22
ޔުދާސް ޚިޔާނާތްތެރިވުން
ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނު ނެތިކޮށްލެވޭނެ ގޮތަކާއި ދޭތެރޭ ވިސްނާ ރާވަމުން ގެންދިޔައެވެ. އެއީ އީސާގެފާނުގެ މައްޗަށް އީމާންވާ މީސްތަކުންގެ އަދަދު ގިނަވެދާނެތީ އެމީހުން ގަންނަ ބިރުގެ ސަބަބުންނެވެ. ދެން ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ހިމެނޭ ޔުދާސް އިސްކަރިޔޮތުގެ ހިތަށް އިބިލީސް ވަސްވާސް ދީ އޭނާގެ މައްޗަށް ވެރިވިއެވެ. ދެން ޔުދާސް ބޮޑު އިމާމުންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިންގެ ކައިރިއަށް ގޮސް އީސާގެފާނު ހައްޔަރުކުރެވޭނެ ރަނގަޅު ގޮތަކާއި މެދު މަޝްވަރާ ކުރިއެވެ. އެމީހުން މި ކަމާއި ވަރަށް ބޮޑަށް އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް އެއްބަސް ވެއްޖެއެވެ. އޭނާ މިގޮތާއި އެއްބަސް ވިއެވެ. އަދި އެނބުރި ގޮސް އީސާގެފާނު އެމީހުންނާއި ހަވާލު ކުރުމަށްޓަކައި މީހުން މަދު ވަގުތަކަށް ބަލަބަލާ ހުއްޓެވެ.
އެންމެފަހު ކެއުން
މިއަށް ފަހު މީސްތަކުން ފަހަނަޅައި ދިއުމުގެ ޢީދަށް ތައްޔާރު ކުރަން ފަށާ ދުވަސް އައިސް ޖެހިއްޖެއެވެ. މި ޢީދުގައި ކޮންމެ އާއިލާއެއް ބައިތުލް މަޤްދިސްއަށް ގޮސް ޅަ ކަންބަޅިއެއް މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރަން ޖެހެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“
އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން ޢީދުގެ ކެއުން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދި ވަޑައިގަންނަވަނީ ކޮންތާނކު ތޯ؟⁠“
10 އީސާގެފާނު ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގެ ރަށު ތެރެއަށް އަރައިގެންދާ މަގުމަތީ ފެން ރުނބައެއް ހިފައިގެންދާ ފިރިހެނަކު ކަލޭމެންނާއި ބައްދަލު ވާނެ. އޭނާއާއި އެކު އޭނާ ދާ ގެއަކަށް ދޭ. 11 ދެން އެގޭގެ ވެރި މީހާއަށް ބުނޭ. ’⁠އެދުރުމީހާ ބުންޏޭ: މި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަހަރެންނާއި އަހަރެންގެ އަސްޙާބީން ކެއުމަށްޓަކައި ހަމަ ޖައްސައިފައިވާ ކޮޓަރި ކޮބައިހޭ؟⁠‘ 12 އޭނާ އެގޭގެ މަތީ ބުރީގައި ވާ ބޮޑު ކޮޓަރިއެއް ކަލޭމެންނަށް ދައްކާނެ. އެކޮޓަރީގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ. ދެން އެތާނގައި ކެއުން ތައްޔާރު ކުރޭ.⁠“
13 ޕަތަރަސް އާއި ޔޫޙަންނާ އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި މަގުން ހުރިހާ ކަމެއް ހިނގާދިޔައެވެ. ދެން އެބައިމީހުން އެތާނގައި ޢީދުގެ ކެއުން ތައްޔާރު ކުރިއެވެ.
