8
އީސާގެފާނު ޖުޒާމުބަލި ޖެހިފައިވާ މީހަކު ރަނގަޅު ކުރެއްވުން
އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ. ކުއްލިއަކަށް ޖުޒާމުބަލި* ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“
އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ. ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ.+ އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“
ރޯމު ސިފައިންގެ އޮފިސަރެއްގެ އީމާންކަން
އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ. އަދި އެ އޮފިސަރު ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ނޯކަރު ވަނީ ބަލިވެ ގޭގައި. އޭނާއަށް އޭނާގެ ހަށިގަނޑުން ހަރަކާތެއް ވެސް ނުކުރެވެ. އަދި އޭނާ ވަނީ ނުހަނު ވޭނުގައި.⁠“
އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”⁠އަހަރެން ގޮސް އޭނާގެ ބަލި ފަސޭހަކޮށް ދޭނަން.⁠“
އެކަމަކު އެ އޮފިސަރު ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ގެއަށް ސާހިބާ ވަޑައިގަތުމަށް އަޅުގަނޑަކީ އެކަށީގެންވާ މީހަކީމެއް ނޫން. ހަމައެކަނި ސާހިބާ އަމުރުފުޅު ކުރައްވައިފިއްޔާ އަޅުގަނޑުގެ ނޯކަރު ބަލިން ރަނގަޅުވާނެ. އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.⁠“
10 މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން! 11 ގިނަ ބަޔަކު އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުން އައިސް އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، އަދި ޔަޢުޤޫބުގެފާނާއި އެކުގައި އިށީނދެ ތިބެ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ޖާފަތުން ކާނެ. 12 އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.⁠“
13 އެއަށް ފަހު އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”⁠ތިބާ އެނބުރި ގެއަށްދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާގެ ނޯކަރުގެ ބަލި ރަނގަޅުވާނެ.⁠“ ހަމަ އެހިނދު، އެ އޮފިސަރުގެ ނޯކަރުގެ ބަލި ފަސޭހަވިއެވެ.
އީސާގެފާނު އެތައްބައެއްގެ ބަލި ފަސޭހަކޮށްދެއްވުން
14 ޕަތަރަސްގެ ގެއަށް އީސާގެފާނު ވަޑައިގެންނެވި ހިނދު ޕަތަރަސްގެ މައިދައިތަ ހުން އައިސް ބަލިވެ އެނދުމަތީ އޮށޯވެ އޮތްތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 15 އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.
16 އިރުއޮއްސުމާއި ކައިރިވެފައިވީ ހިނދު މީސްތަކުން ޖިންނި އަވަލާފައި ތިބި އެތައް ބަޔަކު އީސާގެފާނުގެ އަރިހަށް ގެނައެވެ. އީސާގެފާނު ވިދާޅުވި އެންމެ ބަސްފުޅަކުން ޖިންނިތައް ފައްސާލައްވައި އެމީހުން ރަނގަޅު ކޮށްދެއްވިއެވެ. އަދި އެތަނުގައި ވީ އެހެން ބަލިމީހުންގެ ބަލިތައް ވެސް އެކަލޭގެފާނު ފަސޭހަ ކޮށްދެއްވި އެވެ. 17 މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެފަދައިން ހިނގަދިއުމަށެވެ. ލިޔެވިގެން ވެއެވެ:
”⁠އަހަރެމެންގެ ވޭންތައް އެކަލޭގެފާނު އުފުއްލަވައެވެ.
އަދި އެކަލޭގެފާނު އަހަރެމެންގެ ބަލިތައް ގެންދަވައެވެ.⁠“+
މީސްތަކުން އީސާގެފާނުގެ އަރިހުގައި ދިއުމަށް އެދިގެންވުން
18 އީސާގެފާނަށް އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންގެ ގިނަކަން ފާހަގަ ކުރެއްވުނު ހިނދު، ކަނޑު ހުރަސްކޮށް އެ ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އެކަލޭގެފާނުގެ އަސްޙާބީންނަށް އަމުރު ކުރެއްވި އެވެ. 19 އެ ހިނދު ދީނުގެ ދަންނަބޭކަލަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ކަލޭގެފާނުގެ ފަހަތްޕުޅުން އަޅުގަނޑު ދާނަން.⁠“
20 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“
21 އީސާގެފާނަށް ތަބާވެގެންވާ އެހެން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ފުރަތަމައިން އަޅުގަނޑު ގޮސް އަޅުގަނޑުގެ ބައްޕަ ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.⁠“
22 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. އަދި މަރުވެފައިވާ މީހުން، އެމީހުންގެ ތެރެއިން މަރުވާ އެހެން މީހުން ވަޅުލިޔަދީ!⁠“
އީސާގެފާނު ގަދަކޮޅިގަނޑެއް މަޑުކުރެއްވުން
23 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދޯނީގައި ފުރާވަޑައިގެންނެވި ހިނދު 24 ކުއްލިއަކަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. އަދި ކަނޑު ގަދަވެ ރާޅުތައް ދޯންޏަށް އަރައިފިއެވެ. ނަމަވެސް އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. 25 އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“
26 އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.
