2
ނަކަތްތެރިން އީސާގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވުން
1 އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.
2 މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.“
3 ހެރޮދު ރަސްގެފާނަށާއި ޖެރޫސަލަމުގައި ތިބި އެހެނިހެން މީސްތަކުންނަށް މި ޚަބަރު އިވުމުން، މިކަމާ ހުރިހާ އެންމެން ނުހަނު ކަންބޮޑުވިއެވެ.
4 ހެރޮދު ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެއްތަން ކުރުމަށް ފަހު، އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ކޮން ތަނެއްގައިކަން ބުނެދިނުމަށް އެބައިމީހުންގެ ކިބައިން އެދުނެވެ.
5 އެމީހުން ދެންނެވިއެވެ. ”އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ޖުދެއާ ކަރައިގެ ބައިތުލަޙަމް އަވަށުގައި. އެއީ ނަބީބޭކަލުން ބަޔާންކުރައްވާފައިވާ ފަދައިން:
6 ’އޭ ޖުދެއާ ކަރައިގައި އޮތް ބައިތުލަޙަމެވެ!
ތިޔަ އަވަށަކީ އަހުމިއްޔަތެއް ނެތް އަވަށެއް ނޫނެވެ.
އެހެނީ ތިޔައަވަށުން ތިޔަބައިމީހުންގެ ތެރެއަށް ވެރިޔަކު އަންނާނެއެވެ.
އޭނާ ހުއިހައްޕާ މީހެއް ފަދައިން ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންނަށް މަގުދައްކަވާނެއެވެ.‘“
7 އެއަށް ފަހު އެނަކަތްތެރިންނާ ސިއްރިޔާތުގައި ހެރޮދު ބައްދަލުކުރިއެވެ. އަދި އެބޭކަލުން އެންމެ ފުރަތަމަ އެ ތަރި ދުށް ބަރާބަރު ވަގުތަކީ ކޮބައިތޯ އަހައި އޮޅުން ފިލުވިއެވެ.
8 އޭނާ އެބޭކަލުންނަށް މިފަދައިން ބުނެ ބައިތުލަޙަމަށް ފޮނުވިއެވެ. ”ބައިތުލަޙަމަށް ގޮސް ފަރުވާތެރިކަމާއެކު އެ ކުއްޖާއާއި މެދު ބަލަމުން ގެންދޭ! އަދި ތިޔަބައިމީހުންނަށް އެ ކުއްޖާ ފެނުމުން އަހަރެންގެ ކައިރިއަށް އައިސް އެވާހަކަ ބުނެދީ. އޭރުން އަހަރެން ވެސް އޭނާއަށް އަޅުކަން ކުރާނަން.“
9-10 ނަކަތްތެރިން ރަސްގެފާނުގެ ވާހަކަ އެހުމަށް ފަހު އެބޭކަލުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެބޭކަލުންނަށް ފެނުނު ތަރި އިރުމަތީ ފަރާތުން އަރައިގެން އައިސް އެ ތުއްތު ކުއްޖާ އޮތްތަނާއި ހަމައަށް ހުއްޓިގެންވިއެވެ. އަދި އެ ތަރި އެބޭކަލުންނަށް ފެނުނު ހިނދު އެބޭކަލުން އުފަލުން ފުރިގެން ދިޔައެވެ.
11 އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.
12 ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.
އީސާގެފާނު މިޞްރަށް ގެންދެވުން
13 އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.“
14 ވީމާ ޔޫސުފު ތެދުވެ އެ ކުއްޖާ އާއި އެ ކުއްޖާގެ މައިކަމަނާ ގޮވައިގެން އެ ދަންވަރުގައި މިޞްރަށް ދިޔައެވެ.
15 އެއަށް ފަހު ހެރޮދު މަރުވަންދެން އެ ދެމައިކަނބަލުން އެރަށުގައި ތިއްބެވިއެވެ. މިކަން މިހެންވުމުން މާތްރަސްކަލާނގެ ރަސޫލާ މެދުވެރިކުރައްވައި އަންގަވާފައިވާ މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. އެކަލާނގެ އަންގަވާފައި ވަނީ މިހެންނެވެ. ”ތިމަންކަލާނގެ ދަރިކަލުން މިޞްރުން ނެރުއްވީމު.“
ހެރޮދު ކުޑަ ފިރިހެން ކުދިން ގަތުލު ކުރުން
16 އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
17 މިހެން މިކަން ހިނގުމުން ނަބީ އިރްމިޔާއަށް މާތްރަސްކަލާނގެ އެންގެވި އެންގެވުން އެފަދައިން ހިނގަދިޔައެވެ. އިރްމިޔާ ބުނެފައި ވަނީ މިހެންނެވެ.
18 ”ފުން ހިތާމައާއި ރުއިމުގެ އަޑު ރާމައިން އިވިގެންދޭ.
އެއީ ރާޙީލް އޭނާގެ ދަރިންނަށްޓަކައި ކަރުނަ އަޅާ ރޯ ރުއިން.
އޭނާ މަސަލަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް.
އެއީ އޭނާގެ ދަރިން ނިޔާވެދިޔުމެގެ ސަބަބުން.“
ޔޫސުފް، އީސާގެފާނުގެ ދެމައިން އިސްރާއީލަށް ގެންދެވުން
19 ހެރޮދު މަރުވުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިޞްރުގައި ޔޫސުފު ކުރިމައްޗަށް ހުވަފެނެއްގައި ފާޅުވެ ވަޑައިގެންނެވިއެވެ.
20 އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”ތެދުވޭ. އަދި ތިޔަ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް އެނބުރި ދޭ. ތިޔަ ކުއްޖާ ގަތުލު ކުރުމަށް އެދިގެން ތިބި މީހުން މިހާރު ވަނީ މަރުވެފަ.“
21 ދެން ޔޫސުފް ތެދުވެ އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް ދިޔައެވެ.
22 ނަމަވެސް ހެރޮދު މަރުވުމަށް ފަހު ޖުދެއާގެ މައްޗަށް ވެރިކަން ކުރަމުން ގެންދަނީ ހެރޮދުގެ ދަރިފުޅު އަރުކިލާއުސް ކަން އޭނާއަށް އެނގުމުން ޔޫސުފަށް ޖުދެއާގެ ސަރަހައްދަށް ދާކަން ނުކެރުނެވެ. ދެން ހުވަފެނެއްގައި ގަލީލީ ސަރަހައްދަށް ދިއުމަށް އޭނާއަށް އެންގެވުމުން އެތަނަށް ދިޔައެވެ.
23 އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.“