2
ހަމަހަމަ އުސޫލު ގެންގުޅުމަށް ކުރާ އިންޒާރު
އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންނީ ޖަލާލަތުކަން ލިބިވަޑައިގެންވާ މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންތެރިކަމުގައިވާ ބަޔަކު ކަމުގައިވާ ހިނދު އެއްވެސް މީހަކީ އަނެކާއަށް ވުރެން މުހިންމު މީހެއް ކަމުގައި ނުދެކޭށެވެ. މިސާލަކަށް މޮޅުހެދުމެއްގައި އަގުބޮޑެތި ގަހަނާ އަޅައިގެން މުއްސަންޖަކު ކަލޭމެންގެ ޖަމާޢަތަށް އައެވެ. އަދި ބާވެ ހަސްފަސްނެތި ގަނޑުބެއްދި އަޅައިފައިވާ ހެދުމެއްގައި ފަޤީރަކު ވެސް އައެވެ. ކަލޭމެން މުއްސަނދި މީހައަށް ޚާއްސަ ސަމާލުކަމެއްދީ މިފަދައިން ބުނާނެވެ. ”⁠މިތަނުން އެންމެ އެދެވޭ ގޮނޑީގައި އިށީންނަވާ.⁠“ ނަމަވެސް ފަގީރު މީހާއަށް ކަލޭމެން ބުނާނީ މިފަދައިންނެވެ. ”⁠އެތާނގައި ކޮޅަށް ހުރޭ.⁠“ ނޫނީ ”⁠ތަޅަންގަނޑުގައި އިށީނދޭ.⁠“ މިފަދައިން ކަލޭމެން އަމަލު ކޮށް މީސްތަކުންގެ މެދުގައި ތަފާތުކުރާ ކަމުގައިވާނަމަ ކަލޭމެން އެކަންތައް ކުރަނީ ނުބައި މަގުސަދެއްގައި ނޫންހެއްޔެވެ؟
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ.
އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ. ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟ އަދި އެ މުއްސަނދިންނީ ކަލޭމެން މިލްކުވެގެންވާ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙާއި މެދުގައި ނެތިނުބައިގޮވި މީހުން ވެސް މެއެވެ.
ހަމަ ޔަޤީނުން ވެސް މަތިވެރި އަމުރުފުޅަށް ކަލޭމެން ކިޔަމަންތެރިކަން އަދާކުރާ ކަމުގައިވާނަމަ ކަލޭމެން ވާނީ ޙައްޤުގެ މަގުގައެވެ. އެއީ މުޤައްދަސް ފަތްފުށްތައް ހާމަކޮށްދެއްވާފައިވާ ފަދައިންނެވެ. ”⁠ކަލޭމެންގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭމެންގެ އަވަށްޓެރިޔާ ދެކެ ލޯބިވާށެވެ.⁠“ ނަމަވެސް އެކަކަށް ވުރެން ބޮޑަށް އަނެކަކަށް މުހިންމު ކަމެއް ދީގެން ކަލޭމެން ހިތާހިތުމަކީ ކަލޭމެން ފާފަވެރި ވާނެ ކަމެކެވެ. އަދި މާތްރަސްކަލާނގެ ޤާނޫނު މުގުރާލުމުގެ ސަބަބުން ކަލޭމެން ވަނީ ކުށްވެރިވެފައި ވެސްމެއެވެ. 10 ހަނދާންކުރާށެވެ! މީހަކު މާތްރަސްކަލާނގެ ދެއްވި ޤާނޫނަށް އަމަލުކުރުން މަތީގައި ދެމިހުރެ އެ ޤާނޫނުގެ އެންމެ އަމުރުފުޅެއް މުގުރައިލި ކަމުގައި ވިޔަސް އެއީ ހުރިހާ އަމުރުފުޅެއް މުގުރާލުން ފަދައިން ފާފަވެރިވެދާ ކަމެކެވެ. 11 ހަމަ ޔަޤީން ވެސް އެ ޤާނޫނު އަހަރެމެންނަށް ދެއްވި ކަލާނގެ މިފަދައިން ވަޙީކުރައްވާފައިވެއެވެ. ”⁠ޒިނޭ ނުކުރާތި.⁠“ އަދި އެކަލާނގެ އެންގެވި ”⁠މީހުން ނުމަރާތި.⁠“ އެހެންވީމާ ކަލޭމެން ޒިނޭ ނުކޮށް އެހެނަސް މީހަކު މަރައިފި ކަމުގައި ވާނަމަ ކަލޭމެންނީ މާތްރަސްކަލާނގެ ޤާނޫނަށް އުރެދިގެންވާ ބައެއް މެއެވެ.
