7
އިމާމު މަލްކީޞާދިޤު
މަލްކީޞާދިޤު އަކީ ސާލެމުގެ ރަސްގެފާނު އަދި އެންމެ މަތިވެރި ކަލާނގެ މާތްރަސްކަލާނގެ އިމާމެވެ. އެކަލޭގެފާނަކީ އިބްރާހީމްގެފާނު ހަތަރު ރަސްކަލުންނާ ހަނގުރާމަ ކުރައްވައި އެ ރަސްކަލުން ބަލިކުރައްވާފައި ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލައްވައިދެއްވި ކަލޭގެފާނެވެ.+ އިބްރާހީމްގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މަލްކީޞާދިޤުގެ ނަމުގެ މާނައަކީ ”⁠އަދުލުވެރި ރަސްގެފާނު⁠“ އެވެ. އެކަލޭގެފާނަކީ ”⁠ސާލީމުގެ ރަސްގެފާނު⁠“ ވެސްމެއެވެ. މާނައަކީ ”⁠ސުލްޙައިގެ ރަސްގެފާނު⁠“ އެވެ. މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.
މަލްކީޞާދިޤުގެ މަތިވެރިކަން ނިކަން ދެކޭށެވެ. އަހަރެމެންގެ ނަންމަތިވެރި ކާބަފައިކަލުން އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގަން ޖެހެނީ އެމީހުންގެ ތިމާގެ މީހުން ކަމަށްވާ ލާވީ އިމާމުންނެވެ. * މަލްކީޞާދިޤުއަކީ ލާވީގެ ދަރިކޮޅުގެ ބޭކަލަކަށް ނުވާއިރު ވެސް އިބްރާހީމްގެފާނު މުދަލުގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. އެއަށް ފަހު މަލްކީޞާދިޤު އިބްރާހީމްގެފާނަށް ބަރަކާތްލައްވައި ދެއްވިއެވެ. މިއިރު އިބްރާހީމްގެފާނަކީ މާތްރަސްކަލާނގެ ވަޢުދުފުޅު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މީހަކަށް ބަރަކާތްލައިދެވޭނީ އެމީހަކަށް ވުރެން މަތީ މީހަކަށްކަން އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. މީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގާ އިމާމުންނަކީ މަރުވެދާބަޔެކެވެ. މަލްކީޞާދިޤު ފިޔަވައެވެ. ފަތްފުށްތަކުގައި ވާގޮތުން އެކަލޭގެފާނު އަދިވެސް ހުންނެވީ ދިރިދުނިޔޭގައެވެ. ލާވީގެ ދަރިކޮޅުގެ މީހުންނަށް މީސްމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ލިބެއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން އެބުނެވެނީ ލާވީން އަތުން ވެސް ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ނަގައި ދެވުނީކަމަށެވެ. 10 އެހެނީ ލާވީންނަކީ މާފަހުން އިބްރާހީމްގެފާނުގެ ހަށިކޮޅުގެ ދިޔަފޮދުން އައިސްފައިވާ ބައެއް ކަމަށް ވާތީއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން ލާވީންގެ ފަރާތުން ވެސް މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެވުނީއެވެ.
11 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި އިމާމަކަށް ވެވޭނީ ލާވީ ދަރިކޮޅުގެ މީހަކަށެވެ. އެހެންނަމަވެސް ލާވީންނަކަށް ވެސް އަނެކާގެ ކުށްފާފަ އެއްކޮށް ފިލުވައި ފުރިހަމަކޮށެއް ނުދެވެއެވެ. އެހެންކަމުން ހާރޫނުގެފާނުގެ ދަރިކޮޅުގައި ތިބި އިމާމުންނާ ޚިލާފަށް މަލްކީޞާދިޤުގެ ފަންތީގެ އިމާމަކު ހުންނަވަން ޖެހެނީއެވެ. 12 އިމާމުން ހޮވުމުގެ ގަވާއިދަށް ބަދަލު އައުމުން ޤާނޫނު ވެސް ބަދަލުވާންޖެހެއެވެ.
13 އަހަރެމެން މިދައްކަނީ އަހަރެމެންގެ މާތްސާހިބާގެ ވާހަކައެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެހެން ގަބީލާއަކުންނެވެ. އެ ގަބީލާއަކީ އިމާމެއްގެ ގޮތުގައި އެއްއިރެއްގައި ވެސް ޤުރުބާނީ އަށި ދޮށަށް ދިޔަ ބައެއް ނޫނެވެ. 14 އެކަލޭގެފާނަކީ ޔަހޫޛާގެ ދަރިކޮޅުން ވަޑައިގަތް ބޭކަލެއްކަމީ އެންމެންނަށް ވެސް ސާފުވެފައި އޮންނަކަމެކެވެ. އިމާމުންނާ ބެހޭ ވާހަކައިގެ ތެރެއަކު ޔަހޫޛާގެ ގަބީލާގެ ވާހަކައެއް މޫސާގެފާނު ވިދާޅެއް ނުވެއެވެ.
