19
ޒައްކާޔުސް އީސާގެފާނު ދުށުމަށް އެދުނު
އީސާގެފާނު ދަތުރުކުރައްވާ ދިޔަމަގުމަތީ ޖެރިކޯ ރަށުގެ ތެރެއިން ލާފައި ވަޑައިގެންނެވިއެވެ. އެރަށުގައި ޒައްކާޔުސް އޭ ނަމަކަށް ކިއުނު މުއްސަންޖަކު އުޅުނެވެ. މީނާއަކީ ޓެކްސް ނަގާ މީހުންގެ ވެރިޔާއެވެ. މީނާ އީސާގެފާނު ދުށުމަށް ވަރަށް ބޮޑަށް ބޭނުންވެ އެތަނަށް އައެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުންނާއި އަދި އޭނާއަކީ އިސްކޮޅުން ވެސް ކުރު މީހެއް ކަމުން މީސްތަކުންގެ ބޯތަކުގެ މަތިން އޭނާއަކަށް އީސާގެފާނު ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން މީނާ ދުވެފާ ގޮސް މީސްތަކުންގެ ކުރިއަށް އަރާ އީސާގެފާނު ވަޑައިގަންނަވާ މަގުގެ ކައިރީގައި ހުރި ވައްތީނި ގަހަކަށް އަރާ އެކަލޭގެފާނު ދުށުމަށްޓަކައި އޮތެވެ.
އީސާގެފާނު އެގަހާ އަރާ ހަމަވެ ވަޑައިގެން ވަގުތު މައްޗަށް ބައްލަވާ ވިދާޅުވިއެވެ. ”⁠އޭ ޒައްކާޔުސް. އަވަހަށް ގަހުން ފައިބާ. އަހަރެން މިއަދު ކަލޭގެ ގޭގައި ހުންނަން ޖެހިއްޖެ.⁠“ އޭނާ ގަހުން ފައިބައި ވަރަށް އުފަލާއިއެކު އެކަލޭގެފާނަށް މަރުޙަބާ ކިޔާ އެކަލޭގެފާނު އޭނާގެ ގެއަށް ގެންދެވިއެވެ.
އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“
އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.⁠“
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠މިއަދު މާތްރަސްކަލާނގެ ކަލެއާއި ކަލޭގެ އާއިލާ ދިންނަވައިފި. އެއީ ކަލޭ ވެސް މިއަދު ތި ކަންކުރީ އިބްރާހީމްގެފާނު ވެސް ކަންތައްކުރެއްވި ފަދައިން އީމާންތެރިކަމާއި އެކު. 10 އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“
ދިހަ ނޯކަރުންގެ ވާހަކަ
11 މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ. 12 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ރަސްމަތިފުޅު އާއިލާއެއްގެ ބޭފުޅަކު ދުރު ޤައުމަކަށް ރަސްކަމުގެ ލަޤަބު ލިބި ވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި. އެއީ އެލަޤަބު ލިބިވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން އޭނާގެ ޤައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަތުމަށްޓަކާ. 13 މިބޭފުޅާ މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން އޭނާގެ ދިހަ ނޯކަރުން އެއްކޮށް އޭގެން ކޮންމެ މީހަކަށް ރަނުގެ ލާރިއެއް ދެއްވާ ވިދާޅުވި. ’⁠މި ފައިސާއިން ކަލޭމެން އަހަރެން އަންނަންދެން ވިޔަފާރި ކުރާށޭ.⁠‘
14 އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.
15 ނަމަވެސް ކޮންމެއަކަސް އޭނާ އެވަޑައިގެން ރަށުގައި އޭނާއަށް ރަސްކަމުގެ ލަޤަބު ލިބިވަޑައިގެން ރަސްކަމަށް އިސްކުރެވުނު. ދެން އެއަށް ފަހު އޭނާ އެނބުރި އޭނާގެ ރަށަށް ވަޑައިގެންނެވި. ރަށަށް ވަޑައިގެން އޭނާ ފައިސާ ހަވާލުކުރި ދިހަ ނޯކަރުން އެއްކުރެއްވި. އެއީ އެމީހުން އެލާރިން ކުރި ވިޔަފާރިން ލިބުނު ފައިދާއަކީ ކޮބައިތޯ ބެލުމަށް.