12 އެހެންވީމާ ކަލޭމެން ބަސްބުނެ އަމަލު ކުރަންވީ އަހަރެމެން މިނިވަންކޮށްދެއްވި ޤާނޫނުން އަހަރެމެންނާއި މެދުގައި މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނޭ ގޮތުގެ މަތިންނެވެ. 13 އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.
އީމާންތެރިކަމާއި އަމަލު
14 އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! އީމާންތެރިކަމުގައި ހުރީމޭ ބުނެ މީހަކު ދައުވާ ކުރިކަމުގައިވިޔަސް އޭނާގެ އަމަލުތަކުން އެކަން ސާބިތު ކޮށް ނުދެވޭ ކަމުގައިވާނަމަ މިފަދަ އީމާންތެރިކަމަކުން އެމީހަކަށް ދިންނެވުން ލިބޭނެ ހެއްޔެވެ؟ 15 މިސާލަކަށް ބުނާނަމަ މަސީޙީންގެ ތެރެއިން ހިމެނިގެންވީ އަޚަކު ނޫނީ އުޚުތަކު ދުވަހު ފުރާގަށް ބޭނުންވާނޭ ކާއެތިކޮޅެއް ނޫނީ އުނުއަންނައުނު ލިބޭނޭފަދަ ގޮތެއް ނެތިފައި ވަނިކޮށް ކަލޭމެންނަށް ފެނިގެންވިއެވެ. 16 ކަލޭމެންގެ އެކަކު އެ އަޚާ ނޫނީ އުޚުތާއަށް މިފަދައިން ބުނިމެއެވެ. ”⁠ތިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާށިއޭ! ތިބާ އުނުއަންނައުނާއި ބަނޑުހައި ހޫނުކަމުގެ ވޭނުން މާތްރަސްކަލާނގެ ނަޖާ ކުރައްވާށިއޭ!⁠“ ނަމަވެސް އޭނާގެ ޙަޔާތުގައި ވީ މުހުތާދު ފިލުވައި ދިނުމަށްޓަކައި ތިބާ އެއްވެސްކަމެއް ކޮށްނުދިނީމުއެވެ. ވީއިރު ތިބާގެ އެ ހެޔޮ ބަސްތަކުގެ މާނައެއް ވޭހެއްޔެވެ؟ 17 އެހެންވީމާ ޢަމަލާއި ބަހުން ސާބިތު ކޮށް ނުދެވޭ އީމާންތެރިކަމަކީ ބޭކާރު އަދި ހަމަ އެހެންމެ މަރުވެފައިވާ ކަމެއްމެއެވެ.