14 ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ. 15 އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ކަލޭމެންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު. 16 އަހަރެން ކަލޭމެންނަށް ޔަޤީންކަމާއިއެކު ބުނަން. މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން މުޅިން ދިންނަވާ އަދި އަހަރެން އަލްމަސީޙު ފަދައިން މުޅި މި ދުނިޔޭގެ މައްޗަށް ވެރިކަން ކުރާ ދުވަހު އަހަރެން މިޢީދުގެ ކެއުން ކެއުމުން މިޢީދުގެ އަސްލު މާނަ ފުރިހަމަވެ ނިމޭނެ. އަދި މިފަދައިން ކަންތައްތައް ވުމުގެ ފަހުން ނޫނީ އަހަރެން މިޢީދުގެ ކެއުން އަލަކުން ނުކާނަން.⁠“
17 ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ. 18 އަހަރެން ކަލޭމެންނަށް ޔަޤީން ކޮށް ބުނަން. މާތްރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގައި ގާއިމު ވުމުގެ ފަހުން ނޫނީ އަހަރެން މިބުއިން އަލަކުން ނުބޯނަން.⁠“
19 ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“
20 ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ. 21 ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނޭ މީހާގެ އަތް ވެސް އަހަރެންގެ އަތާއި އެކު ހަމަ މި މޭޒުމަތީގައި އެބަވޭ. 22 މާތްރަސްކަލާނގެ ނިންމަވާފައިވާ ނިންމެވުމާއި އެއްފަދައިން އިންސާނާގެ ދަރިކަލުން ކުރިއަށް ދާނެ. ނަމަވެސް އޭނާއަށް ޚިޔާނާތްތެރި ވާނޭ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ.⁠“
23 ދެން އަސްޙާބީންގެ ތެރޭ މިކަމާމެދު ބަހުސް އުފެދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެމެންގެ ތެރެއިން މިފަދަ ކަމެއް ކޮށްފާނެ ފަދަ މީހަކީ ކާކުބާ؟⁠“
ދުނިޔޭގެ ރަސްރަސްކަލުން ފަދައިން ނުވޭ
24 އަދި އެމީހުންގެ ތެރެއިން އެންމެ މަތީ މަޤާމެއް ވާނީ ކާކަށް ކަމާއިމެދު ވެސް އެމީހުންގެ މެދުގައި ޒުވާބު އުފެދިއްޖެއެވެ. 25 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ ރަސްރަސްކަލުން އެމީހުންގެ ރައްޔިތުންގެ މައްޗަށް ހަރުކަށިކަމާއި އެކު ވެރިކަން ކުރޭ. އަދި އެފަދަ ރަސްރަސްކަލުން ބުނަނީ އެ ގޮތަށް ކަންތައް ކުރަނީ އެމީހުންގެ ރައްޔިތުންނަށް ރަނގަޅަކަށް ކަމަށް. 26 ނަމަވެސް ކަލޭމެން އެފަދައިން ކަންނުކުރޭ. އޭގެބަދަލުގައި ކަލޭމެންގެ ތެރެއިން އެންމެ މަތީ މީހާ ވާންޖެހޭނީ އެންމެ ދަށް މީހާ ފަދައިން. އަދި ވެރިކަން ކުރާ މީހާ ވާންޖެހޭނީ ޚާދިމަކު ފަދައިން. 27 މަތިވެރި ވާނީ މޭޒުދޮށުގައި ކާން އިންނަ މީހާ ތަ؟ ނުވަތަ ކާން ހަދާ ދޭން އުޅޭ މީހާ ތަ؟ މަތިވެރި ވާނީ ކާން އިންނަ މީހާއެއް ނޫން ތަ؟ ނަމަވެސް އަހަރެން ފެށުނީއްސުރެ ވެސް މި ވަނީ ކަލޭމެންގެ ނޯކަރަކަށް ވުމަށް ތައްޔާރުގަ. 28 ކަލޭމެންނަކީ އަހަރެންނަށް އުނދަގޫތަކާއި ކުރިމަތިވީ ހިނދު އަހަރެންނާއި އެކު ވީ މީހުން. 29 އަހަރެންގެ ބައްޕަ އަހަރެންނާއި ރަސްކަން ހަވާލުކުރެއްވި ފަދައިން އަހަރެން ވެސް ކަލޭމެންނަށް އަހަރެންގެ ރަސްކަމުގައި ބައިވެރިވުމުގެ ޙައްޤު ދޭނަން. 30 އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“
ޕަތަރަސް އީސާގެފާނު ދަންނަ ކަމުގައި ބުނުމަށް ބިރުގަންނާނެ
31 ”⁠ޝަމްއޫނު، ޝަމްއޫނު. އިބިލީސް ކަލޭމެން ގޮދަންތަކެއް ފަދައިން ފުރާނާލުމަށް އެދެފި. 32 ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“
33 ދެން ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ޖަލަށް އަދި ކީއްކުރަން މަރުވުމަށް ވެސް މިހިރީ ތައްޔާރަށް.⁠“
34 އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“
35 ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“
އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“