16 ފުރަތަމަ މީހާ އައިސް ދެންނެވި. ’⁠ސާހިބާ. މަނިކުފާނު އަޅުގަނޑުގެ އަތަށް ވިޔަފާރި ކުރުމަށް ދެއްވި ރަނުގެ ލާރިން ދިހަ ގުނަ އިތުރަށް ލިބިއްޖޭ.⁠‘
17 އެރަސްގެފާނު ވިދާޅުވި. ’⁠މަގޭ ރަނގަޅު ނޯކަރާއޭ. ކަލެއަށް އަހަރެން ސާބަސްދެމޭ. ކަލޭ އާއި ހަވާލުކުރެވުނު ކުޑައެއްޗަކަށް ކަލޭ ތިޔަފަދައިން ތެދުވެރި ވެއްޖައީމުއޭ. ވީމާ ކަލޭ އަހަރެންގެ ރަށްތަކުގެ ތެރެއިން ދިހަ ރަށުގެ ވެރިކަން ހިންގުމާއި ހަވާލުވެދޭށޭ.⁠‘
18 ދެވަނަ މީހާ އައިސް ދެންނެވި. ’⁠ސާހިބާ، މަނިކުފާނު ދެއްވި ރަނުގެ ލާރިން ކުރި ވިޔަފާރިން އެލާރިއަށް ފަސް ގުނަ އިތުރަށް ލިބިއްޖޭ.⁠‘
19 އޭނާގެ ވެރިމީހާ ބުނި. ’⁠ކަލޭ ގޮސް އަހަރެންގެ ފަސް ރަށް ހިންގުމާއި ހަވާލުވާށޭ.⁠‘
20 ދެން އެރަސްގެފާނު ރަނުގެ ލާރިދެއްވި ދިހަ ނޯކަރުންގެ ތެރެއިން އެހެން ނޯކަރަކު އައިސް ދެންނެވި. ’⁠ސާހިބާ އޭ. ތިޔަބޭފުޅާ ދެއްވި ރަންލާރި މިއޮތީއޭ. އަޅުގަނޑު ތިޔަބޭފުޅާ އެނބުރި އަންނަން ދެން މި ފޮރުވާފައި ބޭއްވީއޭ. 21 އެއީ ތިޔަބޭފުޅާއަކީ ހަރުކަށި މީހަކަށް ވާކަން އަޅުގަނޑަށް އެނގޭތީއޭ. އަދި ތިޔަބޭފުޅާއަކީ ތިޔަބޭފުޅާއަށް ޙައްޤު ނޫން ތަކެތި މީހުން އަތުން އަތުލައްވާ އަދި ތިޔަބޭފުޅާ ގޮވާން ނުކުރައްވާ ގޮވާން ދަނޑުތަކުން ގޮވާން އަތުލައްވާ ހައްދަވާ މީހަކަށް ވާތީ އެކަމުގެ ބިރަށޭ.⁠‘
22 މި ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ’⁠ނުބައި ނުލަފާ ނޯކަރާއޭ. އަހަރެން ކަލެއާއި މެދު އިންސާފު ކުރާނީ ކަލޭގެ އަމިއްލަ ބަސްތަކާއި އެއްގޮތަށޭ. އަހަންނަކީ ހަރުކަށި މީހެއްކަމަށް ކަލޭ ގަބޫލު ކުރަން ދޯއޭ؟ އަދި އަހަރެންނަކީ އަހަރެންނަށް ޙައްޤު ނޫން ތަކެތި މީހުންގެ އަތުން އަތުލާ މީހެއްމަށް ވެސް ކަލޭ ދެކެން ދޯއޭ؟ އަދި އަހަންނަކީ އަހަރެން ގޮވާން ނުކުރާ ދަނޑުތަކުން ގޮވާން ވެސް ކަނޑާ މީހެއް ކަމުގައި ކަލޭ ގަބޫލު ކުރަން ދޯއޭ؟ 23 ދެން އެހެންވީއިރު ކަލޭ އަހަރެން ދިން ލާރި ބޭންކަށް ނުލީ ކީއްވެހޭ؟ އޭރުން އަހަރެން އައިސް އެފައިސާއިން ކުރި ވިޔަފާރިން ލިބުނު ފައިދާ ނެގޭނެ ނޫން ހޭ؟⁠‘
24 ދެން އޭނާގެ ކައިރީގައި ތިބި މީހުންނަށް އެރަސްގެފާނު ވިދާޅުވި. ’⁠މި ރަނުގެ ލާރި އޭނާ އަތުން އަތުލައިގެން ގެންގޮސް ދިހަ ރަނުގެ ލާރި ވާ މީހާއަށް ދޭށޭ.⁠‘
25 އެމީހުން ދެންނެވި. ’⁠ސާހިބާ އޭ. އެކަމަކު މިހާރު ވެސް އޭނާގެ އަތުގައި ދިހަ ރަނުގެ ލާރި އެބަ ވޭ ނޫން ތޯއޭ؟⁠‘
26 އެރަސްގެފާނު ޖަވާބު ދެއްވި. ’⁠އަހަރެން ބުނަމޭ. ގިނައިން ވާ މީހުންނަށް ގިނައިން ދެވޭނެއޭ. އެކަމަކު މަދުން ވާ މީހުން އަތުން އެމީހުންގެ އަތުގައި ވާ ބައި ވެސް އަތުލެވޭނެއޭ. 27 އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“
ޖެރޫސަލަމުގެ މީހުން އީސާގެފާނަށް ރަސްކަލަކާއި އެއްފަދައިން މަރުޙަބާ ދެންނެވި
28 މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް އަރައިގެން ދާ މަގުމަތިން ދަތުރު ކުރައްވާ ކުރިޔަށް ވަޑައިގެންނެވިއެވެ. 29‏-30 އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”⁠ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ. 31 ކަލޭމެން އޭތި މޮހައިލީ ކީއްވެތޯ އެއްވެސް މީހަކު ކަލޭމެން ކުރެން ސުވާލު ކޮށްފި ނަމަ ބުނޭ. ’⁠މާތްސާހިބާ އެއަށް ބޭނުން ވެއްޖޭ.⁠‘⁠“
