11
އީމާންތެރިކަމުގެ ފުރިހަމަ މިސާލުތަކެއް
1 އަހަރެމެން އުންމީދު ކުރާކަންތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިއްބައި ދެނީ އީމާންތެރިކަމުންނެވެ. އަދި އަހަރެމެންގެ ލޮލަށް ނުފެންނަ ކަންތައް ކަށަވަރު ކޮށްދެނީ ވެސް އެ އީމާންތެރިކަމުންނެވެ.
2 އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ ވެސް އެމީހުންގެ ކިބައިގައި ހުރި އީމާންތެރިކަމުގެ ސަބަބުންނެވެ.
3 މާތްރަސްކަލާނގެ މި ކާއިނާތު ހެއްދެވީ އެކަލާނގެ އެންގެވި އެންގެވުމަކުން ކަން އެނގެނީ ވެސް އީމާންތެރިކަމުންނެވެ. އަހަރެމެންނަށް ފެންނަ ތަކެތި އުފައްދަވާފައި ވަނީ ނުފެންނަ ތަކެތީންކަން އަހަރެމެންނަށް އެނގެނީ ވެސް މި އީމާންތެރިކަމުގެ ސަބަބުންނެވެ.
4 ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ.
5 އިދުރީސްގެފާނު އަވަހާރަވެ ނުދިޔައީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ހަށިގަނޑު ފަހަކުން ނުފެނުނެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގެން އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ. އެކަލޭގެފާނު އުފުއްލެވުމުގެ ކުރީގައި މާތްރަސްކަލާނގެ އެކަލޭގެފާނާމެދު ރުހިވޮޑިގަންނަވާކަން ވަނީ އަންގަވާފައެވެ.
6 އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.
7 ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ.
މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.
8 އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.
9 އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.
10 އިބްރާހީމްގެފާނު އެފަދަ ގޮތަކަށް ދިރިއުޅުއްވީ ދާއިމީ ބިންގަލެއްގެ މަތީގައި މާތްރަސްކަލާނގެ ޢިމާރާތް ކުރައްވަން ހަމަޖައްސަވާފައިވާ ރަށް ތައްޔާރުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
11 ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.
12 އެހެނީ އެކަމަނާގެ ފިރިމީހާ ވަނީ ފިރިހެންވަންތަ ކަމުގެ ބާރު ކެނޑިފައެވެ. އެކަމަކު އެކަލޭގެފާނު އެތައް ދަރިކޮޅެއްގެ ބަފައިކަލުން ކަމުގައި އެކަލާނގެ ހެއްދެވިއެވެ. އެ ދަރިކޮޅުގެ ގިނަކަން އުޑުގައިވާ ތަރިތަކާއި ގޮނޑުދޮށުގައިވާހާ ވެއްޔަކާ އެއްފަދަވިއެވެ.
13 މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.
14 އެފަދަ އީމާންތެރިކަމެއްގެ މަތީގައި ތިއްބެވި އިރު އެބޭކަލުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވީ އެބޭކަލުންގެ އަމިއްލަފުޅު ވަޒަނެކެވެ.
15 އެބޭކަލުން ބޭނުންފުޅުވީ ކުރީގައި ދިރިއުޅުއްވި ތަން ކަމަށްވީ ނަމަ އެބޭކަލުން އެނބުރި ވަޒަނަށް ވަޑައިގަންނަވަންވީ ނޫންހެއްޔެވެ؟
16 އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ.
އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.
17-18 އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ.
19 އެހެނީ މާތްރަސްކަލާނގެއަކީ މަރުވާމީހުން ދިރުއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އެދަރިކަލުން އެކަލާނގެ ދިރުއްވާފާނެ ކަމަށް އެކަލޭގެފާނަށް ގަބޫލުފުޅު ކުރެއްވުނެވެ. އެއްގޮތަކަށް ބަލާއިރު އިސްޙާޤުގެފާނު އެވަނީ މަރުވުމަށް ފަހު ދިރިފައެވެ.
20 އިސްޙާޤުގެފާނުގެ ކިބަފުޅުގައި ވެސް އީމާންތެރިކަން ހުއްޓެވެ. އެކަލޭގެފާނު ޔަޢުޤޫބުގެފާނާއި ޢީސޫގެ މުސްތަގުބަލަށް ބަރަކާތްލެއްވީ އެހެންވީމައެވެ.
21 ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ދެ ދަރިކަލުންނަށް ބަރަކާތްލައްވައި ދެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމުންނެވެ. އެކަލޭގެފާނު އަވަހާރަވާން ކައިރިވީހިނދު އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ.
22 ޔޫސުފުގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުން މާތްރަސްކަލާނގެ މިޞްރުން އިސްރާއީލީން ނެރުއްވާނެ ވާހަކަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރީގައި ޔަޤީންކަމާއެކު ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށިކޮޅުތައް އެމީހުންނާއެކު ގެންދިއުމަށް ވެސް ވަނީ ވިދާޅުވެފައެވެ.
23 މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.
24 މޫސާގެފާނު ބޮޑުފުޅުވުމުން ރަސްގެފާނުގެ ދަރިކަނބަލުންގެ ދަރިކަލެއްގެ ގޮތުގައި ހުންނެވުމަށް އިޢުތިރާޒް ކުރެއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުންނެވެ.
25 އެހެންނޫންނަމަ ފާފައިގެ ވަގުތީ އުފާ ހޯދުމުގައި ދުވަސްތައް ހޭދަ ކުރެއްވުމުގެ ބަދަލުގައި، މާތްރަސްކަލާނގެ މީހުންނާއެކު ދަތިހާލުގައި އުޅުއްވުމަށް އެކަލޭގެފާނު ޚިޔާރު ނުކުރެއްވީހެވެ.
26 އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.
27 މިޞްރުން މޫސާގެފާނު ނިކުމެވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުންނެވެ. ރަސްގެފާނުގެ ކޯފާއަކަށް އެކަލޭގެފާނު ނުބެއްލެވިއެވެ. ފެންނަން ނެތް ކަލަކު ހަމަލޮލަށް ފެންނަ ފަދައަކުން އެކަލޭގެފާނު ފަސްއެނބުރި ބައްލަވައެއް ނުލެއްވިއެވެ.
28 އެކަލޭގެފާނުގެ އީމާންތެރިކަމުން، ފަހަނަޅައި ދިއުމުގެ ޢީދު ގާއިމުކުރައްވައި ގޭގޭގެ ދޮރުތަކަށް ލޭ ބުރުއްވިއެވެ. އެއީ އެހެން ހެދުމުން މަރުގެ މަލާއިކަތާ އިސްރާއީލީންގެ ދޮށީ ދަރިފުޅު ނުމަރުއްވާނެ ކަން ޔަޤީންވާތީއެވެ.
29 އިސްރާއީލީންނަށް ހިކިފަސް ބިމުގައި ދަތުރުކުރާނެ ފަދައިން ރަތްކަނޑު ހުރަސްކޮށް ދެވުނީ ވެސް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. މިޞްރު މީހުން އެތަން ހުރަސްކުރަން އުޅުމުން އެމީހުން ކަނޑަށް ޣަރަގުވެދިޔައީއެވެ.
30 އެހެނީ މާތްރަސްކަލާނގެ މީހުންގެ ކިބައިގައި އޭރު އީމާންތެރިކަން ހުއްޓެވެ. އެމީހުން ޖެރިކޯ ސަހަރުގެ ވަށައިގެން ހަތްދުވަސްވަންދެން ހިނގިތަނާ އެސަހަރުގެ ފާރުތައް ވެއްޓުނެވެ.
31 ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.
32 މިހެންގޮސް ދައްކާފަ ނުދައްކަންވީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޖަދްއޫނާއި ބާރާގުއާއި ޝަމްޝޫންއާއި ޔަފްތާހު އާއި ދާއޫދުގެފާނާއި ޞަމޫއީލްއާއި އަދި އެހެނިހެން ނަބީބޭކަލުންގެ ވާހަކަ ވެސް ދައްކާ ކޮޅަކުން ނުލާނެއެވެ.
33 މި މީހުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް ރަސްކަމެއް ވައްޓާލައި ފަތަޙަ ހޯދާފައިވެއެވެ. އަދި އެ ރަށްރަށުގައި އަދުލު އިންސާފު ގާއިމު ކުރިއެވެ. އަދި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައްތައް ވެސް އެމީހުން ލިބިގަތެވެ. އެމީހުން ވަނީ ސިންގާތަކުގެ އަނގަތައް ލައްޕުވައިފިއެވެ.
34 އެމީހުން ގަދަފަދަ އަލިފާންގަނޑުތައް ނިއްވައި، ދުޝްމިނުންގެ ކަނޑިތަކުން ވެސް ސަލާމަތްވިއެވެ. އެމީހުންނީ ކިތަންމެ ބަލިކަށި ބައެއް ކަމުގައިވި ނަމަވެސް ބޭރުން އަރައިގެން އައި އަދާވާތްތެރިން ފައްސާލާނެ ގަދަފަދަބާރު އެމީހުންނަށް މާތްރަސްކަލާނގެ ދެއްވިއެވެ.
35 ބައެއް އަންހެނުން ގާތަށް އެމީހުންގެ މަރުވެގޮސްފައިވާ ތިމާގެ މީހުން ދިރިގެން އެނބުރި އައެވެ. އެތައްބަޔަކަށް ޖަލުތަކުގައި އަނިޔާ ދެވުނެވެ. އެކަމަކު އެމީހުން މިނިވަންވާން އިންކާރު ކުރިއެވެ. އެމީހުން ޚިޔާރު ކުރީ އަލުން ދިރިގެން ލިބޭނެ މާރަނގަޅު ޙަޔާތެކެވެ.
36 އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ.
37 އަނެއް ބަޔަކު ގަލުން ތަޅައި މެރުނެވެ. އަނެއްބަޔަކު ދެފަޅިއަށް ކީހާ ލެވުނެވެ. އަދި އަނެއް ބަޔަކު ކަނޑިތަކުން ގަތުލު ކުރެވުނެވެ. އަނެއްބަޔަކަށް ކެހެރި ހަންކޮޅެއް ނޫނީ އުނުއޮރިޔާން ނިވާކޮށްލާނެ ފަދައެއް ނުވެއެވެ. އެމީހުން ތިބީ ފަޤީރުހާލުގައެވެ. ވޭނާއި އަނިޔާގެ ތެރޭގައެވެ.
38 މިދުނިޔެ އެމީހުންނާ އެކަށީގެންވާހާ ރަނގަޅެއް ނުވިއެވެ. އެމީހުން މިދުނިޔޭގައި އުޅުނީ ރެފިއުޖީންގެ ގޮތުގައެވެ. ސަހަރާއާއި ފަރުބަދަތަކުގެ ހޮހަޅަތަކުގައިއާއި ބިމުގައި ހުރި ވަޅުތަކުގައެވެ.
39 މިއެންމެންނަށް ވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަމަކު އެމީހުން މަރުވެ ދިޔައީ މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ތަކެތި ނުލިބިއެވެ.
40 މިހެން އެވީ މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވަން މާރަނގަޅު ތަކެތި ރައްކާ ކުރައްވާފައިވާތީއެވެ. އެކަލާނގެ އެބޭކަލުންގެ އީމާންކަމުގެ ލަނޑުދަނޑި އަހަރެމެންނާ ނުލައި ފުރިހަމަ ކުރެއްވުމަށް އެދިވޮޑިނުގަންނަވާތީއެވެ.