30
ރާޙީލް އާއި ލައިއަތު އާއި ދެމެދުގައި މައްސަލަ ޖެހުން
ރާޙީލްގެ ފުށުން ޔަޢުޤޫބުގެފާނަށް ދަރިއަކު ލިބިފައި ނުވާތީވެ، އެކަނބުލޭގެ ދައްތަ ލައިއަތު ދެކެ ހަސަދަވެރި ވިއެވެ. އަދި އެކަނބުލޭގެ ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންނަށް ދަރިކަލަކު ދެއްވާ. އެހެންނޫނީ އަހަރެން މަރުވެދާނަން!⁠“
ނަމަވެސް ޔަޢުޤޫބުގެފާނު ކޯފާވެވަޑައިގެން ހުންނަވާ މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންނީ މާތްކަލާނގެތަ؟ ކަނބުލޭގެއަށް ދަރިއަކު ލިބިދިނުމުން މަޙުރޫމް ކުރައްވާފައި ވަނީ އެކަލާނގެ!⁠“
ދެން ރާޙީލް ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންގެ ޚާދިމާ ބިލްހާ އާއި އެކުގައި އެއްދާންކުރައްވާ. އަދި އެކަނބުލޭގެ ފުށުން އަހަރެންނަށް ދަރިއަކު ދެއްވާ. އޭރުން އެކަނބުލޭގެ މެދުވެރިކޮށް އަހަރެންނަށް އަމިއްލަ އާއިލާއެއް ލިބިދާނެ.⁠“
އެހެންވެ ރާޙީލް އެކަނބުލޭގެ ޚާދިމާ ބިލްހާ ޔަޢުޤޫބުގެފާނަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު ބިލްހާ އާއި އެކުގައި އެއްދާންކުރެއްވިއެވެ. ބިލްހާ ޔަޢުޤޫބުގެފާނަށް ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހައިފިއެވެ. އެ ދަރިފުޅުގެ ނަމަކަށް ދާނުއޭ* ކިޔައި ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ މަޢުސޫމު ކަމުގެ މައްޗަށް މާތްކަލާނގެ އިންސާފުވަންތަވެ ވޮޑިގަންނަވައިފި! އަހަރެންގެ ދުޢާ އެކަލާނގެ އައްސަވާ ވޮޑިގަންނަވައި އަހަރެންނަށް ދަރިއަކު ދެއްވައިފި.⁠“ އެއަށް ފަހު ބިލްހާ ބަލިވެއިނދެ ޔަޢުޤޫބުގެފާނަށް ދެވަނަފަހަރަށް ފިރިހެންދަރިއަކު ވިހެއެވެ. ނަފްތާލީގެ ނަމުން މިދަރިއަށް ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ދައްތަގެ މައްޗަށް ގަދަވެގަތުމަށް އަހަރެން ގަދައަޅައި ކުރި މަސައްކަތް މިއަދު އަހަރެންނަށް ކާމިޔާބު ކުރެވިއްޖެ!⁠“
އެ ހިނދު ލައިއަތުއަށް އެކަނބުލޭގެއަށް އިތުރަށް ދަރިން ނުލިބޭނޭކަން އެނގުނެވެ. އެހެންވީމާ، އެކަނބުލޭގެ ޚާދިމާ ޒިލްފާ ޔަޢުޤޫބުގެފާނުގެ އަނތްބެއްގެ ގޮތުގައި ދެއްވިއެވެ. 10 ގިނަ މުއްދަތެއް ނުނަގާ ޒިލްފާއަށް ފިރިހެން ދަރިއަކު ލިބުނެވެ. 11 އެ ދަރިފުޅުގެ ނަމަކަށް ޖާދު އޭ ކިޔައި ލައިއަތު ނަން ދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ނަސީބު ކިހާ ރަނގަޅު!⁠“ 12 އޭގެ ފަހުން ޒިލްފާއަށް ދެވަނަ ފިރިހެންދަރި ލިބުނެވެ. 13 އަދި މިދަރިފުޅަށް އަޝީރު ގެ§ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މިހާރު އަހަރެންނަކީ ކިހާ އުފާވެރި މީހެއް! އަހަރެންނަކީ އުފާވެރި އަންހެނެއް ކަމުގައި އެންމެހާ އަންހެނުން ބުނާނެކަން ޔަޤީން!⁠“
