4
ސަމީރިއްޔާގެ އަންހެނަކާއި އީސާގެފާނު
އީސާގެފާނު ޔަޙުޔާގެފާނަށް ވުރެވެސް ގިނަ މީހުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދަވާ ކަމަށް ފަރީސީންނަށް އިވިއްޖެކަން އީސާގެފާނަށް އެނގިވަޑައިގެންފިއެވެ. ނަމަވެސް އީސާގެފާނު އެއްވެސް މީހަކު ހިނަވައެއް ނުދެއްވައެވެ. އެކަން ކުރަމުން ދިޔައީ އެކަލޭގެފާނުގެ އަސްޙާބީންނެވެ. ފަރީސީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މިޚަބަރު ލިބިއްޖެކަން އެނގިވަޑައިގަތުމުން ޖުދެއާކަރަ ދޫކުރައްވައި އީސާގެފާނު ގަލީލީއާ ދިމާއަށް ވަޑައިގެންނެވިއެވެ.
މިގޮތުން ދަތުރުކުރައްވަމުން ވަޑައިގެންނެވި މަގުމަތީ އެކަލޭގެފާނަށް ސަމީރިއްޔާގެ ތެރެއިން ދަތުރުކުރައްވަން ޖެހިވަޑައިގަތެވެ. ސަމީރިއްޔާގެ ތެރެއިން ދަތުރުކުރައްވައި އެރަށުގެ އަވަށެއް ކަމުގައިވާ ސުހާރު އަށް އީސާގެފާނު ވަޑައިގެންނެވިއެވެ. މިރަށް ވަނީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ދެއްވި ބިމާއި ވަރަށް ކައިރީގައެވެ.* ޔަޢުޤޫބުގެފާނު ބެހެއްޓެވި ވަޅު ވެސް އެތާނގައިވިއެވެ. އީސާގެފާނު ދަތުރު ވަރުބަލިފުޅު ވެފައި ހުންނެވުމުގެ ސަބަބުން އެ ވަޅުގެ ކައިރީގައި އިށީނދެ ވަޑައިގެންނެވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ބާރަ ޖަހާފާނެއެވެ.
7‏-8 އެކަލޭގެފާނު އިންނެވީ ގިނިކަންޏާއެވެ. އޭރު އެކަލޭގެފާނުގެ އަސްޙާބީން ވީ ކާނޭ އެއްޗެއް ގަތުމަށްޓަކައި ރަށުތެރެއަށް ގޮހެވެ. އިރުކޮޅެއް ވީތަނާ އެތަނަށް ސަމީރިއްޔާގެ އަންހެނަކު ފެން ބަލާ އައެވެ. އެކަލޭގެފާނު އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް ފެންފޮދެއް ދީބަލަ.⁠“ އެ އަންހެންމީހާ ވަރަށް ބޮޑަށް ހައިރާންވެފައި ބުންޏެވެ. ”⁠އަހަރެން ގާތުން ކަލޭ ފެނަށް ތި އެދުނީ ކަލޭ ތިޔައީ ބަނީއިސްރާއީލު މީހެއް ނޫންތަ؟ އަހަރެން މިއީ ސަމީރިއްޔާގެ އަންހެނެއް.⁠“ ސަމީރިއްޔާގެ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި ދެމެދު ޒަމާނުއްސުރެ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮވެއެވެ.
