4
މާތްރަސްކަލާނގެއަކީ ލޯތްބެވެ.
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ. އެފަދަ ބަޔަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އުނގަންނައިދޭ ތަކެތިކަމުގައި ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނީ އީސާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންނެވީ ފުރިހަމަ އިންސާނެއްގެ ގޮތުގައި ކަމަށް އެފަދަ މީހަކު ބުނެދޭނަމައެވެ. ނަމަވެސް އެއްވެސް ބަޔަކު އީސާ އަލްމަސީޙު މިދުނިޔެއަށް ވަޑައިގެންނެވީ ފުރިހަމަ އިންސާނެއްގެ ގޮތުގައި ނޫންކަމަށް ބުނާނަމަ އެބަޔަކީ މާތްރަސްކަލާނގެ ހަޟުރަތުން ފޮނުއްވާފައިވާ ބައެއް ނޫނެވެ. އެފަދަ ބަޔަކުވާނީ އަލްމަސީޙުގެ ޢަދުއްވު ދައްޖާލުގެ ރޫޙާނީ ނުފޫޒުގެ ދަށުގައިވާ ބަޔަކަށެވެ. މިއީ މި ދުނިޔެއަށް އަންނާނެ ކަމަށް ތިޔަބައިމީހުން އަޑުއަހާފައިވާ ނުބައިވެގެންވާ ރޫޙާނީ ބާރު ވެސްމެއެވެ. އަދި މި ނުބައި ބާރު މިހާރު މިދުނިޔޭގައި އެބަވެއެވެ.
ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ. މިފަދަ ދޮގު އެދުރުންނީ ދުނިޔަވީ ދޮގުވެރިންނެވެ. އެފަދަ މީހުންގެ އުނގަންނައިދިނުންތައް ބިނާވެފައި ވާނީ ވެސް ދުނިޔަވީ އުސޫލުތަކުގެ މައްޗަށެވެ. އަދި ދުނިޔޭގެ މީސްތަކުން އެފަދަ ދޮގުވެރިންގެ އަޑުއަހާނެއެވެ. އަހަރެމެންނީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ބަޔަކީމުއެވެ. ވުމާއެކު، މާތްރަސްކަލާނގެ ދަންނަ ކޮންމެ މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑު އަހައެވެ. ނަމަވެސް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީސްތަކުންގެ ތެރެއިން ނުވާ އެއްވެސް މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑެއް ނާހައެވެ. އެހެންވީމާ، މާތްރަސްކަލާނގެ މާތްރޫޙުފުޅު ވޮޑިގެންވާ ކަމުގައި ބުނެ މީސްތަކުން ދައްކާ ވާހަކަތަކުގެ ދޮގުތެދު އަހަރެމެންނަށް އެނގެނީ މިގޮތުގެ މަތިންނެވެ.
އިޚުލާސްތެރި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވާށެވެ. އެއީ ލޯތްބަކީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބިދޭ ކަމަކަށް ވާތީއެވެ. އެހެންވީމާ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނެކުންނާއި މެދުގައި ލޯބިވާކަމުގައި ވާނަމަ އެ މީހަކީ މާތްރަސްކަލާނގެ ދަރިއެކެވެ. އަދި އެމީހަކަށް ޙަގީގަތުގައި މާތްރަސްކަލާނގެ އެނގިގެން ވެއެވެ. ނަމަވެސް އަނެކުންނާއި މެދު ލޮބުވެތި ކަމާއެކު އަމަލު ކުރަމުން ނުގެންދާ ބަޔަކަށް މާތްރަސްކަލާނގެ އެއް ނޭނގޭނެއެވެ. ސަބަބަކީ އެންމެހާ ކަމެއްގައި މާތްރަސްކަލާނގެއީ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަހަރެމެންނާއި މެދު މާތްރަސްކަލާނގެ ލޯބިވެވޮޑިގަންނަވާކަން ދައްކުވައިދެއްވީ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އަދި އެކަލޭގެފާނު މެދުވެރި ކުރައްވައި އަހަރެމެންނަށް ދެއްވި ނިމުމެއްނުވާ ޙަޔާތުންނެވެ. 10 ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.