36 ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންނަމަވެސް މިހާރު ކަލޭމެން އަތުގައި ދަބަހެއް ވާނަމަ އެ ގެންދޭ. ފޮއްޓެއް ވިޔަސް އެވެސް ގެންދޭ. އަދި ކަލޭމެންގެ އަތުގައި ކަނޑިއެއް ނެތް ނަމަ ކަލޭމެންގެ ކޮނޑުގައި ވާ ސާލު ވިއްކާލާފައި ކަނޑިއެއް ވެސް ގަނޭ. 37 އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“
38 އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ބައްލަވާ. މިއޮތީ ދެކަނޑި.⁠“
އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އިތުރަށް ތި ކަނޑީގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.⁠“
އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި ދުޢާ ކުރެއްވުން
39 އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ އާދަވެގެން ކަންތައް ކުރައްވާ ފަދައިން އެފަހަރު ވެސް އެކަލޭގެފާނު ޒައިތޫނި ފަރުބަދައަށް ރޭގެ ވަގުތު ހޭދަ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ. 40 އެތަނަށް ދެވުމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަސްވާހާއި ފާފައިން ދުރުހެލިވުމަށް ދުޢާކުރޭ.⁠“
41 ދެން އެކަލޭގެފާނު އެމީހުންނާއި ތަންކޮޅެއް ދުރަށް ވަޑައިގެން ކަކޫފުޅު މައްޗަށް ތިރިވެ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. 42 ”⁠ބައްޕާ! ބައްޕަ އިރާދަކުރައްވާ ކަމަކަށްވަނީ ނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން އަތުލާ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ ބޭނުން ގޮތް. އަޅުގަނޑު ބޭނުންގޮތެއް ނޫން.⁠“ 43 އެކަލޭގެފާނުގެ އަރިހަށް އެވަގުތު މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނަށް ހިތްވަރު ދެއްވިއެވެ. 44 ދެން ފުން ހިތާމަ ލިބިގެންވާ ހާލުގައި އެކަލޭގެފާނު ތެދުހިތުން ދުޢާ ކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ހަށިކޮޅުން އޮހެމުން ދިޔަ ދާފޮދު ލޭ ތިކިތަކެއް ފަދައިން ބިންމައްޗަށް އޮހެމުން ދިޔައެވެ.
45 އެކަލޭގެފާނު ދުޢާފުޅުން ނިމިވަޑައިގެން އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި އިރު އެމީހުންނަށް ތިބީ ނިދިފަ. އެއީ އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ވީ ވަރުބަލިން. 46 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“
އީސާގެފާނު ހައްޔަރު ކުރުން
47 އީސާގެފާނު އެމީހުންނާއި ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެތައް ބައެއްގެ ބޮޑު ބައިގަނޑެއް އެތަނަށް އައެވެ. އެމީހުންނަށް މަގުދައްކަން ހުރީ އީސާގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ވީ ޔުދާސް އެވެ. އޭނާ އީސާގެފާނާއި ސަލާމް ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކޮލުގައި ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިވިއެވެ. 48 އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ޔުދާސް. އިންސާނާގެ ދަރިކަލުންނަށް ކަލޭ ސަލާމެއްގެ ގޮތުގައި ތިޔަ ބޮސްދެނީ އޭނާއަށް ޚިޔާނާތްތެރި ވުމަށް ތަ؟⁠“
49 އީސާގެފާނުގެ އަސްޙާބީންނަށް ވާން މިއުޅެނީ ކީއްކަން އެނގުމުން އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުމެންގެ ކަނޑިތަކުން އެމީހުންނާ ހަމަލާދެން ތަ؟⁠“ 50 އެހެން ބުނުމާއެކު އަސްޙާބީންގެ ތެރެއިން އެކަކު އުއްތަމަ އިމާމުގެ ނޯކަރުންގެ ތެރެއިން މީހަކަށް ކަނޑިން ދިން ހަމަލާގައި އޭނާގެ ކަނާއަތު ކަންފަތް ކަނޑާލިއެވެ.
51 އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިކަންތައް ހުއްޓާލާ.⁠“ ދެން އީސާގެފާނު އެމީހާގެ ކަންފަތުގައި އަތްޕުޅު ބީއްސަވާ އޭނާގެ ކަންފަތް ރަނގަޅު ކުރެއްވިއެވެ.
