3
މާތްސާހިބާ އެނބުރި ވަޑައިގަންނަވާ ދުވަސް
ރަޙުމަތްތެރިންނޭވެ. މިއީ ތިޔަބައިމީހުންނަށް ހިތްވަރުދީ ތެދުވެރި ވިސްނުމެއްގައި ތިބުމަށް ހަނދާންކޮށްދިނުމަށް އަހަރެން ފޮނުވާ ދެވަނަ ސިޓީއެވެ. އެއީ ހިނގައިދާނެ ކަންތައްތަކާއިމެދު މާތްރަސްކަލާނގެ ފޮނުއްވި ނަބިއްޔުންގެ ވިދާޅުވުންތަކެވެ. އެ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.
3‏-4 ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ:
”އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން* ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުންދޭ.“
އެބައިމީހުން މިފަދައިން ޒުވާބުދޭ ސަބަބަކީ މާތްރަސްކަލާނގެ ވަޙީ ބަސްފުޅާއެކު އުޑުތަކާއި ބިންތައް ހައްދަވައި މުޅި ދުނިޔޭގެ ވަށައިގެން ފެން އެކުލެވިގެންވީ ހިނދު އެ ފެން މެދުވެރި ކުރައްވާ މިދުނިޔެ އުފައްދެވިގޮތް ހަނދާން ނުކުރާތީއެވެ. އެއަށް ފަހު މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް މެދުވެރި ކުރައްވާ ނެތި ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަށް ޤިޔާމަތާއި ޖެހެންދެން އެކަލާނގެ އުފެއްދެވި އުޑާއި ބިން ދެމެހެއްޓެވިއެވެ. އަދި އެކަލާނގެ ބަސްފުޅާއެކު ޤިޔާމަތްވެގެން ދާއިރު އުރެދުނު ފަރާތްތައް ގަދަވެގެންވާ އަލިފާނުގެ ތެރޭގައި ނެތިކުރައްވައި އުޑުތަކާއި ބިމުގައިވާ އެންމެހާ ތަކެތި އެ އަލިފާނުގައި އަނދައިދެއެވެ.
ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަން ހަނދާން ނައްތައި ނުލާށެވެ. މާތްރަސްކަލާނގެ ދެކެވޮޑިގަންނަވާ ގޮތުގައި އެންމެ ދުވަހެއް އެއްހާސް އަހަރު ފަދައެވެ. އަދި އެއްހާސް އަހަރުގެ މުއްދަތް އެއްދުވަސް ފަދައެވެ. މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައިވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ކަލޭމެންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަށް އެދިވޮޑިނުގަންނަވައެވެ. އެއީ އެކަލާނގެ އެންމެތަކުންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.
10 ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.
11 އެގޮތުން އަހަރެމެންގެ ވަށައިގެންވާ އެންމެހާ ތަކެތީގެ ނިމުން ހުރީ މިފަދައިންނެވެ. ވީއިރު، ތިޔަބައިމީހުން ޙަޔާތް ވޭތުކުރަންވީ ކޮންފަދަ މުގައްދަސް ޞާލިޙު ގޮތެއްގައި ހެއްޔެވެ؟ ތިޔަބައިމީހުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތާއިގެން ކުރިއަށް ދާށެވެ. 12 އެންމެތަކުންނާއިމެދު މާތްރަސްކަލާނގެ އިންސާފު ކުރައްވާ ދުވަހާއިމެދު އިންތިޒާރު ކުރުމުގައެވެ. އަދި އެދުވަސް އަވަސްގޮތެއްގައި ދުށުމަށް އެދި ތިބެގެންނެވެ. އެދުވަސް ކުރިމަތިވުމުން އުޑުތަކުގައިވާ ތަކެތި އަލިފާނުން ނެތިކުރައްވައެވެ. އަދި އެންމެހާ އުންސުރުތައް އެ އަލިފާނުގައި ވިރިގެން ދެއެވެ. 13 ނަމަވެސް އަހަރެމެން ބަލަމުން މިގެންދަނީ މާތްރަސްކަލާނގެ އަހަރެމެންނަށް ވަޢުދުވެވޮޑިގެންނެވި އާ އުޑަށާއި އާ ދުނިޔެއަށެވެ. އެ ތަނެއްގައި ސާލިޙު އަމަލުތައް އެކުލެވިގެންވާ ދުނިޔެއަށެވެ.