14 ގޮދަން ކެނޑުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ގޮދަން ދަނޑުގެ ތެރެއިން ލުއްފާޙު* ގަސްތަކެއް ހެދިފައިވާތަން ރައޫބައިންއަށް ފެނުނެވެ. އަދި އެގަހުގެ މޫތަކެއް އޭނާގެ މަންމަ ލައިއަތުއަށް ގެނެސް ދިނެވެ. ރާޙީލް އާދޭސް ކުރާ ބީދައިން ރައޫބައިން ގެނެސްދިން އެގަހުގެ މޫތަކުން މޫކޮޅެއް ދިނުމަށް ލައިއަތުއަށް އެދުނެވެ. 15 ނަމަވެސް ލައިއަތު ރުޅިވެރި ކަމާއެކު ރައްދު ދިނެވެ. ”⁠އަހަރެންގެ ފިރިކަލުން ޖަހައިގަނެވުނީމާ އެވަރުން ވެސް ނުފުދޭތަ؟ މިހާރު ތިޔަ އުޅެނީ އަހަރެންގެ ދަރިފުޅު ގެނެސްދިން ލުއްފާޙު ގަހުގެ މި މޫކޮޅު ވެސް އަތުލައިގަންނަންތަ؟⁠“
ރާޙީލް މިފަދައިން ޖަވާބު ދިނެވެ. ”⁠އެންމެ ރަނގަޅު. އަހަރެންނަށް ލުއްފާޙު ގަހުގެ މޫކޮޅެއް ކަނބުލޭގެ ދީފިނަމަ މިރޭ ޔަޢުޤޫބުގެފާނާއި އެކުގައި ކަނބުލޭގެއަށް އެއްދާން ކުރިޔަ ދޭނަން.⁠“
16 އެދުވަހުގެ އިރު އޮއްސެމުން އައި ވަގުތު ޔަޢުޤޫބުގެފާނު ދަނޑުން އެނބުރި ގެއަށް ވަޑައިގެންނެވި ހިނދު ލައިއަތު އެކަލޭގެފާނާއި ބޭރުން ބައްދަލު ކުރައްވާ މިފަދައިން ދެންނެވިއެވެ. ”⁠މިރޭ ކަލޭގެފާނު އެއްދާން ކުރައްވަން ޖެހޭނީ އަހަރެންނާއި އެކުގައި! އެއީ އަހަރެންގެ ދަރިފުޅަށް ފެނުނު ލުއްފާޙު ގަހުގެ މުލުން އެކަމުގެ އަގު އަދާކޮށްފައިވާތީ.⁠“ އެހެންވެ ޔަޢުޤޫބުގެފާނު އެކަނބުލޭގެ އާއި އެކުގައި އެރޭ އެއްދާން ކުރެއްވިއެވެ. 17 އަދި މާތްކަލާނގެ ލައިއަތުގެ ދުޢާ އައްސަވާވޮޑިގަންނާވައި އިޖާބަކުރެއްވިއެވެ. އެއަށް ފަހު އެކަނބުލޭގެ ބަލިވެއިނދެ ފަސްވަނަ ފިރިހެން ދަރިފުޅު ވިހެއެވެ. 18 އަދި އެދަރިފުޅަށް ޔައްސާކަރުގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ އަޅު އަންހެންނޯކަރު އަހަރެންގެ ފިރިކަލުންނަށް އަނތްބެއްގެ ގޮތުގައި ދީގެން އަހަރެން އަދާކުރި އަގު މާތްކަލާނގެ އަހަރެންނަށް ދެއްވައިފި.⁠“ 19 އެއަށް ފަހު ލައިއަތު ބަލިވެއިނދެ ހަވަނަ ފިރިހެން ދަރިފުޅު ވިހެއެވެ. 20 އެ ދަރިފުޅަށް ޒަބޫލޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. އަދި މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެ. ”⁠އަހަރެންގެ ފިރިކަލުންނަށް މާތްކަލާނގެ އަހަރެންގެ ފުށުން ހެޔޮ ހަދިޔާއެއް ދެއްވައިފި. މިހާރު އެކަލޭގެފާނު އަހަރެންނަށް އިޙުތިރާމު ކުރާނެ. އަހަރެންގެ ފުށުން އެކަލޭގެފާނަށް ހަ ފިރިހެން ދަރިން ލިބިދެއްވައިފި.⁠“ 21 އޭގެ ފަހުން ވެސް ލައިއަތު އަންހެން ދަރިއަކު ވިހެއެވެ. އަދި އެދަރިފުޅަށް ދީނާ ގެ ނަމުން އެކަނބުލޭގެ ނަންދިނެވެ.
