3
އީސާގެފާނު މޫސާގެފާނަށް ވުރެން މަތިވެރި
އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ. އެކަލޭގެފާނަކީ އެކަލޭގެފާނު ފޮނުއްވި ކަލާނގެއަށް ވަފާތެރި ބޭކަލެކެވެ. އެއީ މޫސާގެފާނު ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިވެ ވަޑައިގަތް ފަދައިންނެވެ.
އެހެނެއްކަމަކު އީސާގެފާނަށް ލިބިވަޑައިގަންނަވަން ޖެހޭ ޝަރަފު މޫސާގެފާނަށް ވުރެން މާ މަތިވެރިއެވެ. އެއީ ގެ ބިނާ ކުރާ މީހާ އޭނާ ބިނާކުރާ ގެއަށްވުރެ މަތިވެރިވާ ފަދައިންނެވެ. ކޮންމެ ގެއެއް ވެސް ބިނާ ކުރަނީ ކޮންމެވެސް މީހެކެވެ. އެކަމަކު ޙަޤީޤަތުގައި ކޮންމެ އެއްޗެއް ވެސް އުފައްދަވަނީ މާތްރަސްކަލާނގެ އެވެ.
މޫސާގެފާނަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ.+ އަދި ފަހުން މާތްރަސްކަލާނގެ ވަޙީކުރައްވާނެ ބަސްފުޅުތައް ވެސް އެކަލޭގެފާނު ވިދާޅުވިމެއެވެ. އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.
މާތްރަސްކަލާނގެ މީހުންނަށް އަރާމުގެ މަންޒިލް
އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ.
 
”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،
ކަލޭމެން ބޯހަރު ނުކުރާށެވެ!
ސަހަރާގެ ތެރޭގައި އިމްތިޙާނު ކުރެވުނު
ކަލޭމެންގެ ކާބަފައިން ވީފަދައިން ދެކޮޅުވެރި ނުވާށެވެ.
އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ.
އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.
10 އެމީހުންދެކެ ފޫހިވެގެން ތިމަންކަލާނގެ މިހެން ވަޙީކުރެއްވީމެވެ.
’⁠އެމީހުންގެ ހިތްތައް ތިމަންކަލާނގެއާ ދުރަށް އަނބުރައެވެ.
ތިމަންކަލާނގެ އަންގަވާގޮތެއް އެމީހުން ނަހަދައެވެ.⁠‘
11 އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ.
’⁠އެއިން މީހަކު ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަން.⁠‘⁠“+
 
12 އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ. 13 ”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.
14 އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.
15 ފަތްފުށްތަކުގައި ލިޔެވިގެންވެއެވެ.
 
”⁠މާތްރަސްކަލާނގެ އަޑުފުޅު މިއަދު ކަލޭމެންނަށް އިވިއްޖެނަމަ،
ދެކޮޅުވެރިވި މީސްތަކުންފަދައިން ކަލޭމެންގެ ހިތް ހަރު ނުކުރާށެވެ.⁠“+
16 މާތްރަސްކަލާނގެ އަޑުފުޅު އިވި އެކަލާނގެއާ ދެކޮޅުވެރިވެގަތީ ކޮން ބައެއް ހެއްޔެވެ؟ އެއީ މޫސާގެފާނު ވަޑައިގެން މިޞްރުގެ އަޅުވެތިކަމުން ސަލާމަތް ކުރައްވައިގެން ނެރުއްވި މީހުން ނޫންހެއްޔެވެ؟
17 ސާޅީސް އަހަރުވަންދެން މާތްރަސްކަލާނގެ ކޯފާ އިސްކުރުވީ ކޮން ބައެއްހެއްޔެވެ؟ އެއީ ހަނަފަސް ސަހަރާގެ ތެރޭގައި ފާފަވެރިވެގަނެ އެތާ މަރުވި މީހުން ނޫންހެއްޔެވެ؟
18 މާތްރަސްކަލާނގެ އެކަލާނގެ އަރާމުގެ މަންޒިލަށް ނުވައްދާނަމޭ އެވަޙީ ކުރެއްވީ ކޮން ބަޔަކާ ދިމާއަށް ހެއްޔެވެ؟ އެއީ އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނޫން ހެއްޔެވެ؟
19 އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.
+ 3:5 އަދަދު 12‏:7 + 3:11 ޒަބޫރު 95‏:7‏-11 + 3:15 ޒަބޫރު 95‏:7‏-8