ޕައުލް ފިލަމެންއަށް ލިޔެ ފޮނުވި ސިޓީ
ތަޢާރުފު
ފިލަމެންގެ އަޅެއްގެ ގޮތުގައި އޮނެސިމަސް ވިއެވެ. އޭނާ އަކީ ކުލޫއްސީ ސަހަރުގެ ރައްޔިތެކެވެ.+ އޮނެސިމަސް އޭނާގެ ސާހިބު، ފިލަމެންއަށް އެނގުމަކާއި ނުލައި ފިލައިގެން ރޯމަށް ދިޔައެވެ. އެތަނުގައި އޮނެސިމަސްއަށް ޕައުލް އާއި ބައްދަލުވިއެވެ. އަދި ޕައުލް އޭނާ މަސީޙީއަކަށް ވުމުގައި އެހީތެރިވެދިނެވެ. އަދި ޕައުލް ޖަލުގައި ހައްޔަރުވެގެން ވީހިނދު އޮނެސިމަސްގެ އެހީތެރިކަން އޭނާއަށް ލިބުނެވެ. އޮނެސިމަސްގެ ސާހިބު ކައިރިއަށް އަނބުރާ ދިއުމަށް ޕައުލް އޭނާއަށް ބުނެދިނެވެ. މި ގޮތަށް އަމަލު ކުރުމަށް އޮނެސިމަސް ހުރީ ބިރުންނެވެ. ސަބަބަކީ އެ ގޮތަށް ސާހިބު މީހާއަށް އެނގުމަކާ ނުލައި ފިލުމަކީ ވަރަށް ބޮޑު ޖަރީމާއެކެވެ. ރޯމަންނުގެ ޤާނޫނު ބުނާ ގޮތުން މިފަދަ އަޅުން ފިލައިގެން އުޅެނިކޮށް ސާހިބު މީހާއަށް އެ އަޅުކަލޭގެ އަތުލައި ގަނެވިއްޖެނަމަ އަދަބެއްގެ ގޮތުގައި މެރުމުގެ ހުއްދަ ލިބިގެންވެއެވެ. އެހެންވީމާ، ފިލަމެން އޮނެސިމަސް ގަބޫލުކޮށް އަދަބު ނުދީ މަސީޙީ ޖަމާޢަތުގެ އަޚެއްގެ ގޮތުގައި ބަލައިގަތުމަށް ޕައުލްގެ މިސިޓީގައި ބުނެފައިވެއެވެ.
ސިޓީގެ ފެށުމާއި ހަމައިން އޮނެސިމަސްގެ ވާހަކަ ޕައުލް ބަޔާން ކޮށްފައި ނުވެއެވެ. ފުރަތަމައިން ފިލަމެންގެ ކިބައިން ޕައުލް އެދިފައި ވަނީ އޭނާއަކީ ޕައުލް ފަދައިން އަލްމަސީޙަށް އީމާންވެ ހުރި އޭނާގެ ރަޙުމަތްތެރިއަކަށް ވުމާއެކު ޕައުލްގެ އެދުމެއް ފިލަމެން ފުރިހަމަކޮށްދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި އޭނާ ދެކޭ ކަމުގައެވެ. އެއަށް ފަހު ޕައުލް އޭނާގެ އެދުން ހާމަ ކޮށްފައި ވެއެވެ. އެއީ އޮނެސިމަސް އަލުން ގަބޫލުކޮށް ބަލައިގަތުމެވެ. އެގޮތުން މި ސިޓީގައި އޭނާ ލިޔެފައި ވަނީ ފިލަމެންގެ ފުށުން އޭނާ އެދޭ އެދުމެވެ. ފިލަމެން އާއި ޕައުލްއާއި ދެމީހުން އަލްމަސީޙަށް އީމާންވެ ތިބި ދެރަޙުމަތްތެރިން ކަމުގައި ބަޔާން ކޮށްފައިވެއެވެ. ފިލަމެންގެ ކިބައިން އޮނެސިމަސް އަށް އެހީތެރި ވުމަށް އެދިފައި ވެއެވެ. އޮނެސިމަސް އަލުން އަނބުރާ ފޮނުވަނީ ރަނގަޅަކަށް ކަމުގައި އަންގައިދީފައި ވެއެވެ. ވަރަށް ހާމަ ކަމާއެކު ޕައުލްގެ މިނިންމުމަށް ފިލަމެން އެއްބަސްވާނެ ކަމަށް އޭނާ ދެކޭކަމުގައި ވެސް ބުނެފައިވެއެވެ.
އެކުލެވިގެންވާ ބައިތައް
ފިލަމެންއަށް ލިޔެ ފޮނުވި މިސިޓީގައި ވަނީ ހަމައެކަނި އެންމެ ބާބެކެވެ. އެހެނަސް ހަތަރު ބަޔަކަށް ބެހިގެންވާ މިސިޓީގައި ވަނީ ޕައުލްގެ އުނގަންނައިދިނުމާއި އޭނާގެ ޢަގީދާއެވެ.