22 އެންމެފަހުން މާތްކަލާނގެ ރާޙީލްގެ ގެ ޙާލާމެދު ބައްލަވާ ވޮޑިގެންނަވައިފިއެވެ. އަދި އެކަނބުލޭގެ ކުރި ދުޢާތައް އިޖާބަކުރައްވައި އޭނާއަށް ވެސް ދަރިން ދެއްވިއެވެ. 23 އެކަނބުލޭގެ ބަލިވެއިނދެ ދަރިއަކު ވިހެއެވެ. އެ ހިނދު އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ލަދުވެތިކަން މާތްކަލާނގެ ފިއްލަވައި ދެއްވައިފި. 24 އަހަރެން މިދަރިފުޅަށް ނަން ދޭނީ ޔޫސުފުގެ§ ނަމުން. އަދި މާތްރަސްކަލާނގެ އިތުރު ދަރިއަކު އަހަރެންނަށް ދެއްވާށި.⁠“
ޔަޢުޤޫބުގެފާނުގެ މުއްސަނދިކަން
25 ޔޫސުފުގެފާނު އުފަންވެ ވަޑައިގަތުމާއި އެކުގައިހެން ޔަޢުޤޫބުގެފާނު ލަބާންއަށް ދެންނެވިއެވެ. ”⁠ތިބާ އާއި އަހަރެންނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުން އަހަރެން މިނިވަންކޮށްދީ. އަހަރެންގެ ޤައުމަށް އަހަރެން ފޮނުވައި ދިނުމަށް އެދެން. 26 އަހަރެންނާއެކު އަހަރެންގެ އަނބިދަރިން ވެސް ގެންދިއުމަށް އެދެމު. އެބައިމީހުން އަހަރެންނަށް ޙައްޤު ވާވަރަށް އަހަރެންގެ މަސައްކަތުންވާނީ އަގު އަދާ ކޮށްދީފައި. އަހަރެންގެ މަގުގައި ކުރިޔަށް ދާން އަހަރެން ބޭނުންވޭ. އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިނީ ވަރަށް ބުރަކޮށްކަން ވެސް ތިބާ ދަންނާނެ.⁠“
27 އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ. 28 ތިބާ އެދޭ އުޖޫރައެއް ބުނޭ. ކޮންމެ އެއްޗެއް ވިއަސް އަހަރެން އަދާކުރާނަން.⁠“
29 ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠ފާއިތުވެދިޔަ ގިނަ އަހަރުތަކުގައި އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން ތެދުވެރިގޮތާއި އަދި ތިބާގެ ކަންބަޅި ބަކަރިތަކުގެ އަދަދު އިތުރުވެގެން ދިޔަ މިންވަރު ތިބާއަށް އެނގޭނެ. 30 އަހަރެން އައުމުގެ ކުރިން ހަމަ ޔަޤީނުން ވެސް ތިބާއަށް ލިބިފައިވީ ވަރަށް މަދު އެއްޗެއް. ނަމަވެސް މިހާރު ތިބާގެ މުއްސަނދިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ. އަދި އަހަރެންނަށް ކުރެވުނު އެންމެހާ މަސައްކަތެއްގައި މާތްރަސްކަލާނގެ ތިބާއަށް ބަރަކާތް ލައްވައިފި! ނަމަވެސް އަހަރެންގެ އަމިއްލަ އާއިލާއަށް ޚިދުމަތް ކުރުމުގެ ކުޅަދާނަކަމެއް އަހަރެންނަށް ލިބޭނީ ކޮން އިރަކުން؟⁠“
