9
އުޑާއި ބިމުގެ އަޅުކަން
ފުރަތަމަ ޢަހުދުނާމާގައި އެކުލެވިފައި ވަނީ އަޅުކަން ކުރާނެ ގޮތާއި އަޅުކަމުގެ މަޤާމުފުޅުގެ ވާހަކައެވެ. އެއީ މި ބިންމަތީގައި ހުރިތަނެކެވެ. އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ. އެ ފޭލިގެކޮޅުގެ ދެވަނަ ބަޔަކީ އެންމެ މުޤައްދަސް މަޤާމުފުޅެވެ. އެބައި ވަނީ ފަރުދާގެ ފުރަގަހުގައެވެ. އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ. ފޮށިކޮޅުގެ ފިޔަނުގައި ބަހައްޓާފައި ވަނީ ޖަލާލުވަންތަކަން ރަމްޒުކޮށް ދައްކައިދޭ ކަރޫބީމު މަލާއިކަތުންގެ ސޫރައެވެ. އޭގެފިޔަތައް ނިއުޅާފައި އެވަނީ އަފޫކުރެއްވުމުގެ މަޤާމުފުޅާ ދިމާ މަތީގައެވެ. މިއީ މިކަންތަކުގެ ތަފުސީލަށް ދާންވީ ވަގުތެއް ނޫނެވެ. މިއީ އިމާމުންގެ އަޅުކަމުގެ ވަޒީފާއަށް އާދައިގެ މަތިން ނުކުމެ އުޅުނު އިރު ފޭލިގެކޮޅުގެ ފުރަތަމަ ބައިގައި ކަންތައް ރޭވިފައި ހުރިގޮތެވެ. ފޭލިގެކޮޅުގެ އެތެރޭ ބަޔަށް ވަދެވެނީ އުއްތަމަ އިމާމަށެވެ. އޭނާ އެތަނަށް ވަންނަނީ އަހަރަކު އެއްފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ފާފައިގެ ކައްފާރާއަކަށް ހުށަހެޅުމަށް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަދި މީސްތަކުންނަށް ގަސްތަކާނުލައި ކުރެވޭ ފާފަތަކުގެ މަތިން ހުށަހަޅަން ވެސް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަޅުކަމުގެ ފޭލިގެކޮޅު ކޮޅަށް ހުރި ދުވަހު ވެސް ކޮންމެ ކޮންމެ މީހަކަށް އެންމެ މުޤައްދަސް މަޤާމުފުޅަށް ކުއްތަން ވެވިފައި ނުވާކަން މާތްރޫޙުފުޅު ވަނީ އަންގަވާ ދެއްވާފައެވެ.
މިއަދު ވެސް މިކަމުން ދައްކަދެނީ އެމާނަ އެވެ. އެއީ އަހަރެމެން ކިތަންމެވަރަކަށް ހަދިޔާތަކާއި ޤުރުބާނީ ވެދުން ކުރިޔަކަސް އަހަރެމެންގެ ޒަމީރަށް ހަމަޖެހުމެއް ނުލިބޭނެކަމެވެ. 10 އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.
11 އުއްތަމަ އިމާމެއްގެ ގޮތުގައި އީސާގެފާނު އެކަންތަކަކާގެން ވަޑައިގެންނެވި ހެޔޮ ކަންތައް މިހާރުވެސް މިތާގައި އެބަވެއެވެ. އެކަލޭގެފާނު ވެދެވަޑައިގެންނެވި އަޅުކަމުގެ މަޤާމުފުޅަކީ އިންސާނުން އަމިއްލައަށް ބިންމަތީގައި ތައްޔާރު ކޮށްފައި ހުރި ކަހަލަ ފޭލިގެ ކޮޅެއް ނޫނެވެ. އެއަކީ މި ދުނިޔެމަތީގެ ތަނެއް ވެސް ނޫނެވެ. އެއީ މާފުރިހަމަ އަދި މާ މަތިވެރި ފޭލިގެކޮޅެކެވެ. 12 އެ އެންމެ މުޤައްދަސް މަޤާމުފުޅަށް ވެދެވަޑައިގެން އަހަރެމެން އެންމެންގެ ފާފަތަކުން އަބަދަށްޓަކައި އެކަލޭގެފާނު އަހަރެމެން މިނިވަން ކޮށްދެއްވިއެވެ. މި ކަމަށްޓަކައި އެކަލޭގެފާނު ހުށަހެޅުއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ލޭފޮދެވެ. ގެރިއެއް ބަކަރިއެއްގެ ލެޔެއް ނޫނެވެ.