10 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލެއަށް މާތްރަސްކަލާނގެ ދެއްވާނެ މަތިވެރި ހަދިޔާ އަކީ ކޮބައިކަން ކަލެއަށް އެނގޭނަމަ، އަދި ކަލޭގެ ކިބައިން ފެންފޮދަކަށް މިއެދެނީ ކާކުކަން ކަލެއަށް އެނގޭ ނަމަ، ކަލޭ އަހަރެންގެ ކިބައިން ފެނަށް އެދޭނެ. އޭރުން އަހަރެން ކަލެއަށް ދިރިހުރުމުގެ ފެން ދޭނަން.⁠“ 11 އެ އަންހެންމީހާ ބުންޏެވެ. ”⁠ސާހިބާ އެކަމަކު މި ވަޅަކީ ވަރަށް ބޮޑު އަދި އެހާމެ ފުންވަޅެއް. އަދި ތިޔަބޭފުޅާގެ އަތުގައި ވަލެއް ނުވަތަ ބާލިދީއެއް ވެސް ނެތް. ވީއިރު ތިޔަބޭފުޅާ ފެން ނަންގަވާނީ ކިހިނެއް؟ 12 އަޅުގަނޑުމެންނަށް މިވަޅު ދެއްވީ ޔަޢުޤޫބުގެފާނު. އަދި މިވަޅުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިދަރިކަލުންނާއި އަދި ޖަނަވާރުތައް ވެސް ފެންބޮއި އުޅުނު. ތިޔަބޭފުޅާއަކީ މި ވަޅު ދެއްވި އަޅުގަނޑުމެންގެ ކާބަފައިކަލުން ޔަޢުޤޫބުގެފާނަށް ވުރެ ވެސް މަތިވެރި ބޭކަލަކީތޯ؟⁠“ 13 އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ވަޅުން ފެންބޯ ކޮންމެ މީހަކު އަނެއްކާވެސް ފެންބޮވައިގަންނާނެ. 14 އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“
15 އެ އަންހެންމީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑަށް ވެސް ތިޔަ ވިދާޅުވި ފެނުން ފެންފޮދެއް ދެއްވާ. އޭރުން އަޅުގަނޑު ވެސް އަލަކުން ފެން ބޮވައެއް ނުގަންނާނެ. އަދި އޭރުން ކޮންމެ ދުވަހަކު ފެން ބަލާ މިވަޅު ދޮށަށް އަންނާކަށް ވެސް ނުޖެހޭނެ.⁠“ 16 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ގޮސް ކަލޭގެ ފިރިމީހާ ގޮވައިގެން އާދޭ.⁠“
17 އަންހެން މީހާ ބުންޏެވެ. ”⁠އަހަރެންގެ ފިރިއަކު ނެތް.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނީ ރަނގަޅަށް. ކަލޭގެ ފިރިއަކު ނެތް. 18 އެއީ ކަލޭ ތިޔަވަނީ ފަސް މީހުންނާ އިނދެ ވަރިކޮށްފަ. އަދި މީހާރު ކަލެއާއި އެކުގައި ތިޔަ އުޅޭ ފިރިހެންމީހާއާ ކަލޭ އުޅެނީ އިނދެގެނެއް ނޫން. އެހެންވެ ކަލޭގެ ފިރިއަކު ނެތޭ ތިޔަ ބުނީ ތެދު ވާހަކައެއް.⁠“
19 އެއަންހެންމީހާ ބުންޏެވެ. ”⁠ސާހިބާ ތިޔައީ ރަސޫލުބޭކަލެއް ކަން އަޅުގަނޑަށް އެނގިއްޖެ. 20 ވީއިރު ވިދާޅުވެ ބައްލަވާ. ކަލޭގެފާނުގެ މީހުން ކަމުގައިވާ ބަނީއިސްރާއީލު މީހުން ބުނާގޮތުގައި އަޅުކަން ކުރުމަށް އެކަށީގެންވާ ތަނަކީ ހަމަ އެކަނި ޖެރޫސަލަމް. އެކަމު އަޅުގަނޑުގެ މީހުން ކަމުގައިވާ ސަމީރިއްޔާގެ މީހުން ބުނާގޮތުގައި މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ޖެހޭނީ ކާބަފައިން އަޅުކަންކުރި ފަދައިން މި ރަށުގައިވާ ގެރިޒިމް ފަރުބަދައިގައި. އެއީ ކީއްވެތޯ؟⁠“
21 އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން. 22 ކަލޭމެން ސަމީރިއްޔާގެ މީހުންނަށް މާތްރަސްކަލާނގެއާއި މެދު އެނގެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އަހަރެމެން ބަނީއިސްރާއީލު މީހުން މާތްރަސްކަލާނގެ ދަންނަން. އެއީ އިންސާނުން ދިންނަވާނެ ފަރާތް ފޮނުއްވޭނީ ބަނީއިސްރާއީލު މީހުންގެ ތެރޭން ކަމަށް ވާތީ. 23 ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން. 24 އެއީ މާތްރަސްކަލާނގެއަކީ ރޫޙާނީ ފަރާތެއް. އެހެން ކަމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން ވެސް އަޅުކަން ކުރަންވާނީ ރޫޙުފުޅު ދައްކަވާ ތެދުމަގުން.⁠“
25 އެ އަންހެންމީހާ ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އަލްމަސީޙު (ގުރީކުބަހުން ކުރިސްޓޮސް) ވަޑައިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އޮޅުންފިލުވާ ދެއްވާނެ.⁠“ 26 އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ އަލްމަސީޙަކީ އަހަރެން.⁠“
އަސްޙާބީން އީސާގެފާނުގެ އަރިހަށް އެނބުރި އައި
27 ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.