1‏-3 ތަހުނިޔާ
4‏-7 ފިލަމެންއަށްޓަކައި މާތްރަސްކަލާނގެ އަށް ޝުކުރު ކޮށް އޭނާއަށް ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރުން
8‏-21 ފިލަމެންގެ އަޅެއްގެ ގޮތުގައިވި ވީހިނދު ދުވެ ފިލި އޮނެސިމަސް ބަލައިގަތުމަށް އެދި ބުނެފައިވުން
22‏-25 އިތުރަށް ފޮނުވި ތަހުނިޔާ
1
ތަހުނިޔާ
މި ސިޓީއަކީ އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ކުރެވިފައިވާ ޕައުލްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީގައި އަހަރެންގެ އަޚު ތިމޮތީ ވެސް ޝާމިލު ކުރަމެވެ. އަހަރެން މި ސިޓީ މި ލިޔަނީ އަހަރެމެންގެ ލޮބުވެތި އަޚު އަދި އެހީތެރިޔާ ކަމުގައިވާ ފިލަމެންއަށެވެ. އަދި ތިބާގެ ގޭގައިވާ މަސީޙީ ޖަމާޢަތަށާއި، ލޮބުވެތި އުޚުތެއް ކަމަށްވާ އައްޕިޔާ އާއި އަހަރެމެންގެ އެކުވެރި ފަހުލަވާނު އަރުޚިއްޕުސް އަށްވެސް ތަހުނިޔާ ފޮނުވަމެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާނެތެވެ.
ފިލަމެންގެ ލޯތްބާއި އީމާންތެރިކަން
އަހަރެން ދުޢާކުރާ ކޮންމެ ވަގުތަކު މާތްރަސްކަލާނގެ ކިބަފުޅަށް ތިބާއަށްޓަކާ ޝުކުރުވެރި ވަމެވެ. ތިބާ މާތް ސާހިބު އީސާގެފާނާއި މެދުގައިވާ އީމާންތެރިކަމުގެ އިތުރުން މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ދެކެ ތިބާގެ ހިތުގައިވާ ލޮބުވެތި ކަމުގެ ޚަބަރު އަހަރެން އެހީމެވެ. އަހަރެން ދުޢާކުރަނީ، ތިބާ އަލްމަސީޙު ޤަބޫލުކުރާ މީހެއްގެ ގޮތުގައި އަހަރެމެންނާއި ބައިވެރިވާ ބައިވެރި ވުމުން، އަހަރެމެންނާއި އަލްމަސީޙާއި ގުޅިފައި ވުމުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ ބަރަކާތްތަކާއި ބެހޭ ފުން ވިސްނުން ތިބާއަށް ދެއްވުމަށެވެ. މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.
ޕައުލް އޮނެސިމަސް އަޅައްޓަކައި އޯގާތެރިވުމަށް އެދުން
8‏-9 އީސާ އަލްމަސީޙު އަހަރެންނަށް ދެއްވި މަތިވެރި ބާރުން އަހަރެން ތިބާއަށް އަމުރުކުރުމަކަށް ނޭދެމެވެ. އެހެނަސް އަހަރެންނަށްޓަކައި ތިބާ ހެޔޮ ހިތުން ކޮންމެހެން ވެސް މިކަން ކޮށްދޭށެވެ. އަދި މިކަން ކޮށްދިނުމަށް ތިބާގެ ކައިރިން މިއެދޭ ސަބަބަކީ އަހަރެމެން އެކަކު އަނެކަކާއި މެދުގައިވާ ލޮބުވެތިކަމުގެ ސަބަބުންމެއެވެ. އަހަރެން މިކަން ކޮށްދިނުމަށް އެދެން ބޭނުމީ މުސްކުޅި ވެފައިވާ، އަދި އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ވެވިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ.
10 އަހަރެންގެ އެދުމަކީ އޮނެސިމަސްއަށް ތިބާ އޯގާތެރި ވުމެވެ. އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެކެވެ. އޭނާ އީސާ އަލްމަސީޙަށް އީމާންވީ އަހަރެންގެ މި ހައްޔަރު ވުމުގައި އަންގައިދިން އުނގަންނައިދިނުންތަކުގެ ސަބަބުންނެވެ. 11 މާޒީގައި އޮނެސިމަސްގެ ބޭނުން ތިބާއަށް އެދެވޭ ގޮތުގައި ހިފިފާ ނުވިކަމުގައިވިޔަސް މިހާރު އޭނާއަކީ އަހަރެމެން ދެމީހުންނަށް ވެސް ވަރަށް ބޭނުންތެރި މީހެކެވެ. 12 އަހަރެން އޭނާ އަނބުރާ ތިބާގެ ކައިރިއަށް މި ފޮނުވަނީ އަހަރެންގެ ހިތާއެކުގައެވެ.
