ތިސަލޯނިކާގެ މަސީޙީންނަށް ފޮނުވުނު ފުރަތަމަ ސިޓީ
ތަޢާރަފު
ތިސަލޯނިކާއަކީ މެސަޑޯނިޔާ ސަރަހައްދުގައިވި ރޯމަނުންގެ ވެރިރަށެވެ. އަދި ފިލިއްޕީގައި މަސީޙީ ޖަމާޢަތެއް ގާއިމު ކުރުމަށް ފަހު، ޕައުލް ތިސަލޯނިކާއަށް ދިޔައެވެ. ބަނީއިސްރާއީލުންގެ ދަރިކޮޅު ނޫން މީސްތަކުންގެ މެދުގައި ޕައުލް ދެމުން ގެންދިޔަ ހެޔޮޚަބަރުފުޅުގެ ސަބަބުން ދީނުގެ ދަންނަބޭކަލުންނަށް ތާއީދު ކުރަމުން ދިޔަ މީސްތަކުންނަށް ވުރެން ޕައުލްއަށް ތާއީދު ކުރަމުން ގެންދިޔަ މީހުން ގިނަ ވަމުން ދިޔުމުގެ ސަބަބުން ބަނީއިސްރާއީލުންގެ ދީނުގެ ދަންނަބޭކަލުންގެ ޙަސަދަވެރިކަން އޭނާއަށް ކުރިމަތި ވިއެވެ. ވީމާ، ތިސަލޯނިކާ ދޫކޮށް ބެރޭއާއަށް ދިއުމަށް އެބައިމީހުން ޕައުލްއަށް މަޖުބޫރު ކުރިއެވެ. އެއަށް ފަހު، އޭނާ ކޮރިންތު އަށް ދިޔައެވެ. އަދި ޕައުލްއަށް އޭނާގެ މަސީޙީޖަމާޢަތުގެ މަސައްކަތްކުރުމުގައި ވީ އެހީތެރިއެއް ކަމުގައިވާ ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގެ ޙާލަތު ވަރަށް ރަނގަޅަށް އެނގުނެވެ.
ތިސަލޯނިކާގެ މަސީޙީ ޖަމާޢަތަށް ޕައުލް ލިޔެ ފޮނުވި ފުރަތަމަ ސިޓީ ލިޔެފައި ވަނީ އެ ޖަމާޢަތުގެ މަސީޙީންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެބައިމީހުންގެ އީމާންތެރިކަމާއި އަދި އެބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި މެދު އޭނާ ޝުކުރުވެރިކަން ފައުޅު ކޮށްފައި ވެއެވެ. އޭނާ އެބައިމީހުންގެ މެދުގައި ޙަޔާތު ވޭތުކުރި ހިނދު އޭނާ ވޭތުކުރި ފަދަ އޯގާތެރި ޙަޔާތެއްގައި ދެމިތިބުމަށް ނަސޭޙަތްތެރިވެފައި ވެއެވެ. އަދި އެ ޖަމާޢަތުގެ ތެރޭގައި އުފެދިފައިވާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުން ކައިރި ވެފައިވާ ކަމުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަލްމަސީޙު އެނބުރި ވަޑައިގެންނެވުމުގެ ކުރިން އީމާންތެރިކަމުގައިވި ފަރާތެއް ނިޔާވެއްޖެ ކަމުގައިވާނަމަ، އަލްމަސީޙާއި އެކުގައި އުޚުރަވީ ޙަޔާތެއް ޙިއްސާ ކުރެވޭނެ ކަމުގައި ބުނެފައިވެއެވެ. ހަމައެހެންމެ އަލްމަސީޙު ވަޑައިގަންނަވާނެ އިރަކަށް އުންމީދު ކުރުމުގައި ތިބެ ކަންނެތްކަން އެއްކިބާކޮށް އެދެވޭ ގޮތުގައި މަސައްކަތް ކުރުންމަތީ ދެމި ތިބުމަށް ބާރު އަޅާފައިވެއެވެ.
ތަޢާރަފް (1‏:1)
ޝުކުރާއި ތަޢުރީފު (1‏:2‏—3‏:13)
މަސީޙީންގެ އަޚުލާގު (4‏:1‏-12)
އަލްމަސީޙު އެނބުރި ވަޑައިގެންނެވުމާއިމެދުގައި ދިން އިރުޝާދު (4‏:13‏—5‏:11)
އެންމެފަހުގެ ނަސޭޙަތް (5‏:12‏-22)
ނިންމުން (5‏:23‏-28)
1
ތަހުނިޔާ
ޕައުލް އާއި ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައިވާ ހުރިހާ އެންމެންނަށް ލިޔެ ތަހުނިޔާ ފޮނުވަމެވެ. ތިޔަބައިމީހުންނީ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙަށް މިލްކުވެފައިވާ ބަޔަކީމުއެވެ. ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާށިއެވެ.
ތިސަލޯނިކާގެ މަސީޙީ ޖަމާޢަތާއި އެ ޖަމާޢަތުގެ އީމާންތެރިކަން
އަހަރެމެން ދުޢާ ދަންނަވާ ހިނދު އަބަދުވެސް ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރަމުއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވަމުއެވެ. މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.
އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވައި އަދި އެކަލާނގެއަށްޓަކައި ތިޔަބައިމީހުން ޚިޔާރު ކުރައްވާފައިވާކަން އަހަރެމެން ދަންނަމުއެވެ. ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ. އެހެންވީމާ، ތިޔަބައިމީހުން މާތް ސާހިބާއާއި އަހަރެމެންނީ ނަމޫނާއެއް ކަމުގައި ބަލައިގަތެވެ. ތިޔަބައިމީހުން ވޭނުގައި ވިކަމުގައި ވިޔަސް ތިޔަބައިމީހުންނަށް އުނގަންނައިދެވުނު ތަކެތި ތިޔަބައިމީހުން ބަލައިގަތީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި އުފާވެރިކަމުގެ ސަބަބުންނެވެ. ވުމާއެކު، މެސެޑޯނިޔާ އާއި އަކޭޔާގެ އީމާންތެރިކަމުގައި ވީ ފަރާތްތަކަށް ތިޔަބައިމީހުން ނަމޫނާއަކަށް ވިއެވެ. އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.
ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ. 10 އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ.