13
މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަޅުކަން
1 އަހަރެމެން އެންމެން އެކަކުއަނެކަކާ އަޅާލައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ލޯބިވަމުން ދާށެވެ.
2 އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.
3 އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.
4 ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.
5 ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.
6 އަހަރެމެން ނިކަން ކެރިގެން މިހެން ބުނަމާހިނގާށެވެ.
”މާތްރަސްކަލާނގެއަކީ އަހަރެންގެ އެހީތެރިޔާއެވެ. އެހެންވެ އަހަރެން ބިރެއް ނުގަންނާނެއެވެ.
އިންސާނަކަށް އަހަންނަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟“
7 އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.
8 އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.
9 ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.
10 އަހަރެމެންނަށް ލިބިފައިމިވާ އަޅުކަމުގެ މަޤާމަކީ އެތަނަކުން ފޭލިގެކޮޅުގެ އިމާމުންނަށް ވެސް ކައިބޮއި ހެދުމުގެ ހުއްދަ ލިބިގެން ނުވާތަނެކެވެ.
11 އިހުގައި އިސްރާއީލުގެ އިމާމުން ފާފައިގެ ކައްފާރާއަކަށް ޖަނަވާރުތަކުގެ ލޭ ގެނެސް ހުށަހަޅަނީ އެންމެ މުޤައްދަސް މަޤާމުފުޅަށެވެ. އެކަމަކު އެ ޖަނަވާރުތަކުގެ ހަށިގަނޑު އަންދާލެވެނީ ރަށްބޭރުގައެވެ.
12 އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ.
13 ވީއިރު އަހަރެމެން ވެސް އެކަލޭގެފާނު ގާތަށް ރަށްބޭރަށް ގޮސް އެކަލޭގެފާނު އުފުއްލެވި ލަދުވެތިކަން ޙިއްސާ ކުރަމާ ހެއްޔެވެ؟
14 މި ދުނިޔެއަކު ފަނާވެނުދާނެ ރަށެއް ނުވެއެވެ. އެކަމަކު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ އެހެން ނުވާނެ ވަޒަނަކަށެވެ.
15 އެހެންވީމާ، އަހަރެމެން މާތްރަސްކަލާނގެއަށް އީސާގެފާނު މެދުވެރިކޮށް ހުށަހަޅަމުން މިގެންދާ ޤުރުބާނީތައް ހުށަހެޅުން ހުއްޓާލައިގެން ނުވާނެއެވެ. އެ ޤުރުބާނަކީ އަހަރެމެންގެ ދޫތަކުން އެކަލޭގެފާނުގެ ނަންފުޅުގަނެ މާތްރަސްކަލާނގެއަށް ޙަމްދުސަނާ ދަންނަވައި ކުރާ ޤުރުބާނީއެވެ.
16 އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.
17 ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.
18 ކަލޭމެން އަހަރެމެންނަށްޓަކައި ދުޢާ ކުރުންމަތީ ތިބޭށެވެ. އަހަރެމެންގެ ޒަމީރު ސާފުސީދާކަން އަހަރެމެންނަށް އެނގެއެވެ. އަހަރެމެން ދިރިއުޅެމުން ދާއިރު ކުރާ ކޮންމެ ކަމެއް ކުރުމަށް ހިތްއެދެނީ ހެޔޮ ގޮތުގައެވެ.
19 ވަކީން ޚާއްސަކޮށް އަހަރެންނަށް ވެސް ލަހެއް ނުވެ ކަލޭމެންގެ ގާތަށް އާދެވޭތޯ ކަލޭމެންވެސް ދުޢާކޮށްދިނުމަށް އަހަރެން ވަރަށް އެދެމެވެ.
އެންމެފަހުގެ ހެޔޮދުޢާ ސަލާމް
20 ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.
21 އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!
22 އަޚުންނޭވެ! އަހަރެން މި ކުރު ސިޓީ މިލިޔަނީ ކަލޭމެންނަށް ހިތްވަރު ދިނުމަށެވެ. އަހަރެން މި ބުނި ވާހަކަތަކަށް ކަލޭމެން ފަރުވާތެރިވުން ވަރަށް އެދެމެވެ.
23 އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ.
24 ކަލޭމެންގެ އިސްވެރިންނަށާއި މާތްސާހިބާގެ އެންމެހާ މީހުންނަށް އަހަރެންގެ ވެދުން ރައްދު ކޮށްދޭށެވެ. އިޓަލީގައި ތިބި އެކަލޭގެފާނަށް ތަބާވާ މީހުން ވެސް އެމީހުންގެ ވެދުން ކަލޭމެންނަށް ފޮނުވައެވެ.
25 މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު ކަލޭމެން އެންމެނާއެކުގައި ވާށިއެވެ!