13 ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ އޭނާ އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. ސަބަބަކީ އަހަރެން އިއްވަމުންމިދާ ހެޔޮޚަބަރުފުޅުގެ ސަބަބުން މި ގޮތަށް ހިލިހިލާ ޖެހިގެން ވީހިނދު ތިބާގެ ބަދަލުގައި އޭނާގެ އެހީތެރިކަން އަހަންނަށް ލިބިދޭތީވެއެވެ. 14 އެކަމަކު، ތިބާއަށް މަޖުބޫރުކޮށްގެން ތިބާގެ އެހީ ހޯދާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭގެބަދަލުގައި އަހަރެން ބޭނުމީ ތިބާގެ އަމިއްލަ އިޚްތިޔާރާއެކު ހުރިހާކަމެއް ކުރާށެވެ. ވީމާ ތިބާ އެއްބަސް ނުވާ އެއްވެސް ކަމެއް އަހަރެން ނުކުރާނަމެވެ. 15 ފަހަރެއްގައި ކުރު މުއްދަތަކަށް އޮނެސިމަސް ތިބައާއި ވަކިވި ނަމަވެސް އަލުން އަނބުރާ އޭނާ ތިބާގެ ކައިރިއަށް އެދަނީ އަބަދަށްޓަކައި ތިބާ އާއިއެކުގައި ވުމަށް ކަމުގައި ވެދާނެއެވެ.* 16 މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.
17 އެހެންވީމާ، ތިބާގެ އެންމެ ގާތް މީހެއްގެ ގޮތުގައި މަށާއިމެދު ދެކޭ ކަމުގައިވާނަމަ، އަހަންނަށް މަރުޙާބާ ކިޔާނޭ ފަދައިން އޭނާއަށް ވެސް މަރުޙާބާ ކިޔާށެވެ. 18 އޭނާ ތިބާއަށް އަނިޔާވެރިވެ، ނޫނީ އެއްވެސް އެއްޗަކަށް ދަރާފައި ވާނަމަ އެއެއްޗެއް އަހަރެން ނަށް އަންގާށެވެ. 19 މި ލިޔުން މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. ”⁠އަހަރެން، ޕައުލް، ތިބާއަށް އެއަގު އަދާކުރާނަން.⁠“ ނަމަވެސް ތިބާގެ މުޅި ޙަޔާތް އަހަންނަށް ދަރާފައިވާކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާށެވެ.
20 މަގޭ އަޚާއެވެ. މާތްސާހިބާއަށްޓަކައި މިކަންތައް އަހަންނަށް ކޮށްދޭށެވެ. އަލްމަސީޙުގެ ކިބައިން އަހަރެންނަށް މިހިތްވަރު ދޭށެވެ. 21 އަހަރެން މި ސިޓީ ތިބާއަށް ލިޔާއިރު ވެސް އަހަރެން އެދޭ ކަންތައްތަކަށް ވުރެން ވެސް ފުރިހަމައަށް ތިބާ ކަންތައްތައް ކުރާނެ ކަމާމެދު އަހަރެންގެ އަމިއްލަ ނަފްސުގެ އިތުބާރު އޮވެއެވެ.
22 ހަމަ އެހެންމެ އަހަންނަށްޓަކައި މެހުމާނުންގެ ކޮޓަރިއެއް ތައްޔާރުކޮށް ދިނުން އެދެމެވެ. އެއީ ތިޔަބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ޖަވާބު ދެއްވާ ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ފޮނުއްވައި ދެއްވާނެ ކަމަށް އަހަރެން އުންމީދު ކުރާތީއެވެ.
23 ހަމައެއާއެކު އީސާ އަލްމަސީޙަށްޓަކައި ހައްޔަރުވެފައި އަހަރެންނާއެކު ހުރި އަހަރެންގެ ބައިވެރިއެއް ކަމަށްވާ އެފަފުރާސްގެ ތަހުނިޔާ ތިބާއަށް ފޮނުވައެވެ. 24 މީގެ އިތުރުން އަހަރެންގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މަރުކުސް އާއި، އަރިސްތާރުކު އާއި، ދެމާސް އާއި އަދި ލޫކާސް ވެސް ތިބާއަށް ތަހުނިޔާ ފޮނުވައެވެ.
25 މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ނިޢުމަތްފުޅު ތިބާގެ ރޫޙުގައި ލައްވާށިއެވެ.
+ : ކުލޫއްސީގެ މަސީޙީންނަށް ސިޓީ 4‏:9 * 1:15 ގުރީކު ބަހުން އޮނެސިމަސް، މިބަސް މާނަ ކޮށްފައި ވަނީ ބޭނުންތެރި ކަމަށެވެ.