27 ދޯނީގައި ތިބި މީހުން އިންތިހާއަށް ޙައިރާންވެ އެބައިމީހުންނަށް ބުނެވުނެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟! އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“
ޖިންނި އަވަލާފައި ތިބި ދެ މީހުންގެ ބަލި އީސާގެފާނު ރަނގަޅުކޮށްދެއްވުން
28 ކަނޑުގެ އަނެއްފަރާތުގައި އޮތް ގަދާރަ ސަރަހައްދަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އަދި ކަނޑުގެ އައްސޭރި ފަށުގައި އެކަލޭގެފާނު ވީހިނދު ގަބުރުސްތާނުގެ ތެރެއިން އައި ދެމީހަކާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. މިބައިމީހުންނަކީ ޖިންނި އަވަލާފައި ތިބި ބައެކެވެ. މި މީހުންގެ ނުރައްކާތެރިކަން ބޮޑުކަމުން މީސްތަކުން އެމަގުން ދަތުރު ކުރުމަށް ނުހަނު ބިރުވެތިވެއެވެ. 29 ކުއްލިއަކަށް އެބައިމީހުން ހަޅޭލަވަން ފެށިއެވެ. ”⁠އޭ މާތްރަސްކަލާނގެ ދަރިކަލުން، އަޅުގަނޑުމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނި ކޮންކަމެއް؟ މާތްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑުމެންނަށް ޢުޤޫބާތް ދެއްވުމަށްތޯ؟⁠“
30 އެމީހުން ތިބި ތަނާއި މާ ދުރުނޫން ހިސާބެއްގައި ކާންދިނުމަށް ޓަކައި ގެނެވިފައިވީ އޫރު ބައިގަނޑެއް އެތާނގައި ވިއެވެ. 31 ވީމާ އެ ޖިންނިތައް އީސާގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން ފައްސާލާ ކަމުގައިވާނަމަ އެ އޫރުތަކުގެ ތެރެއަށް އަޅުގަނޑުމެން ފޮނުވައިދެއްވާ!⁠“
32 އެ ޖިންނިތަކަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. ”⁠ދޭ!⁠“ ދެން އެ ޖިންނިތައް އެމީހުންގެ ހަށިގަނޑުން ނުކުމެގެން ގޮސް އެ އޫރު ބައިގަނޑުގެ ތެރެއަށް ވަނެވެ. އެ ހިނދު އެ އޫރު ބައިގަނޑު އުސްކޮށް އޮތް ފަސްގަނޑުގެ މަތީން ތިރިއަށް ދުވަމުންގޮސް ކަނޑަށް ވެއްޓި ގެނބި މަރުވިއެވެ. 33 އެ އޫރު ބަލަހައްޓަން ތިބި މީހުންނަށް މިތަން ފެނި ދުވެފައި ސަހަރުގެ ތެރެއަށް ގޮސް ހިނގާދިޔަ ޙާދިސާ ކިޔައިދިނެވެ. އަދި ޚާއްސަކޮށް ޖިންނި އަވަލާފައި ތިބި ދެމީހުންނާއި ބެހޭ ގޮތުން ކިޔައިދިނެވެ. 34 އެ ސަހަރުގެ ހުރިހާ އެންމެން އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. އެމީހުންނަށް އެކަލޭގެފާނު ފެނުނު ހިނދު، އެމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންނެވުމަށް އެދި އެމީހުން އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ.
* 8:2 ޖުޒާމުބަލި ގްރީކް ބަހުން ”⁠ލެޕްރޯސް⁠“ އަކީ ޖުޒާމުބައްޔާއި އަދި އެހެން ހަމުގެ ބަލިތަކަށް ވެސް ބޭނުންކުރާ ބަހެކެވެ. + 8:4 ލާވީން 14‏:1‏-32 8:5 ރޯމު ސިފައިންގެ އޮފިސަރެއް ރޯމުގެ މީހުންނަކީ އޭރު އިސްރާއީލުގެ ވަތަނުގެ ދުޝްމިނުންނެވެ. + 8:17 އިޝަޢުޔާ 53‏:4