13 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި ނުތާހިރުކަން މަތީ ތިބޭ ބަޔަކަށް މާތްރަސްކަލާނގެއަށް އަޅުކަމެއް ނުކުރެވޭނެއެވެ. އެކަމަކު އެމީހުންގެ ގަޔަށް ގެރިބަކަރީގެ ލެޔާއި އަންދައި ޤުރުބާނީ ކުރެވިފައިވާ ޅަގެރިއެއްގެ އަޅި ބުރުވުމުން އެމީހުން ސާފުތާހިރުވެއެވެ.
14 އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
15 އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.
16 މިކަހަލަ ޢަހުދުނާމާއަކީ ވަސިއްޔަތެއް ފަދަ އެއްޗެކެވެ. އެހެނީ ވަސިއްޔަތެއްގެ މައްޗަށް އަމަލު ކުރެވޭނީ އެ ލިޔުނުމީހާ މަރުވުމުގެ ފަހުންނެވެ. 17 އެހެންގޮތަކަށް ބުނާނަމަ ވަސިއްޔަތް ކުރި މީހާ ދުނިޔޭގައި ހުއްޓައި އެވަސިއްޔަތަކަށް އަމަލެއް ނުކުރެވޭނެއެވެ.
18 ފުރަތަމަ ޢަހުދުނާމާ ހުޅުވިގެން ދިޔައީ ލެއިންނެވެ. 19 މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.+
20 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މި ލެއިން ކަލޭމެންނާއި މާތްރަސްކަލާނގެއާ ދެމެދު އަހުދެއް ކަށަވަރު ކުރެވުނެވެ.⁠“ 21 ދެން މޫސާގެފާނު މުޤައްދަސް ފޭލިގެކޮޅަށާއި އަޅުކަމާ ގުޅުންހުރި ހުރިހާ އެއްޗަކަށް އެލޭ ބުރުއްސެވިއެވެ.
22 އަސްލުގައި މޫސާގެފާނުގެ ޤާނޫނުގެ ދަށުން ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ސާފުތާހިރު ކުރެވެނީ ލެއިންނެވެ. ލޭ އޮހޮރިގެން ނޫން ގޮތަކުން ފާފައިން ވެސް އަފޫވުމެއް ނުވެއެވެ.
23 މިކަންތަކަކީ އުޑުގައި ހިނގާނެ ކަންކަމުގެ ނަމޫނާއެކެވެ. ބިންމަތީގައި ހުންނަ ތަކެތި މާތް ކުރެވިގެންދަނީ މިފަދަ ޤުރުބާނީތަކުންނެވެ. އެކަމަކު އުޑުގައި ހިނގާ ޙަޤީޤީ ކަންތަކުގައި ތަކެތި މާތްކުރެވިގެން ދާނީ މިއަށް ވުރެން މާފުރިހަމަ ޤުރުބާނީއަކުންނެވެ. 24 އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ. 25 އީސާގެފާނު އެތައް ފަހަރަކު ލޭފޮދު އޮހޮރުވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނަކީ އެހެނިހެން އުއްތަމަ އިމާމުން ފަދައިން އަހަރަކު އެއްފަހަރު، އެންމެ މުޤައްދަސް މަޤާމުފުޅަށް ޖަނަވާރެއްގެ ލެއިން ޤުރުބާނީ ހުށަހަޅަން ވެދެވަޑައިގަންނަވަން ޖެހޭ ބޭކަލެއް ނޫނެވެ.
26 އެކަން އޮތީ އެ ގޮތަށް ނަމަ ދުނިޔެ އުފެއްދެވީއްސުރެން އަހަރަކު އެއްފަހަރު އެކަލޭގެފާނުގެ ލޭފޮދު އޮއްސަވަން ޖެހުނީސް ނޫންހެވެ؟ އެކަމަކު މިހާރު އެންމެ ފަހަރަކު އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތުމުގެ ސަބަބުން ދުނިޔެ ނިމެންދެން ވެސް މީސްތަކުންގެ ފާފަތައް ފުހެވިގެން ދާނެ ގޮތް މިވަނީ މެދުވެރިވެފައެވެ.
27 އަހަރެމެން މަރުވުމަށް އިރާދައިގައި ވަނީ އެންމެ ފަހަރަކުއެވެ. އެއަށް ފަހު މާތްކަލާނގެ އަހަރެމެންގެ މައްޗަށް އިންސާފު ގާއިމު ކުރައްވާނެ އެވެ. 28 އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.
+ 9:19 ނެރުއްވުން 24‏:3‏-8