28 އެ އަންހެންމީހާ އޭނާ ފެން ބަލާ ގެނައި ބަނޑިޔާ ވެސް އެތާނ ބަހައްޓާފައި ދުވަމުން ރަށުތެރެއަށް ގޮސް ރަށުމީހުންގާތު ބުންޏެވެ. 29 ”⁠އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.⁠“ 30 ދެން އެމީހުން އީސާގެފާނު ދުށުމަށް ރަށްބޭރަށް ދިޔައެވެ.
31 އެވަގުތު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ގާތު ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، ކޮންމެވެސް އެއްޗެއް ފަރީއްކުޅުއްވަން ވީ ނޫންތޯ؟⁠“ 32 ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި ކަލޭމެންނަށް ނުވެސް އެނގޭ ކަހަލަ ކާތަކެތި އެބަހުރި.⁠“
33 ދެން އީސާގެފާނުގެ އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަމަކު އެހެން މީހަކު ހަމަ ގައިމު ވެސް އެކަލޭގެފާނަށް ކާއެއްޗެއް ދިން ހެނެއް ހިޔެއްނުވޭ.⁠“
34 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން. 35 ކަލޭމެންގެ ތެރޭގައި ބުނެ އުޅޭ މިފަދަ ބަހެއް އޮވޭ. ’⁠ގޮވާން ކަނޑާނީ ހަތަރުމަސް ފަހުންނޭ.⁠‘ އެކަމަކު އަހަރެން ބުނަންތަ؟ ލޯ ހުޅުވާފަ ބަލާބަލަ. މިހާރު ވެސް ދަނޑުތައް އެވަނީ ގޮވާންކެނޑުމަށް ތައްޔާރުވެފަ. 36 ގޮވާން ކަނޑާ މީހުންނަށް އެކަމުގެ މުސާރަ އެބަ ލިބޭ. އެމީހުން އެ އެއްކުރާ ގޮވާމަކީ ނިމުންނުވާ ޙަޔާތަށްޓަކައި އެއްކުރެވޭ މީސްތަކުން. އެހެން ކަމުން ގޮވާން އިންދި މީހުންނާއި އަދި ގޮވާން ކަނޑަން މަސައްކަތް ކުރާ މީހުންނާއި ދެބައިމީހުންމެ އެކުއެކީ އުފާފާޅުކުރާނެ. 37 މީހުން ބުނެއުޅޭ މިބަހަކީ ތެދެއް. ’⁠އެކަކު ގޮވާން އިންދައޭ އަދި އަނެކަކު އެގަސްތަކުން ގޮވާންކަނޑައޭ.⁠‘ 38 އަހަރެން ކަލޭމެން ފޮނުވީ އެހެން ބަޔަކު އިންދާ ހައްދާފައިވާ ދަނޑުތަކުން ގޮވާންކެނޑުމަށް. އެދަނޑުތަކުގެ މަސައްކަތް ކުރީ އެހެންބަޔެއް. އެކަމަކު އެމީހުން ކުރި މަސައްކަތުގެ ފައިދާ ކަލޭމެންނަށް ފެންނާނެ.⁠“
ސަމީރިއްޔާގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވި
39 އެ އަންހެންމީހާ ބުނި ބަސްތަކުގެ ސަބަބުން ސަމީރިއްޔާގެ ވަރަށް ގިނަ ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އޭނާ ބުނެފައި ވަނީ މިހެންނެވެ. ”⁠މިކަލޭގެފާނަށް އަހަރެން ކޮށްފައިވާ ހުރިހާކަމެއް އެނގޭ.⁠“ 40 އެހެންކަމުން ސަމީރިއްޔާގެ މީހުން އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރެން އެދުނީ އެމީހުން ގާތު މަޑުކޮށް ދެއްވުމަށެވެ. ދެން އީސާގެފާނު އެރަށުގައި ދެދުވަހު މަޑުކުރެއްވިއެވެ. 41 އަދި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވުމުން އިތުރު އެތައް ބަޔަކު ވެސް އެކަލޭގެފާނަށް އީމާންވިއެވެ. 42 އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“