52 ދެން އެކަލޭގެފާނު ހައްޔަރު ކުރުމަށް އައި ބޮޑު އިމާމުންނަށާ، ބައިތުލް މަޤްދިސް ބަލަހައްޓާ ގާޑުންގެ އޮފިސަރުންނަށާ، ބަނީއިސްރާއީލުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ހައްޔަރުކުރަން ލަޓިބުރިތަކާ ކަނޑިތައް ހިފައިގެން ތިއައީ އަހަރެން މިއީ ނުބައި ކުށްވެރިއަކަށް ވުމުން ތަ؟ 53 މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.⁠“
ޕަތަރަސް އީސާގެފާނުގެ ރަޙުމަތްތެރިއަކަށް ވުމަށް ބިރުގަތް
54 ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. 55 ދެން އެތަނުގައި ތިބި މީހުން އެތާގެ މެދުގޯތި ތެރޭގައި އަލިފާންގަނޑެއް ރޯކޮށް އެތާ އިށީނުމުން އޭނާ ވެސް އެމީހުންނާއި އެކު އެތާނގައި އިށީނދެއްޖެއެވެ. 56 ނޯކަރު އަންހެންކުއްޖަކަށް އަލިފާންގަނޑުގެ އަލިން ޕަތަރަސްގެ މޫނު ފެނުމުން އޭނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިފައި ބުންޏެވެ. ”⁠މިއީ ވެސް އޭނާ އާއި އެކު އުޅޭ މީހެއް.⁠“
57 ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅުހެދިއެވެ. އޭނާ ބުންޏެވެ. ”⁠އޭ އަންހެނާ، އަހަންނެއް އޭނާއެއް ނުދަންނަން.⁠“
58 ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.⁠“
ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.⁠“
59 މީގެ އެއްގަޑިއެއްހާ އިރު ފަހުން އެހެންމީހަކު ޕަތަރަސް ފެނިގެން ބުންޏެވެ. ”⁠ހަމަ ޔަޤީނުން ވެސް މިމީހާ މިއީ އޭނާ އާއި އެކު އުޅުނު މީހެއް. މީނާއަކީ ވެސް މިއީ ގަލީލީގެ މީހެއް.⁠“
60 ޕަތަރަސް އެމީހާއަށް ބުންޏެވެ. ”⁠އޭ ފިރިހެނާ. ކަލޭ ތިޔަކިޔަނީ ކީކޭ ކަމެއް މަށަކަށް ނޭނގެ.⁠“ ޕަތަރަސް މިހެން ބުނެ ހަމަ ނިމުނު ތަނާ ފަތިހުގެ ހާ ގޮވިއެވެ. 61 މާތްސާހިބާ އެނބުރި ޕަތަރަސްއާއި ދިމާއަށް ބައްލަވާ ހަތަރުކަޅި ހަމަކުރެއްވިއެވެ. ދެން ޕަތަރަސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވިއެވެ. ”⁠މިރޭގެ ފަތިހުގެ ހާ ނުގޮވަނީސް ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ދަންނަ މީހެއް ވެސް ނޫން ކަމުގައި ބުނާނެއޭ.⁠“ 62 ދެން އޭނާ އެތަނުން ނުކުމެ ބޭރަށް ގޮސް ހިތާމަ އާއި އެކު ކަރުނައަޅާ ރުޔެވެ.
އީސާގެފާނަށް މީހުން މަލާމާތްކުރި
63 އީސާގެފާނު ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެކަލޭގެފާނަށް މަލާމާތް ކޮށް އަނިޔާކުރަން ފެށިއެވެ. 64 އެމީހުން އެކަލޭގެފާނު ކަނުބަނދެފައި ބުންޏެވެ. ”⁠ނިކަން ބުނެބަލަ، ދެންމެ ކަލޭ ގައިގައި އެޖެހީ ކާކު؟⁠“ 65 އަދި މިނޫނަސް އެތައް ނުބައި އެއްޗަކާއި މަލާމާތުގެ ބަސްތައް އެމީހުން އެކަލޭގެފާނަށް ގޮވިއެވެ.
އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނު
66 ހެނދުނު އިރުއެރުމުން އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނެވެ. އެތާނގައި ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވިއެވެ. 67 އެމީހުން ބުންޏެވެ. ”⁠ކަލޭ ތިޔައީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ އަހަރެމެން ކުރިމަތީ ބުނެބަލަ.⁠“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ބުންޏަސް ކަލޭމެން ގަބޫލެއް ނުކުރާނެ. 68 އަހަރެން ކަލޭމެން ކުރެން އަހައިފިނަމަ ކަލޭމެން ޖަވާބެއް ނުދޭނެ. 69 ނަމަވެސް މިހާރުން ފެށިގެން އިންސާނާގެ ދަރިކަލުން އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިށީނދެ ވަޑައިގެން ވާނެ.⁠“
70 ދެން އެއެންމެން ސުވާލު ކުރިއެވެ. ”⁠ދެން އެހެންވިއްޔާ ކަލޭ ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ތަ؟⁠“
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިއީ މާތްރަސްކަލާނގެ ދަރިކަލުން. ކަލޭމެން ތިޔަބުނީ ތެދެއް.⁠“
71 ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެންނަށް ދެން މިއަށް ވުރެ އިތުރު ހެއްކެއްގެ ބޭނުމެއް އެބައޮތް ތަ؟ އޭނާގެ އަމިއްލަ އަނގައިން އެހެން ބުނާ އަޑު އަހަރެމެންނަށް އިވިޖެ އެއްނު.⁠“