މަލްކީޞާދިޤު ފަދަ އެހެން އިމާމަކު ފޮނުއްވުން
15 މިހުރިހާކަމެއް އިތުރަށް ސާފުވެގެން މިދަނީ މަލްކީޞާދިޤު ފަދަ ބޭކަލަކު އިމާމެއްގެ ގޮތުގައި ފާޅުވެގެން އައީމައެވެ. 16 މި ބޭކަލަކު މި ހޮއްވެވީ ޤާނޫނުގައިވާ ފަދައިން ވަކި ދަރިކޮޅަކުން ވީމައެއް ނޫނެވެ. އެއީ އެބޭކަލަކީ ނެތި ނިމި ނުދާނެ ބޭކަލަކަށް ވާތީއެވެ. 17 އެހެނީ ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.
”⁠ކަލޭގެފާނު ވާހުށީ އިމާމު މަލްކީޞާދިޤުގެ މަގުން
ތާއަބަދަށް ހުންނަވާނެ އިމާމު ކަމަށެވެ.⁠“+
18 މިހެންވެ ޒަމާންވީ ޤާނޫނުގެ ބަލިކަށިކަމާއި ބޭކާރުކަމުގެ ސަބަބުން އެޤާނޫނުތައް އެއްފަރާތް ކޮށްލެވުނީއެވެ. 19 އެހެނީ ޤާނޫނަކީ އެއްވެސް ކަމެއް ފުރިހަމަ ކުރެވޭނެ އެއްޗެއް ނޫނެވެ. މިއަދު އަހަރެމެންނަށް މިވަނީ މާމަތިވެރި އުންމީދެއް ލިބިފައެވެ. އެ އުންމީދުގެ ތެރޭން އަހަރެމެންނަށް މާތްރަސްކަލާނގެއާ ގާތަށް ދެވޭނެ ގޮތް މެދުވެރިވެއެވެ.
20 މި އިމާމު އައްޔަން ކުރެވުނުއިރު މާތްރަސްކަލާނގެ ވަނީ ހުވާފުޅެއް ވެސް ކުރައްވާފައެވެ. އެކަމަކު އެހެނިހެން އިމާމުން އައްޔަން ކުރައްވާއިރު އެކަލާނގެ މިފަދަ ހުވާފުޅެއް ނުކުރައްވައެވެ.
21 އީސާގެފާނު އިމާމަކަށް ހެއްދެވީ މާތްރަސްކަލާނގެ ކުރެއްވި ހުވާފުޅަކުންނެވެ.
”⁠މާތްރަސްކަލާނގެ މިކުރެއްވި މަތިވެރި ހުވާފުޅު އަނބުރާ ނުގެންދަވާނެއެވެ:
’⁠ކަލޭގެފާނަކީ ދާއިމީ އިމާމެވެ.⁠‘⁠“+
22 މި ހުވާފުޅަށްޓަކައި އީސާގެފާނަކީ ކުރީގައި އޮތް ޢަހުދުނާމާއަށް ވުރެން މާރަނގަޅު ޢަހުދުނާމާއެއް ކަށަވަރު ކޮށްދެއްވާނެ ފަރާތް ކަމުގައި ވެގެން ދިޔައެވެ. 23 މީގެ ކުރީގައި ވެސް އެތަކެއް އިމާމުންނެއް އުޅެފައި ވިއެވެ. މިއިން ކޮންމެ އިމާމަކު ވެސް މަރުވެ ދަނީއެވެ. އެހެންކަމުން މިއިން އެއްވެސް ބޭކަލަކަށް އެމީހުންގެ މަސައްކަތް ކުރާކަށް ތާއަބަދަކު ދިރިއެއް ނުތިބެއެވެ. 24 އެކަމަކު އީސާގެފާނަކީ އަވަހާރަފުޅުވާނެ ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ދާއިމީ އިމާމަކަށް ވަނީ މިހެންވީމައެވެ. 25 މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.
26 އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ. 27 އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.
28 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތަށް ހޮވޭ އިމާމުންގެ ކިބައިގައި އިންސާނީ ބަލިކަށިކަން ހުރެއެވެ. އެހެންކަމުން ޤާނޫނުގެ ފަހުން މާތްރަސްކަލާނގެ ހުވާފުޅަކާއެކު ކުރެއްވި ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން އިމާމަކަށް ޚިޔާރު ކުރެއްވީ އެކަލާނގެ ދަރިކަލުންނެވެ. އެދަރިކަލުންނަކީ އަބަދަށްޓަކައި އެންމެ ފުރިހަމަ އިމާމުކަމުގައި އެކަލާނގެ ވަނީ ހައްދަވާފައެވެ.
+ 7:1 ފެށުން 14‏:18‏-20 * 7:5 ތައުރާތުގައިވާ ގޮތުން އިމާމުން އަންނަން ޖެހެނީ ލާވީން ދަރިކޮޅުންނެވެ. މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރުމުގެ ހުއްދަ އޮންނަ ހަމަ އެކަނި ބަޔަކީ މި ދަރިކޮޅުން އަންނަ އިމާމުންނެވެ. + 7:17 ޒަބޫރު 110‏:4 + 7:21 ޒަބޫރު 110‏:4