އީސާގެފާނު ވެރިއެއްގެ ދަރިފުޅު ފަސޭހަކޮށްދެއްވި
43 ދެދުވަހަކު އެރަށުގައި ހުންނެވުމަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީއަށެވެ. 44 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަމިއްލަ ރަށް ނޫން އެހެން ކޮންމެ ތަނެއްގައި ވެސް ރަސޫލުންނަށް އިޙުތިރާމު ކުރެވޭނެ.⁠“ 45 އީސާގެފާނު ގަލީލީއަށް ވަޑައިގަތުމުން އެރަށުގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ. އެއީ އެކަލޭގެފާނު ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަކުރާ ދުވަސްތަކުގައި ޖެރޫސަލަމުގައި ކުރެއްވި ކަންތައްތައް އެމީހުންނަށް އެނގިފައިވާތީއެވެ.
46 ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. 47 މި އޮފިސަރަށް އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އައިސް، އޭނާއާއިއެކު ކަޕަރުނައުމްއަށް ވަޑައިގެން، އޭނާގެ ދަރިފުޅު ފަސޭހަކޮށް ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. އެއީ އޭރު އޭނާގެ ދަރިފުޅު ވަނީ މަރުވާން ކައިރިވެފައެވެ. 48 އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“ 49 އެ އޮފިސަރު މީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުގެ ދަރިފުޅު މަރު ނުވަނީސް އަޅުގަނޑާއި އެކު ވަޑައިގަންނަވާ.⁠“ 50 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ގެއަށްދޭ. ކަލޭގެ ދަރިފުޅު ގަދަވާނެ.⁠“ އެއޮފިސަރު އީސާގެފާނުގެ ބަސްފުޅު ގަބޫލުކޮށް އެނބުރި އޭނާގެ ގެއަށް ދިޔައެވެ. 51 އޭނާ ގެޔަށް ދިޔަ މަގުމަތީ އޭނާގެ ނޯކަރުންގެ ބަޔަކު އައިސް އޭނާގެ ދަރިފުޅުގެ ބަލި ފަސޭހަވި ޚަބަރު ދިނެވެ. 52 އޭނާ އެމީހުންނާއި ސުވާލު ކުރިއެވެ. ”⁠އަހަރެންގެ ދަރިފުޅުގެ ބަލި ރަނގަޅުވާން ފެށީ ކޮންއިރަކު؟⁠“ އެމީހުން ބުންޏެވެ. ”⁠އޭނާގެ ހުންމަޑުވީ އިއްޔެ އެކެއް ޖެހިއިރު.⁠“ 53 އެ ހިނދު އީސާގެފާނު ”⁠ކަލޭގެ ދަރިފުޅު ގަދަވާނެ⁠“ އޭ މިހެން ވިދާޅުވީ އިއްޔެގެ އެކެއްޖެހި އިރުކަން އެއޮފިސަރު ހަނދާން ވިއެވެ. ދެން އޭނާއާއި އޭނާގެ ގޭގައި އުޅޭ ހުރިހާ އެންމެން ވެސް އީސާގެފާނަށް އީމާންވިއެވެ. 54 މިއީ އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެން ދެއްކެވި ދެވަނަ ފުންމާނަ މުޢުޖިޒާތެވެ.
* 4:5 ޔަޢުޤޫބުގެފާނު މިބިން ބައްލަވާގެންފަ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ދެއްވިއެވެ. އެއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް ދެހާސް އަހަރު ކުރިންނެވެ. (ފެށުން 48‏:22) 4:20 މިތާނގައި ގުރީކުބަކުން ލިޔެވިފައި ވަނީ ”⁠މިފަރުބަދައިގަ⁠“ މިފަދައިންނެވެ.