31 ލަބާން އިތުރަށް ދެންނެވިއެވެ. ”⁠އަހަރެން އުޖޫރައެއްގެ ގޮތުން ތިބާއަށް ދޭންވީ ކިހާވަރެއް؟⁠“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން އެއްވެސް އުޖޫރައެއް ބޭނުމެއް ނޫން. އަހަރެން މި އެދޭ ގޮތަށް ތިބާ އެއްބަސްވާނަމަ ތިބާގެ ކަންބަޅި ބަކަރިތައް ބެލެހެއްޓުމާއިގެން އަހަރެން ކުރިއަށް ދާނަން. 32 މިއަދު އަހަރެން ގޮސް ތިބާގެ އެންމެހާ ކަންބަޅި ބަކަރިތަކުގެ ތެރެއިން ލަފެއް ނޫނީ ތިއްކެއް ޖެހިފައިވާ ކޮންމެ ކަންބަޅިއަކާއި އަދި ބަކަރިއެއް ވަކިކުރާނަން. އަދި އެންމެހާ ކަޅު ކަންބަޅިއެއް ވަކިކުރާނަން. އެ ތަކެތި އަހަރެންގެ އުޖޫރައިގެ ގޮތުގައި އަހަރެންނަށްދީ. 33 ކުރިމަގުގައި އަހަރެންގެ ތެދުވެރިކަން ތިބާއަށް މިގޮތުން ދެނެގަތުން ފަސޭހަވާނެ. ތިބާ ގޮސް ބަލާއިރު އޭގެ ތެރޭގައި ލަކެއް ނޫނީ ތިއްކެއް ނެތް ހުދު އެއްޗެއް ވެއްޖެނަމަ އެއީ އަހަރެން ވަގަށްނެގި ތަކެތި ކަމަށް ބަލާ.⁠“
34 ލަބާން ރައްދުގައި ދެންނެވިއެވެ. ”⁠ތިޔަ ގޮތާއި އަހަރެން އެއްބަސްވަމު! ތިބާ ތިޔަ ބުނިފަދައިން އަމަލުކުރޭ.⁠“ 35 އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ. 36 ދެން އެ ހުރިހާ ޖަނަވާރުތަކާއިގެން ޔަޢުޤޫބުގެފާނާ ދުރަށް ތިން ދުވަހުގެ ދަތުރެއްގެ ދުރުމިނުގައިވާ ތަނަކަށް އެތަކެތި ގެންދިޔައެވެ. އެ ހިނދު ލަބާން އޭނާ އާއިއެކުގައި ނުގެންގޮސް ހުރި ކަންބަޅި ބަކަރިތައް ބެލެހެއްޓުމަށް ޔަޢުޤޫބުގެފާނު ހުންނެވިއެވެ.
37 ޔަޢުޤޫބުގެފާނު ޕޮޕްލާ ގަހުންނާއި، ނާށިގަނޑުބަދަން ގަހުންނާއި އަދި ޕްލޭން ގަހުން އޮފިތަކެއް ކެނޑުއްވިއެވެ. އަދި އެ އޮފިތަކުގައި ހުދު ރޮނގު ހުންނާނެހެން ތޮށިތައް ދިގަށް ނޮޅިއެވެ. 38 އެއަށް ފަހު މި ކަންބަޅި ބަކަރިތައް ފެން ބުއިމަށް އައިސް ފެންގުރާބު ކުރިމަތީގައި ތިބެ ޖިންސީގުޅުން ހިންގާއިރު މި އޮފިތައް އެ އެއްޗެއްސަށް ފެންނަން ފަށުގައި އަތުރާފައި ބެހެއްޓިއެވެ. 39 ހުދު ކުލައިގެ ރޮނގު ދިގަށް ހުރި އޮފިތަކުގެ ކުރިމަތީގައި ބަކަރިތައް ޖިންސީގުޅުން ހިންގުމުން އެތަކެތި ވިހޭ ހުރިހާ ޅަ އެއްޗެހީގެ ގައިގައި ދިގަށް ރޮނގުދެމި، ލައްޖަހައި އަދި ތިކި ޖެހިފައި ހުއްޓެވެ.
