3
ދުޢާ ކުރުމަށް ޕައުލް އެދުން
އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ. އަދި ނުބައި ނުލަފާ މީސްތަކުންގެ ކިބައިން އަހަރެމެން ރައްކާތެރި ކޮށްދެއްވުމަށް އެދިގެން ވެސް ދުޢާ ކުރާށެވެ. ސަބަބަކީ ގިނަ މީސްތަކުންނީ ދިންނެވުން ލިބިދޭ އުފާވެރި ޚަބަރުފުޅަށް އީމާންވާ މީހުންކަމުގައި ނުވާތީއެވެ. ނަމަވެސް މާތްސާހިބާ އަކީ ވަފާތެރި ފަރާތެވެ. އަދި ތިޔަބައިމީހުންނަށް ބާރުދެއްވައި ޝައިތާނާގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ދެއްވާނެއެވެ. ހަމައެހެންމެ، ތިޔަބައިމީހުންނަށް އަހަރެމެން އުނގަންނައިދިން އަމުރުތަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެ، އަދި އެގޮތުގެ މަތިން އަމަލު ކުރުންމަތީގައި ދެމިތިބޭނޭ ކަމުގެ އިތުބާރާއި ޔަޤީންކަން ވެސް މާތްސާހިބާ އަހަރެމެންނަށް ދެއްވައެވެ. މާތް ސާހިބާ ތިޔަބައިމީހުންނަށް މާތްކަލާނގެ ލޯތްބާއި، އަދި އެކަލޭގެފާނުގެ ކިބައިން އަންނަ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ވިސްނުން ދެއްވާށި.
ކަންނެތްކަމާއި ދެކޮޅަށް އިންޒާރުކުރުން
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ. އަހަރެމެން އަމަލު ކުރި ފަދައިން ތިޔަބައިމީހުން އަމަލު ކުރާން ޖެހޭނޭކަން ވަރަށް ރަނގަޅަށް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން ތިބިހިނދު އަހަރެމެންނަކީ ކަންނެތްބައެއް ނޫނެވެ. އަދި އެއްވެސް މީހެއްގެ އެއްޗެއް އަހަރެމެން ހިލޭ ނުކަމެވެ. އަހަރެމެންނަކީ ތިޔަބައިމީހުންނަށް ބުރައެއް ކަމުގައި ނުވުމަށްޓަކައި ދުވާލާއި ރޭގަނޑު އަހަރެމެން ނުހަނު ބުރަކޮށް މަސައްކަތް ކުރީމެވެ. ތިޔަބައިމީހުންގެ އެދުރުން ކަމުގައިވާތީ އަގަކާނުލައި އަހަރެމެންނަށް ކާބޯތަކެތި ލިބިދިނުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވިއެވެ. ނަމަވެސް އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް އަހަރެމެންނަކީ ނަމޫނާއެއް ކަމުގައި ވުމެވެ. 10 އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”⁠މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.⁠“ 11 ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ބައެއް ފަރާތްތައް މަސައްކަތް ކުރުމަށް އިންކާރުކޮށް ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރާ ވާހަކަ އަހަރެމެން އަޑުއެހީމެވެ. އަދި އެފަރާތްތަކާއި ނުބެހޭ ކަންތައްތަކުގައި ޝާމިލުވެ ކަން ބަލަމުން ދާ ބައެއް ކަމުގެ އަޑު ވެސް އަހަރެމެން އެހީމެވެ. 12 ވީމާ، އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙަށްޓަކައި ތިޔަބައިމީހުންގެ ކައިރީގައި އާދޭސްކޮށް ބުނަމެވެ. މިފަދަ މީހުން ރަނގަޅަށް ހަމަޖެހި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާށެވެ.
13 އަޚުންނާއި އުޚުތުންނޭވެ! ހެޔޮ އަމަލުތައް ކުރުމުގައި ތިޔަބައިމީހުން ފޫހި ނުވާށެވެ.
14 މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ. 15 އެބައިމީހުންނީ ތިޔަބައިމީހުންގެ ޢަދުއްވުން ކަމުގައި ނުވިސްނާށެވެ. އެހެނަސް އީމާންތެރިކަމުގައިވާ އަޚަކު ނުވަތަ އުޚުތަކު ނަސޭޙަތްތެރިވާ ފަދައިން އިންޒާރު ކުރާށެވެ.
އެންމެފަހު ދުޢާ އާއި ތަހުނިޔާ
16 އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.
17 އަހަރެން ޕައުލް މި ތަހުނިޔާ މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއީ އަހަރެންގެ ހުރިހާ ސިޓީތައް ވަކިކުރުމަށްޓަކައި ނިޝާނެއްގެ ގޮތުގައެވެ. އެއީ އަހަރެން ލިޔާގޮތެވެ.
18 އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ތިޔައެންމެނާއެކުގައި ވާށިއެވެ.