލިގަނޑުގައި ވަޅުލައްވައިފިއެވެ.
13 އޭގެ އަނެއް ދުވަހު އެކަލޭގެފާނު އެތަނަށް ވަޑައިގެންނެވިއިރު ޢިބްރާނީންގެ ދެމީހަކު ތަޅާފޮޅަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މޫސާގެފާނު އެދެމީހުންގެ ތެރޭން ދެކޮޅުވެރިކަން ފެށިމީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ކީއްވެތަ އަމިއްލަ މީހެއް ގައިގައި ތިޔަ ތަޅަނީ؟⁠“ 14 އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“ 15 ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ.
އެކަލޭގެފާނު އެރަށަށް ވަޑައިގެން އެތާ ހުރި ވަޅެއްގެ ކާރީގައި އިށީނދެވަޑައިގެން އިންނެވިއެވެ.
16 އޭރު މިދްޔާންގެ އިމާމު ޔަސްރޫގެ ހަތް އަންހެންދަރިން ތިބެއެވެ. މި ކުދިން އައިސް އުޅުނީ އެކުދިންގެ ފެންގުރާބަށް ފެންފުރައި އެކުދިންގެ ބައްޕަގެ ކަންބަޅިބަކަރިތަކަށް ފެން ދޭންވެގެންނެވެ. 17 އެކަމަކު އެހެން ހުއިހައްޕާ ބަޔަކު އައިސް އެކުދިން ފައްސާލައިފިއެވެ. މިތަން ފެނިވަޑައިގެން މޫސާގެފާނު އެ ހުއިހައްޕާ މީހުންގެ ކިބައިން އެކުދިން ސަލާމަތް ކުރައްވައިފިއެވެ. އަދި އެކަލޭގެފާނު އެކުދިންގެ ކަންބަޅިބަކަރިތަކަށް ފެން ވެސް ދެއްވައިފިއެވެ.
18 އެކުދިން ގެޔަށް އައުމުން އެކުދިންގެ ބައްޕަ ރަޢޫއީލު އެއްސެވެ. ”⁠މިއަދު މިހާ އަވަހަށް ކަލޭމެން ތިޔަ އައީ ކީއްވެ؟⁠“
19 އެކުދިން ބުންޏެވެ. ”⁠އެތާހުރި މިޞްރު މީހަކު އެ ހުއިހައްޕާ މީހުންގެ ކިބައިން އަހަރެމެން ސަލާމަތް ކޮށްދިނީ. އަދި އަހަރެމެންނަށް ފެންފުރައިދީ ބަކަރިތަކަށް ފެން ދީހެދީވެސް އޭނާ.⁠“
20 ރަޢޫއީލު ބުންޏެވެ. ”⁠މިހާރު އެމީހާ ކޮބައިތަ؟ ކަލޭމެން އޭނާ އެތަނަށް ދޫކޮށްލާފަ އައީ ކީއްވެތަ؟ ދޭ ގޮސް އޭނާ ގޮވައިގެން އާދޭ އަހަރެމެންނާ އެކީ ކެއުމުގައި ބައިވެރިވާން.⁠“
21 ދެން އެގޭގައި ހުންނެވުމަށް ރަޢޫއީލު މޫސާގެފާނަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައިފިއެވެ. އަދި އޭނާ ގެ އަންހެންދަރި ސޮފޫރާ ވެސް އެކަލޭގެފާނާއި ކައިވެނި ކުރުވިއެވެ. 22 ދެން އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ލިބި ވަޑައިގަތުމުން އެކަލޭގެފާނު އެ ދަރިކަލުންނަށް ޖަރުޝޫމުގެ ނަމުން ނަން ދެއްވިއެވެ. އެނަން ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ”⁠އަހަރެން މީ ބީރައްޓެހި ރަށެއްގައި އުޅޭ ބީރައްޓެއްސަކީމު.⁠“
23 އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ. 24 އެމީހުންގެ މިހިތްދަތި ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންފިއެވެ. އެ ހިނދު އެކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނަށް ކުރެއްވި ވަޢުދުފުޅުގެ މަތިން ހަނދުމަވެ ވޮޑިގެންނެވިއެވެ.
25 އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.
* 2:10 ޢިބްރާނީ ބަހުން މޫސާގެ މާނައެއްކަމަށް ބެލެވެނީ ”⁠ނެގުން⁠“ އެވެ. + 2:11 މަންދޫބުންގެ މަސައްކަތް 7‏:23 2:18 ޔަސްރޫގެ އަނެއް ނަމަކީ ރައުއީލްއެވެ. 2:22 ޢިބްރާނީ ބަހުން ޖަރުޝޫމްގެ މާނައެއް ކަމަށް ބެލެވެނީ ބީރައްޓެއްސެކެވެ.