32 އެމީހުން އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި ފަދައިން ބަނދެފައި އޮތް ޅަ ހިމާރެއް ފެނުނެވެ. 33 އެބައިމީހުން އެމޮހަނިކޮށް އޭގެ ވެރިން އެމީހުންނާއި ސުވާލު ކުރިއެވެ. ”⁠ކަލޭމެން ތިހިމާރު ތިޔަމޮހަނީ ކީއްކުރަން؟⁠“
34 އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ އެއަށް ބޭނުންފުޅު ވެގެން.⁠“
35 އެމީހުން މި ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސް އެމީހުންގެ ސާލުތައް އޭގެމަތީ ފަތުރާ އީސާގެފާނަށް އެއަށް އަރާ ވަޑައި ގަތުމަށް އެހީ ވިއެވެ. 36 ދެން އީސާގެފާނު އޭގައި ދަތުރުފުޅު ކުރައްވާ ވަޑައިގެންނެވި މަގުމަތީ އެހެނިހެން މީސްތަކުން ވެސް އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެބައިމީހުންގެ ސާލުތައް އެކަލޭގެފާނުގެ ކުރިފުޅުމަތީ މަގުމަތީގައި ފަތުރާ ހެދިއެވެ.
37‏-38 އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ.
އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!⁠“
39 މީސްތަކުންގެ ތެރޭގައި ވީ ބައެއް ފަރީސީނުގެ މީހުން އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނުގެ އަސްޙާބީންނަށް އެފަދަ އެއްޗިހި ނުގޮވުމަށް އަންގާވާ.⁠“
40 އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނަން ތަ؟ އެމީހުން އަނގައިން ނުބުނެ ތިބި ކަމަށް ވަންޏާ ހިލަތައް ވެސް އެމީހުން އެބުނާ އެއްޗެތި އަޑުގައި ނެތް ތަނަށް ގޮވާނެ.⁠“
އީސާގެފާނު ޖެރޫސަލަމުގެ މައްޗަށް ހިތާމަފާޅުކުރެއްވި
41 އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. 42 އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަޅެ މިއަދު ވެސް ކަލޭމެންނަށް ސަލާމަތް ވާނެ މަގަކީ ކޮބައިކަން އެނގޭނެ ނަމައޭ. ނަމަވެސް އެމަގު މިހާރު ވަނީ ކަލޭމެންނަށްޓަކައި ފޮރުވިފަ. 43 ކަލޭމެންގެ އަދާވަތްތެރިން ކަލޭމެންނާއި އިދިކޮޅަށް ވަށައިގެން ފާރެއް ރާނާ ކަލޭމެން ބައްދާލާނެ ދުވަހެއް އެބައާދޭ. 44 އެމީހުން ކަލޭމެންނާއި ކަލޭމެންގެ ދަރިން މަރާ ނެތިކޮށްލާނެ. ކަލޭމެންގެ ދުޝްމިނުން ކަލޭމެންގެ ހުރިހާ އެއްޗެއް ބިމާއި ހަމަހަމަ ކޮށްލާނެ. އެއީ ކަލޭމެންގެ ކައިރީގައި މާތްރަސްކަލާނގެ ވޮޑިގެން ވީ އިރު ކަލޭމެން އެކަމުގެ މުހިންމު ކަން ދެނެ ނުގަތުމުގެ ސަބަބުން.⁠“
ބައިތުލް މަޤްދިސް ސާފުކުރެއްވުން
45 ދެން އީސާގެފާނު ބައިތުލް މަޤްދިސްގެ މެދުގޯތިތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އެކި ފާޑު ފާޑުގެ އެއްޗެތި ވިއްކަން ތިބި މީހުން އެތަނުން ނެރުއްވިއެވެ. 46 އީސާގެފާނު ވިދާޅުވިއެވެ. ”⁠ލިޔެވިގެން ވޭ. ’⁠ތިމަންކަލާނގެ ގެފުޅަކީ އަޅުކަން ކުރުމަށް ޚާއްސަ ކުރެވިފައިވާ ތަނެކޭ.⁠‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ މަރުކަޒަކަށް ހަދައިފި.⁠“
47 ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ. 48 ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.