18 ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“
އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ. 19 ވޮޑިގެންވަނީ އެންމެ ކަލާނގެ އެއްކަމުގައި ތިބާ ގަބޫލުކުރަމުހޭ؟ އެންމެ ރަނގަޅު! ހަމައެކަނި ވޮޑިގެންވަނީ އެންމެ ކަލާނގެއެއް ކަމާއިމެދުގައި ޖިންނި ޝައިތާނުން ވެސް ގަބޫލު ކުރޭ. އަދި އެތަކެތި ބިރުން ފިތްކަނޑައިގެން ގޮސް ތުރުތުރު އަޅާ! 20 މޮޔަޔާ! ހެޔޮ އަމަލުތައް ކުރުންމަތީގައި ނުވެ އީމާންތެރިކަމުގެ މާނައެއް ނެތްކަން ސާބިތުކޮށްދިނުމަށް ތިބާ އެދެމުތަ؟ 21 އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއިމެދު މާތްރަސްކަލާނގެ އެދިވޮޑިގެންނެވީ ކިހިނަކުންކަން ތިބާ ހަނދާން އެބަހުރިތަ؟ އެއީ އެކަލޭގެފާނުގެ ޞާލިޙު އަމަލުފުޅުން. އެއީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މުޤައްދަސް އަށިމަތީގައި ޤުރުބާނަށް ހުށަހެޅުއްވުން ވެސްމެ.+ 22 އެހެންވީމާ އިބްރާހީމްގެފާނުގެ ޞާލިޙު އަމަލުފުޅާއި އެއްފަދައިން އެކަލޭގެފާނުގެ އީމާންތެރިކަން މަސައްކަތް ކުރެއްވިގޮތް ތިބާއަށް އެނގިގެންވޭ. އެކަލޭގެފާނުގެ އަމަލުފުޅުތަކުން އެކަލޭގެފާނުގެ އީމާންތެރިކަމުގެ ފުރިހަމަކަން ސާބިތުކޮށްދެއްވި. 23 އެކަލޭގެފާނުގެ މިޢަމަލުފުޅުން ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ މިފަދައިން. ’⁠މާތްރަސްކަލާނގެ ކިބަފުޅަށް އިބްރާހީމްގެފާނު އީމާންތެރިވެ ވަޑައިގެންނެވިއޭ. އަދި އެކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ސާލިޙުންގެ ތެރޭގައި ލެއްވި.⁠‘+ ހަމައެހެންމެ އިބްރާހީމްގެފާނަށް އެކަލާނގެ ރަޙުމަތްތެރިޔާގެ ލަގަބުފުޅުން ބަސްވަޙީ ކުރެއްވި.⁠“
24 އެހެންވީމާ އަހަރެމެން މާތްރަސްކަލާނގެ ޙަޟްރަތުގައި ސާލިޙު ބައެއްގެ ގޮތުގައި ވަނީ އަހަރެމެން ކުރާ އަމަލުތަކުންމެއެވެ. ހަމައެކަނި އީމާންތެރިކަމުގައި ވުމަކުން ނޫންކަން މި ބަޔާންވެދިޔަ ކަންތަކުން ސާބިތުވެ ފެންނާނެ އެވެ.
25 އެހެން މިސާލަކަށް ވިސްނާލާއިރު ނާސި އަންހެނެއް ކަމުގައިވާ ރާޙާބު އާއި މެދުގައި ކަންތައްތައް ހިނގާދިޔަގޮތް ނިކަން ދެކިބަލާށެވެ. އެކަނބުލޭގެ އާއި މެދުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވީ އެކަނބުލޭގެ ކިބައިގައި ވީ ސާލިޙު އަމަލުތަކުގެ ސަބަބުންނެވެ. އެއީ ބަނީއިސްރާއީލުންގެ ޖާސުސުންނަށް އެކަނބުލޭގެއަށް ލިބިގެންވީ ހިޔާވަހިކަމުން އެމީހުންނަށް ހިޔާވަހިކަންދީ މީސްތަކުންނަށް ސިއްރިއްޔާތުގައި ސަލާމަތްތެރިކަމާއެކު އެސަހަރުގެ އެހެންމަގަކުން އެ ޖާސޫސުން ފޮނުވައި ދިނުމެވެ.+
26 ވީމާ ހަށިގަނޑެއްގައި ރޫޙެއް ނެތްނަމަ އެ ހަށިގަނޑެއް ވާނީ މަރުވެފައެވެ. ހަމައެހެންމެ ހެޔޮ އަމަލުތަކެއް ނުވާ އީމާންތެރިކަމެއް ވެސް އެވަނީ މަރުވެފައެވެ.
+ 2:21 ފެށުން 22 + 2:23 ފެށުން 15‏:6 + 2:25 ޔަޝޫޢު 2‏:1‏-21