40 ޔަޢުޤޫބުގެފާނު އެބަކަރިތަކާއި ކަންބަޅިތައް ވަކި ކުރައްވައި އެއެއްޗެހިތައް ލަބާންގެ ޖަނަވާރުތަކާ ދިމާއަށް މޫނުލައިގެން ތިބޭގޮތަށް ބޭތިއްބިއެވެ. މިހެން ހެދުމުން އެކަލޭގެފާނުގެ ޖަނަވާރުތައް ލަބާންގެ ޖަނަވާރުތަކަށް ވުރެން އިތުރުވާނެ ގޮތް މެދުވެރިވިއެވެ. 41 އަދި އެ ޖަނަވާރުތަކުގެ ތެރެއިން ބާރުގަދަ ކަންބަޅިތައް ފެންގުރާބު ކުރިމަތީގައި ޖިންސީގުޅުން ހިންގާއިރު، ދިގަށް ތޮށި ނޮޅާފައިވާ އޮފިތައް ހުންނަނީ އެ އެއްޗެއްސަށް ފެންނަ ގޮތަށް ބިމަށް ޖަހާފައެވެ. 42 އެކަމަކު އެ އެއްޗެހިތަކުގެ ތެރެއިން ބަލިކަށި އެއްޗެހި ޖިންސީގުޅުން ހިންގިއިރު ޔަޢުޤޫބުގެފާނު އެ އޮފިތަކެއް ނުބަހައްޓަވައެވެ. މިހެން ހެދުމުން އެ އެއްޗެހީގެ ތެރެއިން ބަލިކަށި އެއްޗެއްސަކީ ލަބާންގެ އެއްޗެހި ކަމުގައި އަދި ވަރުގަދަ ތަކެއްޗަކީ ޔަޢުޤޫބުގެފާނުގެ ތަކެތި ކަމުގައި ވިއެވެ. 43 މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.
* 30:6 ޢިބްރާނީ ބަހުން ”⁠ދާނު⁠“ މިބަސް މާނަކުރަނީ ”⁠ރުހޭ ގޮތަށް އިންސާފުކުރުން⁠“ މިގޮތަށެވެ. 30:8 ޢިބްރާނީ ބަހުން ”⁠ނަފްތާލީ⁠“ މިބަސް އަޑުއިވެނީ ”⁠ގަދައަޅައި މަސައްކަތް ކުރުން⁠“ މިކަހަލަ ގޮތަކަށެވެ. 30:11 ޢިބްރާނީ ބަހުން ”⁠ޖާދު⁠“ އަޑުއިވެނީ ”⁠ހެޔޮނަސީބު⁠“ މިކަހަލަ ގޮތަށެވެ. § 30:13 ޢިބްރާނީ ބަހުން ”⁠އަޝޭރު⁠“ މިބަސްމާނަކުރަނީ ”⁠އުފާވެރިކަން⁠“ މިގޮތަށެވެ. * 30:14 ލުއްފާޙު ނުވަތަ މެންޑްރޭކްސްއަށް ލޯބީގެ މަލޭ ވެސް ކިޔައެވެ. އަދި މިގަހުގެ މޫ ބޭނުންކުރުމުން ޖިންސީ އެދުންވެރިކަން ވަރުގަދަކޮށްދީ ދަރިމައިވާނޭ ކަމުގެ ޚުރާފާތްތަކުގެ ވާހަކަ މީހުން ދައްކައި އުޅެއެވެ. 30:18 ޢިބްރާނީ ބަހުން ”⁠ޔައްސާކަރު⁠“ މިބަސް އަޑުއިވެނީ ”⁠ރަނގަޅު ޖަޒާ⁠“ ގެ ގޮތުގައެވެ. 30:20 ޢިބްރާނީ ބަހުން ”⁠ޒަބޫލޫން⁠“ މިބަސް އަޑުއިވެނީ ”⁠ޝަރަފު⁠“ ގެ ގޮތުގައެވެ. § 30:24 ޢިބްރާނީ ބަހުން ”⁠ޔޫސުފު⁠“ މިބަސް އަޑުއިވެނީ ”⁠އިތުރުކުރުން⁠“ މިގޮތަށެވެ.