14 އެހެންވީމާ، ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަންތައްތައް މިމަގުން ހިނގާނެ ކަމުގައި ތިޔަބައިމީހުން އުންމީދުގައި ތިބެ ބަދުނާމުތަކުން އެއްކިބާވެގެންވާ ސާފު ޙަޔާތެއްގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި މާތްރަސްކަލާނގެ އާއިއެކު ސުލްޙަވެރި ގޮތުގައި ވާށެވެ.
15 އަދި ހަނދުމަކުރާށެވެ. އަހަރެމެންނަށް ސަލާމަތްތެރިކަން ލިބިދިނީ އަހަރެމެންގެ މާތްސާހިބާގެ ކެތްތެރިވެ ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އަހަރެމެންގެ ލޮބުވެތި އަޚު ޕައުލް ވެސް މި ބުނެވިދިޔަ ފަދައިން ތިޔަބައިމީހުންނަށް ބުނެދީފައިވެއެވެ. އޭނާ ތިޔަބައިމީހުންނަށް ލިޔެފައިވީ މާތްރަސްކަލާނގެ އޭނާއަށް ދެއްވި ޙިކުމަތުންނެވެ. 16 މިފަދަ ހުރިހާ ކަމެއް އޭނާގެ އެންމެހާ ލިޔުންތަކުގައި ލިޔެފައިވެއެވެ. އޭނާގެ ބައެއް ލިޔުންތަކުގައި ހިމެނިފައިވާ ތަކެއްޗަކީ އުނގެނިގަތުމަށް އުނދަގޫ ތަކެތި ކަމުގައި ވިއަސްމެއެވެ. އަދި މީސްތަކުންގެ ތެރެއިން އީމާންކަން ބަލިކަށި، ތަންދޮރުނޭނގޭ ބަޔަކު މިފަތްފުށްތައް ނުބައި ގޮތުގައި މާނަ ކޮށްދެއެވެ. ހަމައެގޮތުގެމަތިން އެފަދަމީހުން އެހެނިހެން ފަތްފުށްތައްވެސް ބުނެ ދެމުންދަނީ ނުބައި ގޮތުގައެވެ. މިކަމުގައި އެބައިމީހުންނަށް ހުރި ޖަޒާއަކީ ގެއްލުމާއި ހަލާކެވެ.
ޕަތަރަސްގެ ފަހުބަސް
17 ރަޙުމަތްތެރިންނޭވެ. ވަގުތު އައުމުގެ ކުރިން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް މި ކުރަނީ މިކަންތައްތަކާ މެދު ސަމާލުވެ ތިބުމަށެވެ. ގޮތެއްފޮތެއްނެތް މީސްތަކުން ކުރާ ގޯސްކަންތަކުގައި ތިޔަބައިމީހުން ޖެހި އެބައިމީހުން ދައްކާ މަގުން ނުދިއުމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިގެންވާ އީމާންތެރިކަމުގައި ކައްސައިނުލައި ދެމިތިބުމަށެވެ. 18 އަދި އަހަރެމެންގެ މާތްސާހިބު އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ.
އެންމެހައި ޖަލާލަތުކަމެއް މިހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.
* 3:3‏-4 3‏:3‏-4 ”ކާބަފައިން“ މި ބަސް މި އާޔަތުގައި ބޭނުން ކޮށްފައި މިވަނީ އީސާގެފާނަށް އީމާންވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޖީލުގެ އިސް ފަރާތްތަކަށެވެ.