11 އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ އަހަރެމެންދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަމުން އަހަރެމެން ވެސް އެކަކު އަނެކަކާ މެދު ލޯބިވާން ޖެހެއެވެ. 12 އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.
13 މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި އެކަލާނގެ މާތްރޫޙުފުޅު ސާބިތުކޮށްދެނީ އަހަރެމެން އެކަލާނގެ އާއި ގުޅި އެކަލާނގެ އަހަރެމެންނާއި ގުޅިފައިވާ ކަމެވެ. 14 އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.
15 އީސާގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ކަމުގައި ބަލައިގަންނަ ކޮންމެ މީހަކާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެއެވެ. އަދި މިގޮތުގެމަތިން އެމީހަކީ މާތްރަސްކަލާނގެ އާއި ގުޅިލާމެހިފައިވާ މީހެކެވެ. 16 އަހަރެމެންނާ މެދު މާތްކަލާނގެ ލޯބިވެ ވޮޑިގަންނަވާ މިންވަރު އަހަރެމެންނަށް އެނގެއެވެ. އެލޯތްބާމެދު އަހަރެމެން މިތިބީ އިތުބާރު ކޮށްގެންނެވެ. މާތްކަލާނގެއަކީ ލޯތްބެވެ. އެހެންކަމުން ލޮބުވެތިކަން މަތީގައި ތިބޭ ބަޔަކު އެތިބެނީ މާތްކަލާނގެއާ ގުޅިލާމެހިފައެވެ.
17 އަހަރެމެން މާތްކަލާނގެއާ ގުޅި ލާމެހިފައިވުމުން އަހަރެމެންގެ ލޮބުވެތިކަން ފުރިހަމަވެގެން ދާނެއެވެ. އެހެންކަމުން އަހަރެމެން ޤިޔާމަތް ދުވަހާމެދަކު ބިރުވެތިވާކަށް ނުޖެހެއެވެ. އެހެނީ އެކަލާނގެ ޙަޟްރަތަށް އަހަރެމެން ދާނީ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުގައެވެ. އެގޮތަކީ މިދުނިޔޭގައި އަހަރެމެން އުޅެމުން ގެންދަނީ އީސާގެފާނު ފަދައިން ކަމުގައިވާތީއެވެ.
18 އެފަދަ ލޯތްބެއް ވާނަމަ އަހަރެމެންނަށް ބިރެއް ނެތެވެ. އެހެނީ ފުރިހަމަ ލޯބި ބިރުވެތިކަން ފައްސާލައެވެ. އެހެންކަމުން އަހަރެމެން ބިރުވެތިކަމުގެ ތެރޭގައި ތިބޭނަމަ އެކަމުން ދައްކަނީ އަހަރެމެންގެ ކިބައިގައި ލޯބި ފުރިހަމަ ނުވާކަމެވެ. އެގޮތަކީ ބިރު ގަންނަނީ ލިބިދާނެ އަދަބަކަށްޓަކައި ކަމަށް ވާތީއެވެ.
19 އަހަރެމެން ލޮބުވެތިކަން މަތީ މިތިބެނީ މާތްކަލާނގެ އަހަރެމެންދެކެ ފުރަތަމަ ލޯބިވެ ވޮޑިގެންނެވީތީއެވެ. 20 އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟ 21 އަދި އީސާގެފާނު އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެން މާތްކަލާނގެއާ މެދުގައި ލޮބުވެތި ވާނަމަ އެކަލޭގެފާނަށް ތަބާވާ އަހަރެމެންގެ އަޚުންނާ އުޚުތުންނާމެދު ވެސް ލޮބުވެތި ވާން ވާނެ ކަމަށެވެ.