12
އަންހެނާ އާއި ޑްރޭގަން
1 އެއަށް ފަހު، ވަރަށް މުހިންމު އަލާމާތެއް އުޑުން ފައުޅުވެގެން ދިޔައެވެ. އަންހެނަކު އެތާގައިވިއެވެ. އެކަނބުލޭގެ ލައިގެންހުރި ފޭރާމަކީ އިރެވެ. އަދި އެ އެކަނބުލޭގެ ފައިތިލަ ދަށުގައި ހަނދުވިއެވެ. އަދި އެކަނބުލޭގެ ބޮލުގައި ބާރަ ތަރީގެ ތާޖެއް ވިއެވެ.
2 އެކަނބުލޭގެ ވަނީ ވިހެއުމަށް ތައްޔާރުވެފައިވާ ޙާލުގައެވެ. އަދި ދަރިފުޅު ވިހެއުމުގެ ވޭނާއި ތަދުން ހަޅޭއްލެވިއެވެ.
3 ދެން އެހެން އަލާމާތެއް އުޑުން ފައުޅު ވިއެވެ. އެއީ ހަތް ބޮލާއި ދިހަ ދަޅު ވާ ރަތްކުލައިގެ ބޮޑު ޑްރޭގަނެކެވެ. އަދި އެ ހަތް ބޮލުން ކުރެ ކޮންމެ ބޮލެއްގައި ތާޖެއް ވިއެވެ.
4 އެ ޑްރޭގަންގެ ނަގުލުން ތަރިތަކުގެ ތިން ބައިކުޅަ އެއްބައި ތަރި އުޑުން ދަމައިގަނެ، އެ ތަރިތައް ދުނިޔެއަށް އެއްލާލިއެވެ. އެ ޑްރޭގަން އެކަނބުލޭގެ ކުރިމަތީގައި ހުއްޓެވެ. އެ އެކަނބުލޭގެ ވިހެއުމުން އޭނާ ވިހާ ދަރި ކައިލުމަށްޓަކައެވެ.
5 އެއަށް ފަހު، އެ އެކަނބުލޭގެ ފިރިހެން ދަރިއަކު ވިހެއެވެ. އެ ދަރިފުޅަކީ ދަގަނޑު އަސާއެއް ބޭނުންކޮށްގެން މުޅި ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ވެރިކަން ހިންގާނޭ ކުއްޖެކެވެ. ނަމަވެސް ނުހަނު އަވަހަށް އެ ކުއްޖާ މާތްރަސްކަލާނގެ ޙަޟްރަތާއި އެކަލާނގެ ތަޚުތުކޮޅަށް ނެންގެވިއެވެ.
6 ސަހަރާ ތެރޭގައި މާތްރަސްކަލާނގެ އެ އެކަނބުލޭގެއަށް ތައްޔާރު ކޮށްދެއްވި ތަނަށް ގޮސް އެކަނބުލޭގެ ފިލިއެވެ. އެތަނުގައި އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަސް ވަންދެން އެކަނބުލޭގެއަށް އެކަލާނގެ އަޅާލެއްވިއެވެ.
7 އެއަށް ފަހު، އުޑުގައި ހަނގުރާމަ ފެށިގެން ދިޔައެވެ. މަލާއިކަތާ މިޚައީލުގެފާނު އެކަލޭގެފާނުގެ މަލާއިކަތުންނާއެކު އެ ޑްރޭގަން އާއި އޭތީގެ މަލާއިކަތުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ.
8 އަދި އެ ޑްރޭގަންގެ މައްޗަށް މީކާއީލުގެފާނު ފަތަޙަ ހޯއްދެވިއެވެ. އަދި އެ ޑްރޭގަނާއި އޭތީގެ ބައިވެރިން އުޑުން ބޭރުކޮށްލެވުނެވެ.
9 އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.
10 އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ.
”މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ!
މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!
11 އެބައިމީހުންވަނީ ޅަކަންބަޅި ޤުރުބާން ކުރެވިދިޔަ ލެއިން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފަ. އަދި އެބައިމީހުން ގަތުލު ކުރުމަށް ދާންދެން އީސާގެފާނާއި ބެހޭ ހެޔޮ ޚަބަރުފުޅާއި މެދު ހެކިދެމުން ދިޔައީތީ ވެސް މެ. އެހެނީ ދުނިޔަވީ ޙަޔާތަށް އެބައިމީހުން ލޯތްބެއް ނުކުރީމު.
12 އޭ އުޑުތަކާ އަދި އުޑުތަކުގައި ތިބި ހުރިހާ އެންމެން އުފަލުގައިވޭ! ނަމަވެސް ބިމާއި އަދި ކަނޑަށް ބިރުވެރިކަން އަންނާނެ. އެހެނީ ޝައިތާނާ ބިމަށް އައީ ނުހަނު ރުޅިވެރި ކަމާއެކު. އެއީ އޭނާއަށް ލިބިގެންވަނީ ނުހަނު ކުޑަ ވަގުތުކޮޅެއްކަން އޭނާއަށް އެނގޭތީ.“
13 އެ ޑްރޭގަނަށް އޭތި ދުނިޔޭގެ ބިމަށް އެއްލައިލިކަން އެނގުނު ހިނދު ޑްރޭގަން އެކުއްޖާ ވިހެއި ކަނބުލޭގެ ފަހައިގަތެވެ.
14 ނަމަވެސް ބޮޑު ބާޒަކަށް ލިބިފައިވާ ފަދަ ދެފިޔަ އެ އެކަނބުލޭގެއަށް ވެސް ވަނީ ލިބިފައެވެ. ވީމާ، ސަހަރާގެ ތެރޭގައި އެކަނބުލޭގެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި އެކަނބުލޭގެއަށް އުދުހެވޭނެއެވެ. އަދި އެތަނުގައި އެކަނބުލޭގެއަށް އަޅާލުމާއި އަދި ޑްރޭގަންގެ ކިބައިން ތިން އަހަރު ބައި ވަންދެން ސަލާމަތްތެރިކަން ލިބިގެންވިއެވެ.
15 އެއަށް ފަހު، އެ ޑްރޭގަން އޭތީގެ އަނގައިން ފެން ފޮނުވައި، މުޅިތަނުގައި ފެންބޮޑުކޮށް އެ ފެނުން އެކަނބުލޭގެ އޮޔާލައި ބައްސާލުމަށް މަސައްކަތް ކުރިއެވެ.
16 ނަމަވެސް ދުނިޔެ އެ ކަނބުލޭގެއަށް އެހީތެރިވެ ދިނުމުގެ ގޮތުން އެ ޑްރޭގަންގެ އަނގައިން ބޭރުކުރި ފެންގަނޑު ދިރުވައިލިއެވެ.
17 އެއަށް ފަހު، އެ އެކަނބުލޭގެދެކެ ޑްރޭގަން ނުހަނު ރުޅި އައެވެ. އަދި އެކަނބުލޭގެ ދަރިންނާއި ދެކޮޅަށް ޑްރޭގަން ހަނގުރާމަ ކުރިއެވެ. އެއީ މާތްރަސްކަލާނގެ އެންމެހާ އަމުރުފުޅުތަކަށް ބޯލަނބައި، އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ މައްޗަށް ހެކިދޭ ހުރިހާ އެންމެން ވެސްމެއެވެ.
18 އަދި އެ ޑްރޭގަން ގޮނޑުދޮށުގައި ކޮއްޅަށް ހުއްޓެވެ.